Advertisement

ބޮކްސިން ލެޖެންޑް އާމިރް ހާން 17 އަހަރަށް ފަހު ރިޓަޔާކޮށްފި

14 މޭ 2022 - 10:50 0

އިނގިރޭސި ބޮކްސިން ތަރި އާމިރް ހާން.


ބޮކްސިން ލެޖެންޑް އާމިރް ހާން 17 އަހަރަށް ފަހު ރިޓަޔާކޮށްފި

14 މޭ 2022 - 10:50 0

ލަންޑަން (މެއި 14) - އިނގިރޭސި ބޮކްސިން ލެޖެންޑް، އާމިރް ހާން 17 އަހަރަށް ފަހު ރިޓަޔާކުރަން ނިންމައިފި އެވެ.

އިންޑިއާ ދަރިކޮޅަކަށް ނިސްބަތްވާ އާމިރް އެންމެ ފަހު މެޗަކީ މިދިޔަ ފެބްރުއަރީ މަހު ކެލް ބްރޫކާ ތެޅި މެޗެވެ. އާމިރް ވަނީ 2011 ވަނަ އަހަރު ޔުނިފައިޑް ވޯލްޑް ލައިޓް-ވެލްޓަވެއިޓް ޗެމްޕިއަންކަން ހޯދުމުގެ އިތުރުން 2004 ވަނަ އަހަރުގެ އެތަންސް އޮލިމްޕިކްސް އިން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އޭގެ އިތުރުން ޖޫނިއާ އޮލިމްޕިކް ގޭމްސް އިން ވެސް ރަން މެޑަލް ހޯދި އެވެ.

ޕްރޮފެޝަނަލްކޮށް 2005 ވަނަ އަހަރު ބޮކްސިން އަށް ނުކުތް އާމިރް ހާން ވަނީ ރަސްމީ 34 މެޗުން މޮޅުވެ، ހަ މެޗުން ބަލިވެފަ އެވެ.

ބޮކްސިން މެޗަކަށް ފަހު އާމިރް ހާން.


ރިޓަޔާމަންޓާ ބެހޭގޮތުން އާމިރް ބުނީ ބޮކްސިން އަންގި ބާލަން ނިންމީ ވަރަށް ވިސްނުމަށް ފަހު ކަމަށެވެ.

"ވަރަށް ފަހުރުވެރިވޭ މި ވަރުގެ ކެރިއަރެއް ނިންމާލެވުނީމަ. ހަގީގަތުގައި އަހަރެންގެ ބޮކްސިން ހަޔާތް 27 އަހަރަށް ދިގު ދެމިގެންދޭ،" 35 އަހަރުގެ އާމިރު ބުންޏެވެ.

"އާއިލާ އާއި އެކުވެރިން އަދި ހާއްސަކޮށް ސަޕޯޓަރުންގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު އަހަންނަށް މިހާ ހިސާބަށް އާދެވިފައި މިހުރީ. އެހެންވެ، އެ އެންމެނަށް ވެސް ޝުކުރު އަދާކުރަން ޖެހޭ،"

އެންމެ ފުރަތަމަ އިނގިރޭސިވިލާތުގެ ބޮކްސިން ރިންގުތަކުން ވިދަމުންދިޔަ އާމިރު، އޭނާގެ ކެރިއަރުގައި އަނެއް ހަރުފަތަށް ޖެހިލީ 2008 ވަނަ އަހަރު އެމެރިކާ އަށް ބަދަލުވުމަށް ފަހު އެވެ. ބޮކްސިންގެ އިތުރުން އާމިރު އަކީ ވިޔަފާރީގައި ނަން ހިނގާ އެތުލީޓެކެވެ.