Advertisement

އާޓެޓާ އުޅެނީ އަބަދު ޝަކުވާކުރަން: ކޮންޓޭ

14 މޭ 2022 - 11:21 0


އާޓެޓާ އުޅެނީ އަބަދު ޝަކުވާކުރަން: ކޮންޓޭ

14 މޭ 2022 - 11:21 0

ލަންޑަން (މެއި 14) - އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަކީ އަބަދު ޝަކުވާ ކުރާ މީހެއް ކަމަށް ބުނެ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ފާޑުކިޔައިފި އެވެ.

އާޓެޓާ އަށް ކޮންޓޭ ފާޑުކިޔާފައި މި ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ޓޮޓެންހަމުން 3-0 އިން އާސެނަލް ބަލިކުރި މެޗަށް ފަހު އެވެ. އެ މެޗަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން ދެ ޓީމަށް ވެސް މުހިންމުވެފައި އޮތް މެޗެކެވެ. އެ މެޗުގައި ރެފްރީގެ ނިންމުންތަކަށް އާސެނަލުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އާޓެޓާ ވަަނީ ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހޭކަން ހާމަވާ ގޮތަށް ވެސް ވާހަކަދައްކައިފަ އެވެ.

"އަހަރެން ނެތް ރެފްރީގެ ނިންމުންތަކަށް ބުނާނެ އެއްޗެއް. އެއްޗެއް ބުނެފިއްޔާ އަހަރެން ހަ މަހަށް ސަސްޕެންޑް ކޮށްފާނެ" މެޗުގައި ރެފްރީ ޓޮޓެންހަމަށް ދިން ޕެނަލްޓީ އާއި އާސެނަލްގެ ޑިފެންޑަރު ރޮބް ހޯލްޑިން އަށް ދެއްކި ރަތް ކާޑާ ގުޅޭގޮތުން އާޓެޓާ ބުންޏެވެ.

"އަހަރެން އަބަދު ވެސް ބޭނުން ވަނީ ތެދަށް ވާހަކަ ދައްކަން، އެކަމަކު، ތި ކުރި ސުވާލަށް އަހަރެން ދެތަށް ޖަވާބުދީފިއްޔާ އަހަންނަށް ފިޔަވަޅު އެޅުން ގާތް. އެހެންވީމަ އެއްވެސް އެއްޗެއް ނުބުނާނަން" ތަކުރާރުކޮށް ނޫސްވެރިޔާ އެއް ސުވާލެއް ކުރުމުން އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ މިވަގުތު ޓޮޓެންހަމް މެޗުގެ ވާހަކަ ދައްކައިގެން ވާނެ ފައިދާއެއް ނެތް ކަމަށެވެ. މި ވަގުތު ހުރިހާ ވިސްނުމެއް ހުރީ ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

އާޓެޓާގެ ވާހަކަތަކާ ގުޅޭގޮތުން ކޮންޓޭ ބުނީ އާޓެޓާ އަބަދު ވެސް އުޅެނީ ކޮންމެވެސް ޝަކުވާއެއް ކުރަން ކަމަށެވެ. އެ ފަދަ ބޭކާރު ޝަކުވާތައް ނުކޮށް އާޓެޓާ އަމިއްލަ ޓީމުގެ ކުޅުމަށް ސަމާލުކަންދޭންޖެހޭ ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ.

"ވަރަށް ޝަކުވާ ގިނަ އޭނަ (އާޓެޓާ)ގެ، އާޓެޓާ އެބަޖެހޭ އަމިއްލަ ޓީމަށް ފޯކަސް ކުރަން، ޓީމުގެ ކުޅުން ރަނގަޅު ކުރަން، ބޭކާރު ކަންކަމާއި ޝަކުވާ ކުރުން ހުއްޓާލަންޖެހޭ" ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ އާޓެޓާ އަކީ މޮޅު ކޯޗެއް ކަމަށެވެ. ބޭކާރު ބަހަނާ ދައްކަން ހަދައިގެން އޭނާގެ އަސްލު ފެންވަރު ވެސް ނުދެއްކޭ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

ޓޮޓެންހަމަށް ބާކީ ލީގުގައި އޮތީ ބާންލީ އާއި ނޮރިޗް ސިޓީ މެޗެވެ. އާސެނަލަށް އޮތީ ނިއުކާސަލް އާއި އެވަޓަންގެ މެޗެވެ. ދެ ޓީމުގެ ދެ މެދުގައި އެއް ޕޮއިންޓްގެ ފަރަގެއް އޮތްއިރު، އާސެނަލް އޮތީ އަމިއްލަ ބާރުގައި ހަތަރު ވަނައިގަ އެވެ.

އާސެނަލް ދެ މެޗުން މޮޅުވެއްޖެނަމަ އެ ޓީމު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާނެ އެވެ. އެކަމަކު، އާސެނަލް އަތުން އެންމެ މެޗެއްގައި ވެސް ޕޮއިންޓް ގެއްލި، ޓޮޓެންހަމް ދެ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.