Advertisement

ވޯޓުލާން ނުކުތުމަށް ދެ ކެންޑިޑޭޓުން ގޮވާލައްވައިފި

14 މޭ 2022 - 08:11 0


ވޯޓުލާން ނުކުތުމަށް ދެ ކެންޑިޑޭޓުން ގޮވާލައްވައިފި

14 މޭ 2022 - 08:11 0

ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާން ނުކުތުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް ޕާޓީގެ މެމްބަރުންނަށް ގޮވާލައްވައިފި އެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އެމްޑީޕީގެ ދަފުތަރުގައި 90،000 މެމްބަރުން އެބަ ތިއްބެވެ.

އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ގޮވާލެއްވީ އެމްޑީޕީގެ ރީތި، އުއްމީދީ ހަރަކާތް ގޯސް މިސްރާބަކަށް ގެންދިޔަ ނުދިނުމަށް ޕާޓީގެ ހުރިހާ މެމްބަރުން ނުކުމެ ވޯޓު ދެއްވުމަށެވެ.

މިއީ ވަރަށް ގިނަ ބައެއްގެ، ވަރަށް ގިނަ ދުވަހުގެ، ވަރަށް ގިނަ މަސައްކަތާ ގުރުބާރީން ނަގާ ކޮޅަށް ޖެހުނު އިސްލާހީ ހަރަކާތެއް،" އޭނާ ކުރެއްވި ޓްވީޓެއްގައިވެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ އަލުން އާބާރަކާއެކު އެމްޑީޕީ ހިންގާލަން ޕާޓީގެ ހުރިހާ މެންބަރުން ވޯޓުލާން ނުކުތުމަށެވެ.

އެންމެން އެކުވެ ގުޅިގެން ތިބެ ކުރިއެރުން ހޯދައި، ފިތުނައާ ނަފުރަތުން އެކަހެރިވެ، ދިވެހިރާއްޖެ އަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދޭ އާރުކާޓީންނަކީ އެމްޑީޕީ މެންބަރުން،" އޭނާގެ ޓްވީޓުގައިވެ އެވެ.

ޗެއާޕާސަންގެ އިންތިހާބުގެ އިތުރުން މިއަދު އަންހެނުންގެ ގޮފީގެ ރައީސް އާއި ޒުވާނުންގެ ރޫހުގެ ރައީސް ހޮވާނެ އެެވެ. އިންތިހާބުގައި ވޯޓުލުމަށް ޖުމުލަ 272 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. މާލޭގެ މެމްބަރުން ވޯޓުލަން ޖުމުލަ 15 ފޮށި ބަހައްޓާފައިވެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ބެހިފައިވާ ގޮތަށް ކޮންމެ ދާއިރާއަކަށް ފޮށްޓެކެވެ. އޭގެ އިތުރުން، މާލޭގައި ދިރިއުޅޭ ރަށްރަށުގެ މެމްބަރުން ވޯޓުލުމަށް، މަޖިލީހުގެ އިންތިހާބީ ކޮންމެ ދާއިރާއަކަށް މާލޭގައި ފޮއްޓެއް ހުރެ އެވެ.

މި އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވާ ކެންޑިޑޭޓެއް ފާޅުގައި ވިދާޅުވެފައި ނެތަސް، ރައީސް ސޯލިހުގެ ތާއިދު އޮތީ ފައްޔާޒަށް ކަން، އަދި ނަޝީދުގެ ތާއިދު އޮތީ އިމްތިޔާޒަށް ކަން އެނގެ އެވެ.