Advertisement

ސްރީލަންކާގައި އެއްބައިވަންތަ ސަރުކާރެއް ގާއިމް ނުކުރެވި ދިގުލައިގެން ދަނީ

ސްރީލަންކާގެ އާ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ. -- ފޮޓޯ: އޭއެފްޕީ


ސްރީލަންކާގައި އެއްބައިވަންތަ ސަރުކާރެއް ގާއިމް ނުކުރެވި ދިގުލައިގެން ދަނީ

ކޮލޮމްބޯ، ސްރީލަންކާ (މޭ 13) - ސްރީލަންކާގެ އާ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައަށް އެއްބައިވަންތަ ސަރުކާރެއް ގާއިމް ނުކުރެވި ދިގުލާން ފަށައިފި އެވެ.

ހަ ވަނަ ފަހަރަށް ބޮޑު ވަޒީރުކަމާ ރަނިލް ހަވާލުވެވަޑައިގެންނެވީ ބުރާސްފަތި ދުވަހު އެވެ. އެމަނިކުފާނު ވިދާޅުވީ އެއްބައިވަންތަ ސަރުކާރެއް ގާއިމްކުރެވޭ ވަރަށް ތާއީދު އެބަ އޮތް ކަމަށެވެ.

އުމުރުން 73 އަހަރުގެ ލީޑަރު ސިޔާސީ ޕާޓީތަކަށް ހުށަހެޅުންތައް ފޮނުއްވާފައިވާ އިރު، ހުކުރު ދުވަހު ތިން އިދިކޮޅު ޕާޓީއަކުން ބުނީ ސަރުކާރުގައި ބައިވެރިވާން ބޭނުން ނުވާ ކަމަށެވެ.

އިދިކޮޅު ޕާލިމެންޓް މެމްބަރު ހަރްޝާ ޑެ ސިލްވާއަށް ފިނޭންސް މިނިސްޓަރުކަން ހުށަހެޅުއްވި ނަމަވެސް، އޭނާ ވިދާޅުވީ ބޭނުން ވަނީ ސަރުކާރުގެ އިސްތިއުފާ ކަމަށެވެ.

"ރައްޔިތުން އެދެނީ ސިޔާސީ ކުޅިވަރިތަކާއި ޑީލްތަކެއް ނޫން. އެ މީހުން ބޭނުން ވަނީ މުސްތަގްބަލް ރައްކާތެރި ކުރެވޭނެ އާ ނިޒާމެއް،" އޭނާ ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

ޑެ ސިލްވާ ވިދާޅުވީ އޭނާ ހުންނެވީ ރައްޔިތުންނާ އެކު ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ޑިމާންޑް ކުރުމަށް ކަމަށާއި އެއްވެސް ސިޔާސީ ޑީލެއް ބޭނުން ނޫން ކަމަށެވެ.

ލަންކާގައި މުޒާހަރާ ކުރަން ފެށި މީހުންގެ ޑިމާންޑަކީ ބޮޑު ވަޒީރާއި ރައީސްގެ އިސްތިއުފާ އެވެ. މަހިންދަ ރާޖަޕަކްސަ ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ކޮއްކޯފުޅު ގޮތަބަޔާ ރައީސް ކަމުން އިސްތިއުފާ ދެއްވާނެ ކަމުގެ އިޝާރާތެއް އަދިވެސް ނުފެނެ އެވެ.

ވެރިރަށް ކޮލޮމްބޯގައި ރައީސް އޮފީސް ބޭރުގައި އެތައް ސަތޭކަ ބަޔަކު އަދިވެސް ދަނީ ޓެންޓު ޖަހައިގެން މުޒާހަރާ ކުރަމުންނެވެ.

އިދިކޮޅު ސަމަގި ޖަނާ ބަލަވެގަޔަ (އެސްޖޭބީ) ގެ އެހެން ފެކްޝަންތަކުން ވެސް އާ ސަރުކާރާ ގުޅެން ބޭނުމެއް ނުވެ އެވެ. އޭގެ އިތުރުން އިތުރު ދެ ކުޑަ ޕާޓީއިން ވެސް ބުނީ ސަރުކާރާ ނުގުޅޭނެ ކަމަށެވެ.

ޓެމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) އިން ބުނީ ބޮޑު ވަޒީރު ކަމަށް ރަނިލް އައްޔަނު ކުރެއްވުމާ އެކު މިހާރު އޮތް ސަރުކާރުގެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް މިހާރު ނެތް ކަމަށެވެ.

ޕީޕަލްސް ލިބެރޭޝަން ފްރަންޓް (ޖޭވީޕީ) އިން ބުނީ މިހާރު އޮތް ސިޔާސީ ކާރިސާ ހައްލު ކުރެވޭނީ އާ އިންތިހާބެއް ބާއްވައިގެން ކަމަށެވެ.

އެހެން ނަމަވެސް، އިގްތިސާދީ ކާރިސާއެއްގައި އޮތުމުގެ ސަބަބުން އިންތިހާބެއް ބާއްވާނެ ފައިސާއެއް ވެސް ނެތެވެ. ކަރުދާސް ގަންނާނެ ފައިސާ ނެތުމުން އިމްތިހާންތައް ފަސްކޮށްފައިވާ އިރު، ވޯޓު ކަރުދާސް ޕްރިންޓް ކުރާނެ ގޮތަކާ މެދު ސުވާލު އުފެދެ އެވެ.