Advertisement

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65ރ. ބަހަން ހުށަހަޅަނީ

އެސްޓީއޯގެ ހެޑް އޮފީސް ހުންނަ އިމާރާތުގެ ނަން ބޯޑު: އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ޝާއިއުކުރުން ލަސްކޮށްފަ. ފޮޓޯ: މުހައްމަދު ޝާބިން


އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65ރ. ބަހަން ހުށަހަޅަނީ

ސްޓޭޓް ޓްރޭޑިން އޮގަނަައިޒޭޝަން (އެސްޓީއޯ) ގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65ރ. ބަހަން ހުށަހަޅަން އެ ކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިިން 2021 ވަނަ އަހަރަށް ބާއްވާ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ފައިދާއިން ހިއްސާއަކަށް 65ރ. ބަހަން ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ އެ ކުންފުނީގެ އަހަރީ ރިޕޯޓު ޝާއިއުކުރުން މީގެ ކުރިން ފަސްކޮށްފަ އެވެ. އެގޮތުން އެ ކުންފުނިން މިހާރު ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހު އެ ރިޕޯޓު އާންމުކުރުމަށެވެ.

އެގޮތަށް ނިންމީ އެސްޓީއޯ ގްރޫޕްގެ ބައެއް ކުންފުނިތަކުގެ މިދިޔަ އަހަރުގެ އޮޑިޓު ނިންމުމުގައި ލަސްތަކެއް ދިމާވުމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯގެ ސަބްސިޑިއަރީތަކުގެ ގޮތުގައި ނުވަ ކުންފުންޏެއް ދަނީ ހިންގަމުންނެވެ. އެއީ، އެލައިޑު އިންޝުއަރެންސް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، މޯލްޑިވް ގޭސް، މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ، މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް، މިފްކޯ، ރޭސުޓް މޯލްޑިވްސް ސިމެންޓް، މޯލްޑިވްސް ސްޓޭޓް ޝިޕިން އަދި އެސްޓީއޯ ސިންގަޕޯ އެވެ.

އެސްޓީއޯގެ އާމްދަނީ ރަނގަޅު އަހަރެއް

އެސްޓީއޯގެ އޮޑިޓު ނުކުރާ މިދިޔަ އަހަރުގެ ފަހު ކުއާޓާ ރިޕޯޓު ދައްކާ ގޮތުން، މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީއަށް 10.1 ބިލިއަން ރުފިޔާ ލިބުނެވެ. އޭގެ ތެރެއިން 7.1 ބިލިއަން ރުފިޔާ ލިބުނީ ތެޔޮ ވިއްކައިގެނެވެ. އެ ނޫން މުދާ ވިއްކައިގެން ލިބުނީ 3 ބިލިއަން ރުފިޔާ އެވެ.

ތެލުން ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ނިމުނު އަހަރުގެ ތެރޭގައި އިގުތިސޯދީ ހަރަކާތްތައް އިތުރުވެ، ތެލުގެ ޑިމާންޑާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔުމެވެ.

އާމްދަނީ 10 ބިލިއަނަށް އެރުމުގެ އިތުރުން މިދިޔަ އަހަރުގެ ސާފު ފައިދާ ވެސް ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފަ އެވެ. ކުންފުނި ހިންގުމާއި ފައިނޭންސިން ހަރަދުތައް ކެނޑުމަށް ފަހު އެ ކުންފުންޏަށް 570.7 މިލިއަން ރުފިޔާ ލިބުނެވެ. އޭގެން ވިޔަފާރި ފައިދާ ޓެކުހަށް ކެނޑުމަށް ފަހު ފައިދާ ޖެހެނީ 478.5 މިލިއަން ރުފިޔާ އެވެ.

މާލީ ހާލަތު ރަނގަޅުވަމުން ދިޔުމާއެކު އެސްޓީއޯއިން އަންނަނީ އެ ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކުރަން މަސައްކަތް ކުރަމުންނެވެ. އެ ކުންފުނީގެ އަންނަންހުރި ބޮޑެތި ޕްރޮޖެކްޓުތަކުގެ ތެރޭގައި ޑިޖިޓަލް ބޭންކާއި ފުށް ފެކްޓްރީ ހިމެނެ އެވެ.

މިއީ ސީދާ އެސްޓީއޯއަށް 10 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރު ނަމަވެސް، 2018 އަދި 2019 ވަނަ ސަބްސިޑަރީތައް ހިމެނޭގޮތަށް އެސްޓީއޯ ގްރޫޕަށް 10 ބިލިއަނުން މަތީގެ އާމްދަނީއެއް ލިބުނެވެ.