Advertisement

އޭއެފްސީ ކަޕަށް ތައްޔާރު، މާޒިޔާގެ ކޯޗު ޖެސިކް ބަރޯސާ ވަނީ ކުޅުންތެރިންގެ އިތުބާރަށް

13 މޭ 2022 - 13:47 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މާޒިޔާގެ ކޯޗު ޖެސިކް: އޭއެފްސީ ކަޕާ މެދު އޭނާގެ އުންމީދުތަކެއް އެބައޮތް.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު


އޭއެފްސީ ކަޕަށް ތައްޔާރު، މާޒިޔާގެ ކޯޗު ޖެސިކް ބަރޯސާ ވަނީ ކުޅުންތެރިންގެ އިތުބާރަށް

13 މޭ 2022 - 13:47 0

ތިން ބައްރު (އޭޝިއާ، ޔޫރަޕް އަދި އެފްރިކާ)ގެ ފުޓްބޯޅައިގެ ވައްޓަފާޅިތައް ދަސްކޮށް، ވިހި އަހަރަށް ވުރެ ދިގު މުއްދަތަކަށް ކޯޗިން ތަޖުރިބާ ލިބިފައިވާ، ސާބިއާގެ ކޯޗު މަޔޮޑްރަގް ޖެސިކް، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކޯޗުކަމާ ހަވާލުވީ ފެބްރުއަރީ ތިން ވަނަ ދުވަހު އެވެ.

މާޒިޔާ އަކީ ރާއްޖޭގެ ނިސްބަތުން "ބޮޑު ކްލަބެއް" ކަމަށް ބުނެ، ޖެސިކް އޭރު ދިން ޔަގީން ކަމަކީ އޭނާ ބުނާގޮތަށް ކުޅުންތެރިން ކުޅޭނަމަ މާޒިޔާ ދާނީ ރަނގަޅު މިސްރާބުން ކަމަށެވެ.

އޭއެފްސީ ކަޕްގައި ވާދަކުރަން މާޒިޔާ މިއަދު އިންޑިއާ އަށް ފުރިއިރު، އެ ޓީމު އޮތީ ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މާޒިޔާ އިން ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. ފުރަތަމަ ބުރުގައި ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ހުރިހާ މެޗަކުން މޮޅުވެގެން ނިންމާލި އެވެ. ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން މާޒިޔާ ވަނީ އީގަލްސް އަތުން ބަލިވެފަ އެވެ. އެއީ ޖެސިކްގެ ކޯޗުކަމުގައި މާޒިޔާ އަށް މޮޅެއް ނުލިބި ދިޔަ ހަމައެކަނި މެޗެވެ. އީގަލްސް މެޗުގެ ނަތީޖާ އަށް ފަހު މާޒިޔާ އިން ވަނީ ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެފަ އެވެ.

"ވަރަށް އުފަލުން މި ހުރީ ނަތީޖާތަކާ މެދު. ލީގުގެ ފަހު މެޗާ ހަމައަށް އަހަރެމެން ކުޅުންތެރިންގެ ވިސްނުން ބެހެއްޓީ، ހަމައެކަނި ކުރިއަށް އޮތް މެޗަށް. ބައެއް ފަަހަރު އެންމެ ބޭނުންވި ގޮތަށް ނުކުޅުނަސް ލެވަލްގައި ހިފެހެއްޓުނު،" ބްރޭކަށް ދިއުމުގެ ކުރިން މާޒިޔާ ކުޅުނު ފަހު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް 4-0 އިން ބަލިކުރި މެޗަށް ފަހު "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ޖެސިކް ބުންޏެވެ.

"މިހާރު ދެން މިއޮތް އޭއެފްސީ ކަޕަށް އަހަރެމެންގެ ތައްޔާރީތައް ރަނގަޅޭ ބުނެވޭނީ. އެކަށީގެންވާ މުއްދަތެއް އެބައޮތް މުބާރާތަށް ތައްޔާރުވާން ވެސް. ކުރިއަށް މި އޮތް ޗެލެންޖަށް ހުރިހާ ކުޅުންތެރިން ވެސް ތައްޔާރު. އުންމީދަކީ އޭއެފްސީ ކަޕްގައި ވެސް ރަނގަޅު ނަތީޖާއެއް ނެރުން. ކުޅުންތެރިން ޓީމެއްގެ ގޮތުގައި އެ އޮތް އިތުބާރަށް އަހަރެން ވެސް ބަރޯސާވަން،"

މާޒިޔާ ކުޅުންތެރިންނާއި އޮފިޝަލުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: މާޒިޔާ.


މި މަހު 18-24 އަށް ކޮލްކަތާގައި ކުޅޭ އޭއެފްސީ ކަޕް ގްރޫޕް ޑީގެ މެޗުތަކުގައި މާޒިޔާ ކުޅޭނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ގޯކުލަމް ކެރަލާ އަދި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.

މީގެ ކުރިން މިޔަންމާ ޓީމުތައް ގޮވައިގެން އޭއެފްސީ ކަޕްގައި ވާދަކުރި ޖެސިކް ބުނީ މާޒިޔާ މި ވަގުތު އޮތް ފޯމު ރަނގަޅަށެވެ. އަދި އެ ފޯމު ރަނގަޅަށް، މިހާރު އޮތް ގޮތަށް ބައްޓަން ކުރުމަށް ޖެސިކް މުހިންމު ކަންތައްތަކެއް ވެސް ކުރި އެވެ. އެއީ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ކުރިއަށްދިޔައިރު، ހަމައެކަނި ލީގުގެ ވާހަކަ ދެއްކުމެވެ. އޭއެފްސީ ކަޕް ޖެހެންދެން ފޯކަސް ލީގާ މެދު ބަަހައްޓައި، އޭއެފްސީ ކަޕާ ހަމައިން މުޅި ވިސްނުން އެ މުބާރާތަށް ބަދަލުކޮށްލުމެވެ.

"ލީގުގެ މެޗުތައް ކުރިއަށްދިޔައިރު، އޭއެފްސީ ކަޕްގެ ވާހަކަ ދައްކަން ކުޅުންތެރިންނަށް ވެސް ފުރުސަތެއް ނުދެން. މިހާރު ލީގު މި ނިމުނީ މި ވަގުތަށް، މިހާރު ހުރިހާ ކަމެއް މި ހުސްކޮށްލަނީ އޭއެފްސީ ކަޕަށް، ސިކުނޑީގައި ދެން އޮންނާނީ އޭއެފްސީ ކަޕް. 100 ޕަސެންޓް ތައްޔާރު ވާނަން. މީގެ ކުރިން ވެސް އަހަރެން (ކޯޗެއްގެ ހައިސިއްޔަތުން) އައީ އޭއެފްސީ ކަޕާ މެދު ވިސްނަމުން، އެކަމަކު، މި ހިސާބުން މުޅި ޓީމުގެ 100 ޕަސެންޓް ފޯކަސް އަކީ އޭއެފްސީ ކަޕް،" ޖެސިކް ބުންޏެވެ.

މާޒިޔާ އިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން ލީގުގެ ފުރަތަމަ 12 މެޗަށް ފަހު އެންމެ ރަނގަޅު ހިސާބެއްގައި އޮތީ މި ފަހަރު އެވެ. އެ ގޮތުން 12 މެޗު ކުޅެގެން 11 މޮޅު ހޯދިއިރު، 50 ގޯލު ޖެހި އެވެ. ބައިކޮޅަށް ވަނީ އެންމެ ތިން ގޯލެވެ. ފައިދާ ގޯލަކީ 47 އެވެ. މިއީ، ޖެސިކްގެ ފިލޯސަފީއާ އެއްގޮތަށް ކުޅުންތެރިން ކުޅޭ ކަމުގެ ހެއްކެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ލީގުގެ މެޗެއްގެ ތެރެއިން ޖެސިކް މާޒިޔާ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"ރަނގަޅު ޓްރެކެއްގައި ކުޅުންތެރިން މޮޅަށް ކުޅެމުން އައުމަކީ ވެސް ހިތްހަމަޖެހުމެއް، ބޭނުންވާ އެޓޭކިން ފުޓްބޯޅަ ގޭމެއް ކުޅެގެން މި ހޯދާ ކުރިއެރުން ވެސް ރަނގަޅު. ޓީމު ފަހަތަށް ފޭބިޔަނުދީ، އެޓޭކްކޮށް ގިނަ ގޯލު ޖެހުމަކީ އަހަރެން ބޭނުންވާ ގޮތް، އެ ގޮތަށް ކުޅުންތެރިން ވެސް އެ މަސައްކަތް ކުރަނީ. އެ މެންޓަލީޓީ ކުރިއަށް ގެންދާނީ ވެސް،" ވެލެންސިއާ އަތުން 13-0 އިން މާޒިޔާ އަށް ބޮޑު މޮޅެއް ހޯދައިދޭން އެހީތެރިވި ކޯޗު ބުންޏެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ އަންނަ ބުދަ ދުވަހުގެރޭ، ބަންގްލަދޭޝްގެ ޗެމްޕިިއަން، ބަޝުންދަރާ ކިންގްސްއާ ދެކޮޅަށެެވެ. ދެ ވަނަ މެޗުގައި އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެރޭ ކުޅޭނީ ގޯކުލަމް ކެރަލާއާ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި މި މަހު 24 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ އޭޓީކޭއާ އެވެ.

އަނެއް ބުރުން ފުރުސަތު ލިބޭނީ ގްރޫޕްގެ އެއް ވަނަ އަށް އެކަންޏެވެ.

ސެންޓްރަލައިޒްކޮށް މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ ހުރިހާ މެޗެއް، މާލޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނުއިރު، މި ފަހަރު ހުރިހާ މެޗެއް ކުޅޭނީ ކޮލްކަތާގެ މަޝްހޫރު، ސޯލްޓް ލޭކް ސްޓޭޑިއަމްގަ އެވެ.

ސޯލްޓް ލޭކް ސްޓޭޑިއަމަކީ 85،000 ސަޕޯޓަރުންގެ ޖާގައިގެ މަތީ ފެންވަރުގެ ދަނޑެކެވެ. މި ދަނޑު އެންމެ ފަހުން މަރާމާތު ކުރީ 2017 ވަނަ އަހަރު އިންޑިއާގައި ހޯސްޓްކުރި، ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕަށެވެ. އެ މުބާރާތުގެ ފައިނަލް މެޗު ކުޅުނީ މި ސްޓޭޑިއަމްގަ އެވެ.