Advertisement

އިސްތިއުނާފް ކުރުމުގެ ފުރުސަތަށް ދައުލަތުން އިންކާރު ކުރުމުން އާޒިމާއަށް ކޯޓުގައި ޖަޒްބާތީ ދުވަހެއް

12 މޭ 2022 - 18:50 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޝަރީއަތުގެ މަޖިލީހުގައި އާޒިމާ ޝަކޫރު ވާހަކަ ދައްކަވަމުން ކީރިތި ކުރައްވަނީ


އިސްތިއުނާފް ކުރުމުގެ ފުރުސަތަށް ދައުލަތުން އިންކާރު ކުރުމުން އާޒިމާއަށް ކޯޓުގައި ޖަޒްބާތީ ދުވަހެއް

12 މޭ 2022 - 18:50 0

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ނުކުރެވޭނެ ކަމަށް ދައުލަތުން ހުށަހަޅާތީ، އެއީ އޮތް ހައްގެއް ކަމަށް ވިދާޅުވެ, ނިންމުން މުރާޖައު ކުރުމަށް އާޒިމާ ސުޕްރީމް ކޯޓުގައި އަސަރާއެކު ދަންނަވައިފި އެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަނީ، އާޒިމާއަށް ކުރި ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިިމިނަލް ކޯޓުން ކަނޑައަޅާ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް ދައުލަތުން ފާހަގަ ކުރި އިޖުރާއީ ނުކުތާއަކާ ގުޅިގެން ހައި ކޯޓުން ނިންމި ނިންމުމެވެ. ހައި ކޯޓުން ނިންމީ އިސްތިއުނާފް ކުރެވޭނެ ކަމަށެވެ.

އާޒިމާއަށް ކުރާ ދައުވާ ކްރިމިނަލް ކޯޓުގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމާފައި އޮތުމުން އާޒިމާގެ ފަރާތުން ވެސް ވަނީ ސުޕްރީމް ކޯޓުގައި ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކޮށްފަ އެވެ. އާޒިމާ ވަކާލާތު ކުރައްވަނީ އޭނާއަށް ކުރާ ދައުވާ މަދަނީ މިންގަނޑަށް ނުފެތޭ ކަމުގަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އާޒިމާއަށް ދިން ފުރުސަތުގައި އޭނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "ތިން އަހަރު އަޅުގަނޑު މިހެން ހިފަހައްޓާފައި ވަނީ ޝަރީއަތެއް ތެރޭ" ކަމަށެވެ. މިހެން ވިދާޅުވުމާއެކު އާޒިމާއަށް ރޮވުނެވެ. އެއަށް ފަހު ހިނދުކޮޅަކަށް ވާހަކަ ނުދައްކަވާ ހުންނެވި އެވެ. ޓިޝޫއަކުން ދެ ލޯ އަދި ނޭފަތް ވެސް ފުހެލުމަށް ފަހު ދެން ވިދާޅުވީ އިސްތިއުނާފް ކުރުމުގެ ހައްގަކީ އޭނާއަށް ލިބެން ޖެހޭ ހައްގެއް ކަމަށެވެ. އެ ހައްގު ލިބިގެން ނުވާނެ ކަމަށް ދައުލަތުން ބުނާ ބުނުން ބަލައިނުގަނެވޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.

މި ދައުވާތަކުގެ ސަބަބުން އޭނާގެ ވަރަށް ގިނަ ހައްގުތަކެއް ނިގުޅައިގަނެވިގެން ގޮސްފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. ވަޒީފާގެ ފުރުސަތުތަކެއް ގެއްލުނު ކަމަށް ވެސް ވިދާޅުވި އެވެ. އެ ވާހަކަ ވިދާޅުވެވުނު ވަގުތު ވެސް އާޒިމާއަށް ވާހަކައާ އެކު ކުރިއަށް ގެންދެވުމުގައި ހުއްޓުންތަކެއް އެރި އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ މައްސަލާގައި ވެސް ދައުލަތުން ދަށު ކޯޓުން މަދަނީ މިންގަނޑާ ގުޅޭ ގޮތުން ނިންމި ނިންމުން ދައުލަތަށް އިސްތިއުނާފް ކުރެވޭނަމަ އެ ހައްގު އާޒިމާއަށް ނުވަތަ ދައުވާ ރައްދުވާ ފަރާތަކަށް ވެސް އޮންނަން ވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ. ދައުލަތުން އެކި މައްސަލަތަކުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް ވެސް އާޒިމާ ތުހުމަތު ކުރެއްވި އެވެ.

އާޒިމާއަށް އިސްތިއުނާފް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން އެދުނު އިރު، އާޒިމާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހުންނެވި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތަށް މި މައްސަލާގައި ވަކީލު ކަން ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން ވެސް ދައުލަތުން އެދުނެވެ. ކްރިމިނަލް ކޯޓުން ދައުލަތުން ބޭނުންވާ ގޮތަށް ނިންމި ނަމަވެސް ހައި ކޯޓުން ނިންމީ ނިހާޔަތަށް ފުރުސަތު ދިނުމަށެވެ.

އޭގައި ދައުލަތުން ފާހަގަ ކުރާ ނުކުތާއަކީ މައްސަލައެއް ހުށަހެޅުނު އިރު ތަހުގީގީ އިދާރާއެއްގައި ނުވަތަ ޕްރޮސެކިއުޝަންގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް އެ މައްސަލަ ރައްދުވާ ފަރާތުގެ ދިފާއީ ވަކީލަކަށް ނުހުރެވޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ މާއްދާ އެވެ. އޭގެ ދިފާއުގައި ނިހާޔަތު ވިދާޅުވަނީ އޭގައި ސީދާ ބައިވެރިވުން ނެތުމުން ވަކާލާތު ކުރެވޭނެ ކަމުގަ އެވެ.

މިއަދު މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލި އެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

މައްސަލައިގެ ފަސްފަހަތް

އާޒިމާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑަ ކޮށްދިން ކަމުގެ ތުހުމަތުގަ އެވެ.

ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަކަށް ޖަމާވި އެއް މިލިއަން ޑޮލަރާ މެދު ތަހުގީގީ އިދާރާއަކުން ސުވާލު އުފައްދާފައިވަނިކޮށް އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އިންވެސްޓް ކުރުމަކީ އެ މައްސަލާގައި މަނީ ލޯންޑަރިންގެ ގޮތުގައި ދައުލަތުން ފާހަގަ ކުރާ މައިގަނޑު އަމަލެވެ. އަދި އެ ފައިސާ ކަމަށް ބުނެ އެހެން ފައިސާއެއް އޭސީސީ އާއެކު ހަދާފައިވާ އެކްސްކްރޯ އެކައުންޓަކަށް ޖަމާ ކުރުމަކީ، ފައިސާ އަސްލު އޮޅުވާލަން ކުރި ދެވަނަ އަމަލު ކަމުގައި ދައުލަތުން ފާހަގަ ކުރެ އެވެ.

އާޒިމާއަށް މި މައްސަލާގައި ދައުވާ ކުރަނީ، އެ އެކްސްކްރޯ އެކައުންޓް ހަދަން އާޒިމާ އޭސީސީއަށް ލަފާ ދިން ކަމަށް ބުނުމާއި، އެކްސްކްރޯ އެކައުންޓަށް ޔާމީންގެ އެކައުންޓްގައިވާ ފައިސާ ޖަމާ ކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ފޮނުވާފައިވާ ސިޓީއަށް ރިއާޔަތްކޮށެވެ. ދައުލަތުން ބުނަނީ އެއީ ފައިސާ ލޯންޑަ ކުރަން މަގުފަހިކޮށްދިނީ ކަމުގަ އެވެ.

އާޒިމާއަށް ކުރާ މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިން ކަމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާއަށް ވެސް އޭނާ އިންކާރު ކުރައްވަ އެވެ. 2019 ވަނަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ގޮތެއް ނުނިމި މާ ބޮޑަށް ދިގުލައިގެން ދާތީ ވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެ މައްސަލަ ބައްލަވާ ގާޒީ ވެސް ހަ ފަހަރު މަތިން ބަދަލުވެފައިވެ އެވެ.

ތިން އަހަރު ފަހުން ދައުވާ އިއްވޭ ވަރު ވުމުން އާޒިމާ ވިދާޅުވަމުން ގެންދަވަނީ އެއީ އުފުލޭނެ ދައުވާއެއް ނޫން ކަމަށެވެ. އާޒިމާގެ ދިފާއީ އެއް ނުކުތާއަކީ ވެސް ޔާމީންގެ މައްޗަށް އެ މައްސަލާގައި ކުރި ދައުވާ ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ހުކުމެވެ. އަދި ޔާމީންގެ މައްސަލާގައި ދައުލަތުން އެންމެ ފަހަރަކު ވެސް އާޒިމާގެ ބައިވެރިވުން ކިޔައިދީފައި ނެތް ކަމަށް ވެސް އާޒިމާ ވިދާޅުވެ އެވެ.