Advertisement

ފިންލޭންޑް ނޭޓޯއާ ގުޅުމަކީ ޔަގީނުން ވެސް ނުރައްކަލެއް: ރަޝިއާ

ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް. -- ފޮޓޯ: ގެޓީ އިމޭޖާޒް


ފިންލޭންޑް ނޭޓޯއާ ގުޅުމަކީ ޔަގީނުން ވެސް ނުރައްކަލެއް: ރަޝިއާ

މޮސްކޯ، ރަޝިއާ (މޭ 12) - ރަޝިއާއާ އަވައްޓެރި ފިންލޭންޑް ނޭޓޯއާ ގުޅުމަކީ "ޔަގީނުން ވެސް" ރަޝިއާއަށް ނުރައްކަލެއް ކަމަށް ރަޝިއާ ސަރުކާރުން ބުނެފި އެވެ.

އެމެރިކާ އިސްވެ އޮވެ ހިންގާ އަސްކަރީ ގްރޫޕަށް ފިންލޭންޑް ވަނުމާ މެދު ފިންލޭންޑްގެ ސަރުކާރުގެ ވެރިން ތާއީދު ކުރާ ކަމަށް ދާދި ފަހުން ވަނީ ބުނެފަ އެވެ.

"ނޭޓޯ ފުޅާކޮށް، ނޭޓޯގެ މެމްބަރުން އަޅުގަނޑުމެންގެ ބޯޑަރު ކައިރީގައި ގާއިމް ކުރަން އުޅުމަކީ ދުނިޔެ އާއި މި ބައްރު އިތުރަށް ހަމަޖެހޭނެ އަދި ރައްކާތެރި ވާނެ ކަމެއް ނޫން،" ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ނޫސްވެރިންނަށް ވިދާޅުވި އެވެ.

ފިންލޭންޑް ނޭޓޯއާ ގުޅުމަކީ ރަޝިއާއަށް ނުރައްކަލަކަށް ވާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން، އޭނާ ވިދާޅުވީ "ޔަގީނުން ވެސް" ނުރައްކަލަކަށް ވާނެ ކަމަށެވެ.

"ހުރިހާ ކަމެއް ބިނާ ވަނީ މި ޕްރޮސެސް ކުރިއަށް ދާނެ ގޮތަކަށް. އަސްކަރީ އިންފްރާސްޓްރަކްޗާ ހުންނާނީ އަޅުގަނޑުމެންގެ ބޯޑަރާ ކިހާ ކައިރިއެއްގައި ތޯ ނިންމުން ފަދަ ކަންކަމަށް،" އޭނާ ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ފިންލޭންޑްގެ ރައީސް އަދި ބޮޑު ވަޒީރު ވިދާޅުވީ އެ ގައުމު ނޭޓޯއާ ގުޅުމަށް ތާއީދު ކުރާ ކަމަށާއި މި ހަފްތާ ބަންދުގައި ރަސްމީ ނިންމުމެއް ނިންމާނެ ކަމަށެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އެރުމުން، ނޭޓޯއާ ގުޅުމާ މެދު ފިންލޭންޑް ރައްޔިތުން ދެކޭ ގޮތް ބަދަލުވި އެވެ. އޭގެ ކުރިން އެ ހިޔާލާ ދެކޮޅުވި ނަމަވެސް، މިހާރު ގިނަ ބަޔަކު އެކަމަށް ތާއީދު ކުރެ އެވެ.

ފިންލޭންޑާއި ރަޝިއާއާ ދެމެދު 1،300 ކިލޯމީޓަރުގެ ބޯޑަރެއް އޮވެ އެވެ. ގިނަ އަހަރުތަކެއް ވަންދެން ފިންލޭންޑް ދެމި އޮތީ އަސްކަރީ ގޮތުން ވަކި އަތަކަށް ނުޖެހި އެވެ.