Advertisement

ކުމުންދޫގައި މަސްތުވާތަކެތި ތިޔާގިވެ ވައްކަން އާންމުވެފައި، ކައުންސިލުން ފުލުހުންގެ އެހީއަށް

12 މޭ 2022 - 12:37 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހދ. ކުމުންދޫ-- ފޮޓޯ: ކުމުންދޫ ކައުންސިލް


ކުމުންދޫގައި މަސްތުވާތަކެތި ތިޔާގިވެ ވައްކަން އާންމުވެފައި، ކައުންސިލުން ފުލުހުންގެ އެހީއަށް

12 މޭ 2022 - 12:37 1

ހދ. ކުމުންދޫގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވުމާ ގުޅިގެން މައްސަލަ ހައްލުކޮށް ދިނުމަށް ކައުންސިލުން ފުލުހުން ކިބައިން އެދިއްޖެ އެވެ.

އާބާދީގައި ޖުމްލަ 1300 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު "އަދަދު"އަށް ވިދާޅުވީ ހދ. އަތޮޅުގައި މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައް އޮތް ނަމަވެސް އެ ރަށަކީ އެކަހަލަ އެއްވެސް ކަމެއް މީގެ ކުރިން އޮތް ރަށެއް ނޫން ކަމަށެވެ.

ނަމަވެސް މިހާރު ބޮޑެތި އަދަދުތަކުން ގޭގެއިން ވައްކަން ކުރަމުން އަންނަ ކަމަށް އަމީން ވިދާޅުވި އެވެ. އެގޮތުން މިދިޔަ ހަފްތާގައި ބޮޑު ވައްކަމެއް ކޮށްފައިވާ ކަމަށާއި އިއްޔެވެސް ގެ އަކުން 21،000ރ. ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެކަން ހައްލު ކުރުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ގިނަ އަދަދަކަށް ފައިސާ ގޭގައި ބެހެއްޓުމުގެ ބަދަލުގައި ބޭންކު ގައި ރައްކާކުރުމަށް ސަމާލުކަން ދިނުމަށާއި، އަދި މީހުން ގޭގައި ނުތިބޭ ވަގުތުތަކުގައި ދޮރުތައް ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ޔަގީން ކުރުމަށް އެދިފައިވާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"މިހާރު ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް މި ރަށުގަ އޮތީ ވަރަށް ބޮޑަށް ކަންބޮޑުވާ މިންވަރަށް. އާންމުންގެ ފަރާތުންވެސް ވަނީ އެކަމުގެ ޝަކުވާ ލިބިފައި،" އޭނާ ވިދާޅުވި އެވެ.

އަމީން ތުހުމަތު ކުރައްވާ ގޮތުގައި، މަސްތުވާތަކެތީގެ މައްސަލަ އިތުރުވެގެން އައި ކަމަށް ބެލެވެނީ ކައިރި ރަށްރަށުންނާއި ރަށުން ބޭރުން އަންނަ މީހުންގެ ފަރާތުންނެވެ.

"މާލޭގަ ތިބެފަ އަންނަ ކުދިންގެ ފަރާތުން ބޮޑަށް ރަށަށް މި ފެތުރިފަ އޮތް ކަމަށް ބެލެވެނީ. އެގޮތަށް މަޑުމަޑުން ފެތުރެމުން އައިސް މިހާރު މިހިސާބަށް ގޮސް މި އޮތީ،" އޭނާ ވިދާޅުވި އެވެ.

އެއާއެކު، މަސްތުވާތަކެތި އާންމުވެ ރައްޔިތުންގެ ޝަކުވާތައް އިތުރުވަމުން އަންނަ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

އެ ރަށު ކައުންސިލުން ވަނީ އެ ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމް ކޮށްދިނުމަށްވެސް ސަރުކާރުގައި އެދިފަ އެވެ. އެއާއެކު މި އަހަރު ތެރޭގައި ފުލުހުންގެ ހިދުމަތް އެ ރަށުގައި ފެށިގެންދާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.