Advertisement

ބޮން ގޮއްވާލީ އަދުހަމް، އެކަމަކު ކުށްވެރިންނަކީ އަހަރުމެންތަ؟

16 މޭ 2022 - 08:32 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ބޮން ގޮއްވާލީ އަދުހަމް، އެކަމަކު ކުށްވެރިންނަކީ އަހަރުމެންތަ؟

16 މޭ 2022 - 08:32 0

އޭނާއަކީ ދައުލަތުގެ ވެރިޔަކު އަވަހާރަކޮށްލުމަށް މާލޭގައި ބޮމުގެ ހަމަލާއެއް ދިން މީހާގެ ގޮތުގައި މަޝްހޫރުވުމަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު, 25, ކުޑައިރު ހިތަށް ވެސް ނާރާ ކަމެކެވެ.

ހަޔާތުގައި ބޭނުންވި ކަންތައްތަކެއްގެ ހުވަފެން އޭނާ ވެސް ކުޑައިރު ދުއްޓެވެ. ހާސިލް ކުރަން ބޭނުންވި ލަނޑުދަނޑިތަކެއް ހުއްޓެވެ. ޖަމާލުއްދީން ސްކޫލުގައި ކިޔަވަމުން އުމުރުން ނުވަ އަހަރުގައި ފުޓުބޯޅަ ކުޅެން ފެށި އެވެ.

މަޝްހޫރު ނިއުރޭޑިއަންޓްސް ސްޕޯޓްސް ކްލަބާއި ކްބަލް އީގަލްސްގެ ޔޫތު ޓީމުގައި ބައިވެރިވި އެވެ. ފަހުން މަޖީދިއްޔާ ސްކޫލުގައި އުޅުނުއިރު، އުމުރުން 14 އަހަރުން ދަށުގެ ގައުމީ ޓީމަށް ހޮވި، ފަރިތަކުރުންތަކުގައި ބައިވެރިވި އެވެ. ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލުނީ ފަހު ވަގުތު ލިބުނު އަނިޔާއަކާ ހެދި އެވެ.

އަދުހަމުގެ ކުރިމަގު އޭނާ އާއި އޭނާގެ އާއިލާގެ މެމްބަރުންނަށް ފެންނަން އޮތީ އުޖާލާކޮށެވެ. އެކަމަކު، އުމުރުން 16 ވަރަކަށް އަހަރުގައި، ރަހުމަތްތެރިވެވުނު ބަޔަކާއެކު އޭނާ މަގުން ކައްސާލައި، މަސްތުވާތަކެތި ބޭނުން ކުރަން ފެށި އެވެ. އޭގެ ފަހުން އަދުހަމްގެ ދިރިއުޅުން ބަދަލުވީ ވަރަށް ވެސް އަވަހަށެވެ. އުމުރުން 17 އަހަރުގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި އެވެ. އަދި މަސްތުގެ ދުނިޔޭގައި އުޅުމުގެ ތެރޭގައި އަނެއްކާ ވެސް އެހެން ފަހަރަކު ހައްޔަރު ކުރި އެވެ. މިފަހަރު އުމުރުން 21 އަހަރުގައި ފިހާރައަކުން ބިސްކޯދު ޕެކެޓެއް ވަގަށް ނަގައިގެނެވެ.

ބިސްކޯދު ޕެކެޓު މައްސަލައިގައި ހައްޔަރު ކުރި ހިސާބުން ދިރިއުޅުން ބަދަލު ކުރުމަށް އަދުހަމް މަސައްކަތް ކުރި އެވެ. ގަވާއިދުން ނަމާދު ވެސް ކުރަން ފެށި އެވެ. އަދި މަޑުމަޑުން މަސްތުގެ ދުނިޔެއަށް ހުޅިވިފައި އޮތް ދޮރު ބަންދުވަމުންދިޔަ އެވެ. އެކަމަކު ނަސީބު ހުރި ގޮތުން އަދުހަމުގެ ދުނިޔެ ދެ ވަނަ ފަހަރަކަށް ބަދަލުވި އެވެ. މިފަހަރު އޭނާ ހައްލާލީ ހަރުކަށި ފިކުރެވެ. އަނެއްކާ ވެސް އޭނާ އެކަމަށް ތައާރަފްކޮށްދިނީ ރަހުމަތްތެރިއެކެވެ.

[މަސްތުވާތަކެތި ބޭނުން ކުރިއިރުގެ ރަހުމަތްތެރިޔެއް ކަމަށްވާ] މުންކޮއާ ދިމާވުމުން، އޭނާ އަޅުގަނޑުގެ ގާތުގައި ތިއުޅޭ ގޮތް ހުއްޓާލައި އިސްލާމްދީނަށް ވަންނަންވީނޫންހޭ ބުނެ އަހުލުއް ސުންނަތުގެ ޖަމާއަތަށް އަޅުގަނޑަށް ދައުވަތު ދިން،" ޓެރަރިޒަމްގެ ފިކުރަށް ލިބުނު ދައުވަތުގެ ވާހަކަ ފުލުހުންގެ ތަހުގީގަށް ކިޔައިދެމުން އަދުހަމް ބުނެފައިވެ އެވެ. "އަޅުގަނޑު ދީނީ ކަންކަން އުނގެނެމުންދިޔަ ދުވަސްވަރު ބައްދަލުކޮށް ހަދަނީ އަޅުގަނޑު ގަބޫލު ކުރާ އެ [ހަރުކަށި] ފިކުރުގެ މީހުންނާ އެކަނި."

އަދުހަމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެފަދަ އުއްމީދީ ކިތަންމެ ޒުވާނެއްގެ ނިމުން، މަސްތުވާތަކެއްޖާ ޖެހި، ހިތި ގޮތަކަށް ނިމިފައި އެބަހުއްޓެވެ. ވަރަށް ގިނަ ފަހަރު ބޮޑެތި ކިތަންމެ ކުށެއް ގޮސް ގުޅެނީ މަސްތުވާތަކެތި ފަދަ، އަހަރުމެންގެ މުޖްތަމައުގެ މުލުގައި ހިފާފައި ހުރި މައްސަލަތަކާ އެވެ. މިއީ އެތައް ދުވަހެއްވަންދެން މުޖްތަމައަށް ފާވަމުންދިޔަ މައްސަލަތަކަކަށް އަޅާނުލައި ހުރުމުން ކަންތައް ބޮޑުވެފައިވާ މިންވަރެވެ.

މަސްތުވާތަކެއްޗާއި ދިވެހިރާއްޖޭގެ ދިގު ތާރީހު

"އާދެ، މިހާރު ރާއްޖޭގައި ވަކި ބައެއްގެ ތެރޭގައި ފެތުރިގެންދާ ނުބައި، ނޭދެވޭ އާދައަކީ، ދަންނަވަން ވެސް މާ ފަސޭހަ އާދައެއް ނޫން. އާދެ، އެއީ ބަނގުރާ ބުއިން... އާދެ، ރާ ބުއިމާއި މަސްތުވާތަކެތި ބޭނުން ކުރުމާ، މި ހުންނަނީ ކަނޑައެޅިގެން ދީނާ ހިލާފް ކަންތައްތައް. އެފަދަ ކަންތައްތައް ރާއްޖޭގައި ފެތުރިޔަދީގެންނުވާނެ."

އެއީ މާލޭގައި ދިރިއުޅުނު ރައްޔިތުންނާ ބައްދަލު ކުރައްވައި، ނޮވެމްބަރު 27، 1983 ވަނަ ދުވަހު އެއިރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި ވާހަކަފުޅެވެ. މައުމޫން އެ ވާހަކަފުޅު ދެއްކެވިތާ 38 އަހަރު މިހާރު ފާއިތުވެފައިވާއިރު، ދިވެހިރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށްވުރެ ގޯހަށެވެ.

ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ 7496 މީހުން ދިރިއުޅޭ ކަމަށް އދ. ގެ މަސްތުވާތަކެއްޗާއި ކުށްކުށަށް ހާއްސަ އޮފީހުން 2013 ގައި އާންމު ކުރި ނެޝަނަލް ޑްރަގް ޔޫސް ސާވޭއިން އެނގެ އެވެ. ނަމަވެސް އެ ނަންބަރުތައް ހަގީގަތުގައި ހުރީ މާ މަތީގައިކަން އޭގެ ފަހުން 2015 ގައި މާލޭގައި ކުރި ދިރާސާއަކުން އެނގުނެވެ.

އެކަން އެނގުނީ މާލޭގެ ނަޖިސް ފެން ދިރާސާ ކުރުމަށް އައި އިޓަލީގެ ސައިންޓިސްޓުން ހެދި ދިރާސާއަކުންނެވެ. މާލޭގައި ގާއިމްކޮށްފައި ހުރި ނަރުދަމާގެ ނިޒާމު ގެތެރެއިން ގޮސް ނަޖިސް ފެން އެޅޭ ނުވަ ތަނަކުން އެމީހުން ސާމްޕަލް ނެގި އެވެ. ބޭނުމަކީ ނަޖިސް ފެނުގައި މަސްތުވާތަކެތީގެ އަސަރު ހުރި މިންވަރު ބެލުމެވެ.

ދިރާސާގެ ނަތީޖާވީ އެންމެނަށް ވެސް ލިބުނު ސިހުމަކަށެވެ. "ސައިންސް އޮފް ދަ ޓޯޓަލް އެންވެރޮމެންޓް" ގައި 2019 ވަނަ އަހަރު ޝާއިއު ކުރި އެ ދިރާސާއިން އެނގުނު ގޮތުގައި އެކި ބާވަތްތަކުގެ ހިކި މަސްތުވާތަކެއްޗާއި ބަނގުރާ ބޯ މީހުން މާލޭގައި ވަރަށް ގިނަ އެވެ.

ނަޖިސް ފެނުގެ ސާމްޕަލްތައް ނަގައިގެން ބެލިއިރު، މާލޭގައި ދިރިއުޅޭ ރައްޔިތުން ދުވާލަކަށް 700 ގްރާމް ކެނަބިސް ނުވަތަ މަރުއާނާ ފަތް ނުވަތަ އޭގެ ތެޔޮ ބޭނުން ކުރާކަން ހާމަވި އެވެ. ހެރޮއިން ނުވަތަ ހަކުރުގެ 18 ގްރާމް ބޭނުން ކުރެ އެވެ. އެއީ ގާތްގަނޑަކަށް 5600 ޑޯޒުގެ ކެނެބިހެވެ. އަދި 600 ޑޯޒުގެ ހަކުރެވެ. އޭގެ އިތުރުން ބަނގުރާ ބޯ މީހުންގެ އަދަދު ވެސް އުޅެނީ ވަރަށް މަތީގަ އެވެ. ސާމްޕަލްތަކުން އެނގުނީ މާލޭގެ ކޮންމެ 1000 މީހަކަށް ދުވާލަކަށް ގާތްގަނޑަކަށް ލީޓަރެއްހާ ރާ ބޯކަމެވެ.

"މާލޭގައި ކެނެބިސް [ފަތް] ބޭނުންވާ މީހުންގެ އަދަދު ނިސްބަތުން އިޓަލީއާ ގާތް ކުރޭ. އެކަމަކު ހެރޮއިން ބޭނުން ކުރާ މީހުންގެ ނިސްބަތް މާލޭގައި އިޓަލީއަށްވުރެ 10 ގުނަ އިތުރު. މިއީ މުޅި ޔޫރަޕުގެ އެހެން ގައުމުތަކާ ބަލާއިރު ވެސް މާ މަތީ އަދަދެއް،" އެ ދިރާސާގައި ލިޔެފައިވެ އެވެ.

ހަރުކަށި ފިކުރުގެ ޓާގެޓަކަށް މަސްތުވާ މީހުން

ހަރުކަށި ފިކުރަށް އަދުހަމް ވަދެގެންދިޔައިރު، އޭނާއާ އެންމެ ގާތް އެކުވެރިއަކަށްވީ ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމެވެ. އަދުހަމަށް، ޓެރަރިސްޓު ޖަމާއަތް އައިސިސްގެ ލީޑަރެއްގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވަމުންދިޔަ ތަސްލީމުގެ ފަރާތުން ވަރަށް ބޮޑަަށް އެހީތެރިކަން ލިބުނެވެ. ދީނީ ކަންކަމުގައި އަދި އަދުހަމުގެ އަމިއްލަ ދިރިއުޅުމުގެ ވެސް އެންމެ ގާތް އެއް އެކުވެރިޔާއަށް ތަސްލީމް ބަދަލުވެއްޖެ އެވެ.

"[ނަޝީދަށް ދިން ބޮމުގެ މާސްޓާމައިންޑު މުހައްމަދު] ތަސްލީމާ އެޅުގަނޑު ދިމާވިއިރު ވެސް އޭނާއަކީ ދީނީ ކަންކަން ވަރަށް ބޮޑަށް އޮޅުންފިލައި، އެކި މީސްމީހުން އޭނާ ކައިރިއަށް ދީނީ ކަންކަން އޮޅުންފިލުވުމަށް އަންނަ މީހެއް... އަޅުގަނޑު ތަސްލީމުގެ ކައިރިން ދީނީ ކަންކަމުގެ އިލްމު އޮޅުންފިލުވަމުންދިޔަ ނަމަވެސް އަޅުގަނޑަށް އޭނާގެ ފަރާތުން އެނގި، ދަސްވާ އެއްވެސް އެއްޗެއްގެ ސައްހަކަން ކަށަވަރު ކުރުމަށް ދިވެހިރާއްޖޭގެ އެއްވެސް އިލްމުވެރިއެއް ކައިރީ އަހައި، އޮޅުންފިލުވާފައެއް ނުވާނެ،" ތަސްލީމާއެކު ގުޅުން ބަދަހިވި ގޮތް އަދުހަމް ފުލުހުންނަށް ކިޔައިދެމުން ބުނެފައިވެ އެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތައް ދިރާސާ ކުރާ ތަޖުރިބާކާރުން ބުނާ ގޮތުން ނަމަ، ޓެރަރިސްޓުންގެ އަމާޒަކަށް ހަދަނީ އަދުހަމު ފަދަ، ހަޔާތުގައި އުއްމީދެއް ބޭނުންވެފައިވާ ޒުވާނުންނެވެ. ސަބަބަކީ އެފަދަ ނާޒުކު ހާލަތްތަކުގައި ތިބޭ މީހުން ހެއްލުމަށް ފަސޭހަވާތީ އެވެ.

"މިސާލަކަށް އެއްވެސް ކަމެއްގެ އުއްމީދު ކެނޑިފައި ހުރި ކުއްޖެއްވެއްޖެއްޔާ، އޭނައަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް، ދިނުމަށް ފަސޭހަވެދާނެ. މިސާލަކަށް ސުވަރުގެ ދެވޭނެއޭ. ޝަހީދެއްގެ މާތްކަން މި ކިޔައިދެނީ. އެކަމަކު އެ ވާހަކަތައް ކިޔައިދީގެން ނުބައި މަގަކަށް އަނެއްކާ ވެސް މި ގެންދަނީ،" ތައުލީމީ ދާއިރާގައި ވެސް 40 އަހަރު ހިދުމަތް ކުރައްވާފައިވާ ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ، މާޔޫސްވެފައި ހުންނަ މީހާއަށް އުއްމީދެއް ދިނުމަށްފަހު، ޓެރަރިސްޓުން އެމީހުންނަށް މަގު އޮޅުވާލަނީ ގުރްއާނާއި ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅުތައް، މާނަ އޮޅުވާލުމަށްފަހު ކިޔައިދީގެން ކަމަށެވެ. އެއަށްފަހު ހަރުކަށި ފިކުރުގެ އެމީހުން ދެން އެންމެ ސަމާލުކަން ދޭ އެއްކަމަކީ ޓާގެޓު ކުރެވުނު މީހާއަށް ކިޔައިދޭ ތަކެތި، ހަގީގީ އިލްމުވެރިއެއް ގާތު އަހައި އޮޅުންފިލުވުމުގެ ފުރުސަތު ނުދިނުމެވެ.

"ދެން މި ހަދާ ގޮތަކީ މެދުމިނުގެ ވިސްނުމުގެ މީހުން ދައްކާ ވާހަކަތައް ގަބޫލު ކުރުން ވެސް މަނާ ކުރަނީ. އެހެންވީމަށް އެމީހުން މިތެބެނީ ސީދާ މަގުން ފާޑަކަށް ފަރުދާވެ، އެއްކިބާވެފަ. [ހަގީގީ އިލްމުވެރިޔަކާ ވާހަކަ ދެއްކުމަކީ] އެމީހުން ބިރުގަންނަ ކަމެއް، ޖެހިލުންވާ ކަމެއް. އެއީ ސައްހަ މަގު ބުނެދޭ މީހުންގެ ވާހަކަތައް މި ހުންނަނީ ތަންކޮޅެއް މައިތިރި ގޮތަކަށް. އެހެންވީމަ އެމީހުން އަނބުރާ ސީދާ މަގަށް އަތުވެދާނެ. އެހެންވީމަ ވަރަށް ބޮޑަށް އެމީހުން ބަދުނާމުކޮށް، ފޮޓޯތައް ޖަހައި، އެއީ ކާފަރުން ކަމަށާއި ތޯގޫތުން ގޮތަށް ވިސްނައިދީފައި އޮންނަނީ،" ފަހުމީ ކިޔައިދެއްވި އެވެ.

ފިކުރު ބަދަލުކޮށްލެވޭ ކޮންމެ މީހަކު ވެސް، ހަރުކަށި ފިކުރުގެ މީހުން ބޭނުން ކުރަނީ އޭނާގެ ބޭނުން އެންމެ ބޮޑަށް ހިފޭނެ ގޮތަކަށެވެ. ރާއްޖޭގައި ވެސް ހިންގާ ޓެރަރިސްޓު ސެލްތަކުގައި ގްރެފިކް ޑިޒައިނަރުންނާއި ވީޑިއޯ އެޑިޓަރުންނާއި ނޫސްވެރިންނާއި ޕްރޮޕެގެންޑާ ފަތުރާ މީހުން ތިބެ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އޭގެ ތެރެއިން ހަނގުރާމައަށް ގެންދަން ނަގަނީ، ކުށް ކުރުމަށް ޖެހިލުންނުވާ، މީގެ ކުރިން ވެސް އެފަދަ ކުށްތައް ކޮށްފައިވާ މީހުންނެވެ.

"ސީރިޔާއަށް، ހަނގުރާމައަށް ގެންދަން ނަގާ ކުދިންގެ ތެރެއިން އަޅުގަނޑުމެން ބޮޑަށް ލަފާ ކުރަނީ، ނުރަނގަޅު ހިސާބަކަށް ގޮސް، ބިރު ކުޑަ، ޖެހިލުން ކުޑަ، ބޭނުން ކޮންމެ ކަހަލަ ކަމެއް ވެސް ކޮށްލަން ކެރޭވަރުގެ މީހުން. އެމީހުން ސިލެކްޓް ކުރަނީ، ކުރާއިރު ބުނަނީ، ތިޔަހުރީ ވަރަށް ގޯސް ހިސާބަކަށް ގޮސްފައޭ. ދެން އަނބުރާ ރަނގަޅު މަގަށް ރުޖޫއަވާން ބޭނުންވާ ނަމަ އޮތީ އެންމެ މަގެކޭ، އެއީ އިސްލާމް ދީނަށްޓަކާ ޖާނުން ފިދާވުމޭ. އެގޮތަށް ހަނިކޮށް ވިސްނައިދެނީ،" ޓެރަރިސްޓުން ރިހެބިލިޓޭޓް ކުރުމަށް ރާއްޖޭގައި މަސައްކަތް ކުރައްވާ ޝެއިހު އަހުމަދު ފަހުމީ ދީދީ ވިދާޅުވި އެވެ.

މަސްތުވާތަކެތި ހުއްޓުވުމަކީ ވަރަށް ގިނަ މައްސަލަތަކުގެ ހައްލު

ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ބޭނުން ކުރަން ފެށި މަސްތުވާތަކެއްޗާ ދުރުހެލިވާން އުމުރުން 21 އަހަރުގައި އަދުހަމް ބޭނުންވި އެވެ. އަދި އެ މަސައްކަތް އޭނާއަށް ކާމިޔާބު ވެސް ވި އެވެ. ނަމަވެސް އަނެއްކާ ވެސް ވެއްޓުނީ އެހެން އަނދަވަޅަކަށެވެ.

"[އެއް ދުވަހަކު، މަސްތުވާތަކެތި ބޭނުން ކުރިއިރުގެ ރަހުމަތްތެރިއެއް ކަމަށްވާ] މުންކޮއާ ދިމާވި. މުންކޮއާ ދިމާވުމުން އޭނާ އަޅުގަނޑު ގާތުގައި 'ތިއުޅޭ ގޮތް ހުއްޓާލައި އިސްލާމް ދީނަށް ވަންނަންވީނޫންހޭ ބުނެ، އަހްލުއް ސުންނާ ވަލް ޖަމާއަތަށް އޭނާ އަޅުގަނޑަށް ދައުވަތު ދިން. އެ ދުވަސްވަރަކީ އަޅުގަނޑު މަސްތުވާތަކެއްޗާއި ދުރުހެލިވެ، ގަވާއިދުން ނަމާދުކުރަން ފެށި ދުވަސްވަރު. އޭގެ ފަހުން ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތަށް ދާން ދައުވަތު ލިބުނު،" ހަރުކަށި ފިކުރަށް ދައުވަތު ދިން ފުރަތަމަ ދުވަހުގެ ވާހަކަ އަދުހަމް ކިޔައިދިނެވެ.

އަދުހަމް ފަދަ، މަސްތުވާތަކެތިން އަރައިގަންނަން ބޭނުންވާ މީހުންނަށް ލޯތްބާއި އަޅާލުމާއި އިޖްތިމާއީ ރައްކާތެރިކަން ބޭނުންވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އެފަދަ ސަޕޯޓެއް ނުވަތަ އެއްބާރުލުމެއް ނުލިބިއްޖެ ނަމަ ކުރިން އުޅުނު އާދަޔަށް އަނބުރާ އިއާދަވުމަށް ނުވަތަ އެހެން ނުބައި އާދައަކަށް ދެވިހިފުމަކީ ދިމާވުން ދުރު ގޮތެއް ނޫނެވެ.

"މިވާ ގޮތަކީ ސޯޝަލް ސަޕޯޓް ސާވިސް ނެތީމަ ވަރަށް ފަސޭހަ އެމީހުން ނުބައި ގޮތަކަށް ހެއްލެން. ވަރަށް ބޮޑު ހަރާމް ކަމެއް މި ކުރެވެނީ. އެހެންވީމަ މި ހަރާމްކަންތައްތަކުން ސަލާމަތްވާން އެމީހާ ވެސް ހުންނަނީ ބޭނުންވެފަ. މީގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކޮށްފައި ތިބި މީހުން ވަރަށް ގިނަ. ސީރިޔާއަށް ދާ މީހުންގެ ތެރެއިން 30 ނުވަތަ 40 ޕަސެންޓު މީހުންނަކީ މަސްތުވާތަކެތި ބޭނުންކޮށްފައި ތިބި މީހުން،" މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާ "ޖާނީ" ގެ އިސްކޮށް މަސައްކަތް ކުރައްވާ، އަލީ އަދީބް ވިދާޅުވި އެވެ.

އެޑިކްޝަން ޕްރޮފެޝަނަލް އަދި ރިކަވަރީ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ އަދީބް ވިދާޅުވީ، މަސްތުވާތަކެއްޗަކީ، މުޖްތަމައުއިން ފެންނަ ވަރަށް ގިނަ ނުބައި އާދަތަކުގެ މަންމަ ކަމަށެވެ. އަދި މަސްތުވާތަކެތި ހުއްޓުވުމަށް މަސައްކަތް ކުރުމުން އެހެން ކުށްތައް ވެސް ދަށްވެގެންދާ ކަމަށް އޭނާ، ތަޖުރިބާގެ އަލީގައި ވިދާޅުވި އެވެ.

"މަސްތުވާތަކެތީގެ ޕްރިވެންޝަން ޕްރޮގްރާމުން އަސްލު ހަގީގަތުގައި ހުއްޓުވެނީ މަސްތުވާތަކެއްޗަށް ދިޔުމެއް ނޫން ހަގީގަތުގައި. އެހެން ބައިވަރު ކަންކަމަށް އެއިން އެބަ އެޑްރެސް ކުރެވޭ. މިސާލަކަށް މަސްތުވާތަކެތި ހުއްޓުވާ ޕްރޮގްރާމަކުން ބުލީ ކުރުމާއި ނަފްސާނީ ކަންކަމާއި ޅަ އުމުރުގައި ޖިންސީ ގުޅުން ހިންގުން ފަދަ ކަންކަމަށް ވެސް އެޑްރެސްކޮށް އެކަންކަން ދަށް ކުރެވޭ. ވަރަށް ބައިވަރު ކަންކަން ގުޅިފައި މި އޮންނަނީ މުޖްތަމައުގައި ހުންނަ މަސްތުވާތަކެތި ކަހަލަ ރިސްކް ފެކްޓާސްއާ،" އޭނާއަށް ލިބިފައި ހުރި އިލްމު އަދީބު ހިއްސާ ކުރެއްވި އެވެ.

އަދީބު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި މިހާ ދުވަސްވެ، މިހާ ބޮޑުވެފައި އޮތް އިރުވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ހަރުދަނާ ޕްރޮގްރާމެއް ނެތް ކަމަށެވެ.

"ދުނިޔޭގައި އެބަ ހުއްޓޭ އެނގެން މިވެނި ޕްރޮގްރާމެއް ހިންގީމަ ކުށްތައް މަދުވާކަން. އަޅުގަނޑު ސުވާލަކީ ކީއްވެތޯއޭ ރާއްޖޭގައި މިކަހަލަ ޕްރޮގްރާމުތައް ނުހިންގާ މި ތިބެނީ؟ ކަންތައްތައް ހުއްޓުވުމުގެ ސަގާފަތެއް، އަށަގަތުން ވަރަށް މުހިންމު. މިހާރު އަޅުގަނޑުމެންގެ މި އޮތީ ރިއެކްޓިވް ކަލްޗާއެއް. ބުލީ ކުރީމަ އެކަމަށް މި ރިއެކްޓް ކުރަނީ. އޭގެ ބަދަލުގައި ބުލީ ކުރުން ދަށް ކުރެވޭނެ ޕްރޮގްރާމްތައް އެބަހުރި. އަސްލު މައްސަލައަކީ އެއްވެސް ކަހަލަ ސްޓްރެޓެޖީއެއް ސަރުކާރުގައި ނެތުން. ހުރިހާ ސަރުކާރުން ވެސް މި ކުރާ ކަމަކީ ކެންސަރުގައި ބޭސް އެޅުން. ކެންސަރު ހުއްޓުވުން އެއަށްވުރެ މާ ރަނގަޅު،" ނިންމާލައްވަމުން އަދީބު ވިދާޅުވި އެވެ.

މަސްތުވާތަކެތި ހުއްޓާލަން ބޭނުންވި ދުވަހު، ރޭވިފައި އޮތް ނިޒާމެއްގެ ދަށުން އަދުހަމަށް މުޖްތަމައިން އެހީތެރިކަން ލިބުނު ނަމަ އޭނާ ބޮން ގޮއްވާލި މީހާގެ ގޮތުގައި މަޝްހޫރުވީސްތޯ އެވެ؟ ޓެރަރިޒަމްގެ ފިކުރު ފަތުރާ މީހުންނަށް ކަމާ ބެހޭ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ފާރަވެރިވި ނަމަ އެކަމުގެ ތެރެއަށް އަދުހަމަށް ވަދެވުނީސްތޯ އެވެ؟ ރައީސް ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލީ އަދުހަމެވެ. އެކަމަކު އަދުހަމް އުފެއްދީ އަހަރުމެން މި މުޖްތަމައިން ނޫންތޯ އެވެ؟