11 މޭ 2022 - 13:35 1
ފާތިމަތު ސާޔާ އަހުމަދު
އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެ ވަނަ އަދި އަނބިކަނބަލުން ރާނިއާ. -- ފޮޓޯ: އޭއެފްޕީ
11 މޭ 2022 - 13:35 1
އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެ ވަނަ އަންނަ ހުކުރު ދުވަހު އެމެރިކާގެ ވޮޝިންޓަނަށް ވަޑައިގެން ރައީސް ޖޯ ބައިޑެންއާ މަޝްވަރާ ކުރައްވަން ހަމަޖެހިއްޖެ އެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނުގައި ބުނީ ރަސްގެފާނުގެ ދަތުރުފުޅުގެ ސަބަބުން "އެމެރިކާ އާއި އުރުދުންގެ ގާތް އެކުވެރި ގުޅުން އިތުރަށް ވަރުގަދަ ވާނެ" ކަމަށެވެ.
"އުރުދުންއަކީ މެދުއިރުމަތީގެ ހަމަޖެހުމަށް މުހިއްމު ބާރެއް. އަދި އެއީ އެމެރިކާގެ އެކުވެރިއެއް، ސްޓްރެޓެޖިކް ބައިވެރިއެއް،" ބަޔާނުގައި ބުންޏެވެ.
މިއީ ބައިޑެން ވެރިކަމަށް ވަޑައިގެންނެވި ފަހުން އުރުދުންގެ ރަސްގެފާނު އެމެރިކާއަށް ކުރައްވާ ދެ ވަނަ ދަތުރުފުޅެވެ. މީގެ ކުރިން ޖުލައި 2021 ގައި ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ކުރީގެ ބައްދަލުވުމުގައި ބައިޑެން ވަނީ އެމނަިކުފާނާއި ރަސްގެފާނާ ދެމެދު އޮތް ދިގު ގުޅުން ފާހަގަކުރައްވައި، ރަސްގެފާނު އަބްދުﷲ ގެ ބައްޕާފުޅު ތަހުތުގައި އިންނެވި އިރު ވެސް ގާތް ގުޅުމެއް އޮތް ކަމަށް ވިދާޅުވެފަ އެވެ.
އުރުދުންގެ ރަސްގެފާން އެމެރިކާއަށް ވަޑައިގަންނަވާ އިރު، އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ފަލަސްތީނު މީހުންނާއި އިޒްރޭލަށް ނިސްބަތްވާ އަރަބިން ދޭތެރެ ދޭތެރެއިން ދޭ ހަމަލާތަކުގައި ޔަހޫދީން މަރުވަމުންދާ އިރު، އިޒްރޭލް ސިފައިންނާއި ފުލުހުންގެ އަމަލުތަކުގެ ސަބަބުން ފަލަސްތީން ރައްޔިތުން ވެސް ދަނީ މަރުވަމުންނެވެ.
އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު ގޯސްވިޔަ ނުދިނުމަށް މިދިޔަ އެޕްރީލް މަހު ރަސްގެފާން އަބްދުﷲ ގޮވާލެއްވި އެވެ.
Comment