Advertisement

ޗައިނާގެ ޒީރޯ ކޮވިޑް ސިޔާސަތަކީ ދެމެހެއްޓެނިވި ސިޔާސަތެއް ނޫން: ޑަބްލިއުއެޗްއޯ

ޗައިނާގެ ވޫހާންގައި މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ. -- ފޮޓޯ: އޭއެފްޕީ


ޗައިނާގެ ޒީރޯ ކޮވިޑް ސިޔާސަތަކީ ދެމެހެއްޓެނިވި ސިޔާސަތެއް ނޫން: ޑަބްލިއުއެޗްއޯ

ޖެނީވާ، ސްވިޓްޒަލޭންޑް (މޭ 10) - ބަލިމަޑުކަމާ ދެކޮޅަށް ޗައިނާއިން ގެންގުޅޭ ޒީރޯ ކޮވިޑް ސިޔާސަތަކީ ދެމެހެއްޓެނިވި ސިޔާސަތެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޗައިނާގައި ކުރިން ކޮވިޑް ބަލި ފެތުރިފައި ނުވާ މިންވަރަށް މިހާރު ފެތުރިފައިވާ އިރު، ހަރުކަށި ފިޔަވަޅުތައް އަޅައި 25 މިލިއަން މީހުންނާ އެކު ޝަންހާއީ ލޮކްޑައުންކޮށްފައި އޮންނަތާ ހަފްތާތަކެއް ވެއްޖެ އެވެ.

ޝަންހާއީގެ ލޮކްޑައުނާ ހެދި އާއްމުން ނުރުހުން ފާޅުކޮށް މުޒާހަރާ ވެސް ކުރި އެވެ. ވެރިރަށް ބެއިޖިންގައި ވެސް ދަތުރު ކުރުން މަދު ކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރު ދަނީ އަޅަމުންނެވެ.

"ޒީރޯ ކޮވިޑް ސިޔާސަތުގެ ވާހަކަ ދައްކާ އިރު، ވައިރަސް ހަރަކާތްތެރިވާ ގޮތާއި މުސްތަގްބަލަށް ލަފާ ކުރެވޭ ކަންކަމަށް ބަލާ ނަމަ، އެއީ ދެމެހެއްޓެނިވި ސިޔާސަތެއް ކަމުގައި އަޅުގަނޑުމެން ނުދެކެން،" ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

ޗައިނާގެ ތަޖުރިބާކާރުންނާ އެކު އަޅުގަނޑުމެން މިކަމުގައި މަޝްވަރާ ކުރިން. މިއީ ދެމެހެއްޓެނިވި ސިޔާސަތެއް ނޫން ކަމުގައި ވާނީ ފާހަގަކޮށްފައި. - ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް

ބަލި ފެތުރުން ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅުތަކާ އެކު ވަކިވަކި ފަރުދުންގެ އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށާއި އިގްތިސާދާއި މުޖުތަމައަށް ކުރާ އަސަރު ބެލެންސް ކުރަން ޖެހޭނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުންޏެވެ.

ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރު މާރިއާ ވޭން ކެރްކޮވޭ ވިދާޅުވީ ކޮވިޑް ވައިރަސް ފެތުރުން ހުއްޓުވުމަކީ ދުނިޔޭގެ އެއްވެސް ގައުމަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ ބަލި ފެތުރުން މަޑު ޖައްސާލުން. މިހާރު ބަލި ފެތުރެމުން ދަނީ ވަރަށް ހަލުވި މިނެއްގައި،" އޭނާ ވިދާޅުވި އެވެ.