Advertisement

ފައްޔާޒުގެ ޓީމުން ބުނީ ނުފޫޒު ފޯރުވަން އުޅޭކަމުގެ ތުހުމަތަކީ އިންތިގެ ކެމްޕެއިނު އުކުޅެއް ކަމަށް

10 މޭ 2022 - 19:45 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ހަސަން ލަތީފް: ވިދާޅުވީ ނުފޫޒު ފޯރުވަން އުޅޭކަމުގެ ޝަކުވާ ޕާޓީ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް


ފައްޔާޒުގެ ޓީމުން ބުނީ ނުފޫޒު ފޯރުވަން އުޅޭކަމުގެ ތުހުމަތަކީ އިންތިގެ ކެމްޕެއިނު އުކުޅެއް ކަމަށް

10 މޭ 2022 - 19:45 0

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ހޮވުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބުގައި ވޯޓުލާ ސަރުކާރު މުވައްޒަފުން ކަރުދާހުގައި ފާހަގަޖެހުމަށްފަހު ފޮޓޯ ނަގަން އަންގަމުންދާ ކަމަށް ކެންޑިޑޭޓް އިމްތިޔާޒް "އިންތި" ފަހުމީގެ ކެމްޕެއިނުން ކުރި ތުހުމަތު ދޮގު ކަމަށާއި އެއީ ކެމްޕެއިނު އުކުޅެއް ކަމަށް އޭނާއާ ވާދަކުރައްވާ ފައްޔާޒް އިސްމާއިލްގެ ޓީމުން މިއަދު ބުނެފި އެވެ.

ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގެ ކެމްޕެއިނުގެ ފަރާތުން ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، ވޯޓުގައި ބައިވެރިވާ ސަރުކާރުގެ މުވައްޒަފުން ވޯޓުލުމަށްފަހު ފާހަގަ ޖަހާފައިވާ ކަރުދާސްކޮޅު އޮފީސްތަކުގެ ވެރިންނަށް ފޮނުވަން އަންގަމުންދާ ކަމަށް "ކޮންމެވެސް ވަރަކަށް" މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމަކު ހަސަންއަށް ރައްދު ދެމުން އިންތިއާ ވާދަ ކުރައްވާ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ ޓީމުން ބުނީ އެ ތުހުމަތުތަކަކީ "ހުސް ދޮގު" ކަމަށެވެ.

"ފެށުނީއްސުރެ ވެސް އެމީހުންގެ ކަމަކީ ދޮގު ތުހުމަތު ކުރުން، ހަގީގަތެއް ނެތް ވާހަކަ ދެއްކުން. ކުންފުނިތަކުގެ މުވައްޒަފުންނަށް ފައްޔާޒްގެ ޓީމުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރާ އިރު ކުންފުނިތަކުގެ ސިޔާސީ މުވައްޒަފުން އެންމެ ގިނައިން ތިބީ ވެސް އިންތިގެ ކެމްޕޭނުގައި،" ފައްޔާޒުގެ ކެމްޕެއިނު މެނޭޖަރު އިބްރާހީމް ވަހީދު، މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އިންތިގެ ޓީމުން ގަވާއިދުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރުގެ މަގާމުގައި މިހާރު ހުންނެވި ހަސަން ވިދާޅުވީ ފައްޔާޒުގެ ޓީމުން ނުފޫޒު ފޯރުވަން އުޅޭކަމުގެ ވާހަކަ އޮފީހުގައި ޝަކުވާއެއްގެ ގޮތުގައި ދައްކާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު މިހާރު ކޮންމެވެސް ވަރަކަށް ލިބިފައި ހުރި ގޮތުގައި ސަރުކާރުގެ ބައެއް ކުންފުނިތަކުން އެބަ އަންގާ އެކުންފުނިތަކުގެ މުވައްޒަފުންނަށް، ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމަށް ފަހު އެ ތަންތަނާ ހަވާލުވެ ހުރި މީހާއަށް، ކުންފުނިތަކުގެ އިސް ބައެއް ބޭފުޅުންނަށް ފޮނުވަން،" މާފަންނު ހުޅަނގު ދާއިރާގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވި އިންތިގެ ފަރާތުން ހަސަން ލަތީފު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަނަކު ހޮވުމަށް މި އިންތިހާބު ބާއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ސިޔާސީ ގޮތުން މައްސަލަޖެހި، ޕާޓީގެ ބާރު ހޯއްދެވުމަށް ދެ ބޭފުޅުން ވެސް މަސައްކަތް ކުރައްވަމުންގެންދަވާ ދަނޑިވަޅެއްގަ އެވެ.

އިންތިއަކީ، ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާ ކެންޑިޑޭޓެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވަނީ އެމަނިކުފާނުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށެވެ. އިންތިހާބުގައި ވޯޓުލާން ހަތަރު ދުވަހަށްވެފައިވާއިރު ދެ ކެންޑިޑޭޓުންގެ ފަރާތުން އެތައް މަސްދުވަސް ވަންދެން ވަނީ ފޯރިގަދަ، ވާދަވެރި ކެމްޕެއިނެއް ހިންގައިފަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިންތިހާބެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މެމްބަރުންގެ އަދަދު 90،000 އަށް ވުރެ އިތުރެވެ. ނަމަވެސް މީގެ ކުރީގެ އިންތިހާބުތަކުގައި ވޯޓު ދީފައި ވަނީ ހައްގު ލިބޭ މީހުންނާ އަޅާބަލާއިރު އެވްރެޖްކޮށް މަދުންނެވެ.