Advertisement

ޕީޖީގެ ރައްދު: "ހެކި ލިބޭވަރުން އަދިވެސް ދައުވާ ކުރެވޭނެ"

10 މޭ 2022 - 09:47 0

ނާޒިމް ހަސަން

ނާޒިމް ހަސަން

އަލިމަނިކާއި ތަސްލީމް ކޯޓުގައި: ހެކި ލިބޭ މިންވަރުން އަދިވެސް ދައުވާތައް ކުރެވޭނެ ކަމަށް ޕީޖީ އޮފީހުން ބުނި


ޕީޖީގެ ރައްދު: "ހެކި ލިބޭވަރުން އަދިވެސް ދައުވާ ކުރެވޭނެ"

10 މޭ 2022 - 09:47 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު މީހުންނަށް އެކަމާ ގުޅޭ ދައުވާތައް ކޮށްފައިނުވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް ހެކި ލިބޭ މިންވަރަކުން ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް އަދިވެސް ދައުވާ އުފުލޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ހަމަލާއަށްފަހު ފުލުހުން ހިންގި ތަހުގީގުން ހާމަވި ގޮތުގައި, ހަމަލާ ރޭވުމުގައި މޭސްތިރިއެއްގެ ގޮތުގައި އުޅުނީ ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމެވެ. އަދި, ޓެރަރިސްޓް ޖަމާއަތުގެ ރާއްޖޭގެ "އަމީރު"ގެ ގޮތުގައި ހުރީ ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކެވެ. އެހެންވެ, އެ ދެ މީހުންނަށް ފުލުހުން ކުރި ބޮޑު ތުހުމަތަކަށް ބަލާއިރު, ޓެރަރިޒަމްގެ ބޮޑު ދައުވާއެއް އަންނާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

ނަމަވެސް, މިހާތަނަށް އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ އެވެ. އެ މައްސަލާގެ ޝަރީއަތް މިހާރު ހިންގަމުންދާއިރު, އަންނަ ސެޕްޓެމްބަރު މަހު ނިންމުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ތަސްލީމާއި އަލި މަނިކުގެ ހަމައެކަނި އެ ދައުވާކޮށްފައިވާތީ, ނަޝީދުގެ ވަކީލެއްގެ ގޮތުގައި ވެސް ކުރިން މަސައްކަތް ކުރެއްވި ހަސަން ލަތީފް ވިދާޅުވެފައިވަނީ ހަމަލާ ރޭވި ފަރާތްތަކަށް އެކަށީގެންވާ ދައުވާކޮށްފައި ނެތްކަން އެއީ ކަންބޮޑުވުމެއް ކަމަށެވެ. އެމީހުންނަށް އެ ދައުވާނުކޮށް އެފަދަ ހަމަލާތައް ތަކުރާރުވިޔަނުދީ ހިފެހެއްޓިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ހަސަން ފާހަގަ ކުރެއްވި އެވެ.

އެކަމަށް ރައްދު ދެއްވައި މިއަދު ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނެރުނު ބަޔާނުގައި ބުނީ ޓެރަރިޒަމްގެ ގާނޫނަށް އެންމެ ފަހުން ގެނެވުނު ބަދަލުތައް ނިޔާކުރާ ގޮތުން، ޓެރަރިޒަމްގެ މައްސަލައެއްގައި، ހާދިސާ ހިނގިފަހުން ވެސް ހެކި ލިބިއްޖެނަމަ، އެ މައްސަލައެއްގައި ދައުވާ ކުރުމަކަށް ހުރަހެއް ނެތް ކަމަށެވެ.

"...މިހާރު ވަކި މީހެއްގެ މައްޗަށް ދައުވާއެއް ކުރެވިފައި ނެތުމަކީ، އޭނާގެ މައްޗަށް ފަހުން ލިބޭ ހެއްކެއްގެ މައްޗަށް ދައުވާ ނުކުރޭނެކަމުގެ ހުއްޖަތެއް ނޫން. ވީމާ، މިމައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު، ނުވަތަ ހައްޔަރު ނުކުރި ނަމަވެސް، އެ މައްސަލައިގައި މިހާރު ކުރިއަށްދާ ތަހުގީގުތަކުން ހެކި ލިބޭ ބައެއްގެ މައްޗަށް ލިބޭ ހެކިތަކެއްގެ މައްޗަށް ބަލައި، ދައުވާ ކުރުމާމެދު މިއޮފީހުން ގޮތެއް ނިންމާނަން," ބަޔާނުގައިވެ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި, ނުރައްކާތެރި ހަމަލާގެ މައްސަލައިގެ ތަހުގީގާއި ދައުވާ ކުރުމުގެ ކަންތައް ހިނގަމުން ދިޔައީ، އެކަމަށް ގާނޫނުތަކުގައި ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި، ގާނޫނުގައި ކަނޑައަޅައިފައި އޮތް އުސޫލުތަކުގެ ތެރެއިންނެވެ. ހެކި ހޯދުމާއި، ހެކި ވަޒަންކުރުމާއި، ކޯޓަށް ދައުވާ ހުށަހަޅަން ތައްޔާރުކުރުމާއި، މިހުރިހާ ކަމެއް ހިނގައިދިޔައީ، ފުލު ހުންގެ ތަހުގީގު ޓީމުތަކާއި، ޕްރޮސިކިއުޓަރުންގެ ޓީމާ އެއްކޮށް މަސައްކަތް ކޮށްގެން ކަމަށެވެ.

މައްސަލައަށް ހާއްސަ ކޮށްފައިވާ ޕްރޮސިކިއުޓަރުންގެ ތެރެއިން ދެ މީހަކު، ހުރިހާ ވަގުތެއްގައިމެ ފުލުހުންނާ އެއްކޮށް މަސައްކަތް ކޮށްފައިވާ ކަމަށާއި އޭގެ ފަހުން، މައްސަލަ ދިރާސާ ކުރުމުގެ މަރުހަލާގައި، މައްސަލައަށް ބޭނުންވާ ވަރަށް، ރާއްޖޭންނާއި ރާއްޖޭން ބޭރުން ލިބެން ހުރި ވަސީލަތްތައް ފުރިހަމައަށް ބޭނުންކޮށްފައިވާނެ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި، އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާ އާއި އެހެނިހެން ގައުމުތަކުގެ ފަންނީ އެހީތެރިކަން މި މަސައްކަތަށް އަބަދުވެސް ލިބެމުން ގޮސްފައިވާ ކަމާއި ކުރިއަށް އޮތްތަނުގައި ވެސް ހޯދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނި ގޮތުގައި މައްސަލައިގައި ހިމެނޭ ކަމަށް، ހެކި ހުރެގެން ދައުވާކުރި މީހުންގެ ބައިތަކުގައި ވެސް، އެ އޮފީހުން ހުށަހެޅި ދައުވާތަކަށް ބާރުލިބޭ ކާފީ ހެކި ހުށަހަޅާފައިވާނެ އެވެ. ހެކީގެ ތެރޭގައި، އިއުތިރާފު ބަޔާނުގެ އިތުރުން، ޑީއެންއޭ އެވިޑެންސާއި، މާއްދީ ހެއްކާއި، ސައިންޓިފިކް ހެކިތަކާއި، ހަބީރުންގެ ބަހާއި، އެނޫންވެސް ހެކިތައް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

"މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތަކުގައި، އެ ހެކިތައް ހުށަހެޅުމުން، އެ ހެކިތަކުގެ ހަރުދަނާކަމާމެދު ގޮތެއް ނިންމުމަކީ، ކޯޓުތަކާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާއެއް, އެފުރުސަތު ކޯޓުތަކަށް ލިބިދޭންވާނެ," ބަޔާނުގައިވެ އެވެ.

ޕީޖީ އޮފީހުން ފާހަގަކުރި ގޮތުގައި ދައުވާ ކުރުމުގެ ކަންކަން ބެއްލެވުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ސްޕެޝަލް އެންވޯއީ އައްބާސް ފާއިޒު ގެންދެވީ، ތަހުގީގާއި ދައުވާކުރުމުގެ ކަންކަން ހިނގަނީ ބައިނަލްއަގްވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތަށްކަން ކަށަވަރު ކުރެއްވުމަށް، އެކަންކަން ގާތުން ބައްލަވަމުން ކަމާއި ތަހުގީގާއި ދައުވާކުރުމުގެ މަރްހަލާތަކުގައި އެމަނިކުފާނުގެ ކަންބޮޑުވުމެއް މިވަގުތު ނެތް ކަމަށް، އެމަނިކުފާނު ވަނީ ވިދާޅުވެފައިވެ އެވެ.