Advertisement

ނަޝީދަށް ދިން ހަމަލާ، ފަންޑުކޮށްދޭ ސެލްއެއް ނެތި ކުރި ކަމެއް؟

12 މޭ 2022 - 09:01 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން ރޭ އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: އަދަދު


ނަޝީދަށް ދިން ހަމަލާ، ފަންޑުކޮށްދޭ ސެލްއެއް ނެތި ކުރި ކަމެއް؟

12 މޭ 2022 - 09:01 1

އެއީ ރާއްޖޭގެ ތާރީހުގައި ވެސް ގޮއްވާލި އެންމެ ނުރައްކާތެރި ބޮމެވެ. ވަކި މީހަކަށް އަމާޒުކޮށް ދިން ހަމަލާއެއް ނަމަވެސް, ޓެރަރިސްޓުންގެ މިޝަން ކުރިއަށް ގެންދިޔައީ ދޮޅު ލައްކައަށްވުރެ ގިނަ މީހުން، ފިތިބާރުވެގެން ދިރިއުޅޭ އެއް ކިލޯމީޓަރުގެ ވެރިރަށުގެ، އެންމެ ބޮޑު މަގުގެ މެދުގައި، ރައްޔިތުން ގުރުބާން ކުރުމަށްފަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއިން މަގު މަތީ ތިބި އެހެން މީހުންނަށް އަނިޔާތަކެއް ލިބުނެވެ.

ދީނީ ގޮތުން އުފެދޭ ހިޔާލުތަފާތުވުންތަކަކާ ގުޅިގެން އުފެދޭ ނަފުރަތުން އެއް ބައެއްގެ ނުވަތަ ވަކި ސިޔާސަތުތަކެއް ގަބޫލު ކުރާ ބައެއްގެ ލޭ ހުއްދަ އެބަ ކުރެ އެވެ. ދީނީ ގޮތުން ހަރުކަށި، ޓެރަރިޒަމްގެ ވިސްނުމުގެ މިފަދަ ގްރޫޕްތައް ހިންގަނީ ވަކިވަކި ސެލްތަކެއް ގޮތުގައި ކަމަށް ބެލެވިފައިވެ އެވެ. މީގެ އަހަރު ދުވަސް ކުރިން ދިން ހަމަލާއަކީ ވެސް އެ ގޮތަށް ދުރާލާ ރޭވިގެން އެކި ސެލްތަކަށް އެކި ޓާސްކް ހަވާލުކޮށްގެން ދެވުނު ހަމަލާއެއް ގޮތުގައި އަދިވެސް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

"ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހައްޔަރުކޮށްފައިވީ ނަމަވެސް ހަމަލާ ދޭން ސްޕޮންސާކުރި ނުވަތަ ފައިސާ ދީ ފަންޑުކުރި މީހުން، ހަމަލާދޭން ވިސްނުވައިދިން މީހުން އަދި އެހެން ގޮތްގޮތުން ވެސް އެހީތެރިވެދިން މީހުން ހޯދިފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" ހަމަލާއަށް އަހަރެއް ފުރުމާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިނގިރޭސި ބަހުން ނެރުއްވި ބަޔާނުގައިވެ އެވެ.

ގިނަ ބަޔަކަށް އޭރު ވެސް ގަބޫލު ކުރެވުނު ކަމަކީ އަތުލައިގަތީ އަމަލީ ގޮތުން ބައިވެރިވި މަދު ބަޔަކު އެކަންޏެވެ. އެއަށް ފައިސާ ހަރަދުކޮށް ފަންޑުކޮށްދިނުމުގައި ފޮރުވިގެން ބަޔަކު ތިބޭނެ އެވެ. އެ ބަޔަކު ހޯދަން ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ. ނަމަވެސް ފުލުހުންގެ ތަހުގީގުތަކުން ހޯދުނު ކަމަކީ ހަމަލާ ދިނީ އެހެން ސެލްއަކުން ފަންޑުކޮށްގެން ކަމަށް ބެލެވެން ނެތް ކަމުގަ އެވެ. އަދި އެ ކަން ކުރީކީ ފައިސާގެ އިނާމެއް ބަޔަކަށް ހަވާލުކުރާ ގޮތަށް، ބަޔަކަށް އެ ޓާސްކް ދެވޭ އުސޫލަކުން ވެސް ނޫން ކަމުގަ އެވެ.

ފުލުހުން އެހެން ބުންޏަސް، ނަޝީދުގެ ފަރާތުން އަދިވެސް ތުހުމަތު ކުރަނީ އެއީ އަމަލީ ގޮތުން ބައިވެރިވި ސެލްއިން އެކަނި ކުރެވޭނެ ކަމެއް ނޫން ކަމުގަ އެވެ.

ޓެރަރިޒަމް ގްރޫޕްތައް ހިންގާ ގޮތް؛ ފަންޑް ކުރަން ވަކި ސެލްއެއް!

މީގެ ދެ އަހަރު ކުރި އެވެ. މަރުތައް ތަހުގީގު ކުރަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ އޭރުގެ ރައީސް ހުސްނުއްސުއޫދު އެ ދުވަހު ވިދާޅުވި ގޮތުގައި، ރާއްޖޭގައި މި ގްރޫޕްތައް އޮޕަރޭޓް ކުރަނީ ވަކިވަކި ސެލްތަކަށެވެ.

ލޭ ހުއްދަ ކުރި މީހާ ނައްތާލުމުގެ އަމަލީ މަސައްކަތް ކުރަނީ ވަކި ސެލްއެކެވެ. އެކަން ކުރާނެ ގޮތް ރާވަނީ އަދި ވަކި އެހެން ސެލްއެކެވެ. އެ ކަމަށް ބޭނުންވާ ފަންޑު ހޯދަނީ ވަކި ސެލްއެކެވެ. ފަންޑު ހަމަކޮށް ފައިސާ ހޭދަ ކުރަނީ އަދި އެހެން ސެލްއެކެވެ. މިއިން އެއް ސެލްގެ ބަޔަކަށް ދެން ތިބި ސެލްގެ މީހުން ވެސް ނޭނގެ އެވެ. މިއީ މިފަދަ ގްރޫޕްތަކުން ލޭ ހުއްދަ ކުރާ މީހާ ނައްތާލުމުގެ އޮޕަރޭޝަން ހިންގާ ގޮތް ކަމުގަ އެވެ.

"ހަނގުރާމަ އަށް މީހުން ފޮނުވަން މަސައްކަތްކުރަނީ ހައެއްކަ މީހުންގެ މައްޗަށް އެކުލެވޭ ސެލްތަކެއް، ހުރިހާ ސެލްތަކެއްގެ މައްޗަށް އޮންނަނީ ބޮޑު ޖަމާއަތެއް، މިހެން ހަދަނީ ހަރަކާތްތައް ހިންގާ މީހުން ހޯދައިގަތުން އުނދަގޫ ކުރުމަށް، ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ވެސް ހައްޔަރުކޮށްފައި އެ ތިބީ އެފަދަ ކުޑަ ސެލްއެއް،" ސުއޫދު އެ ދުވަހު ވިދާޅުވި އެވެ.

ސެކިއުރިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަލީ ނައުޝާދު ވިދާޅުވެފައިވާ ގޮތުގައި ވެސް ފަންޑު ކުރި ބަޔަކު ތިބި ނަމަވެސް ސެލްތައް އޮޕަރޭޓް ކުރާ ގޮތުން އެ ބަޔަކު ހޯދަން ދަތިވާނެ އެވެ. އާންމު ގޮތެއްގައި ޓެރަރިސްޓް ގްރޫޕްތައް އޮޕަރޭޓް ކުރާނީ ވެސް އެންމެ އިސް މީހުން ފޮރުވި ތިބެވޭނެ ގޮތަކަށް ސެލްތައް އޮޕަރޭޓް ކުރާ ގޮތަށެވެ. އޭގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ސެލްގެ އިތުރަށް ވެސް ރޭވުމުގައި އުޅޭ ވަކި ސެލްއަކާއި ފަންޑު ކުރަން ވަކި ސެލްއެއް ހަމަ އޮވެދާނެ އެވެ.

"އޮޕަރޭޓް ކުރާ މީހުން ހޯދުން ކަމުގައިވި ނަމަވެސް އެމީހުންނަށް ވެސް ގިނަފަހަރު ނޭނގޭނެ ފަންޑު ކުރި މީހުން. އަދި ކަން ކުރާއިރު މި ވަނީ ކީއްކަން ވެސް އޮޕަރޭޓް ކުރާ މީހުންނަށް ނޭނގޭ. ހާދިސާ ހިނގީމަ އެމީހުންނަށް ވެސް އެނގެނީ މިވީ ކީއްކަން. ވަރަށް ބޮޑަށް ސްޓްރެޓަޖިކަލީ ރާވައިގެން ފަންޑު ކުރާ މީހުން ކުރާނީ،" ނަައުޝާދު ކިޔައިދެއްވި އެވެ.

ފަންޑުނުކޮށް ވެސް ކުރެވޭނެ ކަމެއްތަ؟

ރާއްޖޭގެ ޓެރަރިޒަމް އިންޓެލިޖެންސްގެ ބޭފުޅުން ކުރިން ވެސް މި ހަމަލާއާ ގުޅޭ ގޮތުން ވިދާޅުވެފައިވަނީ މިފަދަ ކަމެއް ފަންޑުކޮށްދޭ ސެލްއެއް ނެތި ވެސް ކޮށްފައި އޮވެދާނެ ކަމުގަ އެވެ. އެ އަންނަ ރުޅިވެރިކަމުގައި، ދެން ތިބި ސެލްތަކަށް ނޭނގި ވެސް ކުޑަ ސެލްއެއް މަސައްކަތް ކޮށްފާނެ ކަމުގަ އެވެ.

"ކޮންމެ ކަމަކީ ފަންޑުކޮށްގެން ކުރާ ކަމެކޭ ވެސް ބުނަން އުނދަގޫ. އެ މީހުންގެ ގްރޫޕެއްގެ ތެރޭގައި ވަރަށް ސިއްރުކޮށް އޮޕަރޭޓްކޮށް މާބޮޑު ފަންޑެއް ނެތި ވެސް ކޮށްފާނެ،" ސެކިއުރިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނައުޝާދު އަލީ ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި އޮޕަރޭޓް ކުރާ ހަރުކަށި ފިކުރުގެ ގްރޫޕެއްގެ މައުލޫމާތު އެނގޭ އެހެން މީހަކު ނަން ނުޖަހާ ގޮތަށް ކިޔައިދިން ގޮތުގައި، އެ ގްރޫޕްގެ އެތެރޭގައި ވެސް ހިޔާލު ތަފާތުވުންތައް އުފެދޭ ކަންކަން ހުރެ އެވެ. އަދި އެއް ސެލް، އަނެއް ސެލް ނޭނގޭ ގޮތަށް މުއާމަލާތް ހިންގާތީ ވެސް މަތީ ސެލްއަކަށް ނޭނގޭ ގޮތަށް ކުޑަ ސެލްއަކުން ވެސް ކަމެއް ރާވާފައި ހިންގަން މީގެ ކުރިން ވެސް އުޅެފައި ހުރި ކަމެވެ.

"އައިސޮލޭޓެޑް އެޓޭކަކަށް ހަމަ ވެދާނެ، އެ ސާކަލް މީހުން އެކަނި ގޮސް ވެސް ކޮށްފާނެ، އެ އަންނަ ރުޅިވެރިކަމުގައި ބައެއް ފަހަރު އަނެއް ސެލްއަށް ނާންގާ އެބަ ކުރޭ، ސެލްތައް ވަކިން، އެއް ބަޔަކު އަނެއް ބަޔަކު ނޭނގޭ ގޮތަށް މުއާމަލާތް ކުރާތީ ވެސް ނޭނގޭނެތާ ވަކިން ރާވައިގެން މިފަދަ ކަމެއް ކޮށްލިއަސް،" އޭނާ ބުންޏެވެ.

ފަންޑު ކުރި ބަޔަކު ހޯދުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ފުލުހުންގެ ތަރުޖަމާނު ޔޫނުއްސޮބާހް ވިދާޅުވީ މިހާތަނަށް ވެސް ފުލުހުންނަށް ތަހުގީގަށް ހޯދިފައިވާ ކަންކަމަކީ ކުރިން ވެސް ފުލުހުން ހާމަކުރި ކަންކަން ކަމަށެވެ. އެ ކަމަށް ކުރަން ޖެހުނު ހަރަދުތައް ވެސް ކުރި ކަމަށް ފެންނަން އޮތީ، އަމަލީ ގޮތުން ބައިވެރިވި ސެލްގައި އުޅޭ މީހުން އެ ކަމަށް ކުރި ހަރަދުތަކެވެ.

ހަމަލާއަށް ކުރި ހަރަދުތައް

  • 18،000 ރ. އަށް ސައިކަލެއް ގަތް، ބޮން ހަރުކުރަން ގަރާޖަކުން ސައިކަލު މަރާމާތު ކުރަން ފައިސާއެއް ހަރަދު ކުރި.
  • އައިއީޑީ ބޮން ތައްޔާރު ކުރަން ބޭނުންވާ ތަކެތި ގަންނަން ފައިސާ ހޭދަ ކުރި. އެ ތަކެތި ގަތީ މާލޭގެ އެކި ފިހާރަތަކުން.
  • އިތުރަށް ކުރި ހަރަދަށް ފެންނަން އޮތީ ހަމަލާތައް ރާވަން ވެގެން ބައްދަލު ކުރަން ބައެއް ފަހަރު ގެސްޓް ހައުސްތަކުގެ ކޮޓަރި ދުވަހު ކުއްޔަން ހިފަން ހޭދަ ކުރި ވަރެއް

ނަޝީދަށް ނުރައްކާ އޮތް ކަމަށް އަދި އަވަހާރަކޮށްލަން ތިން މިލިއަން ޑޮލަރު ހަރަދުކޮށް ބަޔަކަށް ހަވާލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިޔްލާސް ލަބީބް މާ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް މައުލޫމާތު ދީފައިވެ އެވެ.

ފަންޑު ކުރި ކަމަށް ބެލެވޭ އެ ކަމާ ގުޅޭ ގޮތުން، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވި ގޮތުގައި، ހަމަލާގެ ތަހުގީގުގައި އިލްޔާސް ދިން މައުލޫމާތުތަކަށް ބެލިއިރު އެފަދަ ހެއްކެއް ވެސް ފެނިފައެއް ނުވެ އެވެ.

"މިހާތަނަށް ސީދާ ގޮތުން އެ މައުލޫމާތާއި މި މައްސަލާގައި މި ހަމަލާ ދިން މީހުންގެ އަމަލާ ސީދާ ގޮތުން ގުޅުވޭނެ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ފެނިފައި ނުވާކަން އަޅުގަނޑު ފާހަގަ ކޮށްލަން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޔާޒް ވިދާޅުވެފައިވެ އެވެ.

ތަހުގީގު އިތުރު އޭންގަލްތަކަށް ފުޅާކުރަން ޖެހޭ

މި މައްސަލައިގެ ތަހުގީގާއި ޕްރޮސެކިއުޝަންގެ ކަންކަން ކައިރިން ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާފައިވާ މަންދޫބު، އައްބާސް ފާއިޒް ފާހަގަ ކުރެއްވި ގޮތުގައި އެ ހަމަލާގެ ފަހަތުގައި އިތުރު މަގްސަދުތަކާއި ލިންކްތަކެއް އޮވެދާނެ ކަމަށް ބެލެވޭ އިތުރު އެންގަލްތަކެއް ހުރި ކަމުގަ އެވެ. އެ ހުރިހާ ދިމާއަކަށް އެ ތަހުގީގު އަދިވެސް ފުޅާ ކުރަން ޖެހޭ ކަމުގަ އެވެ.

"މި ހަމަލާއާ ގުޅޭ ގޮތުން ގަބޫލު ކުރެވޭ އިތުރު ކަންބޮޑުވުންތަކެއް އެބަ ހުރި، އެއީ މޭ ހައެއް ހަމަލާ އެގްޒެކެޓިވް ކޮށްފައި އޮތީ މާލީ އެހީތެރިކަމެއް ނުލިބި ކަމަށް ބެލެވެން ނެތް، އެ ކަން މިހާރު ތުހުމަތު ކުރެވޭ މީހުންގެ ސާކަލް އިން ނިމޭނެ ކަމަށް ނުބެލެވޭ، އެހެންވެގެން ތަހުގީގުގައި އިތުރު ލިންކްތައް ހުރިތޯ ބަލަން ޖެހޭ،" ހަމަލާއަށް އަހަރެއް ފާއިތުވުމާ ގުޅިގެން އައްބާސް ނެރުއްވި ބަޔާނުގައިވެ އެވެ.

އައްބާސްގެ އެ ބަޔާނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އިތުރު މޯޓިވްތަކާއި ލިންކްތަކަށް ނުބަލާ މުޅި ހަމަލާގެ ހަގީގަތް ނުހޯދޭނެ ކަމަށެވެ. މި ގޮތުން ރައީސް ނަޝީދަކީ ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅަކަށް ވާތީ، ސިޔާސީ މަގުސަދެއް ވެސް އެ ކަމުގައި އޮވެދާނެ ކަމަށް ބަލައި ވެސް ތަހުގީގު ހިންގަން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް މި ބުނަނީ، ދިވެހި ރައްޔިތުން ވެސް މި ބުނަނީ، ގަބޫލު ކުރަން ދައްޗޭ، އެ ހަމަލާއަކީ ހަމައެކަނި އެ ހަތަރު ފަސް މީހުންގެ ރޭވުމުން އެކަނި ހިންގާފައި އޮތް ކަމެއް ކަމަށް، މި ކަމުގައި ޝާމިލްވާ އިތުރު ފަރާތްތައް ރަނގަޅަށް ދެނެގުނަވޭހާ ހިނދަކު ނަޝީދަށް އެއްވެސް ރައްކާތެރި ކަމެއް ނެތް،" ޓީވީ ޕްރޮގްރާމެއްގައި އީވާ ދެއްކެވި ވާހަކައިގައި ވިދާޅުވި އެވެ.

ފުލުހުންގެ ތަރުޖަމާނު ސޮބާހް ވެސް ވިދާޅުވީ، ފަންޑު ކުރުމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ހުރިނަމަ ބަލަމުންދާނެ ކަމަށެވެ. އެފަދަ މައުލޫމާތެއް މިހާތަނަށް ވެސް ނުލިބޭއިރު، ލިބިއްޖެނަމަ އެ ކަމަށް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ނަޝީދަށް ހަމަލާ ދިން މުޅި މައްސަލަ އަދިވެސް އޯޕަން ކޭސްއެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަނީ، އިތުރަށް އެއްވެސް މައުލޫމާތެއް ލިބިއްޖިއްޔާ ތަހުގީގު ކުރަމުން ދާނެ," އޭނާ ވިދާޅުވި އެވެ.

ހުރިހާ ވާހަކައަކަށް ވަށާޖެހޭ ގޮތަށް ވިސްނާއިރު މިފަދަ ކޮންމެ ހަމަލާއަކަށް ފަންޑުކޮށްފައި އޮންނާނޭކަމަށް ޔަގީނަށް ބުނާކަށް ނޭނގޭނެ އެވެ. މި ހުރިހާ ކަމެއް ގުޅެނީ ފުލުހުންގެ ތަހުގީގާ އެވެ. ކަމުގެ ހަގީގަތް ހޯދޭނީ ތަހުގީގުތައް އިތުރަށް ފުޅާކޮށް ސީރިއަސްކޮށް މި ކަންކަން ބަލައިގެންނެވެ.