Advertisement

ބޮމުގެ މައްސަލައިގައި ހައްޔަރު ކުރިއިރު ފާތިހުއަކީ ފުލުހުއް ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގުކޮށްފި

10 މޭ 2022 - 00:18 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަހުމަދު ފާތިހު: އޭނާ ދޫކޮށްލީ ދައުވާ ނުކުރަން ނިންމާފައިވާތީ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އަދަދު ފައިލް


ބޮމުގެ މައްސަލައިގައި ހައްޔަރު ކުރިއިރު ފާތިހުއަކީ ފުލުހުއް ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގުކޮށްފި

10 މޭ 2022 - 00:18 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މާލޭގައި ބޮން ގޮއްވި މައްސަލައިގައި ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހު އެ މައްސަލައިގައި ހައްޔަރުކުރިއިރު ހުރީ ފުލުހުންގެ ވަޒީފާގައި ކަމަށް ބުނެ ކުރަމުންދާ ތުހުމަތުތައް ފުލުހުންގެ އިދާރާއިން ދޮގުކޮށްފި އެވެ.

މިދިޔަ ހަފްތާގައި ރައީސް ނަޝީދަށް ދިން ހަމަލާއަށް އެއް އަހަރު ފުރުނުއިރު އެ މައްސަލައިގެ ތަހުގީގުގައި އިހުމާލުތަކެއް ހުރި ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ތަހުގީގީ އިދާރާތަކަށް އަމާޒުވި އެވެ. އޭގެ ތެރެއިން ދައުރުވި އެންމެ ބޮޑު ތުހުމަތަކީ ފާތިހު ފުލުހުންގެ ވަޒީފާއިން ވަކީކުރީ ހައްޔަރުކުރުމުން ކަމަށް ބުނެ ކުރާ ތުހުމަތުތަކެވެ.

އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ "އެ ހަމަލާ ދެވުނު އިރު އަދި ހައްޔަރުކުރި އިރުވެސް ފުލުހުންގެ ވަޒީފާގައި" ފާތިހު އުޅުނު ކަމަށް ބުނެ ދައުރު ކުރަނީ "އެއްވެސް އަސްލެއް ނެތް ދޮގު" ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

އެގޮތުން، އޭނާ ފުލުހުންގެ ވަޒީފާއާ ގުޅުނީ ނޮވެމްބަރު 25، 2018 ގައި ކަމަށާއި އަދި އަމިއްލައަށް އެދިގެން ފެބްރުއަރީ 3، 2021 ގައި އޭނާ އެ ވަޒީފާއިން ވަކިވި ކަމަށް މިރޭ ބަޔާނެއް މެދުވެރިކޮށް ފުލުހުން ހާމަކޮށްފައިވެ އެވެ.

"މި މައްސަލައިގެ ތަހުގީގު ކުރެވެމުން ދިޔައިރު، ތަހުގީގު ހިނގާ ނުހިނގާގޮތް ބެލުމަށް އެކުލަވާލެވުނު ހުރިހާ ފަރާތަކާ ދިވެހި ފުލުހުންގެ ހިދުމަތުންވާނީ އަހުމަދު ފާތިހު އަކީ ހަމަލާ ދެވުނު އިރު އަދި ހައްޔަރު ކުރެވުނު އިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި ފަރާތެއް ނޫންކަން ބަޔާންކޮށްފަ އެވެ. އަދި މި މަޢުލޫމާތު މިޑިއާތަކަށްވެސް ކުރިން ވާނީ ފޯރުކޮށްދީފަ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މަޖީދީމަގު މެދުގައި ގޮއްވާލި އެ ބޮމުގެ މައްސަލައިގައި ފުލުހުން ފާތިހު ހައްޔަރުކޮށްފައި ވަނީ ބ. ދަރަންވަންދޫގައި ހުއްޓަ އެވެ. އޭނާ އެ ރަށަށް ފުރީ ކައިވެންޏެއް ކުރުމަށް ކަމަށްވެ އެވެ. އަދި ހައްޔަރު ކުރީ ކައިވެނި ކުރި ހަފްތާގަ އެވެ.

ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގައި ކުރިން މަސައްކަތް ކުރި ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމީ އޭނާގެ މައްސަލަ ކޯޓަށް ހުށަހަޅާނެވަރުގެ ހެކި ނެތުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީގެކުރިން ހާމަކޮށްފައިވެ އެވެ. މިރޭ ފުލުހުން ނެރުނު ބަޔާނުގައި ވެސް އެކަން ފާހަގަކޮށްފައިވެ އެވެ.

ފުލުހުން ވަނީ އެފަދަ މައުލޫމާތުތައް ހޯދުމުގައި ސައްހަ އިތުބާރު ހިފޭ މަސްދަރުތަކުން ހޯދުމަށް އިލްތިމާސްކޮށްފަ އެވެ.