Advertisement

ލެކްޗަރާއިންގެ މުސާރައިގެ އާ އޮނިގަނޑު ވަރަށް އަވަހަށް ނިމޭނެ: ފިނޭންސް

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ލެކްޗަރާއިންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް މިނިސްޓްރީން ބުނޭ


ލެކްޗަރާއިންގެ މުސާރައިގެ އާ އޮނިގަނޑު ވަރަށް އަވަހަށް ނިމޭނެ: ފިނޭންސް

ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަތަކުގެ އޮނިގަނޑު ބަދަލު ކުރުމުގެ މަސައްކަތުގައި އެންމެ ފުރަތަމަ ސްކޫލްތަކާއި އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރާ ޓީޗަރުންގެ މުސާރަ ބޮޑު ކުރެވުނު ނަމަވެސް, ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންގެ މުސާރަ ބޮޑު ކުރި އިރު، ސަރުކާރުން ހިންގާ ދެ ޔުނިވާސިޓީ ކަމަށްވާ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ލެކްޗަރާއިންގެ މުސާރަ ހިމަނާފައި ނެތުމުން އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ދެ ޔުނިވާސިޓީގެ މުވައްޒަފުން މިއަދު ވަނީ ހިމޭން އިހްތިޖާޖެއް ކޮށްފަ އެވެ.

އެ އިހްތިޖާޖާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ހަމަހަމަ މުސާރަ ނުވަތަ ޕޭގެ ފްރޭމްވޯކް އެކުލަވާލުމުގެ މަސައްކަތަކީ ގިނަގުނަ ދިރާސާތަކެއް ކުރެވިގެން އަދި ބަޖެޓް ކުރެވިގެން ވަކި ޕްރޮސެސްއެއްގެ ތެރެއިން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.

"ލެކްޗަރާއިން އާ ޕޭ ފްރޭމް ވޯކަކަށް ބަދަލު ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ދާދި ފަހުން މިނިސްޓަ އޮފް ފައިނޭންސް އިބްރާހީމް އަމީރު ވެސް ވަނީ ލެކްޗަރާއިން އާ ޕޭ ފްރޭމް ވޯކަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމާއި އެ ކަން ދާދި އަވަހަށް ނިމުމުކަށް އަންނާނެ ކަން މީޑިއާއާ ހިއްސާކޮށްފައެވެ." ލެކްޗަރާއިންގެ މުސާރަ ވަރަށް އަވަހަށް ބޮޑު ކުރެވޭނެ ކަމުގެ ޔަގީންކަން ބަޔާނުގައި ދީފައިވެ އެވެ.

ލެކްޗަރާއިން މިއަދު ކުރި އިހްތިޖާޖްގައި މުސާރަ ރަނގަޅު ކޮށްދިނުމުގެ އިތުރަށް، އިތުރު އިނާޔަތްތައް ވެސް ލެކްޗަރާއިންނަށް ހަމަޖެއްސުމަށާއި، އާ އޮނިގަނޑުގެ މައުލޫމާތު ވީހާވެސް އަވަހަށް ހިއްސާކޮށްދޭން ޑިމާންޑްކޮށްފައިވެ އެވެ. އަދި އެހެން ޓީޗަރުންނެކޭ އެއް ގޮތަށް ލެކްޗަރާއިންގެ މުސާރަ ވެސް މި މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޮޑުކޮށްދޭން ގޮވާލާފައިވެ އެވެ.

ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއިން ވެސް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ބައްދަލުވާން އެޕޮއިންޓްމަންޓްއަކަށް ވެސް އެދިފަ އެވެ. މިއަދު ފެށި އިހްތިޖާޖް ނިންމާލާނީ މުސާރަ ބޮޑުވުމުން ކަމަށް ލެކްޗަރާއިން ބުނެފައިވެ އެވެ.

ޓީޗަރުންގެ މުސާރަ، ކުރިން ހުރި ވަރަށް ވުރެ ގާތްގަނޑަކަށް 50 ޕަސެންޓުން އިތުރުވާ ގޮތަށް މުސާރައިގެ އާ އޮނިގަނޑު ސަރުކާރުން އިއުލާނުކުރީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. ލެކްޗަރާއިންގެ ޑިމާންޑަކީ ވެސް އެވަރަށް މުސާރަ ބޮޑުކޮށްދިނުމެވެ.

ޓީޗަރުންގެ މުސާރައަށް ގެނައި ކުރިއެރުމާއެކު ކުރިން 20،000ރ. ލިބުނު ޕްރިންސިޕަލަށް މިހާރު 30،000ރ. އިން މަތިން މުސާރަ ލިބޭނެ އެވެ. ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ 16،000ރ. އިން 24،000ރ. އަށް އިތުރުވެއްޖެ އެވެ. ކުރިން 10،000ރ.، 12،000ރ. އަދި 14،000ރ. ލިބޭ ޓީޗަރުންނަށް މެއި މަހުގެ މުސާރައިގެ ގޮތުގައި 13،000ރ.، 19،000ރ. އަދި 20،000ރ. ލިބޭނެ އެވެ.