Advertisement

ހަމަލާއާ ގުޅޭ ގޮތުން ނަޝީދުގެ ސީރިއަސް ތުހުމަތުތަކެއް އަނދުން ހުސައިނަށް


ހަމަލާއާ ގުޅޭ ގޮތުން ނަޝީދުގެ ސީރިއަސް ތުހުމަތުތަކެއް އަނދުން ހުސައިނަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ދިން ބޮމުގެ ހަމަލާއާ ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން) އަށް ސީރިއަސް ތުހުމަތުތަކެއް ނަޝީދު ކުރައްވައިފި އެވެ.

ނަޝީދަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓްރީ އާއި ސަރުކާރަށް ވަރަށް ކުރިއާލާ އެނގުނެވެ. ނަމަވެސް އެކަމަށް ފިޔަވަޅުތަކެއް ނޭޅި ހުއްޓައި އެމަނިކުފާނުގެ ސެކުއިރިޓީ ފޫއަޅުވާލުމުން ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ކުރިން ވެސް އަމާޒުވި އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއަށް އަހަރެއް ފުރި އެ ވާހަކަތައް އަލުން ގަދަވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްއަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ހަމަލާގެ ތަހުގީގަށް މެންބަރު ހުސައިން ހުރަސް އަޅަމުންދާ ކަމަށް ލިޔުއްވައިފަ އެވެ.

"ހުސައިން ތިޔަ ހުންނަވަނީ އެ ކަން ފޮރުވާ ކުރާ މަސައްކަތުގައި ބައިވެރިވެގެން،" ނަޝީދުގެ މެސެޖްގައިވެ އެވެ.

ނަޝީދު އެހެން ވިދާޅުވުމާ އެކު ހުސައިން ޝަހީމް ވަނީ ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ މުޅި ތަހުގީގުގައި ހިނގާ ކަންކަން ފޮރުވައި، ތަހުގީގަށް ހުރަސް އެޅޭ ވަރުގެ "އެފަދަ ކަމެއް ކުރެވޭނެ މީހެއް ނޫން" ކަމަށެވެ.

އެހެން ވިދާޅުވުމުން ނަޝީދު އަނެއްކާ ވެސް މެސެޖްތަކެއް ފޮނުއްވި އެވެ. މި ގޮތުން އެއީ ހުސައިން އެކަނި ކުރި ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅު ނުވާ ކަމަށް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު މަރަލާން ދިން ބޮމުގެ ހަމަލާއާ ގުޅޭ ތަހުގީގަކީ ހަމައެކަނި ހުސައިންގެ ކަމެއް ކަމަކަށް އަޅުގަނޑު ވެސް ނުދެކެން،" ރައީސް ނަޝީދު ލިޔުއްވާފައިވެ އެވެ.

ނަޝީދުގެ އެ ވާހަކަތައް ހުސައިން ދެން ގުޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށެވެ. ހުސައިން ވިދާޅުވީ އެ އިންތިހާބުގައި ވަކި މީހަކަށް އޭނާ ތާއީދު ކުރީތީވެ، އެފަދަ "ދޮގު އިލްޒާމުތަކެއް" އޭނާ ބޮލުގައި އަޅުވައިގެން ނުވާނެ ކަމުގަ އެވެ.

އެމްޑީޕީގެ އެތެރޭގެ އެ އިންތިހާބުގައި ނަޝީދުގެ ތާއީދު އޮތީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ. ވަޒީރުންނާއި މެންބަރުންގެ ގިނަ ބަޔެއްގެ ތާއީދު އޮތީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ތާއީދު އޮތް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށެވެ.

އޭގެ ރައްދުގައި ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވީ އެ ވާހަކަތައް އެމަނިކުފާނު ދައްކަވަނީ ކަންކަން އެނގިވަޑައިގަންނަވާތީ ކަމުގަ އެވެ. ސަރުކާރުގެ ތެރެއިން ތަހުގީގު ފޮރުވަން މަސައްކަތް ކުރާ ކަމަށާއި އެ ކަމަށް ހުސައިން އެއްބާރުލުން ދެއްވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

"ހުސައިންގެ އަތް ރަނގަޅަށް ބަލައިލާ، ހުސައިންގެ އަތުގައި މިހާރު ކޭއްތިފައި ތި ހުރީ އަޅުގަނޑުގެ ލޭ،" ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެންބަރުން ވެސް ތިއްބަވާ އެ ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖްގައިވެ އެވެ.

މެއި 6، 2021 ގެ ރޭ އިރާކޮޅު ނަޝީދު ގ. ކެނެރީން ނުކުމެވަޑައިގެން މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވަން ބޮޑީގާޑުންނާ އެކު ވަޑައިގަންނަވަނިކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ އިތުރަށް ބައެއް ބޮޑީގާޑުންނާއި ބައެއް އާންމުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބުނެވެ.

މި ހަމަލާއިން ނަޝީދު ސަލާމަތްވީ ހަނި ގޮތަކަށް ކަމަށް އެމަނިކުފާނަށް ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުން ބުނެ އެވެ. ހަފުތާއެއްހާ ދުވަހު އޭޑީކޭއިން ގިނަ އޮޕަރޭޝަންތަކެއް ކޮށްގެން ނަޝީދު ސަލާމަތްވިއިރު، ފަހުން ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުންނާއި އިނގިރޭސިވިލާތުން ވެސް ނަޝީދު ފަރުވާ ހޯއްދެވި އެވެ.