Advertisement

ހަތަރު ކިލޯ ކޮކެއިން އެތެރެކުރި ޓޫރިސްޓާއި ދިވެއްސަކު ހައްޔަރުކޮށްފި

ކަސްޓަމްސްއިން އަތުލައިގަތް ކޮކެއިން ހުރި އެތި


ހަތަރު ކިލޯ ކޮކެއިން އެތެރެކުރި ޓޫރިސްޓާއި ދިވެއްސަކު ހައްޔަރުކޮށްފި

މިދިޔަ އަންގާރަ ދުވަހު ވައިގެ މަގުން ރާއްޖެއަށް ހަތަރު ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަނިކޮށް އަތުލައިގަތް ޓޫރިސްޓުގެ އިތުރަށް އެ މައްސަލާގައި ދިވެއްސަކު ވެސް ހައްޔަރު ކޮށްފި އެވެ.

ކަސްޓަމްސް އިން ބުނީ، މި ތަކެތި އަތުލައިގަތީ ރާއްޖެ އައި ޓޫރިސްޓެއްގެ ލަގެޖް ބަލައި ފާސްކުރަނިކޮށް ޝައްކު ކުރެވޭ އެއްޗެއް ފެނިގެން ބެލި ބެލުމުގަ އެވެ.

ފުލުހުން ބުނީ، މި މައްސަލާގައި އެ ޓޫރިސްޓު ފިރިހެން މީހާގެ އިތުރަށް ދިވެހި ފިރިހެނަކު ވެސް ހައްޔަަރު ކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ވެސް ވަނީ ޖަހައިފަ އެވެ.

އަތުލައިގަނެވުނު ތަކެތި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ކޮކެއިންއަށް އެ ތަކެތި ވަނީ ޕޮޒިޓިވް ވެފަ އެވެ.

މި ތަކެތީގެ ބަރުދަން ޖުމުލަ 4.226 ކިލޯއަށް އަރާއިރު، އޭގެ މަގުމަތީ އަގު 21 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތުމަށް ފަހު އަމަލު ކުރަން އޮންނަ އުސޫލަކީ އެއީ އެވެ.