Advertisement

އެސްޑީއެފްސީގެ ހުރިހާ ލޯނަކަށް މިހާރު އެދެވޭނެ

8 މޭ 2022 - 14:08 0

އަމަން ހަލީމް

އަމަން ހަލީމް

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެލިދޫގައި ހައްދާ ދަނޑެއް: އެސްޑީއެފްސީން ލޯނު ދޫކުރަން އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަމާއި ޓޫރިޒަމް ހިމެނޭ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އެސްޑީއެފްސީގެ ހުރިހާ ލޯނަކަށް މިހާރު އެދެވޭނެ

8 މޭ 2022 - 14:08 0

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަން އުފެއްދި އެސްއެމްއީ ޑިވަލޮޕްމަންޓް ބޭންކު (އެސްޑީއެފްސީ)ގެ ހުރިހާ ލޯނަކަށް އެޕްލިކޭޝަން ބަލައިގަންނަށް ފަށާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެސްޑީއެފްސީން އަލުން މި ފުރުސަތު ހުޅުވާލީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ތަފާތު އިގުތިސޯދީ ދާއިރާތަކަށް އަމާޒުކޮށްގެން އެސްޑީއެފްސީން ތައާރަފުކޮށްފައިވާ ލޯނުތަކުގެ ތެރޭގައި ހަ ވައްތަރެއްގެ ލޯނެއް ހިމެނެ އެވެ. އެއީ:

  • ފަށާ ވިޔަފާރި
  • ވިޔަފާރި ތަރައްގީ
  • ހަރުމުދާ
  • ދަނޑުވެރި ނަފާ
  • ވިޔަފާރި އެހީ
  • ރަށު ފަތުރު

މި ލޯނުތަކަށް އެދެވޭނީ އެސްޑީއެފްސީގެ ރަސްމީ ވެބްސައިޓު، sdfc.mv ގައި މިކަމަށް ހާއްސަކޮށްފައިވާ ޕޯޓަލްގެ ޒަރިއްޔާއިން އޮންލައިންކޮށެވެ.

އެސްޑީއެފްސީގެ އޮންލައިން ޕޯޓަލްއަށް ވަންނަން ބޭނުންވަނީ އީ-ފާސް އެކައުންޓެކެވެ. މިއީ އައިޑީއެއް އޮންނަ ކޮންމެ ދިވެއްސަކަށް ފަސޭހައިން ހެދޭ، ސަރުކާރާއި ދައުލަތުގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދެން ގެންގުޅޭ އެކައުންޓެކެވެ.

ޕޯޓަލްއަށް ވަނުމަށް ފަހު ބޭނުންވާ ވައްތަރުގެ ލޯނެއް އިހުތިޔާރު ކުރުމުން ފުރަންޖެހޭ ފޯމުތައް އަންނާނެ އެވެ. މި ފޯމުތައް ފުރުމަށް ފަހު، ބޭނުންވާ ލިޔެކިޔުންތައް ވެސް ސީދާ ޕޯޓަލްއަށް އަޕްލޯޑު ކުރެވޭނެ އެވެ.

އެސްޑީއެފްސީން ބުނީ ފޯމު ހުށަހަޅަން އެއްވެސް އެހީތެރިކަމެއް ނޫނީ އިތުރު މައުލޫމާތެއް ބޭނުންނަމަ، ހޮޓްލައިން ނަމްބަރު 1613 ގުޅުމުން ނޫނީ [email protected] އީމެއިލް ކުރުމުން އެ މައުލޫމާތު ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން އެސްޑީއެފްސީ ވެބްސައިޓުގައިވާ ލައިވް ޗެޓް ފީޗާ ބޭނުންކޮށްގެން ވެސް ބޭނުންވާ މައުލޫމާތު ލިބޭނެ އެވެ. އަދި ބޭންކުގެ ވައިބާ ކޮމިއުނިޓީ "sdfc" އަދި ފޭސްބުކް އާއި ޓްވިޓާ އާއި އިންސްޓަގްރާމްގައި ބޭނުންކުރާ ރަސްމީ އެކައުންޓުތަކުން މައުލޫމާތުތައް ލިބޭނެ އެވެ.

ފަށާ ވިޔަފާރި

މި ލޯނު ދޫކުރަނީ އަލަށް ފަށާ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދަލާއި ވިޔަފާރި ހިންގުމަށް ބޭނުންވާ އެހެނިހެން ހަރަދު ކުރުމަށެވެ.

  • ގިނަވެގެން ދެ މިލިއަން ރުފިޔާ
  • އިންޓްރެސްޓު: އަހަރަކު ހަތަރު ޕަސެންޓުން ފެށިގެން ނުވަ ޕަސެންޓާ ހަމައަށް
  • އިކުއިޓީ: ޕްރޮޖެކްޓަށް ބެލުމަށް ފަހު ގިނަވެގެން 20 ޕަސެންޓު
  • އަނބުރާ ދައްކަން: ގިނަވެގެން 10 އަހަރު
  • ގްރޭސް ޕީރިއަޑް: 18 މަސް ދުވަސް
  • ކެފޭ، ރެސްޓޯރަންޓް، ރީޓެއިލް ވިޔަފާރި ފަށަން ލޯނު ދޫނުކުރާނެ

ވިޔަފާރި ތަރައްގީ

މި ލޯނު ދޫކުރަނީ ހިނގަމުންދާ ވިޔަފާރިތައް ތަރައްގީކޮށް ފުޅާކުރުމަށާއި، އައު މުދާ ތައާރަފުކުރުމަށާއި މެޝިނަރީ އާއި އިކުއިޕްމަންޓާއި ވިޔަފާރިކުރާ ތަނުގެ ފެންވަރު ރަނގަޅު ކުރާށެވެ.

  • ގިނަވެގެން ފަސް މިލިއަން ރުފިޔާ
  • އިންޓްރެސްޓު: އަހަރަކު ހަތަރު ޕަސެންޓުން ފެށިގެން ނުވަ ޕަސެންޓާ ހަމައަށް
  • އިކުއިޓީ: ޕްރޮޖެކްޓަށް ބެލުމަށް ފަހު ގިނަވެގެން 20 ޕަސެންޓު
  • އަނބުރާ ދައްކަން: ގިނަވެގެން 10 އަހަރު
  • ގްރޭސް ޕީރިއަޑް: އެއް އަހަރު ދުވަސް
  • ވިޔަފާރި ހިންގާތާ މަދުވެގެން ދެ އަހަރު ވާންޖެހޭނެ

ހަރުމުދާ

މި ލޯނު ދޫކުރަނީ އިމާރާތްކުރުމާއި، މަސްވެރިކަމާއި، ދަތުރުފަތުރުގެ އިތުރުން އުފެއްދުންތެރިކަން (މެނުފެކްޗަރިން) އާއި އައިޓީ ދާއިރާގައި ހަރަކާތްތެރިވާ ހިނގަމުންދާ ވިޔަފާރިތަކަށް ބޭނުންވާ މެޝިނަރީ އާއި އިކުއިޕްމަންޓާއި، ކަނޑުއުޅަނދު ފަހަރާއި ވެހިކަލް ގަންނާށެވެ.

  • އެއް ލައްކަ ރުފިޔާއިން ފެށިގެން ފަސް މިލިއަން ރުފިޔާއާ ހަމައަށް
  • އިންޓްރެސްޓު: އަހަރަކު ހަތަރު ޕަސެންޓުން ފެށިގެން ނުވަ ޕަސެންޓާ ހަމައަށް
  • އިކުއިޓީ: ޕްރޮޖެކްޓަށް ބެލުމަށް ފަހު ގިނަވެގެން 20 ޕަސެންޓު
  • އަނބުރާ ދައްކަން: ގިނަވެގެން 10 އަހަރު
  • ގްރޭސް ޕީރިއަޑް: އެއް އަހަރު ދުވަސް
  • ވިޔަފާރި ހިންގާތާ މަދުވެގެން ދެ އަހަރު ވާންޖެހޭނެ

ދަނޑުވެރި ނަފާ

އެގްރިކަލްޗާ މިނިސްޓްރީއާ ގުޅިގެން ދަނޑުވެރިންނަށް ދޫކުރާ މި ލޯނު ދޫކުރަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާށާއި، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅޭށާއި، އެގްރޯފޮރެސްޓްރީ އަދި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ވެލިއު އެޑިޝަން މަސައްކަތްތަކަށެވެ.

  • އެއް ލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް
  • އިންޓްރެސްޓު: އަހަރަކު ހަ ޕަސެންޓު
  • އިކުއިޓީ: 10-15 ޕަސެންޓު
  • އަނބުރާ ދައްކަން: ގިނަވެގެން ހަތް އަހަރު
  • ގްރޭސް ޕީރިއަޑް: އެއް އަހަރު ދުވަސް
  • ވިޔަފާރި ހިންގާތާ މަދުވެގެން ދެ އަހަރު ވާންޖެހޭނެ

ވިޔަފާރި އެހީ

މި ލޯނު ދޫކުރަނީ ވިޔަފާރިތަކަށް ބޭނުންވާ ދުވަހުންދުވަހުގެ ހަރަދުތައް (އޮޕަރޭޝަނަލް އެކްސްޕެންސަސް) ހަމަޖެއްސުމަށާއި ޕްރޮޖެކްޓެއް ނޫނީ ކޮންޓްރެކްޓެއް ފައިނޭންސް ކުރާށެވެ.

  • އޮޕަރޭޝަނަލް އެކްސްޕެންސް ލޯނުތަކަށް ގިނަވެގެން ތިން މިލިއަން ރުފިޔާ
  • ޕްރޮޖެކްޓެއް ނޫނީ ކޮންޓްރެކްޓް ފައިނޭންސިންއަށް ގިނަވެގެން ދެ މިލިއަން ރުފިޔާ
  • އިންޓްރެސްޓު: އަހަރަކު 9.5 ޕަސެންޓު
  • އިކުއިޓީ: 10-15 ޕަސެންޓު
  • އޮޕަރޭޝަނަލް އެކްސްޕެންސް ލޯނުތައް އަނބުރާ ދައްކަން: ގިނަވެގެން ފަސް އަހަރު
  • ޕްރޮޖެކްޓް ނޫނީ ކޮންޓްރެކްޓް ފައިނޭންސިން ލޯނު އަނބުރާ ދައްކަން: ޕްރޮޖެކްޓް ނިމޭތާ ތިން މަސް ދުވަސް ފަހުން ގިނަވެގެން އަހަރު ދުވަސް

ރަށު ފަތުރު

ޓޫރިޒަމް ވިޔަފާރިތަކަށް ހާއްސަ މި ލޯނު ދޫކުރަނީ އަލަށް ފަށާ ވިޔަފާރިތަކާއި ކުރިއަރަމުން އަންނަ ވިޔަފާރިތަކުގެ އިތުރުން މި ދާއިރާއާ ގުޅުން ހުރި ވިޔަފާރިތަކަށް ލޯނު ދޫކުރާށެވެ. ގެސްޓްހައުސްތައް ފަށާށާއި، މަރާމާތުކުރާށާއި، ވިޔަފާރި އިޝްތިހާރުކުރުމުގެ އިތުރުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ވިޔަފާރި ކުރިއަރުވާށާއި ދުވަހުންދުވަހަށް ބޭނުންވާ ހަރަދުތައް ހަމަޖައްސަން ވެސް ބޭނުންކުރެވޭނެ އެވެ.

  • ދެ ލައްކަ ރުފިޔާއިން ފެށިގެން ފަސް މިލިއަން ރުފިޔާއާ ހަމައަށް
  • އިންޓްރެސްޓު: އަހަރަކު ހަތަރު ޕަސެންޓުން ފެށިގެން ނުވަ ޕަސެންޓާ ހަމައަށް
  • އިކުއިޓީ: ޕްރޮޖެކްޓަށް ބެލުމަށް ފަހު ގިނަވެގެން 20 ޕަސެންޓު
  • އަނބުރާ ދައްކަން: ގިނަވެގެން ހަތް އަހަރު
  • ގްރޭސް ޕީރިއަޑް: އެއް އަހަރު ދުވަސް
  • ވިޔަފާރި ހިންގާތާ މަދުވެގެން ދެ އަހަރު ވާންޖެހޭނެ

އެސްޑީއެފްސީން ވަނީ ލޯނަށް އެދޭ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ބޭނުމުގައި މަހުންމަހަށް އަނބުރާ ދައްކަން ޖެހޭ ވަރު ހިސާބުކުރެވޭ "އެޕްރޮކްސިމޭޓް ޕޭމަންޓް ކަލްކިއުލޭޓާ" އެއް ވެބްސައިޓުގައި ހިމަނާފަ އެވެ. މި ކަލްކިއުލޭޓާ ބޭނުންކޮށްގެން ލޯނު އަދަދާއި، އިންޓްރެސްޓާއި، ގްރޭސްޕީރިއަޑާއި، އަނބުރާ ދައްކާ މުއްދަތަށް ބިނާކޮށް މަހުންމަހަށް ދައްކަން ޖެހޭ އަދަދު (އީއެމްއައި)ގެ އަންދާޒާއެއް ލިބޭނެ އެވެ.