Advertisement

މުސާރަ ބޮޑުކޮށްދޭން ގޮވާލައި ދެ ޔުނިވާސިޓީގެ ލެކްޗަރާއިން އިހުތިޖާޖަށް

8 މޭ 2022 - 11:40 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މުސާރަ ބޮޑުކޮށްދޭން ގޮވާލައި އެމްއެންޔޫގެ ލެކްޗަރާއިން މިއަދު އިހުތިޖާޖުުކުރަނީ. ފޮޓޯ:މުޙައައްމަދު ޝާބިން/އަދަދު


މުސާރަ ބޮޑުކޮށްދޭން ގޮވާލައި ދެ ޔުނިވާސިޓީގެ ލެކްޗަރާއިން އިހުތިޖާޖަށް

8 މޭ 2022 - 11:40 1

ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެނައި ބަދަލާ އެކު ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރައަށް ބަދަލެއް ގެނެސްފައި ނުވާތީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ލެކްޗަރާއިން މިއަދު އިހުތިޖާޖް ކޮށްފި އެވެ.

ޓީޗަރުންގެ މުސާރައަށް ބަދަލު ގެނައި އިރު "ލެކްޗަރާއިން ބާކީކޮށްލާފައިވާ" ކަމަށް ބުނެ ދެ ޔުނިވާސިޓީގެ ގިނަ ލެކްޗަރާއިން މިއަދު ކެމްޕަސްތަކަށް ދިޔައީ ކަޅު ހެދުމުގަ އެވެ. އެމްއެންޔޫގެ ލެކްޗަރާއިން އެތަނުގެ ގޯތި ތެރެއަށް ނިކުމެ ތިބީ ހިތް ހަމަނުޖެހުން ފާޅުކޮށް އެކި އެކި އިބާރާތްތައް ލިޔެފައިވާ ބޯޑުތަކާއި ފޮތިގަނޑުތައް ހިފައިގެން ހިމޭންކޮށެވެ.

އެމްއެންޔޫގެ ލެކްޗަރާއިންގެ އިހުތިޖާޖުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ލެކްޗަރާއިން "އަދަދު"އަށް ވިދާޅުވީ ލެކްޗަރާއިންގެ މުސާރަައަށް ބަދަލެއް ނާންނަތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ.

އެމްއެންޔޫގެ ލެކްޗަރާއިން މިއަދު އިހުތިޖާޖްކުރަނީ. ޑިމާންޑަކީ މުސާރަ ބޮޑުކުރުން. ފޮޓޯ: މުޙައްމަދު ޝާބިން/އަދަދު


"މިހާރު އަޅުގަނޑުމެންގެ މުސާރައަކީ މާސްޓާސް ޓީޗަރެއްގެ މުސާރަ. އެ މުސާރައެއް ނޫން މިހާރު [އަޅުގަނޑުމެންނަށް] ހައްގުވާނީ. އެއީ 10 އަހަރު ކުރީގެ މުސާރައެއް،" އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ އާމިނަތު ޝާފިޔާ އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އެ މުސާރަ ކުޑަކަމަކަށް ގަބޫލުކުރައްވަނީ ހިދުމަތާއި ތަކެތީގެ އަގުބޮޑުވެ، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެފައިވާތީ އެވެ.

"ޒަރޫރީ ހުރިހާ ބޭނުންތަކެއް މިއޮތީ އަގުބޮޑުވެފައި. އެހެންވެއްޖެއްޔާ އަޅުގަނޑުމެން، މީގެ 10 އަހަރު ކުރިން 2012 ގައި އުޅުނު ރީތި ތާހިރު ދިރިއުޅުމެއް މިހާރު އަޅުގަނޑުމެންނަކަށް ނޫޅެވޭނެ. އެހެންވީމާ އެންމެނަށް ހަމަހަމަ ގޮތެއްގައި މި ތާހިރު ދިރިއުޅުން ހޯއްދަވައި ދެއްވަން ޖެހޭނެކަމަށް އަޅުގަނޑުމެން ދެކެނީ،" އޭނާ ވިދާޅުވި އެވެ.

އެމްއެންޔޫއިން ވާހަކަ ދެއްކެވި ލެކްޗަރާއިން ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނެވި ކުރިއެރުމުން މަތީ ތައުލީމުގެ ދާއިރާ ބާކީވީމާ އެެއީ ކީއްވެތޯ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސުވާލު ދަންނަވަން އެދޭ ކަމަށެވެ. އެހެންވެ ރައީސްއާ ބައްދަލުކުރެއްވުމަށް މިހާރު ވެސް އެޕޮއިންޓްމެންޓަކަށް އެދިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މުސާރަ ބޮޑުކޮށްދޭނެ ދުވަހެއް އެނގެން ބޭނުން"

އައިޔޫއެމްގެ ލެކްޗަރާއިން މިއަދު އިހުތިޖާޖްކުރަނީ. ޑިމާންޑަކީ މުސާރަ ބޮޑުކުރުން. ފޮޓޯ: މުޙައްމަދު ޝާބިން/އަދަދު


އައިޔޫއެމް އިން "އަދަދު"އާ ވާހަކަ ދެއްކެވި ލެކްޗަރާއިން ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަަަށް ނުރަސްމީކޮށް އެކި ފަހަރު ބުނެފައިވާ ކަމަށާއި އެކަމަކު އެކަން ހަގީގަތަކަށް ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ވެސް ހަމަ ތައުލީމު ފޯރުކޮށްދޭ ބައެއް. މީގެ ކުރިން ހަމަ އެއް ކެޓަގަރީއެއްގައި އޮތީ ޓީޗަރުންނާ، އެހެން ނަމަވެސް އެންމެ ފަހުން މިކަން [މުސާރަ ބޮޑުކުރުމުގެ ކަންތައް] ނިމިގެން އައި އިރު އަޅުގަނޑުމެންގެ ކެޓަގަރީއެއް ނޭނގުނު،" އައިޔޫއެމްގެ ލެކްޗަރާ އަކު ވިދާޅުވި އެވެ.

އޭނާ އާއި އެ ޔުނިވާސިޓީގެ އެެހެން ބައެއް ލެކްޗަރާއިން ވެސް ވިދާޅުވީ އެތަނުގެ ލެކްޗަރާއިންގެ މުސާރަ މީގެ ކުރިން އޮތީ އެމްްއެންޔޫގެ މުސާރަތަކަށް ވުރެ ވެސް ކުޑަކޮށް ކަމަށެވެ. އަދި ޓީޗަރުންނާ އެއް މިންވަރަކަށް މަަސައްކަތްކޮށް އޮފީހުގައި އެއް ވަރަކަށް ވަގުތު ހޭދަކުރާއިރު ލެކްޗަރާއިންގެ މުސާރައަށް ބަދަލެއް ނުގެނައުމަކީ ގޯހެއް ކަމަށް އޭނާ ދެކެ އެވެ.

"މި ޔުނިވާސިޓީ އުފެދުނުތާ ހަތަރު އަހަރު ފަހުން އަޅުގަނޑުމެންގެ މުސާރަ އެއް ހަމަ ކުރީ ވެސް [އެމްއެންޔޫގެ ލެކްޗަރާއިންނާ އެއްވަރު ކުރީ ވެސް]،" އައިޔޫއެމްގެ ލެކްޗަރާއަކު ވިދާޅުވި އެވެ.

ދެ ޔުނިވާސިޓީގެ ލެކްޗަރާއިން ވެސް ވިދާޅުވީ މިއަދު ފެށި މަސައްކަތް، މުސާރަ ބޮޑުކުރަންދެން ކުރިއަށް ގެންދާނެ ކަމަށެވެ.

ޓީޗަރުންގެ މުސާރަ، ކުރިން ހުރި ވަރަށް ވުރެ ގާތްގަނޑަކަށް 50 ޕަސެންޓުން އިތުރުވާ ގޮތަށް މުސާރައިގެ އާ އޮނިގަނޑު ސަރުކާރުން އިއުލާނުކުރީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. ލެކްޗަރާއިންގެ ޑިމާންޑަކީ ވެސް އެވަރަށް މުސާރަ ބޮޑުކޮށްދިނުމެވެ.

ޓީޗަރުންގެ މުސާރައަށް ގެނައި ކުރިއެރުމާއެކު ކުރިން 20،000ރ. ލިބުނު ޕްރިންސިޕަލަށް މިހާރު 30،000ރ. އިން މަތިން މުސާރަ ލިބޭނެ އެވެ. ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ 16،000ރ. އިން 24،000ރ. އަށް އިތުރުވެއްޖެ އެވެ. ކުރިން 10،000ރ.، 12،000ރ. އަދި 14،000ރ. ލިބޭ ޓީޗަރުންނަށް މެއި މަހުގެ މުސާރައިގެ ގޮތުގައި 13،000ރ.، 19،000ރ. އަދި 20،000ރ. ލިބޭނެ އެވެ.