Advertisement

ވަކި ޖަމާއަތުން ފެށިގެން ބޮމާ ހަމައަށް؛ ރާއްޖޭގެ އަނދިރި ވިސްނުމުގެ ތާރީހު

6 މޭ 2022 - 15:00 6


ވަކި ޖަމާއަތުން ފެށިގެން ބޮމާ ހަމައަށް؛ ރާއްޖޭގެ އަނދިރި ވިސްނުމުގެ ތާރީހު

6 މޭ 2022 - 15:00 6

މީގެ 44 އަހަރު ކުރިން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، "އިސްލާމް ދީން ހިމާޔަތް" ކުރެއްވުމުގެ ބޭނުމުގައި ގިނަ ކަންކަން ކުރެއްވި އެވެ.

ފުރަތަމަ މައުމޫން މަސައްކަތް ކުރެއްވީ ދީނުގެ އާދައިގެ އުންސުރުތައް ހިފެހެއްޓޭތޯ އެވެ. އެގޮތުން މައުމޫނުގެ ވެރިކަމުގައި 1983 ވަނަ އަހަރު މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވައި، ރާ ބުއިމާއި މަސްތުވުންް ހުއްޓުވައި ކަސްބީހާނާތައް ހިންގާ ގޯތިތައް ދައުލަތަށް ނަގާނެކަމުގެ އިންޒާރު ދެއްވި އެވެ.

އޭގެ ފަހުން މައުމޫން މަސައްކަތް ކުރެއްވީ އިސްލާމް ދީނުގެ ތަފާތު ފިކުރުތަކުން ދިވެހިން ދުރުކޮށް، ކޮންމެވެސް އެއް ފިކުރެއްގައި ހިފެހެއްޓޭތޯ އެވެ. އެގޮތުން، ދިވެހިރާއްޖޭގެ ހުރިހާ މިސްކިތެއްގައި ނަމާދު ކުރާއިރު އިމާމު ތަބާވާންޖެހޭނީ ޝާފިއީ މަޒުހަބަށް ކަމަށް ސަރުކާރުން އެންގި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމަށް 16 އަހަރު ފުރުނު 1994 ވަނަ އަހަރު "ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު" ތަސްދީގު ކުރެއްވި އެވެ.

ޝާފިއީ މަޒްހަބަށް އުޅެން އެންގުމާއެކު ދީން ކިޔަވައިގެން ތިބި ބައެއް ފަރާތްތަކުގެ ނުރުހުން މައުމޫނަށް އަމާޒުވި އެވެ. އަދި ހާއްސަކޮށް ދީނީ އެއްބައިވަންތަކަމުގެ ގާނޫނު ހަދައި، އޭގެ ދަށުން ބައެއް ދީނީ ޝަހުސިއްޔަތުތައް ހައްޔަރުކޮށް، ޖަލުގައި ހަރުކަށި އަދަބުތައް ދޭން ފެށުމުން، މައުމޫނުގެ ދީނީ ސިޔާސަތާ ދެކޮޅަށް ތެދުވާ މީހުން ގިނަވެ، ބައިބައިވުން އުފެދެން ފަށައި، ބައެއް މީހުން ގޭގައި ނަމާދުން ކުރަން ފެށި އެވެ.

މިސްކިތުގެ ޖަމާއަތަށް އެރުން ހުއްދަނުވާނެ ކަމަށް ބުނެ، އެއިރުގެ މަޝްހޫރު ދީނީ ޝަހުސިއްޔަތެއް ކަމަށްވާ މުހައްމަދު އިބްރާހިމް ފަތުވާއެއް ނެރުނެވެ. ޝެއިހު މުހައްމަދު އިބްރާހިމް ނުވަތަ މަޝްހޫރު ނަމުން ނަމަ ބާބުލްއަވާލީ ބޮޑު ޝެއިހުގެ ފަތުވާ ނެރުނީ ވަރަށްވެސް ހަރުކަށި ގޮތަކަށެވެ. ޝެއިހުގެ މައިގަނޑު ޒުވާބަކަށްވީ، މަޒްހަބުތަކަކީ އެންމެ ފަހުގެ ނަބިއްޔާއަށްފަހު ދުނިޔެއަށް އައި ބަޔަކު އުފައްދާފައިވާ ފިކުރުތަކަކަށްވާއިރު އެއިން މަޒުހަބަަކަށް ތަބާވެ، ނަމާދު ނުކުރެވޭނެ ކަމަށެވެ. އަދި ބުނެފައި އޮތީ، ސަރުކާރުން ހަދާ ޖަމާއަތަކަށް އަރާ މީހަކު ކާފަރުވެއްޖެ ކަމަށެވެ.

"ދިވެހިރާއްޖޭގެ 800 އަހަރުވީ ތާރީހުގައި އެއްވެސް އިރަކު ނެތް އިސްލާމް ދީނަށް ގޮވާލެވިފައެއް. ފުރަތަމަ އޮތީ މާލިކީ މަޒްހަބު، ދެން އޮތީ ޝާފިއީ މަޒްހަބު. ދެން އޭގެ ފަހުން މައުމޫން ތައްޔާރުކޮށްލެއްވި މަޒްހަބެއް އެބަ އޮތް. އެއީ ދިވެހިން އެއްބައިވަންތަކަމުގެ ދީން،" ޝެއިހުގެ މަަޝްހޫރު ދަރުހެއްގައި އޭނާ ބުނެފައި އޮވެ އެވެ. "އަހަރުމެން ނުޖެހޭ [އިލްމުވެރިޔާ] ބިން ބާޒަށް ތަބާވާކަށް، [އިލްމުވެރިޔާ] އަލްބާނީއަށް ތަބާވާކަށް. ރައީސުލްޖުމްހޫރިއްޔާއަށް ތަބާވާކަށް. ޝާފިއީގެފާނަށް ތަބާވާކަށް. ނުވެސް ޖެހެނީ .."

ބޮޑު ޝެއިހަށް އެއިރުގެ ބައެއް ޒުވާނުން ތަބާވާން ފެށި އެވެ. ރާއްޖޭގެ ވެރި މީހާ މައުމޫނަކީ ކާފަރެއް ނުވަތަ ތާގޫތެއް ކަމަށް ބަޔަކު ގަބޫލު ކުރަން ފަށައިފި އެވެ. ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރާ ބައެއް ގޭގެ މާލޭގެ އެކި ހިސާބުތަކުގައި ހުޅުވިއްޖެ އެވެ. ބޭރުގެ ބައެއް ޓެރަރިސްޓު ޖަމާއަތްތަކުގެ ވެރިންނަށް ބަޔަކު ބައިއަތު ހިފައި، އޭނާއަކީ ތިމާގެ ހަލީފާ ނުވަތަ ވެރި މީހާ ކަމަށް ބަލައިގަންނަ މީހުން އިތުރުވާން ފެށި އެވެ. އަދި ދިވެހިރާއްޖެއަކީ ކުފުރުގެ ބިމެއް ކަމަށް ކަނޑައަޅައި، ޓެރަރިސްޓު ޖަމާއަތްތަކާ ގުޅިގެން ބޭރަށް ހަނގުރާމައަށް ދާން ފެށުނެވެ.

ޑޮޓްކޮމުގެ އުފެދުން

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ދީނީ އަދި ސިޔާސީ ވާހަކައެއް ދެއްކުމުގެ ފުރުސަތު އޮންނަ ހަމަ އެކަނި ބަޔަކީ އެމަނިކުފާނުގެ ސަަރުކާރުން ހުއްދަދޭ ބަޔަކަށެވެ. ޅ. ހިންނަވަރަށް އުފަން ބޮޑު ޝެއިހާއި އޭނާގެ ކޮއްކޮ އަބޫ ބަކުރު އިބްރާހީމް ފަދަ ޝެއިހުންނަކީ މައުމޫނުގެ އެ ސިޔާސަތަށް ގޮންޖެއްސެވި އިލްމުވެރިންނެވެ. މައުމޫނުގެ ސަރުކާރުން ހުއްދަ ނުދިން ނަމަވެސް ދީނީ ނަސޭހަތް ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން ފެށުމުން އެ ޝައިހުންނަށް އުޅުއްވަން ޖެހިވަޑައިގެންނެވީ ޖަލުގަ އެވެ.

އިންޓަނެޓް ތައާރަފްވި އިރު ޝެއިހުން ޖަލުގައި ތިއްބެވުމުން ޒުވާނުން މައުލޫމާތު އެއްކުރަން ފެށީ އިންޓަނެޓުގެ ޒަރިއްޔާއިންނެވެ. "ޑޮޓްކޮމް"ތަކަށް ވަދެގެންނެވެ. ރާއްޖޭގައި އާއްމުކޮށް އޮތް އުސޫލުތަކާ ހިލާފު ގޮތްތަކެއް ގެންގުޅޭތީ އެ ޒުވާނުންނަކީ ޖަމާއަތެއް ކަމަށް ސަރުކާރުގެ އިތުރުން ބައެއް އާއްމުން ވެސް ލޭބަލް ކުރަން ފެށި އެވެ. ޑޮޓްކޮމް ތަކުން މައުލޫމާތު ހޯދާތީ އެމީހުންނަށް ދިން ނަމަކީ ޑޮޓްކޮމް ގްރޫޕެވެ. ބަދަލުވަމުން އައިސް ފަހުން އެމީހުންނަށް ކިޔަން ފެށީ ޑޮޓް ގްރޫޕެވެ. ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ ގަތުލުތައް ތަހުގީގުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކޮށްފައި އޮއްވާ ލީކްވި ޑްރާފްޓް ރިޕޯޓްގައި މި ތާރީހު ލިޔެފައި އޮތެވެ.

ޑޮޓްކޮމްގެ ވިސްނުން ވަރުގަދަވެ، ސަރުކާރާ ދެކޮޅަށް އެމީހުން އެންމެ ވަރުގަދައަށް ތެދުވި ފަހަރަކީ އއ. ހިމަންދޫގައި މިސްކިތުގެ މައްސަލައިގައި ހިނގި ކުރިމަތިލުމެވެ.

ހަނގުރާމަވެރި ޖަމާއަަތްތަކާ ގުޅުމުގެ ވިސްނުން ގެންގުޅޭ އެކި ޒުވާނުންގެ މެދުގައި ހިޔާލުތަފާތުވުން އޮތް ނަމަވެސް ބޮޑު ޝެއިހާމެދު އެ އެންމެންގެ ވިސްނުން އެއްގޮތެވެ. އެ އެންމެން ހެން އޭނާއަށް ގަދަރު ކުރެ އެވެ.

ހަރަކާތް ފުޅާވެ، ވިޔަފާރިވެރިންގެ އެއްބާރުލުން ލިބުން

ފެންނަ މީހުންނަށް އެއީ ހަމަ ކެއުމަކަށް އެއްވެ ތިބި އާދައިގެ ޒުވާނުންތަކެކެވެ. ކުށެއް ކޮށްފާނެކަމުގެ ނިޝާނެއް ވެސް އެމީހުންގެ ފަރާތުން ނުފެނެ އެވެ. އެކަކު އަނެކަކަށް އޯގާތެރި ހިނިތުންވާ މޫނުތަކެކެވެ. މުޅި ގްރޫޕުގެ ތެރެއިން ފެންނަނީ އުފާވެރިކަމެވެ. އެއީ ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް ވަކި ސަރަހައްދަކަށް އެއްވާ ޒުވާނުންތަކެކެވެ.

"އެންމެން ވެސް މަސައްކަތް ކުރަންވީ އެކޮޅަށް ދެވޭ ވަރަށް ފައިސާ އެއްކުރެވޭތޯ. ދެވުނީމާ ދައުލަތުން ކޮންމެ މީހަކަށް ވެސް އެމީހަކާ ގުޅޭ މަސައްކަތެއް ހަވާލުކުރާނެ،" ގްރޫޕުގެ ތެރޭގައި ހުރި އިސް މީހަކު އެއްވެފައި ތިބި މީހުންނަށް "މިޝަން" ކިޔައިދިނެވެ.

އޭނާ އެބުނީ ދުނިޔޭން ގަބޫލުކޮށްފައިވާ ދައުލަތެއްގެ ވާހަކައެއް ނޫނެވެ. އެއީ މުޅި ދުނިޔޭން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކޮންޓްރޯލްކުރާ ސަރަހައްދުގެ ވާހަކަ އެވެ. އޭރު އެމީހުންގެ ބާރުގެ ދަށުގައި ސޫރިޔާއާއި އިރާގުގެ ބޮޑުބައެއް އޮތެވެ. އެހެންވީމާ އޭރުގެ ޓާގެޓަކީ ރާއްޖޭގައި ކަމެއް ކުރުމެއް ނޫނެވެ. ހަމަ އެކަނި އޮތީ "ރާއްޖޭގެ ކުފުރު ބިން" ދޫކޮށް ދިއުމުގެ ބޭނުމެވެ.

އެކި ދުވަސް މަތިން އެ ސައްލާތައް އަޑު އެހި މީހަކު ކިޔައިދިން ގޮތުގައި އެ ކެއުންތަކުގެ އެތައް ބައިވެރިންނެއް ފަހުން ރާއްޖެ ދޫކޮށް ދިޔަ އެވެ. އެ އެންމެން މެ ތަބާވާ އަމުރުތައް އަންނަނީ މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެއްގައި ގޮވައިވާ ގޮވައިލުން ތަކަކަށެވެ.

"ދާބިގް" ގެ ނަމުގައި ނެރޭ އެ މަޖައްލާއިން އައިއެސްގެ ސިޔާސަތު ސާފުކޮށް އެނގޭނެ އެވެ. އެހެންވީމާ ފޯނު ކޯލްތަކަކާއި ޓެކްސްޓް މެސެޖްތަކެއް ނުލިބުނަސް އެކި ގައުމުތަކުގައިވާ ސެލްތައް އަމިއްލައަށް އޮޕަރޭޓްވާންވީ ގޮތް އެނގެ އެވެ. އައިއެސްގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކާއި އެމީހުން ހަނގުރާމަކުރާ ފްރޮންޓްލައިން ތަކުގެ މައުލޫމާތު ވެސް އެ މަޖައްލާއިން ލިބެ އެވެ.

ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށް ވިޔަފާރިވެރިންގެ އެހީތައް ވެސް ލިބެން ފެށި އެވެ. ޑރ. އަފްރާޝީމް އަލީ ޝަހީދުކޮށްލުމަށްފަހު ސީރިޔާގެ އެތެރޭގެ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ޓެރަރިސްޓުންނަށް ހ. ވާލީވިލާ، އަލީ ޝިޔާމް މާލީ އެހީތެރިކަަން ދިން ކަމަށް، މަރު ކޮމިޝަނުން ވެސް އޮތީ ބުނެފަ އެވެ. އެފަދަ ބައެއް އެހެން ވިޔަފާރިވެރިން ވެސް ޓެރަރިސްޓުންނަށް އެހީދިނުމުގައި ހަރަކާތްތެރިވެ އެވެ. އަލީ ޝިޔާމް ނުވަތަ މަޝްހޫރު ނަމުން "ވީބީ އައްޔަ" އަކީ ޖިހާދަށް ފުރާ ޒުވާނުންނަށް ގަވާއިދުން އެހީވާ މީހެއް ކަމަށް މަރުކޮމިޝަނުން ބުނެ އެވެ.

ރާއްޖޭގައި ހަމަލާއެއް ދިނުމުގެ ރޭވުންތަކެއްގެ މަޝްވަރާއާއި އެކު ގްރޫޕްގެ މެދުގައި ދެބަސްވުމެއް އުފެދުނެވެ. އެއީ މަގުސަދާ ހިލާފު ކަމެއް ކަމަށް އެއް ބަޔަކު ބުންޏެވެ. "ޝާމަށް ދިއުމަށް ވުރެ އިސްކަމެއް ނޯންނާނެ،" އެކަކު ބުންޏެވެ. ރާއްޖޭގައި "ކަމެއް ހިންގައިލަން" ބޭނުންވާ މީހުންގެ ވާހަކައަކީ "އެކޮޅަށް ދިއުމަށް ދިވެހި ސަރުކާރުން ހުރަސް އަޅާތީ" އެއީ މަގުބޫލު ސަބަބެއް ކަމެވެ.

މެއި 6، ގެ ހަމަލާ

ރައްޔިތުންގެ މަޖިލީހުގެ ރައީސްް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މީގެ އެއް އަހަރު ކުރިން ދިން ޓެރަރިސްޓު ހަމަލާ އައީ ކުއްލިއަކަށް ނޫނެވެ. އެ މަސައްކަތް ފެށުނީ ނުވަދިހައިގެ އަހަރުތަކުގެ އެވެ. ނަޝީދަށް ދިން ހަމަލާއިން އެނގޭ ކަމަކީ ހަރުކަށި ފިކުރު ފުޅާވެފައި އޮތް މިންވަރެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު މޭމަހުގެ ހަވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެކަކީ ކުރިން ބުނި "ރެކްރޫޓްމަންޓް" ކެއުންތަކުގައި އިސްކޮށް އުޅުނު އެކަކެވެ.

ރާއްޖޭގައި ކަމެއް ހިންގައިލުމަށްޓަކައި ފުރަތަމަ އުފެއްދި ބޮން 2017 ވަނަ އަހަރު ފުލުހުން އަތުލައިގަތެވެ. އެ ބޮން ހެދިކަމުގެ ތުހުމަތަށް އޭނާގެ އެކުވެރި އެހެން ދެމީހަކު ވެސް ހައްޔަރުކުރި އެވެ. އެކަމަކު ހަގީގަތުގައި އެ ނެޓްވޯކް ރާއްޖޭގައި އޮތް ގޮތަށް ބަލާއިރު އަތުލައިގަތް މީހުންނަކީ ވަރަށް މަދު އަދަދެކެވެ. އެއަށް ވުރެ މާ ގިނަ މީހުން އެ ވިސްނުމުގައި އޭރު ތިއްބެވެ. ސޯޝަލް މީޑިއާގައި އެމީހުންގެ "ދައުވަތު" ފަތުރަމުން ދިޔައީ ވަރަށް ފާޅުގަ އެވެ.

މެއި 6، ގެ ހަމަލާއަށް ފަހު ސަރުކާރުން ވަނީ ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ތަފާތު ގިނަ އޮޕަރޭޝަންތަކެއް ހިންގައިފަ އެވެ. އެކަމަކު ހަގީގަތުގައި އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ މަސައްކަތް އަދިވެސް އޮތީ ވަރަށް ހީނަރުކޮށެވެ. ހަގީގީ ހަނގުރާމަ ހިނގަނީ ސިކުނޑިތަކާ ދެކޮޅަށެވެ. އެއީ މައުލޫމާތު ފެތުރުމުގެ ހަނގުރާމައެކެވެ. އެކަން ސޯޝަލް މީޑިއާގައި މިހާރުވެސް ވަރުގަދައަށް ކުރިއަށް ދެ އެވެ. ފޭސްބުކް އަކީ އެ މައުލޫމާތު ފެތުރުމުގެ އެއް ޕްލެޓްފޯމެވެ.

"އެންމެ ބޮޑު މައްސަލައަކީ ސީދާ ހުއްޓުވަންވީ ކޮން ވާހަކަތަކެއް ކަން ކަމާ ބެހޭ ފަރާތްތަކަށް ނޭނގުން،" ރާއްޖޭގެ އިޖުތިމާއީ ހާލަތު ދިރާސާކުރައްވާ ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި މައުލޫމާތުގެ ހަނގުރާމައަށް ވަކިން ބަޔަކު ތަމްރީނުކުރަން ޖެހެ އެވެ. ހަރުކަށި އަމަލުތައް ހިންގުމަށް ކިތަންމެ ނުސީދާ ގޮތެއްގައި ބާރު އަޅާ ލިއުމެއްގައި ވެސް އޮންނަ މައިގަނޑު މަފްހޫމް ދެނެގަނެވޭ ވަރަށް ތަމްރީނުކޮށްފައިވާ ފޯސް އެއް އުފައްދަން ޖެހެ އެވެ. ބޮމެއް ގޮއްވައިލުމުން ތަހުގީގު ކުރުމުގެ ބަދަލުގައި ބޮމެއް ހަދަން އުޅެފާނެ މީހުންނަށް އެޓެންޑް ކުރެވޭނީ އޭރުންނެވެ.