Advertisement

ގްރީން ސްޓްރީޓްސް ބަލިކޮށް އީގަލްސް އެއް ވަނަ އަށް

5 މޭ 2022 - 22:56 0


ގްރީން ސްޓްރީޓްސް ބަލިކޮށް އީގަލްސް އެއް ވަނަ އަށް

5 މޭ 2022 - 22:56 0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ 3-2 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ކްލަބް އީގަލްސް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އީގަލްސް އެއް ވަނަ އަށް އެރީ 11 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ 10 މެޗުން 27 ޕޮއިންޓް ލިބިފަ އެވެ. މާދަމާ ހަވީރު ޔުނައިޓެޑް ވިކްޓްރީ އަތުން ބަލިނުވެ، ފަރުޖައްސާލައިގެން ވެސް މާޒިޔާ އަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

އަނިޔާގެ ސަބަބުން މިރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ނުކުޅޭތީ މިރޭ އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން އެ ޒިންމާއާ ހަވާލުވެހުރީ މިޑްފީލްޑަރު އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) އެވެ. ގްރީން ސްޓްރީޓްސް އިން މެޗަށް ނުކުތްއިރު، ބެންޗުގައި ހިމަނާފައިވަނީ ތިން ކުޅުންތެރިންނެވެ.

މެޗު ފަށައިގެން އެންމެ ހުސް ފުރުސަތު ލިބުނީ އީގަލްސް އަށެވެ. މެޗުގެ ތިން ވަނަ މިނިޓްގައިި ގްރީން ސްޓްރީޓްސްގެ އޭރިއާތެރެއިން އީގަލްސްގެ އަހުމަދު ހަސަން (އައްމަޑޭ) ޖެހި ބޯޅަ އަމާޒުވީ ގްރީން ސްޓްރީޓްސްގެ ކީޕަރު ޕާކިސްތާންގެ ހަނީފް ސާގިބް އަތަށެވެ.

ގްރީން ސްޓްރީޓްސް އިން ލީޑުނެގީ މެޗުގެ ހަތަރު ވަނަ މިނިޓްގައި ކޮލަމްބިއާގެ ފޯވާޑް، ހޯސޭ އަވީލާ ހެނާންޑޭޒް ޖެހި ގޯލުންނެެވެ. މިއީ މެދު ރޮނގުކައިރިން އީގަލްސްގެ ސްޕެއިން މިޑްފީލްޑަރު ޖިއަކޯމޯ ފަވޭރޯ އަތުން ގެއްލުނު ބޯޅައެއް ހޯދައި، ހާފުގެ މެދެއްހާ ހިސާބުން އަވީލާ ޖެހި ގޯލެކެވެ. އީގަލްސްގެ ކީޕަރު ހަސަން އަލީފް އިބްރާހިމް ކުރިއަށް އަރައި ހުރި ވަގުތު އަވީލާ ޖެހި ބޯޅަ ގޯލަށް ވަނީ މަތިން ގޮސް، ކީޕަރު އަލީފް ބޯމަތިން އޮއްސިގެންނެވެ.

މެޗުގެ ނުވަ ވަނަ މިނިޓްގައި އީގަލްސް އަށް އެއްވަރުކޮށްދޭން އެ ޓީމުގެ މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އިންމަ ބޮލުން ޖެހި ބޯޅަ ކީޕަރު ސާގިބް ވަނީ މަތަކޮށްފަ އެވެ. ނަތީޖާ ހަމަހަމަކުރަން އީގަލްސް އިން ކުރަމުންދިޔަ މަސައްކަތް މެޗުގެ 18 ވަނަ މިނިޓްގައި ކާމިޔާބުކުރި އެވެ. އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ނެގި ހުރަހެއް އޭރިއާތެރެއިން ފަވޭރޯ ކޮންޓްރޯލްކޮށްލުމުން ލިބުނީ ޒައިން ޒަފަރަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އަލުން ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދޭން އެ ޓީމުގެ އަންސަރު އިބްރާހިމް (އަންކޮ) އާއި ހަސަން ފައްވާޒަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އަންކޮ އަށް ލިބުނު ފުރުސަތުތައް ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލަށް ބޯޅަ ފޮނުވައެއްނުލެވުނެވެ. ފައްވާޒް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އީގަލްސް އިން ގިނަ ހުރަސްތަކެއް ކޮށްގެން ގޯލެއް ޖެހޭތޯ ބެލި ނަމަވެސް އެ ޓީމަށް ފުރަތަމަ ހާފުގައި އޭގެއިން ބޯޅައެއް ގޯލަކަށް ހަދައިނުލެވުނެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފުރަތަމަ 10 މިނިޓް ތެރޭ ހަންނަ ވަނީ ރަނގަޅު ދެ ހަމަލާ ފޮނުވާލައިފަ އެވެ. ފުރަތަމަ ޝޮޓް ހުރަސްދަނޑިމަތިން ދިޔައިރު، ދެން ވޮލީ އަކުން ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު ސާގިބް އަތަށެެވެ.

މެޗުގެ ރެފްރީ މުހައްމަދު ޖާވިޒްގެ ނިންމުންތަކަށް ތަކުރާރުކޮށް ފާޑުކިޔާތީ އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) އާއި ގްރީން ސްޓްރީޓްސްގެ މެޑިކަލް ސްޓާފް، އުމަރު އީތޯފް ހުސެއިން އަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ.

އީގަލްސް އަށް ލީޑުނަގައިދިން ގޯލު ޖެހީ މެޗުގެ 65 ވަނަ މިނިޓްގައި ޒައިން އެވެ. ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ބޯޅަ ހިފައިގެން ވަދެ، ޒައިން ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ މިނިޓެއް ފަހުން އީގަލްސް އިން ތިން ވަނަ ގޯލެއް ޖެހި އެވެ. އޭރިއާބޭރުން ހަންނަ ޖެހި ބާރުބޯޅަ ހިފަން އުޅުމުގެ ތެރޭގައި ކީޕަރު ސާގިބް އަތުގައި ޖެހިފައި ބޯޅަ ވަނީ ގޯލަށެވެ.

ގްރީން ސްޓްރީޓްސް އަށް ގޯލެއް ޖަހައިދޭން މެޗުގެ 72 ވަނަ މިނިޓްގައި އަވީލާ ޖެހި ބޯޅައެއް ކީޕަރު އަލީފް ވަނީ އަތަށް ނަގައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، މެޗުގެ 79 ވަނަ މިނިޓްގައި އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާތެރެއިން ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު ކައިރިން ނައްޓާފައި ރިޒޭ ޖެހި ބޯޅަ ބޭރުވީ ކީޕަރު ސާގިބް އަތުގައި ޖެހިފަ އެވެ.

މެޗުގެ 88 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ވަނީ ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އަންކޮ ނެގި ކޯނަރަކުން ގްރީން ސްޓްރީޓްސްގެ ކެޕްޓަން މުހައްމަދު ސައިފް ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ ދެ މިނިޓް ފަހުން އީގަލްސްގެ ހަމަލާއެއް ވެސް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ. ފަވޭރޯ ނެގި ކޯނަރަކުން އިންމަ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީދަނޑިއަށެވެ.

އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ކޯނަރަކުން ވަނީ މެޗުގައި އެ ޓީމުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅަ ސާއިފް ބޮލުން ޖެހުމުން ހުރަސްދަނޑީގައި ޖެހިފައި ނުކުތްވަގުތު އީގަލްސް ޑިފެންޑަރުންނަށް ސަލާމަތްނުކުރެވި އެ ބޯޅަ ވަނީ ގޯލަށެވެ.

މިރޭގެ ނަތީޖާ އަށް ފަހު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ފުރަތަމަ ފަހަރަށް ގްރީން ސްޓްރީޓްސް މި ވަނީ ބަލިވެފަ އެވެ. މި ސީޒަނުގައި އީގަލްސްއާ ދެކޮޅަށް އަދި ގްރީން ސްޓްރީޓްސް އަށް މޮޅެއް ނުހޯދެ އެވެ ލީގުގެ ހަތް ވަނައިގައި ގްރީން ސްޓްރީޓްސް އޮތީ 11 މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.