Advertisement


ސާދަ ވަނަ ބަޔާ ގުޅޭ

ރީމާ ހުރީ ޓެރަހުގައިވާ ތިރިތިރި ފާރަށް އަރަ އެވެ. ހަމްދާނު މޭ ތެޅިގަތެވެ. ދެ ބުރީގެ އެ އިމާރާތުން ރީމާ ފުންމާލަން ތައްޔާރުވީތީ އެވެ. ޔަގީން ކުރެވުނެވެ. ރީމާ ހަމައިން ނެއްޓީ އެވެ. އޭނާ މާޔޫސްވީ އެވެ. ހަނދާނެ ގޮތް ހުސްވީ އެވެ.

"ރީމާ." ހަމްދާނަށް ގޮވާލެވުނެވެ.

އޭރު ރީމާ އެއް ފައި ހިއްލައިލަނީ އެވެ. ރީމާ ބަލައިލި އެވެ. ނަމަވެސް އޭނާ ހިއްލައިލި ފައި އެއްވެސް ތަނެއްގައި ނުޖެހުނެވެ. އޭނާ އަރި އަޅައިލި އެވެ. އެ ހުރިހާ ކަމެއް ހިނގައި ދިޔައީ ފަޅި ސިކުންތު ކޮޅެއްގެ ތެރޭގަ އެވެ. ހަމްދާނަށް ދުވެފައި އެ ދިމާއަށް ދެވުނެވެ. އޭނާއަށް ތިރި ބަލައިލެވުނެވެ. ހަމްދާނުގެ މޭގަނޑު އަނގަޔަށް ނައީ ހަމަ ކިރިޔާ އެވެ. އޭރު ރީމާ އޮތީ ބިންމަތީގަ އެވެ. ކޮންމެ ވެސް ވަރަކަށް ރީމާގެ ހަރަކާތްތައް ހަމްދާނަށް ފާހަގަވި އެވެ. އެހެންވެ އޭނާ ދުއްވާ ގަތީ ތިރިއަށެވެ. ރީމާ ސަލާމަތް ކުރެވޭތޯ އެވެ.

"ކޮބާ ކިހާ ހިސާބެއްގަ؟" އަނެއްކާ ވެސް ހަމްދާނަށް ގުޅީ ޝަރުވާނެވެ.

ޝަރުވާނު އޭނާއަށް ގުޅާތާ އެތައް އިރެއްވީ އެވެ. މިދަނީ މިދަނީއޭ ބުނެ ހަމްދާނަށް ޖަވާބު ދޭތާ ވެސް އިރުގަނޑެއް ވެއްޖެ އެވެ.

"ވަރަށް ބޮޑަށް ސޮރީ. ހަމަ މި ކައިރިކޮށްލަނީ އިނގޭ." ހަމްދާނު ބަލައިލީ އޭނާގެ އަތުގައި ހިފައިގެން ހުރި ނަޒީހާގެ މޫނަށެވެ.

"އަހަރެން މޭ ތެޅެނީ. ބިރު ގަންނަނީ. ހީވަނީ ކޮންމެ ވެސް ގޯސްކަމެއް ވާން އުޅެނީއޭ. ބޮޑު ކަމެއް ވާން އުޅެނީއޭ." ނަޒީހާ ދެ ލޮލަށް ޖަމާވި ކަރުނަތައް ފޮރުވަން މަސައްކަތްކުރި އެވެ.

"އެހާ ބޮޑަށް ހާސްވާ އެއްޗެއް ނޫނެއްނު. ކަންކަމާ ކެރިގެން ކުރިމަތިލާން ވާނެ." ހަމްދާނު ކުރިއަށް ހިނގައިގަތެވެ.

ސައިކަލަށް އަރާ އިސްޓާޓުކޮށްލި އެވެ. ހަމްދާނު ބޭނުންވީ ޝަރުވާނު ގާތަށް ދާއިރު ނަޒީހާ ވެސް ގޮވައިގެން ދާށެވެ. ޝަރުވާނުގެ މަގުސަދަކީ ކޮބައިކަން ނޭނގޭތީ އެވެ. ކޮންމެ ގޮތެއް ވިޔަސް ޝަރުވާނާއި އޭނާއާ ދެމެދުގައި އޮތީ ރަހުމަތްތެރިކަމެއް ނޫނެވެ. ހަސަދަވެރިކަމެއް ވެސް ނޫނެވެ. އެއީ އޭނާ ވިސްނާ ގޮތެވެ.

"ބޭރުގަ މި ހުރީ." ޝަރުވާނު ބުނި ތަނަށް ގޮސް ހަމްދާނު ގުޅައިލި އެވެ.

"އަސްލު ވެސް އަހަރެން ހާސްވަނީ ބިރުގަންނަނީ. ޖެހިލުންވަނީ." ނަޒީހާ ހިފައިލީ ހަމްދާނުގެ މުލައްދަނޑީގަ އެވެ.

"އެއްކަލަ ޕީކޮކު. ބަލަ ވާރޭ ނުވެހެޔޭ ފިޔަގަނޑު ހުޅުވާލާކަށް." ހަމްދާނު މަޖާކޮށްލި އެވެ.

އޭނާ ބޭނުންވީ ނަޒީހާ ހަމައަކަށް އަޅުވާށެވެ. މަޖާކޮށްލައިގެން އޭނާ ހެއްވާލާށެވެ. އެއީ އޭނާގެ އާދައެކެވެ. ތައުރީފުގެ ބަސްތަކުން އަންހެން ކުދިންގެ ހިތްތައް ލަންބުވާލުމަކީ ހަމްދާނަށް އުނދަގޫ ކަމެއް ނޫނެވެ. އޭނާ އެކަން ކުރަނީ ތަޖުރިބާ އާއި ހުނަރުގެ ބޭނުން ހިފައިގެންނެވެ.

ޝަރުވާނު އައިސް ހަމްދާނު ގާތުގައި ހުއްޓިލި އެވެ. ހަމްދާނު ހީކުރީ ޝަރުވާނު ސަލާމަށް އަތް ދިއްކޮށްލާނެ ކަމަށެވެ. ނަމަވެސް އޭނާގެ މޫނު މަތިން ފެނުނީ ނުތަނަވަސް ކަމެވެ. ހިތްހަމަ ނުޖެހުމެވެ. ޝަރުވާނު ބަލައިލީ ސީދާ ނަޒީހާގެ މޫނަށެވެ. ދެވަނަ ސިކުންތުގައި ހަމްދާނުގެ މޫނަށެވެ.

"އަނެއްކާ ބޮލި އެރުވީތަ؟" ޝަރުވާނު މަލާމާތުގެ ރާގުގައި ހަމްދާނަށް ބަލައިލި އެވެ.

"އާން، ލޭކޮށުނު ބޮލީގެ މަތިން އަލާ ނުކެނޑޭ." ހަމްދާނު ޖަވާބެއް ދިނީ އެވެ.

"އާދޭ އެތެރެއަށް،" ޝަރުވާނު ފުން ނަޒަރަކުން ބަލައިލީ ނަޒީހާގެ މޫނަށެވެ. "ދެ މީހުން ވެސް އާދޭ. ބޮލި ހިލާން ފަސޭހަވާނީ ދެމީހުން އެކުގައި އައީމަ."

"އަހަރުމެން ތިގެނައީ ބޮލި ހިލާންތަ؟" ހަމްދާނު ލާނެތް ރާގެއްގައި އަހައިލި އެވެ.

"ތިބުނީއެއްނު ލޭ ކޮށުނު ބޮލީގެ އަލާއެއް ނުކެނޑެޔޭ. އެހެންވީމަ ބޮލިތާ ހިލަންވީ. ލޭ ކޮށޭ ވަރަށް ވެސް. އޭރުންތާ ހަނދާން ހުންނާނީ ދޯ." ޝަރުވާނުގެ މިސްރާބު ހުރީ ސިޑިއާ ދިމާއަށެވެ.

އެއީ ދެ ފަންގިފިލާގެ އިމާރާތެކެވެ. ޝަރުވާނުގެ ފަހަތުން ހަމްދާނާއި ނަޒީހާ ދިޔަ އެވެ. ނަޒީހާ ހުރީ ހަމްދާނުގެ މުލައްދަނޑީގައި ހިފައިގެންނެވެ. އިރުއިރު ކޮޅާ އޭނާ އަތަށް ބާރުކޮށްލަ އެވެ. އަތަށް ފިތައިލަ އެވެ.

"ބިރުގަންނަނީ." ނަޒީހާ ވައި އަޑުން ބުނެލި އެވެ.

"ހަމަޖެހިބަލަ." ހަމްދާނު ވެސް އެ ވަޒަނަށް ބުނެލި އެވެ.

ޝަރުވާނު ހުއްޓުނެވެ. އޭނާ ބަލައިލީ ސިޑިން އަރަމުން ދިޔަ ހަމްދާނާއި ނަޒީހާ އަށެވެ. ޝަރުވާނު ހިފައިލީ ކުރިމަތީގައި ހުރި ދޮރުގެ ތަޅުގަ އެވެ. ދޮރު ހުޅުވާލަމުން އޭނާ އިޝާރާތްކޮށްލީ ހަމްދާނާއި ނަޒީހާ އަށެވެ. އެތެރެއަށް ވަންނަންވީކަން އަންގައިދޭ މޭރުމަކުންނެވެ.

ހަމްދާނު ހަމަޖެހިލައިގެން ހުރި ކަމުގައި ވިޔަސް އޭނާގެ މޫނުމަތިން ވެސް ފެންނަމުން ދަނީ ހާސްކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ. އެކަން ނުދައްކަން އޭނާ ދިޔައީ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. އެހެންވެ އޭނާ ގަދަކަމުން ތުންފަތުގައި ހިނިތުންވުމެއް ކުރަހައިލި އެވެ.

ދެމީހުން އެތެރެއަށް ވަނުމާއެކު ކުރިމަތީގައި ހުރި ބޮޑު ސޯފާގައި އިށީނުމަށް ޝަރުވާނު އިޝާރާތްކޮށްލި އެވެ. އޭނާ މިސްރާބު ޖެހީ ކޮޓަރިއާ ދިމާ އަށެވެ. ޝަރުވާނުގެ ބަހަށް ދެމީހުން ވެސް މަޑުކޮށްލައިގެން ތިބީ އެވެ. ދެމީހުން ވެސް ކަޅި އުކަމުން ދިޔައީ ސިޓިން ރޫމުގައިވާ އެކި ތަންތަނަށެވެ. ބަލައިބެލުމަށް އެއީ ސާފުތާހިރު ގެއެކެވެ. ޖާގަ މާ ތަނަވަސް ނޫނަސް ހިތްހަމަ ޖެހޭވަރުގެ ހިތްގައިމު ކުޑަކުޑަ ސިޓިން ރޫމެކެވެ. އެއީ ދެ ކޮޓަރީގެ އެޕާޓުމަންޓެކެވެ.

"މީނަ ކީއްކުރަންބާ އެ އުޅެނީ؟" ނަޒީހާ އަހައިލި އެވެ. "މޮޅު ކަމެއް ނޫނީ ނުކުރާނެ."

ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ހަމްދާނާއި ނަޒީހާއަށް ވެސް ބަލައިލެވުނީ އެ ދިމާ އަށެވެ. އޭރު ޝަރުވާނު ނުކުންނަނީ އެވެ. އޭނާގެ އަތުގައި އޮތީ ތުއްތު ކުއްޖެކެވެ. ރަޖާގަނޑަށް ލައި އޮޅައިލައިފަ އޮތް ކުޑަކުޑަ ކުއްޖެކެވެ. ދޭތެރެއަކުން އެ ކުއްޖާގެ އަޑު އިވިލަ އެވެ. ހަމްދާނު ބަލައިލީ ޝަރުވާނުގެ މޫނަށެވެ. ޝަރުވާނު ވެސް ބަލައިލީ ހަމްދާނުގެ މޫނަށެވެ.

"ކޮންގްރެޓްސް." ޝަރުވާނު ހުއްޓިލީ ހަމްދާނުގެ ގާތަށެވެ.

ހަމްދާނު ހައިރާންކަމާއެކު ބަލައިލި އެވެ. އޭރު ޝަރުވާނު އެ ތުއްތު ކުއްޖާ ހަމްދާނަށް ދިއްކޮށްލަނީ އެވެ. ހައިރާން ކަމާއެކު ބަލަން ހަމްދާނަށް ހުރެވުނީ އެވެ. އަތް ހިއްލައިލަން ވެސް ނޭނގިފަ އެވެ.

"އަން ހިފައިބަލަ. އުރައިލަބަލަ. އުރީމައޭ އުރަން އެނގޭނީ." ޝަރުވާނު ލުއި ރާގެއްގައި ބުނެލި އެވެ.

ހަމްދާނު އަތް ހިއްލައިލި އެވެ. ހަމްދާނުގެ އަތަށް ކުއްޖާ ލައިދިނެވެ. ކޮށި ގޮތަކަށް ހަމްދާނު ކުއްޖާ އުރައިލި އެވެ. ބިރުން ހުރެ އެވެ. ތުރުތުރު އަޅާ އަތަކުންނެވެ. އެއަށް ވުރެ ބާރަށް އޭނާގެ މޭ ތުރުތުރު އަޅަ އެވެ. ވާން އުޅޭ ގޮތެއް ނޭނގޭތީ އެވެ. ނޭވާ އަވަސްވެ މީހާ ދާ ހިއްލަމުން ދިޔަ އެވެ.

"މި ކާކުގެ؟" ހަމްދާނަށް އަހައިލެވުނެވެ.

"ތި ސުވާލު ކުރާން އެންމެ ރަނގަޅު މީހަކީ އަހަރެން. އަދި ސުވާލު ކުރާންވީ ވެސް ހަމްދާނު ގާތުގައި ހެން ހީވަނީ." ޝަރުވާނު ރުންކުރު ރާގެއްގައި ބުނެލި އެވެ.

"މާނައަކީ؟" ހަމްދާނުގެ މޭ ތެޅިގަތެވެ.

"ބަލައިފިން، ޔަގީން ވެސް ވެއްޖެ. މިއީ ތޯތޯ ކަމެއް ވެސް ނޫން. ނިކަން ތި ކުއްޖާގެ މޫނަށް ފުންކޮށް ބަލައިލަބަލަ. ފެންނަނީ ކޮން ކަމެއްތޯ ބަލައިލަބަލަ. ކުއްޖާގެ ކަނދުރާއަށް ބަލައިލަބަލަ. އޭރުން ހުރިހާ ކަމެއް އެނގޭނެ. ސާފުވާނެ." ޝަރުވާނު ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

ނަޒީހާ ވެސް ބަލައިލީ ހަމްދާނު އަތުގައި އޮތް ކުއްޖާގެ މޫނަށެވެ. އޭރު ކުއްޖާގެ މޫނާ ދިމާ އޮތީ ރުމާކޮޅަކުން ނިވާ ކޮށްފަ އެވެ. އެ ރުމާކޮޅު ނެގީ ނަޒީހާ އެވެ. އެއާއެކު ދެމީހުންގެ ކަޅި ތަތްވީ ކުއްޖާގެ މޫނުގަ އެވެ. ދެވަނަ ސިކުންތުގައި ކުއްޖާގެ ކަނދުރާގައިވާ ކުޑަކުޑަ އުފަން ލަފުގަ އެވެ. އެއާއެކު ދެމީހުންގެ ލޯ ބޮޑުވި އެވެ. އެ މައުސޫމު މޫނުން ފެނުނީ ސީދާ ހަމްދާނެވެ. ސުވާލެއް ނެތް މިންވަރަށް އެކަން ކަށަވަރުވެ އެވެ. ނަޒީހާއަށް ދުރަށް ޖެހިލެވުނެވެ. ހަމްދާނަށްވީ އެހެން ގޮތެކެވެ. އޭނާގެ ހިތުގައި ޖަހަމުން ދިޔަ ވިންދު ބަދަލުވި އެވެ. ރާގު ތަފާތުވި އެވެ. އޭނާއަށް އިނގިލި ޖައްސާލެވުނީ ކުއްޖާގެ ކަނދުރާގައިވާ އުފަން ލަފުގަ އެވެ. އެއީ އޭނާގެ ކަނދުރާގައި ވެސް އިންނަ ލަފެކެވެ.

"ޔަގީން ވެއްޖެ ދޯ،" ޝަރުވާނު ބުނެލި އެވެ. "މާތް ސާލިހު މީހެއްގެ ގޮތުގައި އެހެން މީހުންގެ ކުރިމަތީގައި ރީތި ސޫރައެއް ދައްކައިގެން އުޅުނު މީހާގެ ވިޔާނުދާކަން ދެކިބަލަ. ކަލޭގެ ސަބަބުން ކިތައް ކަންތައް ގޯހުން ގޯހަށް ވެއްޖެ. ކިހާ ހިތާމައެއް ބަޔަކު އުފުލައިފި."

"ކީކޭ ތި ކިޔަނީ؟ މި ވެގެން އުޅޭ ގޮތް އަހަންނަށް ކިޔައިދީބަލަ." ނަޒީހާއަށް ކެތެއް ނުވި އެވެ.

"މަޑުކުރޭ." ޝަރުވާނު ވަނީ ކޮޓަރި އަށެވެ.

އިރުކޮޅަށްކުން އޭނާ ނުކުތީ ތުއްތު އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެންނެވެ. އެ ކުއްޖާގެ އުމުރުން އަހަރެން ވަރު ވެދާނެ އެވެ. އެއީ ލޯބިލޯބި ރީތި ކުއްޖެކެވެ. ކޮންމެ މީހަކު ވެސް ލޯބިން ކޮލުގައި ހިފައިލާ ކަހަލަ ރީތި ކޮލަކާއެކު މޫނުމަތިން ފެންނަނީ އުޖާލާ ކަމެވެ.

"މި ވެސް ކަލޭގެ ދަރިއެއް." ޝަރުވާނު ބާރަށް ބުނެލި އެވެ.

ނަޒީހާގެ ދެ ލޯ ބޮޑުވި އެވެ. އޭނާގެ ނޭވާ އަވަސްވި އެވެ. ހަމްދާނަށް ވެސް ވީ އެވަރެވެ. އޭނާގެ މޫނުމަތީގައި ކުރެހުނީ ދެ ސުވާލެކެވެ. އެއީ ކިހިނެއް ކާކުގެ ކުއްޖެއްތޯ އުފެދުނު ސުވާލެވެ. އެކަން ޝަރުވާނަށް އެނގޭތީ އޭނާ ހިމޭންވެލި އެވެ. ހުރިހާ ކަމެއް އެއް ފަހަރާ ކިޔައިދިނުމުގެ ބަދަލުގައި އޭނާ ބޭނުންވީ ފިލްމެއްގެ މަންޒަރެއް ހެން ފަހަރަކު ކަމެއް ނިއުޅަމުން ނިއުޅަމުން ގޮސް މުޅި ފިލްމުގެ މަންޒަރުގައި ހުރިހާ އެންމެން އަތުރައިލާށެވެ.

ޝަރުވާނު ޖަހައިލީ ކޮޓަރީގެ ދޮރުގަ އެވެ. އެއާއެކު ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. ލޮލުގައި އަޅައިގަތީ ފުރޮޅުލީ ގޮނޑިއެކެވެ. ކޮޓަރިން ނެރުނީ އެ ގޮނޑި އެވެ. ގޮނޑީގައި އިނީ ކަޅު ހެދުމެއް ލައިގެން އިން މީހެކެވެ. އެ މީހާގެ މޫނުވަނީ ފޮތިކޮޅަކުން ނިވާ ކޮށްފަ އެވެ. ގޮނޑި ދުއްވަން ހުރީ އަންހެނެކެވެ. އެމީހާ ހުރީ މޫނު ބުރުގާ އަޅައިގެންނެވެ.

ހަމްދާނުގެ މޭ ތެޅިގަތެވެ. އޭނާއަށް ކަޅި ޖަހައިނުލައި ބަލައިލެވުނެވެ. ގޮނޑީގައި އިން މީހާގެ މޫނުގައި އަޅައިފައިވާ ފޮތި ކޮޅު ނެގި އެވެ.

"ރީމާ!" ހަމްދާނުގެ ދެ ލޯ ބޮޑުވި އެވެ.

"އާނ! ރީމާ. އަހަރެން ބޭނުންވީ މަރުވާން. ނަމަވެސް ގުދުރަތުގެ ރޭވުން މާ މޮޅު. އެ ހާލުގައި އޮއްވާ ވެސް ކަލޭ ފިލީ. ނޭނގޭ ކަމަށް ހަދައިފަ ކަލޭ ދިޔައީ. އެ ދުވަހު އަހަންނަށް ޑޮކުޓަރުން ދިން ހިތްހަމަ ޖެހުމުގެ ހަބަރަކީ މި. މިއީ ކަލޭ އަހަންނަށް ދިން ހަދިޔާ. އަހަރެން ބޭނުންވީ ކަލޭއަށް މިކަން ސިއްރުކުރަން. އަހަރެން އުޅުނީ ކަލެއަށް ފިލައިގެން މި ހުރިހާ ކަމަކާ ހަނގުރާމަކުރާން. ކަލޭގެ ދަރިއެއް ހުރިކަން ވެސް ނާންގާ މި ދަރި ބޮޑުކުރަން. އެކަމަކު." ރީމާ ރުޅި އައިސް ރަތްވެގެން ވާހަކަ ދެއްކި އެވެ. "އެކަމަކު ކަލޭ. ކަލޭ.. ދެވަނަ ފަހަރަށް ވެސް ވިހަލީ. ވިހަލީ އަހަރެންގެ ދިރިއުޅުމުގަ. އަހަރެން ފުރާނައިގަ."

ރީމާއަށް ގިސްލެވެން ފެށުނެވެ. އޭނާ ހިތްފަޅިފަޅިވަމުން ދިޔަ ކަހަލަ އެވެ. އޭނާ ގަދަކަމުން ހިންދިރުވާލި އެވެ. ގިސްލަމުން ގިސްލަމުން ވާހަކަ ދެއްކޭތޯ އުޅުނެވެ. ހިތްވަރުކޮށްފައި ހުރިހާ ކަމެއް ކިޔައިދެވޭތޯ ބެލި އެވެ.

"މި ހުރިހާ ކަމެއް އެނގުމުން ކަލޭގެ ކިބައިން ބަދަލު ހިފަން ނުކުތީ ރަންދާ. ރަންދާ އުޅުނީ ކަލޭގެ ކިބައިން ބަދަލު ހިފަން. އޭނާ ބޭނުންވީ ކަލޭއަށް ހިތުން ނުފިލާވަރުގެ ކެއްސެއް ދޭން. އެ ބޭނުމުގައި އޭނާ ކަލޭގެ ބޯކޮޅު ބަލައިގެން މަޅިފަތި ޖެހީ. އޭނާ ޖެހި މަޅިފަތީގައި ކަލޭ ފަސޭހައިން ޖެހުނީ. ޖެހުމާއެކު އޭނާގެ ދުނިޔެ ބަދަލުވީ. ކަލޭގެ ވަކިތަކު ދަށުވެ އޭނާއަށް ވެސް ގޯސް ހެދުނީ. ކަލޭގެ މޮޅުކަމަކީ ފޮނިކޮޅު ބޯލުމަށްފަހު ހާއްޔަށް ބިސް ވެސް އަޅާތީ."

ރީމާއަށް ކެތެއް ނުވި އެވެ. އޭނާއަށް ގިސްލެވެން ފެށުނެވެ. ގިސްލަމުން ގިސްލަމުން ގޮސް ހުއްޓުނީ އެވެ.

"އެންމެފަހުން... އެންމެފަހުން ރަންދާ ދުނިޔެއިން ވަކިވެގެން އެ ދިޔައީ. އެ ދިޔައީ ކަލޭގެ ތިޔަ ދަރިފުޅު އުފަން ކުރުމަށްފަހު،" ރީމާ އަނެއްކާ ވެސް ފެށި އެވެ. "ރަންދާ އަހަންނަށް ކުރި ވަސިއްޔަތަކީ މީ. ކަލޭއަށް ކަލޭގެ ދަރި ދިނުން. ކަލެއަށް މި ހުރިހާ ކަމެއް ކިޔައިދިނުން."

"ރަންދާ!" ހަމްދާނަށް އަނގަހުޅުވާލެވުނެވެ.

"އާނ! ރަންދާ. ރަންދާއަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަ. ކަލޭއަށް ބިސް ތިއެޅުނީ އެއް ހާއްޔަކަށް." ރީމާ ރުންކުރު ރާގެއްގައި ބުނެލި އެވެ. "ރަންދާ ބޭރުގައި އުޅިފަ ރާއްޖެ އައީ މިކަންތަކާ ކުރިމަތިލާން. އަހަންނަށް މިހާލު ޖެހުމުން."

ހަމްދާނު ބަލައިލީ ނަޒީހާގެ މޫނަށެވެ.

"ބަލައިބަލަ ކަލޭގެ ހުރި ނުލަފާކަން. ޖާހިލުކަން. ކަލޭއަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއް ވެސް ނެތް މީހެއް. ހިތުން މާ ސާލިހު މާ ލޯބިދޭ މީހަކަށް ވެގެން. ބަޔެއްގެ ދިރިއުޅުން ހަލާކުކޮށްލީއެއްނު ތި. އާއިލާއެއްގެ ހުވަފެންތައް ވިއްސިވިހާލި ކޮށްލީއެއްނު." ނަޒީހާ ހިތުގައި ހުރި ނަމަ ހުރި ވާހަކައެއް އެއްފަހަރާ އަމުނައިލި އެވެ.

"އަހަންނަށް ހުރިހާ ކަމެއް އެނގޭ. އަހަންނޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަތައް ދެއްކީ ހަމްދާނުކަން ވެސް އެނގޭ. ނަޒީ އަތުލަން އޭނާ ކުރި ހުރިހާ ކަމެއް ވެސް އެނގޭ." ޝަރުވާނު ބަލައިލީ ނަޒީހާގެ މޫނަށެވެ.

ނަޒީހާ ހިންދިރުވާލި އެވެ. އޭނާ ބަލައިލީ ޝަރުވާނުގެ މޫނަށެވެ.

"އަދިވެސް އަހަރެން ނަޒީ ބޭނުން. އަހަންނަކީ ހަމްދާނު ކިޔައިދިން ކަހަލަ މީހެއް ނޫން. ހަމަ ޔަގީނުން ވެސް އަހަރެންގެ ފަސްބައިގައި މި ފަދަ ލައްގަނޑެއް ޖެހިފައެއް ނޯންނާނެ. އަދި ފަހުން ވެސް ދަރިންތަކެއް ގޮވައިގެން އަންނާނެ ބަޔަކު ނުތިބޭނެ." ޝަރުވާނު ލަސްލަހުން ބުނެލި އެވެ.

"ރީމާ! އަހަންނަށް... އަހަންނަށް މައާފު.." ހަމްދާނު ރީމާއާ ދިމާއަށް ތިރިވެލި އެވެ.

"އަހަރެންގެ ހިތުގައި ހަމްދާނާ މެދު ނަފުރަތެއް ނެތް. ރުޅިވެރިކަމެއް ނެތް. އެކަމަކު ހަމްދާނު މައާފަށް އެދެން ޖެހޭނީ ރަންދާގެ ކިބައިން. ރަންދާގެ ފަރާތުން. އެކަން ވާނެތަ؟" ރީމާ ލަސްލަހުން ބުނެލި އެވެ.

"އެ ކިހިނެއް؟" ހަމްދާނު އަހައިލި އެވެ.

"ރަންދާގެ އެންމެ ފަހުގެ ބަހަކީ އެއީ. ރަންދާގެ މައާފު ލިބޭނީ މި ދަރީންނަށް ބައްޕައެއްގެ ލޯބި ދީގެން ކުދިން ބޮޑެތި ވަންދެން މީހަކާ ނީނދެ. އަންހެނަކާ ވައި ވެސް ނޭޅި ހުރީމަކަމަށް." އިވުނީ ފިރިހެނެއްގެ އަޑެވެ.

ހަމްދާނު ބަލައިލި އެވެ. ރީމާގެ ގޮނޑި ހިފައިގެން ނުކުތް މީހާއާ ދިމާ އަށެވެ. އޭނާގެ މޫނުމަތީގައި އޮތް ފޮތި ކޮޅު ނެގި އެވެ. އެއީ ސޮބާހެވެ.

"އާނ! އަހަންނަށް ވެސް މި ހުރިހާ ކަމެއް ކިޔައިދިނީ ރަންދާ. އަހަރެން މި ގެއަށް ގެނެސް ރީމާ ދެއްކީ އޭނާ. މިކަންކަން އަހަންނަށް އެނގުނު ހިސާބުން އަހަރެން ހަމްދާނާ ދުރަށް މިއައީ. އަހަންނަށް ވެސް މިކަމުގައި ގޯހެއް ހެދުނު ކަމަށް ދެކިގެން. އަހަރެން މިއަދު ލަދު ގަނޭ. ދެރަވެސްވޭ. އެދުވަހު ހަމްދާނަށް އެ ހިޔާލު ދެވުނީމަ. އެ ކަން ކުރާން ބާރު އެޅުނީމަ. އެކަމަކު މިހާރު ދެން ކުރާނެ ކަމެއް ނެތް. އަހަންނަށް ކުރެވުނު ކުށަށް އަހަރެން ތައުބާ ވެއްޖައީމު. އަހަރެން ރީމާގެ އަތުގައި ހިފައިފިން. މިއަދު ރީމާއަކީ އަހަރެންގެ އަލަތު އަނބިމީހާ. އެކަމަކު އަހަރެންގެ ދަރިފުޅުގެ ބައްޕައަކީ ހަމްދާނު."

ހަމްދާނަށް ރޮވުނެވެ. ގިސްލަގިސްލަމުންނެވެ. ބާރުބާރަށެވެ. އޭނާގެ ހިތުގެ އެކި ދިމަދިމާއަށް ޖަހަމުން ދިޔަ ރާޅުތަކުގެ ފޮނައިން އޭނާގެ ހިތް ފުނޑުފުނޑުކުރަމުން ދިޔަ އެވެ. ނަމަވެސް، އޭނާ ހިތްވަރުކޮށްފައި ކޮޅަށް ތެދުވި އެވެ. ވަށައިގެންވާ އެންމެންނަށް ބަލައިލި އެވެ.

އޭރު ނަޒީހާ ހުރީ ޝަރުވާނުގެ މުލައްދަނޑީގައި ހިފައިލައިގެންނެވެ. ސޮބާހު ހުރީ ރީމާ އިން ގޮނޑީގައި ހިފައިލައިގެންނެވެ. އޭނާގެ ފަރާތުން ރީމާއަށް ލިބުނު ހަދިޔާ، އެ ދެމީހުންގެ ދަރިފުޅު އިނީ ރީމާގެ އުނގުގަ އެވެ. އޭނާގެ އަތުގައި އޮތީ ރަންދާގެ ހަނދާނެވެ. އެ ނިޝާނެވެ.

"އަހަންނަށް މައާފުކުރޭ. އަހަރެން އެކުގައި ބަދަލުވާނަން. ކުށްކުރެވުނީތީ ތައުބާވާނަން. އަހަންނަށް މަގު ދައްކައިދީ. އަހަރެން ހިނގާނީ އެކުގައި. އެންމެންނާ އެކުގައި،" ހަމްދާނުގެ ދެ ލޮލުން ކަރުނަތައް އޮހިގަތެވެ. "ދުނިޔެއަކީ މިފަދަ އިމްތިހާނީ އާލަމެއް. ކުލަތަކަށް ހެއްލުމަކީ ކިހާ ބޮޑު އަނިޔާއެއް. މީހުންގެ ހައްގުތަކަށް އަރައިގަތުމަކީ އަދި ކިހާ ބޮޑު އަނިޔާއެއް. އެކަން މިއަދު ވިސްނިއްޖެ." -- (ނިމުނީ)