Advertisement

ކޮމީޑިއަން ޑޭވް ޗެޕެލް ސްޓޭޖް މަތީގައި ހުއްޓާ ހަމަލާ ދީފި

ޑޭބް ޗެޕެލް. -- ފޮޓޯ: އޭއެފްޕީ


ކޮމީޑިއަން ޑޭވް ޗެޕެލް ސްޓޭޖް މަތީގައި ހުއްޓާ ހަމަލާ ދީފި

ލޮސް އެންޖެލިސް، އެމެރިކާ (މޭ 4) - ލޮސް އެންޖެލިސްގައި ލައިވް ޝޯއެއް ދިނުމަށް ސްޓޭޖް މަތީގައި ހުއްޓާ ކޮމީޑިއަން ޑޭވް ޗެޕެލްއަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި އެވެ.

"ނެޓްފްލިކްސް އިޒް އަ ޖޯކް" ކޮމެޑީ ފެސްޓިވަލްގައި ޝޯއެއް ދެމުން ދަނިކޮށް، އޯޑިއެންސްގެ ފިރިހެން މެމްބަރަކު ވަނީ ސްޓޭޖް މައްޗަށް އަރައި، ޑޭވް ޗެޕެލް ބިން މައްޗަށް ވައްޓާލާފަ އެވެ.

ފުލުހުން ބުނީ ހަމަލާ ދިން މީހާ ހުރީ ބަޑިއެއް ގޮތަށް ޑިޒައިންކޮށްފައި އޮތް ވަޅިއެއް ހިފައިގެން ކަމަށެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސެކިއުރިޓީ ގާޑުން އޭނާ ހިފެހެއްޓި އެވެ. ޑޭވް ޗެޕެލްއަށް އަނިޔާއެއް ނުވެ އެވެ.

އުމުރުން 48 އަހަރުގެ ޑޭވް ޗެޕެލްގެ ބައެއް ޖޯކުތަކާ މެދު ހިތްހަމަނުޖެހި، ފަހަކަށް އައިސް މީހުން ނުރުހުން ފާޅުކޮށްފައިވެ އެވެ. އެގޮތުން މީހުންގެ ޖިންސު ބަދަލުކުރުމާ ގުޅޭ ނުވަތަ "ޓްރާންސްޖެންޑާ" ޖޯކުތައް ފާހަގަކުރެވެ އެވެ.

ނަމަވެސް، ހަމަލާ ދިން ސަބަބު ސާފު ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހަމަލާ ދިނީ އުމުރުން 23 އަހަރުގެ އިސައިޔާ ލީ ކަމަށް ފުލުހުން ބުނެ އެވެ.