Advertisement

އީދު ދުވަހު މަކުނުދޫގައި މި ކުރަނީ ކޮން ކަމެއް؟

3 މޭ 2022 - 15:23 1

މަކުނުދޫ މަގުތަކަށް ނުއުފުލޭ ބަރު މުދާ ނެރެފައި: މިފަހަރު އެ ސަގާފަތް ކުރިއަށް ނުގެންދިއުމަށް ކައުންސިލުން އެދުނު -- ފޮޓޯ: ސޯޝަލް މީޑިއާ


އީދު ދުވަހު މަކުނުދޫގައި މި ކުރަނީ ކޮން ކަމެއް؟

3 މޭ 2022 - 15:23 1

ފޮޓޯ އިން ތި ފެންނަނީ ހދ. މަކުނުދޫގައި އީދު މަޖާ ނެގުމުގެ ގޮތުން ޒަމާނުއްސުރެ ގެންގުޅެމުން އައި އާދަކާދައެއްގެ އިއްޔެގެ މަންޒަރެކެވެ.

އީދު ދުވަހަށް އަލިވިލުމުގެ ކުރިން ގޭގޭގައި ހުންނަ ބައެއް ކަހަލަ ލުއި ސާމާނު އެ ގެއެއްގެ ވެރިންނަށް ސިއްރުން ނެރެފައި ގޭގެ ކުރިމަތީގައި ފަސޭހައިން ފެންނަ ގޮތަށް ބަހައްޓަނީ އެވެ. މިއީ ދުވަހުގެ ފެށުން މަޖާކޮށްލުމުގެ ގޮތުން އެރަށުގައި ކުރިއްސުރެ ކުރަމުން އައި ކަމެކެވެ. މިއަށް ކިޔާ ހާއްސަ ނަމެއް ނޯވެ އެވެ.

ކުރީގައި މިގޮތަށް ނެރޭނީ ގޭގެ ވަޅުގައި އޮންނަ ދާންޏާއި ގޭގެ ގޯތި ތެރޭގައި ހުންނަ ޖޯއްޔާއި އުނދޯއްޔާއި ގެއިން ބޭރުގައި އާންމުކޮށް ހިފައި ގެންގުޅޭ ތަކެއްޗެވެ. އެތަކެތި ނެރެގެން ގެއާއި މާ ދުރަކަށް ނުގެންދާނެ އެވެ. ގޭގެ ވެރިން ހެނދުނު ހޭލައިގެން ގެއިން ނިކުންނަ އިރު ފަސޭހައިން ފެންނަ ފަށުގައި ބަހައްޓަ އެވެ.

"މިއީ ވަރަށް ލުއި ޕްރޭންކް އެކޭ ވެސް ބުނެވިދާނެ. ކުރީގައި މިގޮތަށް ހެނދުނު ހޭލައިގެން ނެރެލާފައި އޮތީ ކޯއްޗެއްތޯ ބަލަން ވެސް އަވަހަށް ނިކުންނާނެ. އެކަމަކު މިހާރު ބައެއް ފަހަރަށް މަޖަލަކަށް ވުރެ ބޮޑަށް މީހުންނަށް ތަކުލީފަކަށް ވާގޮތަށް މިކަން ކުރެވޭ،" އެރަށު މީހަކު ބުންޏެވެ.

މިދިޔަ ދެތިން އަހަރުގައި އީދުގައި މިގޮތަށް މަޖަލަށް ކޮށްފައިވާ ބައެއް ކަންތައްތަކުގެ ސަބަބުން މީހުންގެ މުދަލާއި ގޯތި ގެދޮރަށް އެކި ކަހަލަ ގެއްލުމާއި އުނދަގޫ ކުރިމަތިވެފައިވާތީ އެރަށު ކައުންސިލުން މި ރޯދަ މަހުގެ ފަހު ދިހައިގެ ތެރޭގައި ބަޔާނެއް ވެސް ނެރުނެވެ.

އެ ބަޔާނުގައި އެދިފައިވަނީ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވީނަމަވެސް ފަހަކަށް އައިސް މިކަން ކުރުމުގެ ތެރޭގައި މީހުންނަށް އުނދަގުލާއި ދަތި ކުރިމަތިވާތީ މި އީދުގައި އެ މަޖާ އެގޮތަށް ނުކުރުމަށެވެ.

އެކަމަކު ކައުންސިލުގެ އެދުމާ ހިލާފަށް، އިއްޔެ އަލިވިލުނު އިރު އެރަށުގެ މަގުތަކަށް އެކި އެއްޗެހި ނެރެ ޖަމާކޮށްފައި ހުއްޓެވެ. މީގެ ތެރޭގައި ޑިންގީ އާއި ޖޯލިފަތިތަކާއި މަސް އަވީލާ އަށި ފަދަ ތަކެތި ވެސް ހުއްޓެވެ. އަދި މަގު ބަންދުވާ ގޮތަށް ގާ އަތުރައި، ގިނަ އަދަދަކަށް ކުނި ޖަމާކޮށްގެން ގެއެއްގެ މަގު ދޮރާށި އެއްކޮށް ބަންދުކޮށްފައި ހުރި މަންޒަރެއް ވެސް އިއްޔެ ދައުރުވެފައިވާ ފޮޓޯތަކުން ފެނެ އެވެ.

އުފާވެރި އެކި މުނާސަބަތު ތަކުގައި ސަގާފަތުގެ ތެރެއިން ކުރާ މިފަދަ ކަންކަން އޭގެ ހަގީގީ އުފާ ގެއްލޭގޮތަށް ކުރުމަކީ ދެރަ ކަމެކެވެ. އެއީ އަމިއްލަވަންތަކަމަށް ލިބޭ އުނި ކަމެކެވެ.

ރަށްރަށުގެ ހާއްސަކަމާއި ތަފާތު ދިރިއުޅުން ދައްކުވައިދޭ މިފަދަ ކުޅިވަރުތަކާއި މަޖާކުރުންތައް ޒާތީ ޖަޒުބާތުތަކާއި ވަކިން އޭގެ ހަގީގީ މާނަ އާއި މަގުސަދު ނުގެއްލޭ ގޮތަށް ދެމެހެއްޓުމަކީ ސަމާލުކަންދޭންވީ މުހިއްމު ކަމެކެވެ. އުވި ނުގޮސް، ސަގާފަތް ދިރުވޭނީ އޭރުންނެވެ.