Advertisement

ވެލިދޫން ދިން ހަނދާންތަކާއި ކެއްކި 'އައުލާދު ބަތްގަނޑު'


ވެލިދޫން ދިން ހަނދާންތަކާއި ކެއްކި 'އައުލާދު ބަތްގަނޑު'

ނ ވެލިދޫ، ހައިވް ގޭގެ ފުރަގަހަށް އޮންނަ ހުސް ޖާގައަށް ހެނދުނުއްސުރެ އެއްވަމުން ދިޔަ އަންހެން ވެރިންގެ ހަރަކާތްތައްތައް ހަލުތްވެވެ. ހޭޅިފަށާއި އިންވެގެން އޮތް އެ ބޮޑު ގޯތީގައި ކުނި ކަހައި އެތަން ތައްޔާރުކުރަމުން އެ ދަނީ އަހަރެމެންނަށް މަރުހަބާ ކިޔުމަށް ރޭވި އެރަށުގެ ސަގާފީ ބަތްގަނޑު، މެންދުރުގެ ކެއުމަށް ތައްޔާރުކުރުމުގެ މަސައްކަތަށެވެ. އެ އެންމެންގެ ތެރެއިން ވެސް ފެހި ދިގުހެދުމުގައި ހުރި ހައިވްގޭ ފާތުމަތު މޫސާ (ފަހަރި) އުޅޭލެއް ހަލުވިވެފައި އަޑު ގަދަ އެވެ. ލީޑަރެއް ނެތަސް އެ މަސައްކަތް އިސްވެ ކުރުވަނީ އޭނާ އެވެ. ސަކަ މިޒާޖުގެ، އެކުވެރި ހިނިތުންވުމަކާ އެކު ކައްކަން ތައްޔާރުވަމުން އަންނަ ބަތްގަނޑާއި އެއާ ގުޅިފައިވީ ހަނދާންތައް އާކުރަމުން ފަހަރި ބުނެލި އެވެ. "ގޭގޭގެ ފާރުތައް އުސްކޮށް، މީހުން ގެތަކަށް ވަތް ފަހުން އިހުގައި އެ އޮތް ރޫހެއް މިހާރަކު ނެތެވެ."

އެކަމަކު މުރަނގަފަތް ފެނު ކައްކައިގެން އޭގެ ރަހަ މުޅިންހެން ފިލުވާލައިގެން ބަތާ އެއްކޮށްގެން ތައްޔާރުކުރާ 'އާއިލީ ކޭން' އަދިވެސް އެރަށުގެ މީހުންނަށް ހާއްސަ އެވެ. އެއީ މީގެ ތިރީހަކަށް އަހަރު ކުރިއާ ހަމައަށް ވެސް އިޖުތިމާއީ ރޫހު ދިރުވައިދިން މުހިއްމު ސަގާފަތެކެވެ. ދޭތެރެއަކުން އެންމެން އެއްވެ ރަހުމަތްތެރިކަން ބަދަހި ކުރުމަށް ދިރުވި 'ބަހަނާ' އެކެވެ.

އެއްކަނުން ހީލަމުން، ސަމާސާއަކަށް ފަހަރި ބުނެލި އެ ޖުމްލައިގައި ފޮރުވިފައިވަނީ އެހެންވީމާ ތަދާއި ޖަޒުބާތެވެ. އެކުވެރި ކުދިބޮޑު އެންމެން އެއްވެ، ބޮޑު ތެލިތަކުގައި މުރަނގަ ބަތް ކައްކައިގެން ބިން މަތީގައި ފަން އަތުރައިގެން ޖަމާއަތް ހަދައިގެން މަޖާކުރުމާއި ކެއުމުގައި ހޭދަކުރި ދުވަސްތައް އޭނާގެ އެންމެ އުފާވެރި ހަނދާނުގައި އަދިވެސް ހުރީތީ އެވެ.

މުރަނގަ ބަތް ނުވަތަ ވެލިދޫ އައުލާދު ބަތް: މިއީ މަސް ބަތް ކާ ގޮތަށް ރިހާކުރާ އެކު މޮޑެގެން ފިޔާ މިރުސް އަދި ރިހާކުރުލީ ވަޅޅމަހާއެކު ކާ ކެއުމެއް އަދަދު ފޮޓޯ/ މުހައްމަދު ޝާބިން


މުރަނގަ ބަތަކީ، މުރަނގަ ފަތްތަކުން ތަނޑި ފިލުވައި، ފެން އެއްޗެއް ކައްކަން އުދައި އެ ފެންގަނޑު ބާނި ލައި ކެކިގަތުމުން، މުރަނގަފަތް ކޮޅު ފެނުގެ ތެރެއަށް އަޅައި، އޭގެ ތެރެއަށް ބިލެތް ހުނިކޮޅެއް ލައިގެން މަޑުކޮށްގެން އެ ފަތް ނަގައިގެން ބަތާ އެއްކޮށްގެން ހަދާ ކެއުމެކެވެ.

ބިލެތް ހުނި ލައިގެން ފަތްތައް މަޑުކޮށް ނިމޭ އިރު ފަތްތައް ހުންނާނީ ފުއްކޮށް ބޮޑެތިކޮށެވެ. ދެން ތެލިން ފަތްތައް ނަގައި އިތުރު ދެ ފެން އެއްޗަށް ލާފައި ނަގައި ފެން ފެލައި ބޮޑެތި ގުޅަ ގުޅަ އަށް ހަދާނީ އެވެ. އެއަށް ފަހު ދެން ކޮށާނީ އެވެ.


އަދަދު ފޮޓޯ/މުހައްމަދު ޝާބިން


އަދަދު ފޮޓޯ/ މުހައްމަދު ޝާބިން


މަޑުކޮށްފައި ހުރި ފަތް ބަތާ އެއްކުރުމުގެ ކުރިން ހިމުންކޮށް ކޮށާނެ އެވެ. ގުޅަ ގުޅަ އަށް ހަދާފައި ހުރި ފަތް ކޮށުމަކީ ވެސް ތަފާތުކޮށް ކުރާ ކަމެކެވެ. ފަތް ކޮށަނީ ފަތުގައި ހުންނަ އިތުރު ތަނޑިތައް ފަސޭހައިން ނެގޭ ގޮތަށެވެ. ދެން ކާށި ހުންޏާއި ފަތް ލައި އެއްކޮށް މޮޑޭނީ އެވެ.

މުރަނގަ ފަތްތައް މަޑުކޮށް ނިމުމުން ކޮށާނެ. ފަތް ކޮށާނީ ވަކި ގޮތަކަށް ފޮޓޯ/މުހައްމަދު ޝާބިން


ފޮޓޯ/މުހައްމަދު ޝާބިން


މި ކެއްކުމެއްގެ އެންމެ ފަހު މަރުހަލާ އަކީ ހުންޏާ ލައި މޮޑެފައިވާ ފަތްތައް ބަތް ކެއްކުމަށްފަހު ބަތް އެތި އުނދުން މަތިން ބާލައި ހޫނުކޮށް ހުއްޓައި ރަނގަޅަށް އެއްކުރުމެވެ. އެއާ އެކު މުރަނގަ ބަތް ތައްޔާރުކޮށް، އެނިމުނީ އެވެ.

މުރަނގަ ބަތް ކެއްކުން އަދަދު ފޮޓޯ/މުހައްމަދު ޝާބިން


މި ބަތްގަނޑު ސުފުރާ އަށް ނަގާއިރު ކެއުން ފުރިހަމަ ކުރުމަށް މިރުހާއި ލުބޮޔާއި ފިޔާ ފަދަ ބާވަތްތަކާއި ލޮނިމިރުހާއި ރިހާކުރާއި ރިހާކުރުލީ ވަޅޯ މަސް ވެސް ތައްޔާރުކުރެ އެވެ. ކައި ނިމުމުން ކާން ފޮނި ބަތްޕެނާއި އާދައިގެ ބަތްޕެން ކައްކަ އެވެ.

މުރަނގަ ބަތަކީ މީރު ކެއުމެކެވެ. އެކަމަކު ވެލިދޫގެ މީހުންގެ ސަގާފަތުން ހާއްސަ ޖާގައެއް ހޯދި މި ކެއުންގަނޑުގެ އަސްލު އުފަލާއި ފޯރި އަކީ އެރަށުގެ ފަސްގަނޑުން ނޫނީ ނުލިބޭނެ އެއްޗެކެވެ. ވެލިދޫ އަށް ކުރި ތިން ދުވަހުގެ ދަތުރުގެ އުފާވެރި ހަނދާނަކީ ވެސް މިއީ އެވެ.