Advertisement

ރަށު ނޯޓު: ދަނގެތި

2 މޭ 2022 - 18:11 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އދ. ދަނގެތި:މިހާރު ރަށުގައި ވައިގައި ހިފާފައި އޮތް، އެންމެ ފުޅާ ދާއިރާއެއްގައި ކުރެވޭ މަސައްކަތަކީ ފަތުރުވެރިކަން -- ފޮޓޯ: އަލީ ހުޝާން


ރަށު ނޯޓު: ދަނގެތި

2 މޭ 2022 - 18:11 0

ރަށަށް އަރާއިރު ފެންނާނީ ރުނބައެއްގެ ތެރޭގައި ހަނދުފަޅިއެއް ލާފައިވާ ގޮތަށް ސިފަވާ ރަމްޒީ ބިނާއެކެވެ. ނުވަތަ މޮނިއުމަންޓެކެވެ. ދަނގެތީ މީހުން ހަނދު ރުނބަޔަށްލީކަމަށް ބުނެވޭ ފޯކްލޯރާ ގުޅިގެން ދެކެވޭ ވާހަކައިގައި ބުނަނީ ސާދަވިލޭރެއެއްގައި ދަނގެތީ އޮޑިއެއް ފައްސިޔައިގައި ދަތުރުކޮށް މާލެއަށް މިސްރާބުޖަހާފައިވަނިކޮށް، ފަޅުވެރި ކުއްޖަކު ފެން ބޮވައިގަނެގެން ބޯފެން އަޅާ ރުނބާ މޮހާލައި ލޯވަށި ގަންބާލަން ބެލިއިރު ކަމަކުދާކަށް ނެތެވެ. ސާދަ ވިލޭރޭގެ ފުރިހަމަ ހަނދު އެއޮތީ ރުނބާތެރެއަށް ވެއްޓި ރުނބާގައި ގައިދުވެފަ އެވެ. ދޯނީގެ އެންމެންގެ ސަމާލުކަން ލިބުމުން އެތަނުން ހަރުފުރައިގެ މީހަކު ގޮވާލިކަމަށްވަނީ 'އަހަރުމެންގެ ނަސީބު މިއޮތީ އަތުގައި ހިފާފައޭ. މި ހަނދު ރުނބައިން ދިޔަދީގެން ނުވާނެއޭ. މި ވާނީ ރަދުންނަށް ވެދުމަށް އަރުވާށޭ މިވަރުގެ އަގުބޮޑު ހަދިޔާއެއް އެހެން މީހަކަށް ހައްގެއް ނޫނޭ' އެވެ.

މިއީ މި ވާހަކަ ކިޔާ އެއްގޮތެވެ. މި ވާޝަންގައި ދައްކުވައިދޭން މަސައްކަތްކޮށްފައި މިއޮތީ އޮޑިން ދަތުރުކުރި މީހުންގެ ހޭނުޖެހޭ ކަމެވެ. އެހެން ނަމަވެސް މި ވާހަކަ ކިޔައިއުޅޭ އެހެން ގޮތެއް އެބައޮތެވެ. ދަނގެތީ ޒުލައިހާ އާދަމް (ތުއްތު ކަނބުލޮ) އަކީ އެރަށުގެ އެންމެ ދުވަސްވީ މީހުންގެ ތެރެއިން މީހެކެވެ. އޭނާ މީގެ ކުރިން ބައެއް ނޫސްތަކަށް މި ވާހަކަ ކިޔައިދިނުމުގައި ބުނެފައިވަނީ ރަދުންގެ ފައިންޕުޅު ފެނުމަކީ ނާދިރުކަމަކަށްވާތީ، މުހުތާދަކައިގެން ރަދުންގެ ފައިންޕުޅު ދެކެން ދިޔަ ދަނގެތީގެ ވަފުދުން ހަނދު ރުނބަޔަށް ލައިގެން ވެދުން ކުރާކަމަށް ބުނެ ރަދުންނާ ބައްދަލުވުމުގެ ފުރުސަތު ހޯދީ ކަމަށެވެ. އަބްދުﷲ އާދަމް (ތުއްތުބެ) ވެސް މިވާހަކަ ކިޔައިދީފައި އޮތީ ހަމަ މިގޮތަށެވެ. އެހެންވީމާ، ހަނދު ރުނބަޔަށްލީކަމަށް ބުނުމަކީ ރަދުންނާ ބައްދަލުކުރުމުގެ ފުރުސަތު ހޯދުމަށް ދަނގެތީ މީހުން 'ޖެހި ރޮކެޓެއް' ކަމުގައި ވުމުގެ ފުރުސަތު މާބޮޑެވެ.

ދަނގެތީގައި ހަދާފައިވާ މޮނިއުމަންޓް: މި ރަށުގެ ބަޔަކު ރުނބައަށް ހަނދު ލައިގެން ރަސްގެފާނަށް ވެދުމަށް ގެންދިޔަ ކަމަށް ބުނޭ. -- ފޮޓޯ: ޝަރޫ އަބްދުއްލަތީފް


އަރިއަތޮޅު އަރުމާދު ރައިވަރުގައި ބަނޑޭރި ހަސަން މަނިކުފާނު ބަޔާންކުރައްވާފައިވާ ގޮތުން އައްސުލްތާން މުހައްމަދު މުއީނުއްދީން އަރިއަތޮޅު އަރުމާދުގައި ފައިބައިވަޑައިނުގަންނަވައި ދޫކޮށްލެއްވި އެއް ރަށަކީ ދަނގެއްޗެވެ. އެހެން ނަމަވެސް އަރުމާދު ރަށަށް ލަފައި ފަޅުގައި އަޅައިގެން ތިއްބެވިއިރު ދަނގެތީ ކަތީބުންނާއި ރައްޔިތުން ރަދުންނަށް ވެދުން ހިފައިގެން އަރުމާދަށް އަ އެވެ. އެރަށުގައި މަޑުނުކުރައްވައި ރަދުން ފުރާވަޑައިގެންނެވި ސަބަބެއް ކަމަށް ރައިވަރުން އެނގެން އޮތީ ފީފަނުން ގެދޮރު އެޅުމެވެ. ރައިވަރުގައި ސިފަކޮށްދީފައިވާ ގޮތުގައި އޭރު ދަނގެތީގެ ހާލަތު ވަރަށް ދަށެވެ. އެއީ މީލާދީން 1804 ވަނަ އަހަރެވެ.

އަރިއަތޮޅު ދެކުނުބުރީ ދަނގެތީގެ ބޮޑުމިނުގައި ހުރީ 25.2 ހެކްޓަރެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އައި-16 އެވެ.

ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު މިރަށުގެ އާބާދީއަކީ 552 އަންހެނުންނާއި 584 ފިރިހެނުންނާއެކު ޖުމުލަ 1136 މީހުންނެވެ. ރަށުގައި ދިރިއުޅޭ އާބާދީއެއް ކަމަށް ބެލެވިފައި އޮތީ 1200 އެވެ. ރަށުގައި ތިބޭ ބިދޭސީންގެ އަދަދު ހިމެނީމާ މިޔަށްވުރެ ގިނަވާނެ އެވެ.

ކުރިން މިރަށުގެ މައިގަނޑު އިގްތިސާދީ މަސައްކަތަކީ މަސްވެރިކަމެވެ. މިހާރުވެސް ފަރުމަހުގެ މަސްވެރިކަން ރަށުގައި ކޮށްއުޅޭއިރު އެ މަސައްކަތުގައި ހަ އުޅަނދެއް ގެންގުޅެ އެވެ. އިމާރާތްކުރުމުގެ މަސައްކަތްކުރާ 4 ގުރޫޕެއް މިރަށުގައި އުޅެ އެވެ. ކުންފުނިތަކެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ނެތްނަމަވެސް، މިއީވެސް އާމްދަނީ ހޯދުމަށް ފުޅާ ދާއިރާއެއްގައި ކުރެވޭ މަސައްކަތެކެވެ. ގުރޫޕުތައް ހިންގައި، ހުރިހާ އިންތިޒާމުތަކެއް ރާވާނީ ގުރޫޕުގެ ވެރިންނެވެ. މަސައްކަތް ކުރަން ގެންގުޅެނީ ބިދޭސީންނެވެ.

މިހާރު ރަށުގައި ވައިގައި ހިފާފައި އޮތް، އެންމެ ފުޅާ ދާއިރާއެއްގައި ކުރެވޭ މަސައްކަތަކީ ފަތުރުވެރިކަމެވެ. މިވަގުތު 13 ގެސްޓްހައުސްއެއް ރަށުގައި އެބަ ހިންގަ އެވެ. އެއީ 106 ކޮޓަރި ނުވަތަ 212 އެނދެވެ. މިވަގުތުވެސް އިތުރު ގެސްޓްހައުސްތަކެއްގެ މަސައްކަތް އެބަހިނގަ އެވެ. މީގެ ތެރޭގައި 42 ކޮޓަރީގެ، އަށް ބުރިއަށް ހަދާ ގެސްޓްހައުސްއެއް ހިމެނެ އެވެ. ގެސްޓްހައުސް ވިޔަފާރީގައި ދަނގެތި ކާމިޔާބެވެ. ޕީކް ސީޒަންތަކުގައި ގެސްޓްހައުސްތައް ފުރި ގޭގޭގައި މީހުން ބައިތިއްބަންޖެހޭ ހާލަތަށް ވެސް ދެ އެވެ. އެންމެ ގިނައިން އަންނަނީ ރަޝިޔާ އަދި ޔޫކްރެއިންގެ ފަތުރުވެރިންނެވެ. ހަނގުރާމައާ ގުޅިގެން މިހާރު އެ މަންޒިލްތަކުން އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވީ ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުން އަންނަ ފަތުރުވެރިންގެ އިތުރުން ރާއްޖޭގެ ރަށްރަށުން ޒިޔާރަތްކުރާ ފަތުރުވެރިންނާއެކު ދަނގެތީގެ ފަތުރުވެރިކަން މަޑުޖެހުމެއްނެތި ހިނގަމުންދެ އެވެ.

ރަށުގައި އާންމު ވިޔަފާރިކުރާ 12 ފިހާރައެއް ހިންގަ އެވެ. ޓޫރިސްޓުންނަށް އަމާޒުކޮށްގެން ހުޅުވާފައި ހުރި ހަތަރު ރެސްޓޯރަންޓް އެބަހުއްޓެވެ. އިތުރު ވިޔަފާރިތަކަށް ބަލާއިރު، ދެ ވަޑާންގެއާއި ދެ ވޯކްޝޮޕާއޮި، ފަސް ޑައިވިން ސެންޓަރާއި، ސެލޫނަކާއި، ހަ ގެސްޓްޝޮޕްއާއި، ދެ ފަހާތަން ހުރެ އެވެ.

ދަނގެތީގެ ސިއްހީ މަރުކަޒުގެ އިތުރުން، މިރަށުގައި އަމިއްލަ ފަރާތަކުން ހިންގާ ރަނގަޅު ފެންވަރެއްގެ ސިއްހީ ކްލިނިކެއް ހުރެ އެވެ. ހުސައިން އަބްދުއްސަމަދު މެމޯރިއަލް ކްލިނިކަކީ 2018 ވަނަ އަހަރު ރަށުގައި ހުޅުވި ކްލިނިކެކެވެ. މިތަނުގައި އެތެރެހަށީގެ ޑޮކްޓަރެއް ހުންނައިރު، އެކްސްރޭ އާއި ސްކޭން ހެދުން ފަދަ ވަސީލަތްތައް ގާއިމްކޮށްފައި ވެ އެވެ. އަދި މިތަނުން ލިބޭ ހިދުމަތްތަކުގެ އިތުރުން މާލެއިން ސްޕެޝަލިސްޓު ޑޮކްޓަރުން (ކަށި، އަންހެނުންގެ ހާއްސަ، އެތެރެހަށި) ހަފުތާ ބަންދުގައި ޒިޔާރަތްކޮށް ހިދުމަތް ދެ އެވެ. އަތޮޅު ތެރެއިންވެސް މީހުން އައިސް މިތަނުން ހިދުމަތް ހޯދަ އެވެ. މިއީ ފުއްޕާމޭގެ ބަލިތަކާ ގުޅޭ ހާއްސަ ޑޮކްޓަރު މޫސާ ހުސެއިންގެ ބައްޕަ، ހުސެއިން އަބްދުއްސަމަދުގެ ހަނދާނުގައި އޭނާ ހުޅުވި ކްލިނިކެކެވެ.

ދަނގެއްޗަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ބަނދަރު ކުޑަވުމާއި ބިމުގެ ދަތިކަމުގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުމުގެ ދަތިކަމެވެ. ރަށުން ގޯތި ދޫނުކުރާތާ 20 އަހަރު ވެއްޖެ އެވެ.

ރަށުގައި މިހާރު ހިނގަމުންދާ މަޝްރޫއުތަކަށް ބަލާއިރު ދަނގެތީގެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދެ އެވެ. ޕޮލިސް ސްޓޭޝަންއެއް ގާއިމުކުރުމަށްޓަކައި އިމާރާތްކުރުމުގެ މަސައްކަތް އޮތީ ހަވާލުކުރެވިފަ އެވެ. ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދެ އެވެ. އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ގާއިމްކުރާ ސަގާފީ މަރުކަޒުގެ އިދާރީ މަރުހަލާ ކުރިއަށް އެބަ ދެ އެވެ.

ދަނގެތީގެ ފަތުރުވެރިކަން ކުރިއަށް ދަނީ ވަރަށް ބާރަށެވެ. ރަށުގެ ގުދުރަތީ ރީތިކަމުގެ އިތުރުން ރަށުގައި ހުރި ގާތްގަނޑަކަށް 500 އަހަރުވެފައިވާ ކަމަށް ބުނެވޭ ބޮޑު ދެ ނިކަ ގަހާއި، ރަށުގެ ކުޑަ މިސްކިތް، ނުވަތަ މަސްޖިދުއްރަހްމާ އަކީވެސް ޓޫރިސްޓް އެޓްރެކްޝަނެކެވެ. މިރަށަށް ނިސްބަތްކުރި، ހަނދުރުނބަޔަށްލުމުގެ ފާޑުކިޔުމާއި މަލާމާތަކީ މިރަށުގެ އާމްދަނީ އެ މައްޗަށް ބަރޯސާވެފައި އޮތް ފަތުރުވެރިކަމުގައި، ފަތުރުވެރިންގެ މެދުގައި އެންމެ ހިނގާ ވާހަކަ އެވެ. މި ރަށުގެ ރައްޔިތުންނަކީ ރަށުގެ ތާރީހީ އަދި ގުދުރަތީ މުއްސަނދިކަމުން މި ޖީލަށް މަންފާ ކުރާނޭ ގޮތަކާމެދު ފިކުރުކޮށް، އެކަންކަމަށް އަމަލީ ސިފަ ގެނެސް، މަސައްކަތްކުރަން ކެރޭ ހީވާގި ރައްޔިތެކެވެ. ރައްޔިތުންގެ މިންނެތް މަސައްކަތާއެކު ދަނގެތީގެ އިގްތިސާދު ދިއްލިފައި އެއޮތީ ސާދަވިލޭރޭގެ ހަނދެއް ހެނެވެ.