Advertisement

އެންޖެލީނާ ޖޯލީގެ ސަޕްރައިޒް ދަތުރެއް ޔޫކްރެއިނަށް

އެންޖެލީނާ ޖޯލީ ޔޫކްރެއިން ކުދިންތަކަކާ އެކު. -- ފޮޓޯ: އޭޕީ


އެންޖެލީނާ ޖޯލީގެ ސަޕްރައިޒް ދަތުރެއް ޔޫކްރެއިނަށް

ކިޔެވް، ޔޫކްރެއިން (މޭ 1) - ހޮލީވުޑްގެ ތަރި އެންޖެލީނާ ޖޯލީ ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ ލްވިވް ސިޓީއަށް ދަތުރުކޮށް، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންނާ ބައްދަލުކޮށްފަ އެވެ.

އެންޖެލީނާ ޖޯލީއަކީ އދ. ގެ ރެފިއުޖީންނާ ބެހޭ އެޖެންސީގެ ހާއްސަ މަންދޫބެކެވެ. ނަމަވެސް އޭނާ ޔޫކްރެއިނަށް ދަތުރު ކުރީ މަންދޫބުގެ ހައިސިއްޔަތުން ކަމެއް ސާފެއް ނޫނެވެ.

"ހުރިހާ އެންމެންނަށް ވެސް މިއީ ސަޕްރައިޒެއް،" ލްވިވް ސަރަހައްދުގެ ގަވަރުނަރު މެކްސިމް ކޮޒިޓްސްކީ ޓެލެގްރާމް މެދުވެރިކޮށް ވިދާޅުވި އެވެ.

އޭނާ ވަނީ އެންޖެލީނާ ޖޯލީ ޔޫކްރެއިންގެ ކުދިންނާ އެކު ކުޅޭ މަންޒަރާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހުންނާ ބައްދަލުކުރާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯތައް ވެސް އާއްމުކޮށްފަ އެވެ.

ހޮސްޕިޓަލަށް ކުރި ޒިޔާރަތުގައި އެންޖެލީނާ ޖޯލީ ވަނީ ރަޝިއާއިން ކްރަމަޓޯސްކް ރޭލު ސްޓޭޝަނަށް ދިން މިސައިލް ހަމަލާގައި އަނިޔާވި ކުދިންނާ ބައްދަލުކޮށްފަ އެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ އެތެރޭގައި ގެދިރު ގެއްލިފައިވާ 7.7 މިލިއަން މީހުން އެބަ އުޅެ އެވެ. އިތުރު 5.4 މިލިއަން މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ގޮސްފަ އެވެ.