Advertisement

ބޮޑު މުސާރާ ދެވޭ ވަރުގެ ބުރައެއް ދައުލަތަށް އުފުލޭނެ: މިނިސްޓަރު އަމީރު

1 މޭ 2022 - 20:15 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ބޮޑު މުސާރާ ދެވޭ ވަރުގެ ބުރައެއް ދައުލަތަށް އުފުލޭނެ: މިނިސްޓަރު އަމީރު

1 މޭ 2022 - 20:15 0

ރާއްޖޭގެ ވަޒީފާގައި މީހުން އުޅޭ އެކި ދާއިރާތަކުގެ މުސާރައަށް ގެންނަމުންދާ ބަދަލުތަކަކީ ދައުލަތަށް އުފުލޭނެ ބުރައެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ އެންމެ ބޮޑު އެއް ވައުދު މިއަދު ވަނީ ފުއްދަވާފަ އެވެ. އެއީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމެވެ.

މީގެ އިތުރުން މިދިޔަ އަހަރު ވަނީ ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅަން އެ މަސައްކަތް ހަވާލުކުރި މިނިމަމް ވޭޖު ބޯޑުން ލަފާދިން މިންވަރަށް ވުރެ ކުޑަކޮށް އަމިއްލަ ވިޔަފާރިތަކަށް މިނިމަމް ވޭޖު ކަނޑައަޅައި، އިއުލާނުކޮށްފަ އެވެ.

މި ދާއިރާތަކަށް ބޮޑު މުސާރަތައް ކަނޑައަޅާ ދޭން ފަށާފައި ވާއިރު، ދައުލަތުގެ ދަރަނި ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް ސަރުކާރުންވެސް ވަނީ ބުނެފަ އެވެ. އަދި އެކަމާ އިދިކޮޅުން އަންނަނީ ފާޑު ކިޔަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ދަރަނި އޮތް ނަމަވެސް އަންނަ އަހަރު ދައްކަން ޖެހޭ އަދަދު އިތުރު ނުވާނެ ކަމަށެވެ.

"މި އަހަރު ތެރޭގަ ދައްކަން ޖެހޭ ދަރަނި ވަކި މި އަންނަ އަހަރަށް ބޮޑުވެގެން ނުދާނެ. މި އަހަރު ތެރޭގަ އަޅުގަނޑުމެން ސަނީ ސައިޑުގެ ބޮންޑަށް ދައްކަންޖެހޭ ފައިސާގެ 58 މިލިއަން ޑޮލަރު ދައްކަން އަދިވެސް އެބައިން. މި އަންނަ އަހަރު އެއަށްވުރެ ބޮޑެއް ނުވާނެ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވުމުން "މިހާ ބޮޑު މުސާރަތަކާއެކު ވެސް މި ބުރަ ދައުލަތަށް އުފުލޭނެތޯ؟" ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އެ ޔަގީންކަން އޮތް ކަމަށެވެ.

"އާދެ. އަޅުގަނޑުމެން ބަޖެޓަށް އަންނަ ބަދަލުތަކާ އެއްކޮށް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އޮތީމަ މިހާރު މިއަދު އަޅުގަނޑުމެން މި މަސައްކަތް މި ފަށައިގަތީ،" މިނިސްޓަރު ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނީ ބޮޑުވަމުންދާ ވާހަކަ ދައްކަމުންދާ ނަމަވެސް މިނިސްޓަރު ވިދާޅުވީ މިހާރު ވަނީ ސިއްހީ ދާއިރާގެ ހުރިހާ ޕްރޮފެޝަނަލްސާ ބައްދަލުކޮށް މުސާރަ ބޮޑު ކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކޮށްފައި ކަމަށެވެ.

އަދި އެ މަސައްކަތްވެސް ވަރަށް އަވަހަށް ނިމިގެންގޮސް މުސާރަ ބޮޑުވެގެން ދާނެ ކަމަށާއި އެއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އެލަވެންސްވެސް ބޮޑުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދަރަނީގެ ނާޒުކު ހާލަތު

ރާއްޖޭގެ އިގްތިސާދު ކުރިއެރި ނަމަވެސް ދަރަނީގެ ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ސަބަބުން ރާއްޖެއަށް ވަނީ ނާޒުކު ހާލަތެއް ކުރިމަތިވެފައި ކަމަށް ވޯލްޑް ބޭންކުން ވެސް ވަނީ ބުނެފަ އެވެ.

ކޮވިޑާއެކު ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު، މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދަރަނީގެ ޖުމުލަ އަދަދު ހުރީ ގާތްގަނޑަކަށް 94 ބިލިއަން ރުފިޔާގަ އެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު، 122 ޕަސަންޓެވެ.

ނަމަވެސް، ދަރަނި ކުޑަކުރުމުގެ ހާއްސަ ފިޔަވަޅުތަކަކާއެކު ދައުލަތުގެ ސީދާ ދަރަނި މި އަހަރު ނިމޭއިރު ޖީޑީޕީގެ 104 ޕަސަންޓަށް އަދި 2023 ވަނަ އަހަރު ނިމޭ އިރު 101 ޕަސަންޓަށް ދަށްކުރަން ސަރުކާރުން ވަނީ އަމާޒުހިފައިފަ އެވެ.