Advertisement

ހުރިހާ ދާއިރާގެ މުސާރަ ބޮޑުކޮށް، މުސާރައިގެ ތަފާތުތައް ނައްތާލެވޭނެ: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ގައުމާ މުހާތަބު ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް


ހުރިހާ ދާއިރާގެ މުސާރަ ބޮޑުކޮށް، މުސާރައިގެ ތަފާތުތައް ނައްތާލެވޭނެ: ރައީސް

ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ހެޔޮ ސާއަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް ކަމަށާއި ގައުމު ބިނާ ކުރުމުގެ ދައުރު ބޮޑު ހުރިހާ ދާއިރާއެއްގެ މުސާރައަށް ހެޔޮ ބަދަލު ގެނައުމަކީ މި ސަރުކާރުން ކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލު އިއުލާން ކުރެއްވުމަށް ފަހު، ރައީސް ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ އުޖޫރައިގެ ތަފާތުތައް ނައްތާލުމަށްޓަކައި ވެސް ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލުތަކެއް މި ސަރުކާރުން ގެންނާނެ ކަމަށެވެ.

"އިޖްތިމާއީ އަދާލަތު ހިފެހެއްޓުމަށް ޓަކައި ވެސް، ހުރިހާ ދާއިރާއަކަށް މިބަދަލު ގެނައުމަކީ އަޅުގަނޑު ކުރާނެ ކަމެއް،" ހުރިހާ ދާއިރާގެ މުސާރައަށް ވެސް ހެޔޮ ބަދަލު އަންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ސިއްހީ ދާއިރާއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ "ސިއްހީ ދާއިރާގެ ހިދުމަތްތެރިން އެ ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެން ހަނދާން ނައްތައެއް ނުލަން،" ކަމަށެވެ. އަދި ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ވެސް ބަދަލު ގެންނަން ދިރާސާ ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

އެންމެ ކުޑަ އުޖޫރަ ގާނޫނީ ގޮތުން ކަނޑައަޅައި ތަންފީޒު ކުރުމާއި ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލަކީ ސަރުކާރު މުވައްޒަފުންގެ މުސާރަ އިތުރު ކޮށްދިނުމަށް ފެށި މަސައްކަތުގެ ވަރަށް މުހިންމު ދެ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ފަދަ ބަދަލުތައް ގެނައުމުގެ އެންމެ މުހިންމު ބޭނުމަކީ، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.