Advertisement

މުސާރައިގެ ބަދަލާއެކު ރަށްރަށަށް ޕްރިންސިޕަލުންނާއި ޓީޗަރުން ހޯދަން އިތުރު ބާރަކަށްވާނެ: ރައީސް

1 މޭ 2022 - 13:59 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


މުސާރައިގެ ބަދަލާއެކު ރަށްރަށަށް ޕްރިންސިޕަލުންނާއި ޓީޗަރުން ހޯދަން އިތުރު ބާރަކަށްވާނެ: ރައީސް

1 މޭ 2022 - 13:59 0

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިއަދު ގެނެވުނު ބަދަލަކީ، ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ވައުދާ އެއްގޮތަށް ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރައްވާނެ ކަން ރައީސް އިއުލާނުކުރެއްވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެ ވައުދު ފުއްދުނުކަން މިއަދު އިއުލާނުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ބަލާއިރު، މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެން ނެތުން ކަމަށެވެ.

"ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިގެނައި ބަދަލަކީ، ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށްވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، އިތުރު ގަޑީގެ ފައިސާއާ ނުލައިވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެއަށް ގެންދަން ލިބޭނެވަރު ކޮށްދިނުމެވެ.

އަދި މިފަދަ ބަދަލުތައް ސަރުކާރުން ގެންނަނީ ހަމައެކަނި ވަކި ދާއިރާތަކެއް ކުރިއެރުވުމަކަށް ނޫން ކަމަށާއި މިއީ މުޅި ރާއްޖޭގެ ތަރައްގީއަށް، އަދި ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން، ގައުމު ކުރިއެރުވުމުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ފަށާފައިވާ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޓީޗަރުންގެ މުސާރަ ބޮޑުވުމުން، ގައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެ. އަދި ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގުވެރިވާ މީހުންގެ އަދަދުވެސް އިތުރުވެގެންދާނެ. މިއީ ދިވެހިން އެދޭ ގޮތަށް، ދިވެހިންގެ އަތްމަތިން، ދިވެހި ގައުމު ބިނާކޮށް އާރާސްތުކުރުމަށްވެސް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް،" ރައީސް ވިދާޅުވި އެވެ.

އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ގެންނަ މިފަދަ ހެޔޮ ބަދަލުތަކުގެ ސަބަބުން، މި ދާއިރާ ކުރިއެރުވުމަށް ޝައުގުވެރިވާ ދިވެހިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.