Advertisement

ޓީޗަރުންގެ މުސާރައިގެ ބަދަލަކީ، ގައުމު ބިނާކުރުމަށް ގެނެވުނު ބަދަލެއް: ރައީސް

1 މޭ 2022 - 13:55 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ދިރާސީ އަހަރު ފެށުމަށް ރައީސް ސޯލިހު ރެހެންދި ސްކޫލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން. -ފައިލް ފޮޓޯ: އަދަދު


ޓީޗަރުންގެ މުސާރައިގެ ބަދަލަކީ، ގައުމު ބިނާކުރުމަށް ގެނެވުނު ބަދަލެއް: ރައީސް

1 މޭ 2022 - 13:55 1

ޓީޗަރުންގެ މުސާރަތައް ބޮޑުކޮށް ސަރުކާރުން މިއަދު ގެނައި ބަދަލަކީ، ގައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ސިފަކުރައްވައިފި އެވެ.

ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ވައުދާ އެއްގޮތަށް ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރައްވާނެ ކަން ރައީސް އިއުލާނުކުރެއްވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެ ވައުދު ފުއްދުނުކަން މިއަދު އިއުލާނުކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ތައުލީމަށް ބޮޑު ސަމާލުކަމެއް ދެނީ، ވިސްނުން ތޫނު އިލްމީ އުފެއްދުންތެރި ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ކަމަށެވެ.

މިކަމުގައި ޓީޗަރުންނާއި ޓީޗަރުންގެ މަސައްކަތުގައި އެހީތެރިވާ އެންމެހައި މުވައްޒަފުން ކުރާ ބުރަ މަސައްކަތަކީ ހަމައެކަނި ލިބޭ މުސާރައަކަށްޓަކައި ކުރާ މަސައްކަތެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކިޔަވައިދިނުމަކީ އެކަމަށް އަގު އަދާކުރެވޭ ވަރަށްވުރެ މާމަތިވެރި ކަމެއް. އެހެން ނަމަވެސް ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މިހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ގަބޫލުކުރައްވާނެކަމަށް އަޅުގަނޑު އުންމީދުކުރަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮންމެ ގައުމެއްގައިވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އިތުރުވުން ބިނާވެފައި އޮންނަނީ، އެގައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާކުރެވޭ ހަރުދަނާކަމެއްގެ މައްޗަށެވެ.

ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުއްލަވާ ބަޔަކީ ޓީޗަރުންކަމަށް ވިޔަސް އެ މުހިންމު ޒިންމާ އަދާކުރައްވާ ޓީޗަރުން މިހާތަނަށް ތިބީ، މަސައްކަތަށް ހައްގުވާ މިންވަރަށްވުރެ މާދަށް އުޖޫރައެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ގައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ޓީޗަރުންގެ މުސާރާ މިއަދު ބޮޑުވެގެން ދިޔުމަކީ ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއްގެ ގޮތުގައި ރައީސް ސޯލިހު މިއަދު ސިފަކުރެއްވި އެވެ.

"މިގޮތުން، ސިއްހީ ދާއިރާގެ ހިދުމަތްތެރިން އެކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެން ހަނދާން ނައްތައެއް ނުލަން. ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު އަޅުގަނޑުމެން މިއަންނަނީ ދިރާސާކުރަމުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ.

މި ބަދަލާއެކީ ޓީޗަރުންގެ މުސާރަތައް 56 ޕަސެންޓު ބޮޑުވާނެ އެވެ. އަދި ގްރެޖުއޭޓް ލެވެލްގެ ސެކަންޑްރީ ޓީޗަރަކަށް އިތުރުގަޑިއާ ނުލައި ހަމަ އެކަނި މުސާރައަށް 19،740ރ. ލިބޭނެ އެވެ.