Advertisement

ޔަހޫދީ ފައްޅިތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފި

ގާޒާގައި ވެރިކަން ކުރާ ހަމާސްގެ ވެރިޔާ ޔަހްޔާ ސިންވާރް. -- ފޮޓޯ: އޭއެފްޕީ


ޔަހޫދީ ފައްޅިތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފި

ގާޒާ، ފަލަސްތީން (އެޕްރީލް 30) - އިޒްރޭލުން ވެރިވެގަނެގެން އުޅޭ އިރުމަތީ ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތުގައި އިތުރު އޮޕަރޭޝަނެއް ހިންގައިފި ނަމަ ޔަހޫދީ ފައްޅިތަކަށް ހަމަލާ ދޭނެ ކަމަށް ހަމާސްއިން އިންޒާރު ދީފި އެވެ.

"މިސްކިތުގެ ތެރެއަށް ފުލުހުން ވައްދައި އޮޕަރޭޝަނެއް ހިންގަން ނިންމާ ފަރާތަކުން އެ ނިންމަނީ ދުނިޔޭގެ އެކި ތަންތަނުގައި ހުރި ޔަހޫދީ އެތައް ހާސް ފައްޅިތަކަށް ހަމަލާ ދޭން،" ގާޒާގައި ވެރިކަން ކުރާ ހަމާސްގެ ވެރިޔާ ޔަހްޔާ ސިންވާރް ވިދާޅުވި އެވެ.

ފާއިތުވި ދެ ހަފްތާގައި އިޒްރޭލް ފުލުހުން ވަނީ އަގްސާ މިސްކިތުގެ ގޯތި ތެރެއަށް ވަދެ، ފަލަސްތީން ރައްޔިތުންނާ ކުރިމަތިލުންތައް ހިންގާފަ އެވެ. މިސްކިތުގެ ތެރޭގައި ކަރުނަ ގޭސް ބޭނުން ކުރާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ވަނީ އާއްމުވެފަ އެވެ.

"ބިންތައް ވެރިކޮށްގެން އުޅޭ އިޒްރޭލް ސަރުކާރުން އަގްސާ މިސްކިތަށް ހަމަލާ ދިނުން ނުހުއްޓާ ނަމަ ވަރުގަދަ ހަނގުރާމައަކަށް ތައްޔާރުވޭ،" ސިންވާރް އިންޒާރު ދެއްވި އެވެ.

އޭނާ ވިދާޅުވީ މޭ މަސް ނިމުމާ ދިމާކޮށް އިޒްރޭލުން އަގްސާ މިސްކިތުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ ނަމަ، ހަމާސްއިން އެއް ފަހަރާ އެތައް ސަތޭކަ ރޮކެޓް ހަމަލާ އިޒްރޭލަށް އަމާޒުކޮށް ފޮނުވާނެ ކަމަށެވެ.

އިޒްރޭލުން 1967 ވަނަ އަހަރު ހިންގި ހަ ދުވަހުގެ ހަނގުރާމައިގައި އިރުމަތީ ގުދުސް ހިފުން ފާހަގަކޮށް، އުފާ ފާޅު ކުރަނީ ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ ފަހުކޮޅު އެވެ.

އިރުމަތީ ގުދުސްގައި ހަމަނުޖެހުން އިތުރުވަމުން ދާތީ އަނެއްކާވެސް ހަނގުރާމައެއް ފެށުމުގެ ބިރު އެބަ އޮތެވެ. މިދިޔަ އަހަރު ވެސް އަގްސާ މިސްކިތުގެ މައްސަލަ ހޫނުވެ، އިޒްރޭލާއި ހަމާސްއާ ދެމެދު ރޯދަ މަހުގެ ތެރޭގައި 11 ދުވަހުގެ ހަނގުރާމައެއް ހިންގި އެވެ.