Advertisement

ވާހަކަ: ހުސްއަތާ

30 އޭޕްރީލް 2022 - 12:09 1

އަހުމަދު ޝިޔާމް

އަހުމަދު ޝިޔާމް


ވާހަކަ: ހުސްއަތާ

30 އޭޕްރީލް 2022 - 12:09 1

ނިތްކުރިމަތީ އަތް ބާއްވާ ލައިގެން ތޮށިގަނޑުމަތީ އުޑުތިލަ މަތިން އޮތް މީހާ އަކީ މީގެ އަހަރު ތަކެއް ކުރިން ހާދަ މަޝްހޫރު މީހެކެވެ. މިއަދު އޭނާ އަކީ ކާކުކަން ދަންނަނީ މަދު މީހެކެވެ.

އޭނާގެ ނަން އިވުނަސް ގިނަ މީހުންގެ ހިތުގައި އޭރު ނޭނގޭ ރާޅު ބާންޏެއް ދަތުރު ކޮށްލަ އެވެ. އެއީ އޭނާގެ ނުފޫޒާ ބާރުގައި ކޮށްލާފައި ހުންނަ އެތައް ކަމެއްގެ ވާހަކަ މީހުން ދައްކާތި އެވެ. ހިޔާނާތާއި ފަސާދައިގެ އަޅެކެވެ. ފާޅުގައި ގަދަބަސް ބުނެ ކަންކަން ކޮށްލާތީ ވެސް މެއެވެ.

ނަމަވެސް މިއަދު އޭނާގެ އާރެއް ބާރެއް ވެސް ނެތެވެ. އޭނާ ބުނެގެން ކަމެއް ކުރާނެ މީހަކު ވެސް ނެތެވެ. އޭނަގެ އަޑު ވަނީ ކެނޑިފަ އެވެ. އޭނާ ބުނާ ބަހެއް އެހެން މީހަކަށް ރައްދު ކޮށްދޭނެ މީހަކުވެސް އަދަކު ނެތެވެ. އޭނާ އަކީ މުޖުތަމައުގައި ބާކީ ވެފައިވާ މީހެކެވެ. މީހުން ދެކެނީ އެއީ ބުއްދި ހަމަނުޖެހޭ މޮޔައެއް ކަމުގަ އެވެ. މީހަކާ ވާހަކައެއް ނުދައްކަ އެވެ. ތަނެއްގައި ހުއްޓިގެން ވެސް އެތަކެއް އިރަކު ހުރެދާނެ އެވެ. އަދި ތަނަކަށް ބަލަހައްޓައިގެން ވެސް އެތަކެއް އިރު ހުރެދާނެ އެވެ. މާލޭގެ އެކި ޕާކްތަކުންނާއި އެއްގަމާއި ކަނޑު ތޮށިމައްޗަކީ މިއަދު އޭނާގެ ގެ އެވެ. ފެންނުވަރާ ވެސް އެތައް ދުވަހަކު ހުރެދާނެ އެވެ. ލައިގެން ހުންނަ އަންނައުނުގައި ވަނީ ލޯވަޅު އެޅިފަ އެވެ. މިހާ ބޮޑު ބަދަލެއް މިއޮތް ބޮޑު މަހުޖަނު މީހާ އަށް އައީ ކީއްވެގެން ހެއްޔެވެ؟ ކާކު ކީއްކޮށްގެން ހެއްޔެވެ. އޭނާގެ ވިޔަފާރި ބަނގުރޫޓްވީ ވާހަކަ އާއި ބޭންކުން އޭނާގެ މުދާތައް ވިއްކާލުމުންނެވެ. އޭރު އޭނާވީ ކޮންތާކު ހެއްޔެވެ؟

އަހުމަދު ސޭޓަކީ ވަރަށް ޒުވާން ދުވަސްވަރު ވިޔަފާރި ފެށި މީހެކެވެ. އޭނާ މާލެ އައީ ރަށުން އޭރު ލިބެން ހުރި ތައުލީމުގެ އެންމެ މަތީ ހަރުފަތް ނިންމުމަށް ފަހު އެވެ. މާލޭގެ އޮފީހަކުން ސީނިއާ ކްލާކެއްގެ ވަޒީފާ ލިބުނެވެ. އެ ވަޒީފާގައި އުޅެމުން ބާޒާރު ފިހާރެއްގެ ހިސާބު ބެލެހެއްޓުމަށް ހަވީރު ގަޑީގައި ދާންފެށި އެވެ. އަދި ރޭގަނޑު ވެސް އެ ފިހާރައިގެ ކަންކަމުގައި އުޅެން ފެށި އެވެ. އަހުމަދަކީ މުރާލި އަދި ކެރޭ މީހެކެވެ. ފިހާރައިގެ ބޮޑު ސޭޓް ބުނެފިއްޔާ ކޮންމެ ކަމެއް ވެސް ކޮށްލަން ފަސްނުޖެހޭ މީހެކެވެ. ސޭޓްގެ އަމިއްލަ ކަމެއް ވިޔަސް ބަސް ބުނި ހިނދުން ކޮށްލަ އެވެ. ފިހާރައިގައި ގިނަ ދުވަސްވީ މީހުންނަށް ވުރެ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ސޭޓްގެ އެންމެ މަގުބޫލު މުވައްޒަފުގެ މަގާމު އަހުމަދު ހޯދި އެވެ.

މާލޭ ބާޒާރުގައި ޒުވާން ވިޔަފާރި ވެރިން ފިހާރަ ހުޅުވަން ފެށި ދުވަސްވަރު އަހުމަދުގެ ހިތުގައި ވެސް އެ ޝައުގު އުފެދުނެވެ. ނަމަވެސް މުސާރަ އަށް ލިބޭ ފައިސާކޮޅު ރަށަށް ފޮނުވާފައި މާލޭގައި ހުންނަ ގެއަށާއި ކެއުމަށް ހަރަދު ކުރުމުން ބާކީ ވަނީ ވަރަށް މަދު ފައިސާ ކޮޅެކެވެ. ގިނަ މަސް މަހު އެއްޗެއް ނޯވެ އެވެ.

އަހުމަދު އިތުރު ވަގުތުގައި ވަޒީފާ އަދާކުރަމުން ދިޔަ ފިހާރައިގެ ވެރިޔާ ކުއްލި ގޮތަކަށް މާބޮޑު ބައްޔެއް ވެގެން ސިލޯނަށް ފުރައިފި އެވެ. ދުވަހު ވިކުރާއިން ލިބޭ ފައިސާ އާއި ތިޖޫރީގެ ބަނޑޭރިކަން އަހުމަދަށް ވާރުތަ ވެއްޖެ އެވެ. ފިހާރައިގެ ވެރިޔާ ކުޑަ ދޮން އަލީ ބޭހަށް ފުރި ފަހުން ފަރުވާގެ މާބޮޑު ހަބަރެއް ނުލިބެ އެވެ. މަހަކު އެއް ފަހަރު ފޯނުން ގުޅަ އެވެ. ފޯނު ކޯލްގެ އަގުބޮޑު ކަމުން ގިނައިން ނުގުޅަނީ އެވެ. ދެތިން ފަހަރަކު ސިޓީ ވެސް ލިބުނެވެ. އެއް ފަހަރު ލިބުނު ސިޓީގައި ބައްޔަކީ ކެންސަރުކަން އެނގި ފަރުވާއަށް ގިނަ ދުވަހު މަޑުކުރާން ޖެހޭކަން އެންގުނެވެ. ދެ ފަހަރެއްގެ މަތިން ފައިސާ ވެސް ފޮނުވާން ޖެހުނެވެ.

ކެންސަރުކަން އެނގި ފަރުވާ ފެށި ތަނުން އެއް ދުވަހު ކުޑަ ދޮން އަލީ ފޯނުން ގުޅި އެވެ. އަހުމަދަށް ކުރާ އިތުބާރުން ފިހާރައިގެ ހުރިހާ ކަމެއް ހަވާލުކުރީ ކަމުގައި ބުންޏެވެ. މުސާރަ ވެސް ބޮޑުކޮށްދީ ފަނަރަ ސަތޭކަ ރުފިޔާ އަށް ހަދައިދިނެވެ. އެ ދުވަސްވަރަށް އެއީ ސަރުކާރުގެ ވެރިންނަށް ވެސް ލިބޭ ވަރުގެ މުސާރައެކެވެ.

އަހުމަދުގެ ބޮލުގައި އެޅުނު ޒިންމާ އާއި އެއްވަރަށް ލިބޭ ފައިސާ ގިނަ ކަމުން ސިކުނޑިއަށް އިބިލީސް ވެރިވާން ފަށައިފި އެވެ. ކޮންމެ ދުވަހަކު ލިބޭ ފައިސާއިން ފުރަތަމަ ކޮޅު ފައްސަތޭކަ ރުފިޔާ އޭނާގެ ޖީބަށް ލާން ފަށައިފި އެވެ. ދެތިން މަސް ވީއިރު އެ އަދަދު ހާހުން ގުނެން ފަށައިފައި އެވެ. ފިހާރައަކީ ގިނަ މުދާ އޮންނަ ތަނެކެވެ. މިހާރު ގިނަ ވަގުތު ފިހާރައިގެ ސޭޓަކަށް ވެސް އިންނަނީ އަހުމަދެވެ. ވިކުރާގައި ނުޖަހާ އެތައް މުދަލެއް ވިއްކަން ފަށައިފި އެވެ. ހުރިހާ ކަމެއްގެ ވެރިޔަކީ އަހުމަދު ސޭޓް އެވެ. މިހާރު އޭނާއަކީ ވެސް ބާޒާރު މަތީގެ ވިޔަފާރި ވެރިންނާއި އޮޑިދޯނި ފަހަރުގެ ނެވިންގެ ގާތް އެކުވެރި އެކެވެ.

ސިލޯނުގައި ހަތް މަސް ވަންދެން އުޅުމަށް ފަހު ކުޑަ ދޮން އަލީ މާލެ އަތުވެއްޖެ އެވެ. ނަމަވެސް ފިހާރައަށް ނުކުމެވޭ ވަރު ނުވާތީ ގޭގައި މަޑު ކުރީ އެވެ. ދޮން އަލީ އަށް ލިބެމުން ދިޔަ ހަބަރަތައް މާ އުފާވެރިއެއް ނޫނެވެ. ފިހާރައިގައި ގިނަ ދުވަސްވީ ތިން މީހަކު ވަނީ ވަޒީފާއިން ވަކިކޮށް ފޮނުވާލާފަ އެވެ. ކުރިން އެ މީހުންނަކީ ދޮން އަލީ ގޭގައި ހުންނަ ވަކި ބައެއްގައި ދިރި އުޅެމުން ގެންދިޔަ ބަޔަކެވެ. ފެށުނީންސުރެ ދޮން އަލީ އަށް ވަފާތެރި ހާދިމުންނެވެ.

އެހާ ރަނގަޅު ބަޔަކު ވަޒީފާއިން ވަކިކޮށް ފޮނުވާލީ ކީއްވެތޯ އަހުމަދާ ސުވާލު ކުރުމުން އޭނާ ދިން ޖަވާބުން ދޮން އަލީ ހައިރާން ވިއެވެ.

ފިހާރައިގެ ތިޖޫރިން ފައިސާ ވަގަށް ނެގުމާއި އަހުމަދަށް ނޭނގި ވިކުރާގައި ނުޖަހާ މުދާ ވިއްކިކަމުގެ ތުހުމަތެވެ. ކުޑަ ދޮން އަލީ އަށް މި ވާހަކަތައް ގަބޫލު ކުރާން ދަތިވި އެވެ. އަދި އެ މީހުން ވަކި ކުރުމުގެ އިތުރުން ފުލުހުންނާ ވެސް ހަވާލު ކުރިކަމަށެވެ. މިކަން ދޮން އަލީ އަށް ގަބޫލު ނުކުރެވޭތީ ފިހާރައިގައި ދެން އުޅޭ މީހުންގެ ތެރެއިން ބައެއް މީހުން ގެއަށް ގެނެސް މައުލޫމާތު ސާފުކުރި އެވެ. އެ މީހުން ދެއްކި ވާހަކަ ތަކުން ދޮން އަލީ އަށް އެނގުނީ އަހަމަދު ވިޔަފާރި ފަށައިގެން އުޅޭ ކަމަށެވެ. ޖަލަށް ފޮނުވާލި މީހުންގެ ކުށެއް އޮތް ކަމަށް އެ މީހުން ވެސް ގަބޫލެއް ނުކުރެ އެވެ.

އަހުމަދު ސޭޓްގެ އުފަން ރަށަކީ މަސްވެރިކަމުގެ މަޝްހޫރު ރަށެކެވެ. ތ. ހިރިލަންދޫ އެވެ. މިހާރު ރަށުގައި ބަންނަ އެންމެ ބޮޑު މަސް ދޯންޏަކީ އަހުމަދުގެ ދޯންޏެކެވެ. ރަށުގައި ހުޅުވާފައި ހުރި އެންމެ ބޮޑު ފިހާރައަކީ ވެސް އަހުމަދުގެ ފިހާރައެކެވެ. އަދި އިތުރު ފިހާރައެއް ތިމަރަފުށީގައި ވެސް ހުޅުވަން ދަނީ ތައްޔާރު ވަމުންނެވެ. އެއީ އަހުމަދު ހިތާވެގެން އުޅޭ ތިމަރަފުށީ ކުއްޖާގެ ގޭގަ އެވެ.

ފިހާރައާއެކު ކައިވެނި ވެސް ދިޔައީ ތައްޔާރު ވަމުންނެވެ. އެކު އެކީގައި ދެކަން ކޮށްލުމަށް އަހުމަދުގެ މޮޅު ސިކުނޑިން ދިޔައީ ރާވަމުންނެވެ.

ކުޑަ ދޮން އަލީގެ ގައިގައި ވަރުޖެހި ފިހާރައަށް ނުކުންނަން ފަށައިފި އެވެ. ފުރަތަމަ ދުވަހު ވެސް ދޮން އަލީ އަށް އިހުސާސް ކުރެވުނީ ފިހާރައިގެ ހަރުތަކުގައި މުދާ މަދުވާ ކަމެވެ. މިކަމާއި ސުވާލު ކުރުމުން އަހުމަދު ދިން ޖަވާބަކީ ކުރީގައި ވިއްކަމުން އައި ބައެއް މުދާ ނުވިކޭތީ އަގުހެޔޮކޮށް ވިއްކާލާ އަދި ޒަމާނީ މުދާ ގެންނަން އޯޑަކުރީ ކަމުގަ އެވެ.

އަހުމަދު ފަށައިގެން އުޅޭ ވިޔަފާރިއާ ބެހޭ ގޮތުން ސުވާލު ކުރުމުން ދިން ޖަވާބަކީ އެއީ އޭނާގެ އެއްބަނޑު ބޭބެއެއް ދަތުރުކޮށްފައި ފޮނުވާ ފައިސާއިން ހުޅުވި ފިހާރައެއް ކަމުގަ އެވެ. އަދި މަސްއޮޑިއަކީ ވެސް ބޭބެގެ އޮޑިއެއް ކަމުގަ އެވެ.

އަހުމަދުގެ މޮޅު ސިކުނޑިން މި ހުރިހާ ތަނެއް އޭނާގެ ބޭބެގެ ނަމުގައި ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. ފަހުން ވާނެ ގޮތަކަށް ނުބަލަ އެވެ. ވައި އެނބުރި ކަންކަން ބަދަލު ވާނީ ކޮން އިރަކުން ކަމެއް އެކަކަށް ވެސް ނޭނގޭނެ އެވެ. ވަގުތު ޖެހުމުން ކޮންމެ ކަމެއް ވެސް ބަދަލު ވާނެ އެވެ.

އެއް ދުވަހު ދޮން އަލީ ފިހާރައަށް އައިރު ފިހާރައިގެ މޭޒު މަތީގައި އޮތީ ސިޓީ އެކެވެ. އެ ސީޓީގައި ވަނީ މިއަދަށް ފަހު ވަޒީފާއިން ވަކިކޮށްދިނުމަށް އެދި އެވެ. މިކަމާއި ދޮން އަލީ ވާހަކަ ދެއްކުމުން ބުނީ ބޭބެގެ މަސްދޯނި ދުއްވައިދޭން ރަށަށް ދާން ޖެހުނީ ކަމުގަ އެވެ. އިތުރަށް މަޑުކުރެވެން ނެތް ކަމުގަ އެވެ.

ޖަލުގައިވީ މީހުން ތަހުގީގަށް ފަހު ދޫކޮށްލީ ތިން މަސް ފަހުންނެވެ. އެ މީހުންގެ ވާހަކަތަކުން އެނގުނީ ހުރިހާ ހިޔާނާތެއް ވީ އަހުމަދު ކަމެވެ. ކުށެއް ނެތި ޖަލުގައި ގަދަވޭނާއި ކެކުޅުމުގައި އެ މީހުން ހޭދަކުރި އެވެ. އެ މީހުންގެ ބޮލުގައި އެކަން އެޅުވީ އަހުމަދުގެ ހިޔާނާތް ފަޅައި އަރާނެތީ އެވެ. ޝަރީއަތުގައި މައްސަލަ ހިންގާ ކުށް ސާބިތު ނުވެގެން އެ މީހުން ދޫކޮށްލި އެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ދުނިޔޭގެ މޫނަށް ފިލައިގެން އުޅުމީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެއީ ކުށްހީއެއް ކަމެއް އެ މީހުން ނުދަނެ އެވެ. އެފަދަ މީހުން ދުނިޔޭގައި އުޅެނީ ހިތު ހުރި ގޮތަކަށެވެ. ތިމާ ނޫން އެހެން މީހުންނަކީ އަޅުންނެވެ. ބުނި ގޮތެއް ހަދައިގެން ބުނި ކަމެއް ކޮށްގެން އުޅެން މަޖުބޫރު ވާނެ އެވެ.

އަހަމަދު ސޭޓުގެ މަކަރުވެރި ރޭވުމުގެ ދަށުން ހިންގާލި ޖަރާމީގައި ހުރިހާ ގެއްލުމެއްވީ ދޮން އަލީ އަށާއި ތަނުގައި ގިނަ ދުވަސް ވީ އިހުލާސްތެރި މުވައްޒަފުންނަށެވެ. ދޮން އަލީ އަކީ މީހަކު އޭނާއަށް ދޭ ގެއްލުމެއްގެ ބަދަލު ހިފާ މީހެއް ނޫނެވެ . މީގެ ކުރިން ވެސް ފިހާރައިގައި އުޅުނު ބައެއް ސޭޓުން މިހާރު ބޮޑެތި މުއްސަނދިންނަށް ވެފައި ވަނީ ހަމަ ވަތްގަނޑުން ވައްކަން ކޮށްގެންނެވެ. ނަމަވެސް އެގޮތަށް ދިމާވި ފަހަރު ތަކުގައި ވެސް ދޮން އަލީ، އަލުން ވިޔަފާރި ނަގާ ކޮޅަށް ޖަހަ އެވެ. އޭނާ އަކީ ގަވާއިދުން މުދަލު ޒަކާތްދޭ ވިޔަފާރި ވެރިއެކެވެ. އަދި ފިހާރައިގައި ގިނަ ދުވަސް ވީ މީހުން ހައްޖަށް ފޮނުވުމާއި އުމުރާއަށް ފޮނުވުން ކަހަލަ ކަންކަން ކުރާ މީހެކެވެ.

އެއްދުވަހު ފިހާރައިގެ ކޮށިގަނޑުގައި އިންދާ ދޮން އަލީ ކުއްލި އަކަށް ވެއްޓިގެން ހަސްފަތާލަށް ގެންދިޔަ އެވެ. ޑޮކްޓަރުން ބެއްލެވެމަށް ފަހު ނިންމެވީ ހިތް ހުއްޓުނީ ކަމުގަ އެވެ. ދޮން އަލީގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވި އެވެ. ދޮން އަލީ ގެ ޖަނާޒާ އަށް ބާޒާރުގެ ގިނަ ފިހާރަ ތަކުގެ މީހުން ދިޔަ އެވެ. އަދި އޭނާގެ ގާތް މީހުންނާއި ތިމާގެ މީހުންނެވެ. މި ހަބަރު އަހުމަދު ސޭޓަށް ލިބުނެވެ. އޭނާ އަށް އެކަން މާބޮޑު ކަމަކަށް ނުވެ އެވެ. އޭނާ ވީ އުފަލެވެ. އޭނާގެ ވައްކަމުގެ ކަންކަން ފަޅާ އެރިޔަސް ދައުވާ ކުރާނެ މީހަކު ނުހުންނާނެ ތީއެވެ. ދޮން އަލީގެ ވިޔާފާރި ދެން ކޮޅަށް ޖަހާނެ މީހަކު ނުހުންނާނެ ކަމަށް ހީވާތީ އެވެ.

ދޮން އަލީގެ ތިބެނީ ދެ ކުދިންނެވެ. ދޮށްޓަށް ހުރި ޝާހިދު އަލީ ކިޔަވައި ނިމިގެން މާލެ އައީ ދޮން އަލީ ނިޔާވުމުގެ ދެތިން ދުވަސް ކުރިންނެވެ. ބައްޕަ ނިޔާވުމުން ޝާހިދު އަލީ ވިޔަފާރީގެ ހުރިހާ ކަމަކާ ހަވާލު ވި އެވެ. އެއީ އެނޫން ގޮތެއް ނެތުމުންނެވެ. އޭނާ އަކީ ޗާޓަޑް އެކައުންޓެންޓެކެވެ. މިރޮނގުން ކިޔަވާފައި ތިބި މީހުން އެދުވަސް ވަރު ރާއްޖޭގައި ވަރަށް މަދެވެ. އެހެން ކަމުން ބޮޑު މުސާރައާއެކު ރަނގަޅު ވަޒީފާއެއް ވެސް ޝާހިދަށް ލިބެން އޮތެވެ. ނަމަވެސް އޭނާ ގަސްދުކުރީ ބައްޕަގެ ވިޔާފާރި ރަނގަޅު ހަރުފަތަކަށް ގެންގޮސް ދޭށެވެ. ބައްޕަގެ ވާހަކަތަކުން އެނގިފައި އޮތީ ފިހާރަ ވަރަށް ބޮޑަށް އަޑި އަޅާލާފައި ވާކަމެވެ.

ޝާހިދު ފުރަތަމަ ވެސް ގަސްދުކުރީ ފިހާރައިގެ ސްޓޮކުގެ ހިސާބެއް ނަގާށެވެ. ހިސާބު ނަގާ ނިމުނު އިރު އެނގުނީ އެތައް މުދަލެއް މަދު ކަމެވެ.

އަދި ބައެއް ފިހާރަ ތަކުން ދަރަންޏަށް އެތައް ލައްކަ ރުފިޔާގެ މުދާ ނަގާ ފައިސާ ނުދައްކާ ހުރި ބިލްތައް ހުއްޓެވެ. ކުރިން ބިލްތަކަށް ފައިސާ ނުލިބިގެން ގުޅަމުން ދިޔައީ އަހުމަދާ ކަމުގައި ވިއަސް އޭނާ ވަކިވުމުން ދެން ގުޅަން ފެށީ ދޮން އަލީއާ އެވެ. ދޮން އަލީ އަކީ ކުރިން އެގޮތަށް ފިހާރަތަކުން ދަރަންޏަށް މުދާ ނަގާ މީހެއް ނޫނެވެ. އޭނާ އަކީ ވަގުތުން ފައިސާ ދީފައި މުދާ ނަގާ މީހެކެވެ. އެހެން ކަމުން އެ ފިހާރައަށް ކުރާ އިތުބާރަށްޓަކައި ގިނަ ވިޔަފާރި ވެރިން ދަރަންޏަށް މުދާ ދޫކުރީ އެވެ. އަހުމަދު އަޅުވާފައި އޮތް އަނދުނަކީ ބޭސް ފަރުވާ ނިމިގެން ދޮން އަލީ ރާއްޖެ އައުމުން ހުރިހާ ބިލްތަކަށް ފައިސާ ލިބޭނެ ކަމުގަ އެވެ.

މިހާރު ހުރި ބިލްތަކަށް ފައިސާ ދެއްކުމީ ޝާހިދަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ނަމަވެސް ވިސްނުންތެރިކަމާއެކު ބިލްތައް ދައްކާން ފެށި އެވެ. އަދި ފިހާރައިގެ މުދަލުން ވައްކަން ކުރީ އަހުމަދުކަން ޔަގީނާ ގާތަށް ޝާހިދަށް ކަށަވަރު ވި އެވެ. ބައްޕަ ބޭހަށް ފުރަމުން ސޮއިކޮށްފައި ހުރި އެތައް ޗެކަކަށް ފައިސާ ނަގާފައި ވާކަން ވެސް އެނގުނެވެ. އަދި އެ ފައިސާއިން ފިހާރައަށް ހޯދި މުދަލުގެ މަދު މިންވަރެއް ނޫނީ ފެންނާކަށް ނެތެވެ.

ތިމަރަފުށީގައި ހުޅުވާލި ބޮޑު ފިހާރައާއެކު އެ ރަށުގައި ހުރި އެންމެ ނަން ހިނގާ އަންހެން ތަރި ޖަޒީލާ ވަހީދުއާ ފަންސާސް ހާސް ރުފިޔާގެ ރަނަށް އަހުމަދުގެ ކައިވެނި ކުރެވިއްޖެ އެވެ. މާމުއި ހަނދަށް ޖަޒީލާ ގޮވައިގެން އަހުމަދު ދިޔައީ ސިންގަޕޫރަށެވެ. އެއީ އެ ދުވަސްވަރު އެންމެ ގިނަ މީހުން ވިޔަފާރިކަމުގައި ދާ ގައުމެވެ. އުފަލާއި އަރާމުގައި ދެހަފްތާ ހޭދަކޮށްފައި ތިމަރަފުށްޓަށް އައިއިރު ދެ މީހުންގެ ދޭތެރޭގައި ދެބަސްވުން އުފެދެން ވަނީ ފަށާފަ އެވެ. ޖަޒީލާ ބޭނުން ވަނީ މާލޭގައި އުޅޭށެވެ. މުއްސަނދި އަރާމު ދިރިއުޅުން ހޯދާށެވެ.

އެންމެ ފަހުން ކުރުނުކޮށްގެން މާލެއިން ތަނެއް ކުއްޔަށް ހިފާ ޖަޒީލާ މާލޭގައި ބޭންދިއެވެ. އަހުމަދު އުޅެނީ ދެކޮޅަށް ދެމޭ ރަބަރެއްހެން ރަށާއި މާލެ އާއި ދެމެދުގަ އެވެ. މިހާރު އަހުމަދުގެ ދެވަނަ ވިސްނުމަކީ މާލޭގައި ބޮޑު ފިހާރައެއް ހުޅުވާލުމެވެ. އެކަން ވެސް ބަސް ބުނިފަދައިން ކޮށްލައިފި އެވެ. ބޭރުން ސައިކަލާ ކާރު ގެނެސް ވިއްކަން ފަށައިފި އެވެ.

ފަސް އަހަރު ވީއިރު އަހުމަދަކީ މުޅި މާލޭގައި ވެސް ބަސްވިކޭ ގަދަ މީހަކަށް ވެއްޖެ އެވެ. މުއައްސަސާތަކުގެ މީހުންނަށް ރިޝްވަތުގެ ކަޅު ފައިސާ ދީގެން ކަން ކޮށްލައެވެ. ކުޅިވަރު ކްލަބެއް ހަދާ އެރޮނގުން ވެސް މަޝްހޫރުކަން ހޯދި އެވެ.

ރަށުގައި ހާޑް ވެއާ ސާމާނު ވިއްކާ ފިހާރައެއް ވެސް ހުޅުވައިފި އެވެ. މިހާރު އަހުމަދަށް ނުކުރެވޭ އެއް ކަމެއް ވެސް ނޯވެ އެވެ. އޭނާ އަކީ ބޭނުން ކޮންމެ ކަމެއް ކޮށްލެވޭހާ ނުފޫޒު ގަދަ މުއްސަނދި މީހެކެވެ.

ކަމެއް ދިމާވެދާނެތީ އޭނާ ފަހުން ހުޅުވި ފިހާރަ ތަކުގެ ރަޖިސްޓަރީ ވެސް އޮންނަނީ އޭނާގެ އަންހެނުންގެ ނަންމަތީގަ އެވެ. އޭނާގެ އަންހެނުން ޖަޒީލާ އަކީ ވެސް މަކަރު ވެރި މީހެކެވެ. އަހުމަދު ރަށުގައި ނެތިއްޔާ އޭނާ އުޅެނީ މަޖާ ކުރުމާއި އުފާ ކުރުން ތަކުގަ އެވެ. ކުރީގެ ލޯބި ވެރިންނަށް ހަރަދު ކުރުމުގަ އެވެ.

އަތުގައި ހުރި ހުރިހާ ފައިސާ ހުސްކޮށް ލައިގެން ބޭންކުން ލޯނެއް ނަގާ އަހުމަދު ސޭޓްގެ "އަރާމު ޕެލަސް"ގެެ ނަމުގައި ހަދަން ފަށައިފި އެވެ. ގޭގެ ތިރީ ހަތް ފަންގިފިލާ ގެސްޓް ހައުސް އަކަށެވެ. މަތީގައި ޕެންތް ހައުސްގެ ގޮތުގައި އަރާމު ހާނާއެކެވެ. ގެ ހަދާ ނިމި މިރެއަކީ ބޮޑު ޕާޓީ އަކާއެކު ގެއަށް ވަންނަން އޮތް ރެއެވެ.

ރާއްޖެއިން ބޭރުން އެތެރެ ކުރި ލަކުޑި ދޮރުފަތް ތަކެއްގައި ވަގު ޑޮލަރާއި މަސްތުވާތަކެތި ހުރެގެން ކަސްޓަމުން އަތުލައި ގެންފި އެވެ. މިކަމުގައި އަހުމަދު ސޭޓް ހައްޔަރުކޮށްފި އެވެ. ކިތަންމެ ފުއްޕާފައި އުޅުނަސް ޖަލަށް ލުމުން އަހުމަދު ސޭޓް ވީ ބަލި ކަނބިއްޔަކަށެވެ. ތަހުގީގައި އެއްބަސް ވެއްޖެ އެވެ. އަދި ކުރީގެ ވާހަކަތައް ވެސް ކިޔައިދިނެވެ. އޭނާ، ކުޑަ ދޮން އަލީގެ ފިހާރައިން ކުރި ވައްކަން ތަކެވެ. ކަސްޓަމްސް އިން ވަގަށް މުދާ އެތެރެކުރާ ގޮތެވެ. އޭނާގެ ހުރިހާ ފަތި ފުށެކެވެ.

ޖަލުގައި 25 އަހަރު ހޭދަ ކުރުމަށް ފަހު ލިބުނު އަފޫއާންމެއްގައި އަހުމަދު މިނިވަން ވެއްޖެ އެވެ. މިއަދު އޭނާ އެންމެ ފުރަތަމަ ވެސް ދިޔައީ އޭނާގެ އަންހެނުން ހުންނަ ތަނަށެވެ. އެކަމު އޭނާގެ އަންހެނުންނެއް ނުފެނުނެވެ. ޖަލުގައި ހުރި އިރު ބައްދަލު ކުރަން ދެ އެވެ. ނަމަވެސް މިނިވަންވާން މަހަކަށް ވެފައި އޮއްވާ އޭނާ އާއި އަހުމަދުގެ ގުޅުން ކެނޑުނެވެ.

އަންހެނުން ދިރިއުޅުނު ތަނުގައި އުޅެނީ އެހެން ބަޔެކެވެ. ލިބުނު މައުލޫމަތުން އެނގެނީ ރާއްޖޭން ބޭރުގައި އުޅޭކަމެވެ. އަހުމަދު ޖަލުގައި ހުއްޓާ ބޭންކް ލޯނު ނުދެއްކިގެން "އަރާމު ޕެލަސް" ވަނީ ވިއްކާލާފަ އެވެ. އެއީ ހަމަ އެކަނި އަހުމަދުގެ ނަމުގައި ހުރި ތަނެވެ. އެކައުންޓްތައް ވެސް ހުރީ އަންހެނުންގެ ނަމުގަ އެވެ. ދެން ހުރިތަން ތަނާ މުދާ ހުރީ އޭނާގެ ނަން މައްޗަކު ނޫނެވެ.

އޭނާގެ ތިމާގެ މީހުންނަށް ގުޅި އެވެ. ލިބެނީ ހިތާމަ ވެރި ހަބަރެވެ. ބޮޑުބެގެ ނަމުގައި ހުރި ތަންނަން މިހާރު ހުރީ ބޮޑުބެގެ ދަރިންގެ ނަންމަތީގަ އެވެ. މާލޭގައި ހުރި ދެ ފިހާރަ އާއި ރެސްޓޯރެންޓް ވެސް މިހާރު ހިންގަނީ އެހެން ބަޔަކެވެ. އެތަން ތަން ވެސް ޖަޒީލާ ވަނީ ވިއްކާލާފަ އެވެ. ޖަޒީލާ ވަނީ އަހުމަދު ޖަލުގައި ހުރި އިރު މުޅިން އެހެން ދުނިޔެއެއް އޭނާ އަށް ދައްކާފަ އެވެ.

އަހުމަދު ސޭޓަށް ނޭނގޭ ގޮތް ތަކެއް ވާން ފެށި އެވެ. ބިންމައްޗަށް ވެއްޓުނެވެ. ނަގައިގަނެގެން ހަސްފަތާލަށް ގެންދިޔައީ ވެސް ނުދަންނަ ބަޔެކެވެ. ހަސްފަތާލުން ދޫކޮށްލިއިރު މީހާ ހުރީ ދުނިޔޭން މޮޔަވެފަ އެވެ. ބަސް ހުއްޓި މީހާ ހުންނަނީ ގަބު އަރާފަ އެވެ. ރަށުގައި ތިބި އޭނާގެ މައިން ބަފައިން މިއަދަކު ނެތެވެ. މިހާގެ އުމުރު މިހާރު ހުރީ 50 މަތީގަ އެވެ. ތުނބުޅި އާއި މަތިމަސް ނުބާލާ ގިނަ ދުވަސް ވުމުން ކުރިން ދެކެ ފަރިތަ ރަށްޓެހިންނަށް ވެސް އޭނާއެއް ނޭނގެ އެވެ. ލާފައި ހުންނަ ފަޓުލޫނާއި ގަމީސް ވެސް ނުދޮންނަތާ ގިނަ ދުވަސް ވުމުން ދުވަނީ ނުބައި ވަހެވެ. ދޭތެރެއަކުން މޫދަށް އެރެއެވެ. ފާހާނާ ކުރަނީ އާންމު ފާހާނާ ބަރިންނެވެ. އޭނާ ނިދަނީ މާލޭގެ އެތަން މިތާނގައެވެ.

މިއަދު ވެސް މާލޭ މަސްވެރިންގެ ޕާކާ ދިމާ ތޮށިގަނޑު މަތީގައި އޮންނަތާ އެތައް އިރެއް ވެއްޖެ އެވެ. އޭނާ އާއި ވާހަކަ ދައްކާ އަޅާލާ މީހަކު ނެތެވެ.

އޭނާ އަށް ފެންނަނީ މާޒީ އެވެ. ކުޑަ ދޮން އަލީގެ ފިހާރަ އެވެ. އޭނާ ފިހާރައިގެ ތިޖޫރިން ވަގަށް ފައިސާ ނަގާތަނެވެ. ރަށަށް ފިހާރައިން މުދާ ފޮނުވާތަނެވެ. ޖަޒީލާ އާއި ކައިވެނި ކޮށްގެން ސިންގަޕޫރުގައި ހަނީމޫންގެ ދުވަސްތައް ހޭދަކުރި ގޮތެވެ. ބެންކޮކްގެ ނާސިގެތަކުގެ ތެރޭގައި އުޅުނު ގޮތެވެ. ބޮޑު މޮޅު ކާރުތަކުގައި މާލޭގައި ފޮނި ބުރުއްސަން ދުއްވި ގޮތެވެ. ބޮޑު ގެއެއް އަޅާ އެގެއަށް ވަންނަން އޮތް ރޭ ޖަލަށް ގެންދިޔަ ގޮތެވެ. ޖަލުގެ ގޮޅި ތެރެ އެވެ. އެތާނގައި އެކަނިވެރިކަމާއި މާޔޫސް ކަމުގައި މީހާގެ ސިފަ ގެއްލެމުން ދިޔަ ގޮތެވެ. ޖަލުން މިނިވަން ވީ ތަނެވެ. ދެން މޫނުމައްޗަށް އަނދިރިވީ ތަނެވެ.

ދެ ލޮލުން ކަރުނަ ހިލެން ފަށައިފި އެވެ. ހޯސްލާފައި ކަރުނަ ފާބައި ގަތެވެ. މިއަދު އޭނާ ކައިބޮއި ހަދަނީ ސަލާން ޖަހައިގެންނެވެ. އޭނާ އޮތި ހުސްއަތާ އެވެ. ޖީބުގައި އެކައްޗެއް ވެސް ނެތެވެ. މީހަކު އައިސް ކައިރިއަށް ހުއްޓުނު ހެން ހީވެގެން މަޑުމަޑުން ކަނދުރާ އަނބުރާލާފައި ބަލައިލިއެވެ. އެއީ ދަންނަ މީހެއް ނޫންނެވެ. ދެކޭ މީހެއް ވެސް ނޫނެވެ. އެ މީހަކު ފަންސާސް ރުފިޔާ ދިއްކޮށްލި އެވެ.

"މިއީ އަހަރެންގެ ބައްޕަ ކުޑަ ދޮން އަލީގެ ނަމުގައި ކުރާ ސަދަގާތެއް މީގައި ހިފާ،" އެހެން ބުނެ އެ މީހަކު ހީނލި އެވެ. ނަމަވެސް އަހުމަދަކަށް ހީނލާކަށް ނޭނގުނެވެ. އޭނާގެ ދެ ލޮލުން ފޭބީ ކަރުނަ އެވެ. މަޑު މަޑުން ފައިސާގައި ހިފި އެވެ.

އެމީހަކު ގޮސް އޮބާލަން ދެން ބޯއަރިކޮށްލައިގެން ބަލާން އޮތެވެ. އަދި ފުންނޭވާ އަކާއެކު އޭނާ ލޯ މަރާލީ ދެން ލޯ ނުހުޅުވާނަމޭ ހިތާ އެވެ.