Advertisement

ވާހަކަ: ވަރަށް ލޯބިވޭ

26 އޭޕްރީލް 2022 - 12:49 0

އަހުމަދު ޝިޔާމް

އަހުމަދު ޝިޔާމް


ވާހަކަ: ވަރަށް ލޯބިވޭ

26 އޭޕްރީލް 2022 - 12:49 0

ފޯނުގެ ރަނގަބީލު ވާން ފަށައިފި އެވެ. މިހާރު ހައެއްކަ ފަހަރު ވެއްޖެ އެވެ. އަދިވެސް ފޯނުގެ އަތްގަނޑު ނަގާނެ މީހަކު ނުވި އެވެ. އިރުކޮޅެއް ފަހުން އަނެއްކާ ފޯނުގެ ރަނގަބީލުގެ އަޑު އިވެން ފަށައިފި އެވެ. މުޅި ގޭތެރޭގައި އެއް އަޑަކަށް ހުރީ އެ އަޑެވެ. ތިން ވަނަ ފަހަރު ރަނގަބީލު ވާން ފަށައިފި އެވެ. މިފަހަރު ފޯނުގެ އަތްގަނޑު ހިއްލާލައިފި އެވެ. ވަރަށް ބަލި, ކުރަކި އަޑިއަކުން އައްސަލާމު އަލައިކުމް އޭ މީހަކު ބުނިލި އެވެ. ޖަވާބުގައި ފޯނުކުރި މީހާ ވެސް ވައިލައިކުމުއް ސަލާމޭ ބުނެލި އެވެ.

ދެން އިވުނީ ކުކުރާ އަޑެވެ. އިރުކޮޅަކުން އެ އަޑު އިވުމަށް ފަހު ފޯނު ކެނޑިއްޖެ އެވެ.

ދެން ވެސް ފޯނުގެ ރަނގަބީލުގެ އަޑެވެ. މި ފަހަރު ފޯނުގެ އަތްގަނޑު ނެގި މީހާ ވާހަކަ ދައްކަން ފެށުމުގެ ކުރިން ވަރަށް އިޝްގީ ގޮތަކަށް ތޫލި ވައި އަޑަކުން ހަލޯއޭ ބުނެލި އެވެ. އަތްގަނޑު ނެގި މީހާ ވަރަށް ނުރުހުންވެ ހުރެ ފޫހިކަމާއެކު ބުނެލި އެވެ. މިހާ ދަން ގަޑީގައި ތިޔަ ގުޅަނީ ކީއްކުރަން ހެއްޔެވެ؟ ބޭކާރު ކަމެއް ކުރުމުން ވަގުތު ބޭކާރު ވުން ނޫން ކަމެއް ނުވާނެ އެވެ. ފޯނު ކުރިމީހާ ދިންހާ ވެސް ޖަވާބަކީ ނިދި ނައިސްގެން ހަމަ ތިޔަ އަޑު އަހާލާ ހިތުން ގުޅާ ލެވުނީ އެވެ. އަހަރެންގެ ހިތުގެ އާދޭސް އެންމެ ފަހަރަކު ނަމަވެސް އަހާލަ ބަލާށެވެ.

"ސާއިފާ ބުނަންތަ ރަނގަޅު ވާހަކައެއް އަހަރެންގެ ކައިވެނި ކުރަން ދެން އޮތީ ހަފްތާއެއް. މިދުވަސް ކޮޅު އަހަރެންގެ ހުރިހާ ކަމެއް ހަރާބު ކުރަން ނޫޅޭ" މިހެން ބުނުމާއެކު ފޯނުގެ އަތްގަނޑު ބޭއްވި އެވެ.

އަހުމަދު ސާލިމް އެންމެ ފުރަތަމަ ކިޔެވީ ރަށު ސްކޫލުންނެވެ. ނަމަވެސް ލިބުނު ފުރުސަތުގައި މާލެ އައިސް ކިޔަވައިގެން ޓޮޕްޓެންގެ އެންމެ މޮޅު ދަރިވަރަކަށް ވިއެވެ. ސާލިމްގެ ކާމިޔާބާ ގުޅިގެން ލިބުނު ފުރުސަތުގައި ޑޮކްޓަރުކަން ކިޔަވަން ރޫސީވިލާތަށް ދިޔަ އެވެ. ރޫސީވިލާތުގައި ނުވަ އަހަރު ހޭދަކުރި އެވެ. ފުރަތަމަ އެމްބީބީއެސް ފުރިހަމަ ކުރުމަށް ފަހު އިތުރަށް ކިޔެވުމުގެ ފުރުސަތު ލިބި އަންހެނުންގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރަކަށް ވިޔެވެ.

ސާލިމް ކިޔަވައި ނިންމައިގެން ރާއްޖެ އައުމުން ވަރަށް ގިނަ މީހުންގެ ހިތުގައި ސުވާލު އުފެދުނެވެ. ފިރިހެނަކު އަންހެނުންގެ ބަލިތަކަށް ހާއްސަ ވެގެން އައުމުންނެވެ. އޭރު ރާއްޖޭގެ ސިއްހީ ދާއިރާގައި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ގޮތުގައި މުޅިން ވެސް ތިބެނީ އަންހެނުންނެވެ.

ފުރަތަމަ ކޮޅު ސާލިމަށް ގޮންޖެހުންތަކާއި ކުރިމަތިވި އެވެ. ނަމަވެސް ސާލިމްގެ އޯގާތެރިކަމާއި އަޅާލުން ފެނި ގިނަ ބައެއްގެ ލޯތްބާއި އިތުބާރު އޭނާ ހޯދި އެވެ. ހޭލުންތެރި ޕްރޮގްރާމްތަކުގައި ރަށްރަށަށް ދަތުރު ކުރި އެވެ. މާލޭގައި ބާއްވާ މަސައްކަތު ބައްދަލުވުންތަކާއި ޖަލްސާތަކުގައި ޖެހެލުމެއް ނެތި ފަރިތަމާއެކު ވާހަކަ ދައްކަން ފެށި އެވެ.

ސާލިމަކީ ސްކޫލް ދައުރުގައި ވެސް ވާހަކަ ދެއްކުމުގެ މުބާރާތް ތަކުން ތަފާތު ވަނަތައް ހޯދާފައިވާ ކުޅަދާނަ ވާހަކަ ދެއްކުން ތެރިއެކެވެ. ސްކޫލް ނިމުނު އިރު އޭނާ އަކީ ބަސްވާރެކެވެ. މައުލޫމާތުގެ އެދުރެކެވެ.

ނޫސްތަކުގައި ދިވެހި ބަސް ދިރުވާ އާލާ ކުރާން ތަފާތު ލިޔުންތައް ލިޔެ ހެދި އެވެ. ޓީވީ އާއި ރޭޑިއޯގައި އިސްކޫލު ކުދިންނަށް ހާއްސަ ޕްރޮގްރާމްތައް ހުށަހެޅި އެވެ. އަދި ފަހުން ޖަލްސާތަކާއި ހަފުލާތައް ހުށަހަޅައި ދިނެވެ.

ޑޮކްޓަރުކަން ކިޔަވަމުން ދިޔައިރު ވެސް އެނަން ފަނޑުވިޔަ ނުދީ ހިފެހެއްޓި އެވެ. އެގޮތުން އޮންލައިން ނޫސްތަކުގައި ސާލިމްގެ މަޒުމޫންތައް ޝާއިޢު ކުރެވުނެވެ. ހުއްޓުމެއް ނެތި އެގޮތަށް ލިޔަމުން ދިޔުމީ ކުޑަ ކަމެއް ނޫނެވެ. ނަމަވެސް ސާލިމަކީ ހިތްވަރު ހުރި ކެރޭ ޒުވާނެކެވެ. ކުރިމަތިވާ ކޮންމެ ކަމެއް ކާމިޔާބު ކުރުމުގެ އަޒުމުގައި ހުންނަ މީހެކެވެ.

ސާލިމަކީ ގަވާއިދުން ކަސްރަތުކުރާ މީހެކެވެ. ސާލިމްގެ ޑިއުޓީ އޮންނަ ގޮތުން ކޮންމެ ވެސް ވަގުތެއް ކޮންމެ ދުވަހަކުވެސް ކަސްރަތަށް ހުސްކުރެ އެވެ. ސަރުކާރު ހަސްފަތާލުގައި ގަޑި ފުރުމުގެ އިތުރުން އަމިއްލަ ދެ ކްލިނިކެއްގައި ވެސް މީހުން ބަލާ ފަރުވާދީ ހަދަ އެވެ. އެތަނުން އެއްތަނަކީ އޭނާގެ ހިއްސާ އޮންނަ ތަނެކެވެ.

ސާލިމްގެ މަޝްހޫރުކަން ބޮޑުވަމުން ދިއުމުން ބައެއް އަންހެނުން އޭނާ އަށް ނޫނީ ނުދައްކާން ތިބެ އެވެ. ހާއްސަކޮށް ސާލިމް މަޝްހޫރީ ޒުވާން އަންހެން ކުދިންގެ ތެރޭގައެވެ.

އޭނާ އަށް ނުދެއްކިގެން ފޯނަށް އެތަކެއް މެސެޖް ކޮންމެ ދުވަހަކު ލިބެ އެވެ. މިކަން ބޮޑު ވެގެން އޭނާ ނިންމީ ސަރުކާރު ހަސްފަތާލުން ޗުއްޓީއެއް ނަގައިގެން ހާއްސަ ކޭމްޕެއް ދިހަ ދުވަހަށް ހިންގުމަށެވެ. މާލޭން ހޯލެއް ކުއްޔަށް ހިފައި ކްލިނިކްގެ ނަމުގައި ދުވާލުގެ ގިނަ ވަގުތު ހިދުމަތް ދިނުގައި ހޭދަކުރި އެވެ.

ރޭގަނޑު ކަސްރަތަށް ދާނަމަ ސާލިމް ދަނީ މާލޭ ޓެރެކް ދަނޑަށެވެ. އެ ތަނުގައި ރޭގަނޑު ވަރަށް ގިނަމީހުން ކަސްރަތު ކުރުމުގައި ހެލިފެލިވެ އުޅެ އެވެ. ސިންތެޓިކް ޓްރެކްގައި ދުވާ މީހުންނާއި ހިނގާ މީހުންނެވެ. ވިނަގަނޑު މަތީ ތަފާތު ކްލާސްތައް ނަގައިދޭ މީހުންގެ ކިބައިން ދަރިވަރުވާ އެކި ފުރައިގެ މީހުންނެވެ. ސާލިމަކީ ހިނގުމުގެ އިތުރުން މަޑު ދުވުމެއް ވެސް ދުވެލާ މީހެކެވެ. އާންމުކޮށް ގަޑިއެއްހާ އިރު ކަސްރަތުގައި ހޭދަކުރެއެވެ.

ކަސްރަތުގެ އިތުރުން ރަނގަޅު ކާނާ ކެއުމާއެކު ހަށިގަނޑު ރީތިކޮށް ބަހައްޓަން ސަމާލުކަންދެ އެވެ. ކެއުންބުއިމުގެ ގޯސް އާދަކާދައާ ދުރުހެލި ކަމުން އޭނާގެ ހަށިގަނޑު ހުންނަނީ ޒުވާން އަންހެން ކުދިން އެންމެ ހިތްކިޔާ ޒާތަށެވެ. އިސްކޮޅުގައި ހަ ފޫޓް ހަމަ ނުވާކަމެވެ. ގައިގެ ކުލަ ދޮނެވެ. ބޯ ކުރުކޮށް ކޮށާލާފައި ހުންނައިރު ތުނބުޅި އާއި މަތިމަސް ވެސް ހުންނަނީ ތުނިކޮށްލާފަ އެވެ. އާންމުކޮށްލަނީ ހުދު އަތްދިގު ގަމީހެވެ. ކަޅު ފަޓްލޫނެވެ. ބައެއް ފަހަރަށް ޖިންސް ވެސްލަ އެވެ. ހަށިގަނޑުގައި ލޮކި މަސް ޖެހުމެއް ނެތެވެ. އަބަދުވެސް ރީތިކޮށް ނަލަކޮށް ހުރުމީ އޭނާގެ އާދަ އެވެ. މީރު ވަސް ދުވާ ޒާތުގެ އެންމެ ފަހުގެ ސެންޓް ބޭނުން ކުރެ އެވެ. މަގުމަތިން އޭނާ ފެންނަ ކޮންމެ މީހަކަށް ވެސް ފާހަގަ ވަނީ އަބަދު ވެސް ފެންވަރާ ނަލަ ވެގެން ހުންނަ މީހެއްގެ ގޮތުގަ އެވެ.

ބައެއް މީހުން ހީކުރަނީ އޭނާ އަކީ މެދުއިރުމަތީގެ ގައުމެއްގެ މީހެއް ކަމަށެވެ. އެސިފަ އޭނާ ގައިގާ ހުރެ އެވެ.

މިއަދަކީ ސިއްހީ ކޭމްޕް ވެސް ނިމުނު ދުވަހެވެ. ސިކުނޑިއަށް ލިބުނު އަރާމުގައި މިރޭ ކަސްރަތަށް ދިޔައީ ކުރެވުނު މަސައްކަތާމެދު ހިތްހަމަ ޖެހި ފަހުރުވެރިވެ ހުރެ އެވެ. މަޣުރިބު ނަމާދުން ފައިބައިގެން ކަސްރަތު ކުރާދަނޑަށް ދިޔައިރު އަދި މާގިނަ މީހުނެއް ނާދެ އެވެ. އެކި ގުނަވަން ތަކަށް ބޭނުންވާ ކަސްރަތު ކޮށްލި އެވެ.

ޓްރެކްގައި ބާރަށް ހިނގައިގަތީ ހިޔާލެއް ފިކުރެއް ނެތި އެވެ. މާދަމާ އަކީ ޗުއްޓީ އަށް ފަހު މަސައްކަތަށް ނުކުންނާން ޖެހޭ ދުވަސް ކަން ހަނދާން ކުރަމުންނެވެ. ކުއްލިއަކަށް ފޯނެއް އަތުވެއްޖެ އެވެ. މިގަޑީގައި ފޯނު ނެގުމީ ސާލިމް ކުރާ ކަމެއް ނޫނެވެ. ނަމަވެސް އޭނާ ދެލޯ ނޭދޭ މަންމަގެ ސިއްހީ ހާލަތު ރަނގަޅު ނޫންކަމުން މަންމަގެ ފޯނެއް ކަމަށް ހީކޮށް ބަލާ ނުލާ ފޯނު ނެނގި އެވެ.

"އަޅުގަނޑު މީ ޑޮކްޓަ ސާލިމްގެ ހާއްސަ ޕޭޝަންޓް ސަޒްލާ. މިއަދު މާބޮޑަށް ބްލީޑް ވާތީ މިދަނީ ހަސްފަތާލަށް ބައްލަވާ ލެއްވުމަށް ފުރުސަތު އޮންނާނެތޯ،" ފުން ނޭވާއެއް ލަމުން ސާލިމް ބުންޏެވެ. "އަޅުގަނޑު މިވަގުތު މިހިރީ ޗުއްޓީގައި، މާ ސީރިއަސް ވަންޏާ ހަސްފަތާލުން ބުނާ ގޮތެއް އަންގާލަ ދެއްވަވާ އޭރުން އަޅުގަނޑު ބުނާނަން ދެން ހައްދަވަންވީ ގޮތެއް،"

އޭނާ ޝުކުރިއްޔާ އޭ ކިޔާފައި ފޯނު ބާއްވައިފި އެވެ. އަތުގައި އޮތް ފޯން ޖީބަށްލީ ވަގުތު ކުއްލިއަކަށް މީހެއްގެ ގައިގައި ޖެހުނު ހެން ހީވި އެވެ. އަދި އަތްދޯއްޔޭ ބުނުމާއެކު އެ މީހަކު ވެއްޓިއްޖެ އެވެ. ވެއްޓުނު މީހާ އަވަހަށް ނެގޭތޯ ސާލިމް އުޅުނެވެ. ނަމަވެސް އެ މީހެއްގެ ފަޔަށް ތަދުވާތީ ކޮއްޅަށް ތެދުވަން ދަތިވި އެވެ. ސާލިމަކީ އާންމު ބަލިތަކަށް ވެސް ފަރުވާ ދީފައިވާ ޑޮކްޓަރެއް ކަމުން އޭނާ ބިމުން ނުނަގާ ބިންމަތީގައި ބޭންދި އެވެ. އަދި ތަދުވެފައިވާ ފައި ތެދުކޮށްލާ އަތް ކާއްތާލާ އަރިއަރިއަށް ޖައްސާލަން އުޅުމުން ވެސް ތަދުވާތީ އޭނާއަށް ރޮވޭ ގޮތްވެއްޖެ އެވެ. އެއީ ކާކުތޯ ބަލައިލަން އެމީހެއްގެ މޫނަށް ބަލައިލި އިރު އިނީ އިސްޖަހައިގެންނެވެ. މޫނުމަތިން ފެންނަނީ ތަދުގެ އިހްސާސެވެ. އަދި ނަފުރަތެވެ.

"ބަލައިގެންދޯ ހިނގަންވާނީ މިއޮތް ބޮޑު ތަނުގައި އަޅައިގަންނަން ތިޔަ އެނގުނީ އަންހެނެއްގެ ގައިގާ. މިތާނގާ ގިނައީ ފިރިހެނުން ކީއްވެތަ އޭގެން މީހެއްގެ ގައިގާ އަޅައި ނުގަތީ"

ބަހެއް ވެސް ނުބުނެ ސާލިމް ހިމޭނުން އިނެވެ. އަނެއްކާ އެ އަންހެން ކުއްޖާ ވާހަކަ ދެއްކިއެވެ. "އަދިވެސް ބަލަން އިނީދޯ"

"ވަރަށް ބޮޑަށް މައާފު ކުރޭ އަހަރެން އަހަރެންގެ ކުށް ގަބޫލު ކޮށްފިން ހިނގާ އަވަހަށް ހަސްފަތާލަން ދާން،" މިހެން ބުނި ތަނުން އެ ކުއްޖާ ސާލިމްގެ މޫނަށް ބަލައިލި އެވެ.

"ޑޮކްޓަ ސާލިމްތޯ؟ އަޅުގަނޑަށް ކާކުކަން ނޭނގި އެއްޗެތި ކިޔުނީ މައާފު ކުރައްވާތި. ޑޮކްޓަ ހިންގެވި ކޭމްޕުން ވެސް މިއަދު އަޅުގަނޑު ފަރުވާ ހޯދިން،"

ސާލިމް އެ ކުއްޖާގެ މޫނަށް ބަލައިލި އެވެ. ހިންގަވާ އަވަހަށް ހަސްފަތާލަށް ދާން... އަޅުގަނޑުގެ ކާރު މިތާ ބޭރުގައި އޮންނާނެ ތިޔަ ތަނަށް އަވަސް ފަރުވާ ދޭންޖެހޭނެ" މިހެން ބުނެ އެކުއްޖާ އަތުލަފި ކޮށްގެން ޓެރެކް ދަނޑުން ބޭރަށް ނުކުމެއްޖެއެވެ. އަދި އެތާ ފާރު ކައިރީ އޭނާ ބެހެއްޓުމަށް ފަހު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ސާލިމްގެ ކާރު ގެނަ އެވެ. ކާރުގައި ހަސްފަތާލަށް ދިޔައިރު އެކުއްޖާ އިނީ ކާރުގެ ފަހަތު ގޮނޑީގަ އެވެ. އެ އަންހެން ކުއްޖާ ސާލިމްގެ މޫނަށް ބަލާކަން ލޯގަނޑުން ސާލިމަށް ފެނެ އެވެ.

ހަސްފަތާލުގެ އަވަސް ފަރުވާ ދޭ ކޮޓަރިން ފަރުވާ ދިނުމަށް ފަހު ފައިގެ ކުޑަ ހުޅު ބެންޑޭޖް ކުރި އެވެ. މާ ބޮޑު ކަމެއް ނުވާތީ ދޫކޮށްލި އެވެ.

"އަޅުގަނޑުގެ ނަމަކީ ސާއިފާ ފާރޫގް މިހާރު މަސައްކަތް ކުރަނީ ބައްޕަގެ ކުންފުނީގައި މި ވަގުތު އެކްޓިންގ ސީއޯ... ހީވަނީ ފަހުން ދާއިމީ ވާނެހެން" އެހެން ބުނުމާއެކު ފަހުރުވެރިކަމާއެކު ހީނލި އެވެ.

ސާއިފާ އަކީ ރާއްޖޭގައި ކަނޑު އުޅަނޑު ފަހަރު ބަނުމުގެ ވިޔަފާރިގައި މަސްހޫރު ކުންފުންޏެއްގެ ވެރިއެއް ކަމުގައިވާ އަހުމަދު ފާރޫގުގެ އެންމެ ހަގު ދަރިފުޅެވެ. ކުރިން ކުރި ދެ ކައިވެނި ރޫޅި މިހާރު މިނިވަން ދޫންޏެކެވެ. ޒަމާނީ ގޮތްތަކަށް މިޒަމާނުގެ ހުރިހާ ކުލައެއް ޖެހިފައިވާ ދިވެހި ދޮން އިނގިރޭސިއެކެވެ. ކިޔެވީ އިނގިރޭސި ވިލާތުންނެވެ. ވާހަކަ ދެއްކުމުގެ ވައްޓަފާޅި ހުރީ އިނގިރޭސިންގެ ގޮތަށް ގޮއްސަ އެވެ. އިސްކޮޅާ އެއްވަރަށް ރޫފަ ހުރެފައި ގައިގެ ބައްޓަން ވެސް ރީއްޗެވެ. އިސްތަށިގަނޑުގައި ވަނީ ރަން ކުލަ ޖައްސާލާފަ އެވެ. މިވަގުތު ވެސް އޭނާ ކޮށްފައިވާ މޭކަޕުން ހީވަނީ ރޭގަނޑުގެ ކެއުމަކަށް ދާން ތައްޔާރު ވެގެން ހުރިހެންނެވެ. ލައިގެން ހުރި ޓްރެކްޝޫޓާ ގަޔަށް ބާރު ޓީޝާޓަކީ އެންމެ އަގުބޮޑު ތަކެއްޗެވެ. އަރައިގެން ހުރި ބޫޓަކީ މިދިޔަ މަހު ބާޒާރަށް ނެރުނު ނައިކީގެ އެންމެ ފަހުގެ ވައްތަރެވެ. ޖަހައިގެން ހުރި ސެންޓްގެ މީރު ވަހުން މުޅި ކާރުތެރެ އެއްވަސް ވެފައިވެ އެވެ. އެ ވަސް ދުވާކަން ޑޮކްޓަރަށް އިހުސާސް ވާނެކަން ސާއިފާ އަށް އެނގެ އެވެ. ކާރަށް އެރުވުމަށް ސާއިފާ އަތުލަފި ކުރިއިރު ސާލިމްގެ ގައިން ދުވި މީރު ވަހުން ސާއިފާ ހުރީ ނޭނގޭ މަސްތެއްގައި ޖެހިފަ އެވެ.

ޑޮކްޓަރުގެ ކާރުގައި ސާއިފާ ގެއަށް ގެންގޮސް ދޭން އެދުނީ ހުދު ސައިފާ އެވެ. ސައިފާ އަކީ ކެރޭ އަދި ކަންކަމާ ކުރިމަތިލާން ޖެހެލުން ނުވާ މިޒާޖުގެ ކުއްޖެވެ. އޭނާގެ ހިތް ބުނަނީ ޑޮކްޓަރުގެ ހިތް ފަތަހަ ކޮށްލެވިދާނެ ކަމެވެ. ނަމަވެސް ޑޮކްޓަރުގެ އެއްވެސް ޝައުގެއް ނެތް ކަހަލަ އެވެ. ކަތި ބެލުމެއް ވެސް ބަލާ ނުލަ އެވެ. ސާލިމް އަކީ ކޮންމެ ދުވަހަކު އެ ކަހަލަ އެތައް ރީތި ކުދިންނެއްގެ ހަށިގަނޑު ބޭނުން ގޮތަކަށް ބަލަން ލިބޭ މީހެކެވެ. މިކަހަލަ ޑޮކްޓަރުންގެ ހިތް ގޮތް ގޮތަށް ނޭނބުރޭނެކަން ސާއިފާ ހިތަކަށް ނާރަ އެވެ. ސާއިފާގެ ވަނަވަރު ސާފުކުރާކަށް ސާލިމްގެ ޝައުގުވެރިކަމެއް ނެތެވެ

"މިރޭ ނިދުމުގެ ކުރިން ޖެހޭނެ ރަނގަޅަށް ގިނަ ވަގުތު ފައި ބޮނޑިތާން ކުރަން. ތިޔަ ތަނަށް ވަނީ ތަދުވެފައި. ފައި އެނބުރުނީ. ކައްޓަށް ކަމެއް ވެފައެއް ނެތް ކަމަށް ކަށީގެ ޑަކްޓަރު ބުނުއްވި" މިހިސާބަށް ބުނެވުނު ތަނާ ކުއްލި އަކަށް ކާރުގެ ބުރަކި ޖެއްސި އެވެ. ސައިފާ ދިޔައީ ސިއްސައިގެންނެވެ. އަދި މަންމާއޭ ބުނުމާއި އެކު ކުއްލިއަކަށް ސާލިމްގެ އަތުގައި ހިފުނެވެ. ކަން ދިމާކުރި ގޮތުން މިފަހަރު ސާއިފާ އިނީ ކުރީ ސީޓްގަ އެވެ. އެއީ ޑޮކްޓަރު ބޭނުންވި ގޮތެއް ނޫނެވެ. އެގޮތް ބޭނުންވީ ސާއިފާ އެވެ.

އަތުން ދޫކޮށްލަން ނޭނގިފައި އިރުކޮޅަކު އިނުމުން ސާލިމް ބުނެލި އެވެ. ދެން ދޫކޮށްލާށެވެ. ސާއިފާ ލަދު ރަކި ގޮތަކަށް ވަރަށް ކެރޭ ކަމަށް ދައްކަމުން ވާހަކަ ދައްކާން ފެށި އެވެ.

"އަޅުގަނޑު ބޭނުން މިކަހަލަ އަތެއްގައި ހިފައިލައިގެން އިންނަން އެކަމު އެ ނަސީބު ލިބެނީ ކުޑަ ދުވަސް ކޮޅަކަށް. އަޅުގަނޑަކީ ވަރަށް ނަސީބު ދެރަ މީހެއް. މިހެން ބުނުމާއެކު ސާލިމް ސާއިފާގެ މޫނަށް ބަލައިލި އެވެ. ކަރުނަ ފައިބަން ފެށިތަން ފެނުނެވެ.

މިފަހަރު ފައި ރަނގަޅު ވާއިރު ރަނގަޅު ނަސީބެއް ލައްވާތޯ އަޅުގަނޑު ދުއާ ކޮށްދޭނަމޭ ސާލިމް ބުނެލި އެވެ.

ސާއިފާގެ ގެއާ ހަމައަށް ކާރު އައިއިރު ވެސް އިތުރު ވާހަކައެއް އެކަކު ވެސް ނުދައްކަ އެވެ. ސާލިމް ވައްކަޅިން ދެ ފަހަރު ބަލައިލިއިރު ވެސް ސާއިފާގެ މޫނުމަތިން ފެންނަނީ ހިތާމަ ވެރިކަމެވެ. މާޔޫސް ކަމެވެ.

"އަޅުގަނޑު ބޭނުން މިހާރު ދިމާވެގެން އުޅޭ ސިއްހީ މައްސަލަ އާއި ގުޅޭ ގޮތުން ޑޮކްޓަރު ސާލިމް އާއި އިތުރަށް މަސްވަރާކޮށްލަން ކޮން ވަގުތެއްތޯ ރަނގަޅު ވާނީ،" ސާއިފާ މިހެން ބުނީ ސާލިމްގެ މޫނަށް ފުންކޮށް ބަލަން އިނދެ އެވެ. ސާލިމް ބަހެއް ނުބުނެ އިނދެފައި ބުނެލި އެވެ. އަޅުގަނޑުގެ ކްލިނިކުން އެޕޮއިންޓްމަންޓެއް ހައްދަވާ އޭރުން ފަސޭހަވާނީ މިހެން ބުނެ ސާލިމް ކާރުން ފޭބި އެވެ. އަދި ސާއިފާއަށް އެހީތެރިވެދީގެން ގެއަށް ވެއްދި އެވެ.

"ޑޮކްޓަރަށް ފަށްފަށުން ޝުކުރިއްޔާ އަޅުގަނޑުގެ ދަރިފުޅަށް ތިޔަ ވެދެއްވި އެހީ ތެރިކަމަށް، ގެއަށް ވަންނަވަންވީ ނޫންތޯ ކޮންމެ ވެސް ފިނި ބުއިމެއް ހިއްޕަވާ ލައްވަވަން" ސާއިފާގެ ބައްޕަ ވަރަށް ހިނިތުންވެ ހުރި ބުނެލި އެވެ.

ސާއިފާގެ ބައްޕައަށް ވެސް ޑޮކްޓަރ ސާލިމް އެނގެ އެވެ. އެއީ ސާއިފާގެ މަންމަގެ ބައެއް ކަންކަމުގައި ޑޮކްޓަރަށް ދައްކާފައި ވާތީ އެވެ.

މިވަގުތު މަޑުކުރެވެން ނެތް ކަމަށް ބުނެ ސާލިމް ވަރަށް ބާރަށް ހިނގާފައި އެގެއިން ނުކުމެގެން ހިނގައްޖެ އެވެ. ގޭތެރެއަށް ސާއިފާ ވައްދަމުން ފާރޫގު ބުނެލި އެވެ. އެކަހަލަ ރަނގަޅު މާތް މީހުން މި ޒަމާނުގައި މަދުވާނެ އެކަހަލަ މީހަކު ދަރިފުޅުވެސް ހޯދަބަލަ އޭރުން ރަނގަޅު ދިރިއުޅުމެއް ފެނިދާނެ އެވެ.

ސާއިފާ ބަހެއް ނުބުނެ އޭނަގެ ބައްޕައާ ދިމާއަށް ބަލައިލީ މާނަ ފުން ގޮތަކަށެވެ.

"އަހަރެން ކުރިމަތިލި އެއްވެސް ކަމެއް އަދި ކާމިޔާބު ނުވެ ގޮއްސައެއް ނުވޭ. ކީއްވެ މިކަން ނުވާނީ. މިއީ އެހެން ޒަމާނެއް،" ބައެއް ފަހަރު އޮޑިވެސް ބޮއްކުރާ ދޮށަށް ކަނބަން ޖެހިދާނެއޭ ހިތަށް އަރަމުން ސާއިފާ ބުނެލި އެވެ.

ވަރަށް ފަސޭހަ ކަމާއި އެކު މިފަހަރު ސާލިމްގެ އެޕޮއިންޓްމަންޓެއް ހަމަޖެހުނެވެ. އެކަން އެގޮތަށްވީ ސާލިމްގެ ހާއްސަ އިނާޔަތުގެ ދަށުންނެވެ. ސާއިފާ ކޮންމެވެސް ގޮތަކުން ސާލިމްގެ ނަންބަރު ހޯދައިގެން މެސެޖް ކުރީ އެވެ.

ސާލިމް މިރޭ ބަލާ ފުރަތަމަ މީހަކީ ސާއިފާ އެވެ. ސާލިމްގެ ކޮޓަރިއަށް ސާއިފާ ވަނުމުން ވެސް މުޅިތަނަށް މީރު ވަސް ފެތުރިގެން ދިޔަ އެވެ. ސާއިފާގެ ބައްޔާބެހޭ ވާހަކަ ފެށި އެވެ. އަބަދު ޔޫރިން އިންފެކްޓް ވުމެވެ. އަދި އެހިސާބު ހިރުވުމެވެ. ސާލިމްގެ ކޭމްޕްއިން ދިން ޓެސްޓްގެ ނަތީޖާ ބެލުމަށް ފަހު ސާލިމް ބުނީ މީ ޖިންސީ ގުޅުމުން ވާރުތަވާ ބައްޔެއް ކަމުގަ އެވެ. މިކަން ރަނގަޅުވާނީ ދިގު މުއްދަތައް ބޭސް ބޭނުން ކޮށްގެން ކަމަށެވެ. އެގޮތުން ތިން މަހުގެ ބޭސް ލިޔެ ދިނެވެ.

ސާއިފާ ދިއުމުގެ ކުރިން ސާލިމަށް ބަންދުކޮށްފައި އޮތް ޕާރުސަލެއް ދިނެވެ. ސާލިމް އޭގައި ނުހިފި އެވެ. ކޮޓަރިން ނުކުންނަމުން މޭޒުމަތީގައި ބާއްވާފައި ދަމުން ބުނެލި އެވެ. އަދި ބައްދަލު ވާނެކަމަށް އުންމީދު ކުރަމެވެ. އޭނާ ދިޔުމުން ޕާރުސަލް ކަނޑާލި އެވެ. އޭގައި އޮތީ އަގު ބޮޑު ސެންޓް ފުޅިއަކާއި މި ޒަމާނުގެ އެޕަލް ގަޑިއެކެވެ. ސާލިމް އެ ހަދިޔާ ބޭނުންކުރާ ހިތެއް ނެތެވެ. ދެން ފެނުނީ އޭގައިވާ ކާޑެކެވެ. އޭގާވަނީ ކުރު އިބާރާތް ކޮޅެކެވެ. މިއީ ހެޔޮ ހިތުން ދިން ހަދިޔާ އެކެވެ. ހުރިހާ ލޯތްބެއް ވަނީ އިހުސާން ތެރިކަމާ އަޅާލުމުގަ އެވެ.

އެދުވަހަށް ފަހު ސާލިމަށް ސާއިފާގެ ފޯނުން ތަފާތު މެސެޖް ކުރެ އެވެ. ބައެއް ފަހަރު ސާލިމް ޖަވާބުދެ އެވެ. ބައްދަލުވުމުގެ ފުރުސަތަކަށް އެތަކެއް ދުވަހު އާދޭސް ކުރުމުން އެއް ރޭ ރޭގަނޑުގެ ކެއުމަކުން ބައްދަލު ކުރެ އެވެ.

ވަރަށް އުންމީދާ އެކު ސާއިފާ ސާލިމަށް ލޯބި ހުށަހަޅަ އެވެ. އެކަމު ސާލިމްގެ ޖަވާބަކީ ތިޔަކަން ވާން ނެތެވެ. އެރޭ ސާއިފާ ވަރަށް ރުއެވެ. ސާލިމް ވެސް ހަދާނެ ގޮތެއް ނޭނގިގެން އެންމެ ފަހުން ބުންޏެވެ. އަދި އުންމީދު ކުރާށެވެ.

ސާލިމް ކިޔަވަން އުޅުއިރު ރޫސީވިލާތުން ދިމާވި ކުއްޖަކާ ކައިވެނި ކުރާނެ ކަމުގެ ވައުދު އޮތީ ވެފަ އެވެ. އޭނާ ގަވާއިދުން ގުޅަ އެވެ. ކައިވެނި ކުރާނެ ތާރީހު އަދި އޮތީ ހަމަ ނުޖެހިއެވެ. އެއީ ދެ ފަރާތުން އެއްބަސްވާން ޖެހޭ ކަންކަން ނުނިމި ހުރުމުންނެވެ.

ތިން މަހެއް ހާ ދުވަސް ފަހުން ސާއިފާ އަނެއްކާ ވެސް ބައްދަލުވުމަކަށް އެދި ދައުވަތުދެ އެވެ. ސާލިމް ޖަވާބު ނުދިނުމުން ކްލިނިކް ނެމޭ ގަޑީގައި އެތަނުގެ ދޮރުމަތިން ބައްދަލު ކުރެ އެވެ. ކޮންމެ ރެއަކު އެގޮތަށް އާދޭސް ކުރެ އެވެ. އެންމެ ފަހުން ބައްދަލު ކުރަން އެއްބަސް ވެ އެވެ.

މާލޭގެ އެންމެ އަގު ބޮޑު ހޮޓަލުގެ އެންމެ ހިތްގައިމު މޭޒުގައި މިރޭ އެތިބީ ސާއިފާ އާއި ސާލިމް އެވެ. ހަނދު އަރާ މަންޒަރު މިތަނަށް ވަރަށް ރީތިކޮށް ފެނެ އެވެ. ދެ މީހުން ބަހެއް ނުކިޔާ ތިބޭތާ އިރު ކޮޅެއް ވެއްޖެ އެވެ. ކައިރީގައި ހުރި ވޭޓަރު ކާތަކެތީގެ އޯޑަރު ނެގުނީ ރަނގަޅަށްތޯ ބަލާ ޗެކްކޮށްލި އެވެ.

ދެ މީހުންގެ މެދުގައި އޮތް ހިމޭންކަން ފޫދުއްވާލީ ސާއިފާ އެވެ.

"ސާލިމް ބުނީމެއްނު އުންމީދު ކަނޑާ ނުލާށޭ މިވޭތުވެ ދިޔަ ތިންމަސް މިދިޔައީ ސާލިމްގެ ލޯތްބަށް އެދި އާދޭސް ކުރަމުން. ސާލިމްގެ ލޯބިވެރިއަކު ނެތްކަން އަހަރެންނަށް ޔަގީން. އެކަން އަހަރެން ކަށަވަރު ކުރިން މިރޭ މިތަނުން ދާންވާނީ އާނބަސް ބުނެފައި"

ސާލިމް ވާހަކަ ދައްކަން ފެށި އެވެ. "އަހަރެންގެ ދިރިއުޅުމާބެހޭ ހުރިހާ ކަމެއް އެންމެނަކަށް ނޭނގޭނެ. އަހަރެން ވަނީ މީހަކާ ކައިވެނި ކުރަން ނިންމާފައި. އަންނަ މަހު ފުރަތަމަ ހަފްތާގައި އަހަރެންގެ ކައިވެނި ކުރެވޭނެ. ސާއިފާގެ ތިޔަ އާދޭސްތަކަށް އަހަރެން އިހުތިރާމް ކުރަން ހަމްދަރުދީ ވަން. މި މާލޭން ލިބޭނެ އެންމެ ރީތި އެއް ކުއްޖާ ތިޔައީ އަދި މުއްސަނދިކަން ވެސް،"

މިހާތަނަށް ވާހަކަ ދިޔައިރު ސާއިފާ އަށް ރޮވެން ފެށިއެވެ.

"ނުރޮއެ، އަހަރެންނަކީ ވައުދަށް ހުރުމަތްތެރިވާ މީހެއް. އުންމީދު ކުރާށޭ ބުނީ އަހަރެންގެ ލޯބިވެރިޔާ ކުރިން ބޭނުމެއް ނޫން ރާއްޖެ އަންނާކަށް. އެހެންވެ އެހެން ބުނީ. ނަމަވެސް މިހާރު އޭނާ ހުރީ އަހަރެންނާއެކު ކޮންމެތާކުވެސް އުޅެން. އަހަރެންގެ މަންމައަކީ ބަލި މީހެއް މަންމައާ ނުލާ ދިރިއުޅުމެއް ނެތް،"

ސާއިފާ އާދޭސް ކުރަނީ އެވެ. ސާލިމް އޭނައަށް ވިސްނާ ދެވޭތޯ ބަލަނީ އެވެ. އެރޭގެ ކެއުން ވެސް މުޅީން ހަރާބު ވެއްޖެ އެވެ.

ސާލިމް ވަރަށް ހަރުދަނާކަމާއި އިތުބާރާއެކު ވާހަކަ ދައްކަން ފެށި އެވެ. ކަނުލާ އަޑު އަހާށެވެ.

ފައިސާ އާއި ބާރާ ނުފޯޒުން ލޯތްބެއް ނުލިބޭނެ އެވެ. އެކްސިޑެންޓަކުން ދިމާވިޔަސް ސާއިފާގެ ތެދުވެރިކަމެއް ނެތެވެ. އަދި މީހަކާއި ބެޓްކޮށްގެން އަހަރެން ކަހަލަ މީހެއްގެ ލޯބި ހޯދަން ސާއިފާކުރި މަސައްކަތް ތިޔަވީ ބޭކާރެވެ. ތެދުވެރި ލޯބީގެ އަގު އަހަރެންނަށް މާބޮޑެވެ. ސާއިފާ ކަހަލަ އެތަކެއް ކުދިން އަހަރެންނަށް ލޯބި ހުށަހެޅި އެވެ. އެއީ އަހަރެން ކުރާ މަސައްކަތުގެ ގޮތުން ގިނަ އަންހެނުން ގަޔާވާތީ ތޯއްޗެކެވެ؟

ސާއިފާ މިހާތަނަށް ކުރި ދެ ކައިވެނި ވެސް ރޫޅުނީ ހަމަ ސާއިފާގެ ސަބަބުންކަން އަހަރެންނަށް އެނގެ އެވެ. އަހަރެންގެ މުސްކުޅި މަންމަ އަށް އަޅާލާ އޯގާތެރި އަންބަކަށް ސާއިފާ އަކަށް ނުވެވޭނެ އެވެ. ސާއިފާމެންގެ ދުނިޔެ އަކީ އަރާމާއި އުފަލެވެ. އަބަދު ބޭނުންވާނީ މިނިވަން ދޫންޏެއްހެން މުޅި ދުނިޔޭގައި އުދުހޭށެވެ. ދިރިއުޅުމުގެ ލޯތްބަކީ ހަމަ އެކި އިސްގީ ލޯތްބެއް ނޫނެވެ. އެއީ މައިވަންތަކަމުގެ ލޯތްބާ، ބަފާވަންތަކަމުގެ ލޯތްބާ، ދަރިވަންތަ ކަމުގެ ލޯބި ވެސް އެކުލެވޭ އެއްޗެއްކަން ހަނދާން ބަހައްޓާށެވެ. އަދި ފިރިމީހާ އަކީ އާއިލާގެ އެންމެ އިސްމީހާކަން ވެސް ސިނކުޑީގައި އަބަދުމެ ހަރުލާފައި ހުންނާންޖެހެވެ. އަލުން ބަލުން ސާއިފާގެ ދިރިއުޅުން ފަށާށެވެ. އެކަމު ތިޔަ ކެހިވެރި ލޯބީގެ ކުޅިގަނޑު ހުއްޓާލާށެވެ.

މި ވާހަކަތައް ދެއްކުމަށް ފަހު ސާލިމް ގޮނޑިން ތެދުވި އެވެ. އޭނާ އަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. ލޯބީގެ މަޅީގައި ޖައްސަން ސާއިފާ އުޅުނީ މީހަކާ ބާޖު މަރައިގެންނެވެ. އޭނާ ކުރިން ކައިވެނި ކުރި ދެފިރިހެނުންނަށް ހެދިހެން ސާލިމަށް އެ މަޅީގައި ނުޖެހެވުނީތީ އޭނާ މިއަދު އުފާކޮށް ދުއާ ކުރެ އެވެ.

ބާޖުމަރަން ކުރި ކަންތަކުގައި ސާއިފާ ވަނީ ރަނގަޅަށް ވެސް ބެދިފަ އެވެ. އެ މަޅިން އޭނާ އަކަށް ނުނެއްޓެވޭނެ އެވެ. ހަގީގީ ލޯބި ވާކަމުގައި ބުންޏަސް ސާލިމް އެކަން ގަބޫލެއް ނުކުރާނެ އެވެ. މިހާރު އޭނާގެ ހިތުގައި ޖަހަނީ ހަގީގީ ލޯބީގެ ވިންދެވެ. ސާއިފާ ނުކައި ނުބޮއި ކުރާ ހިޔާލަކީ ސާލިމްގެ ހިޔާލެވެ.

މިރެއަކީ ސާލިމްގެ ކައިވެނި ކުރެވޭ ރެ އެވެ. ގަޑިން ރޭގަނޑު ހަތެއް ޖަހަނީ އެވެ. ސާލިމްގެ ފޯނު ރިންގު ވާން ފަށައިފި އެވެ. ނުދަންނަ ނަންބަރަކުން ވީމާ ފުރަތަމަ ނުނަގާން އުޅެފައި ވެސް ފޯން ނެގީއެވެ.

"ވަރަށް ލޯބިވޭ" މިހެން ބުނުމާއެކު ފޯނު ކަނޑާލައިފި އެވެ.