Advertisement

އިރާނާއި ސައުދީ އަރަބިއްޔާގެ މަޝްވަރާތައް އިރާގުގައި ފަށައިފި

24 އޭޕްރީލް 2022 - 11:40 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސައުދީ އަރަބިއްޔާ އާއި އިރާނުގެ ދިދަ.


އިރާނާއި ސައުދީ އަރަބިއްޔާގެ މަޝްވަރާތައް އިރާގުގައި ފަށައިފި

24 އޭޕްރީލް 2022 - 11:40 0

މެދުއިރުމަތީގައި އެންމެ ވާދަވެރި އިރާނާއި ސައުދީ އަރަބިއްޔާގެ މަޝްވަރާތައް އިރާގުގެ ވެރިރަށް ބަގްދާދުގައި މިދިޔަ ބުރާސްފަތި ދުވަހު ފަށައިފި އެވެ.

އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އިސް އޮފިޝަލުންނާއި ސައުދީ ޖާސޫސީ އިދާރާގެ ވެރިޔާ މަޝްވަރާގައި ބައިވެރިވި ކަމަށް އިރާނުގެ ނޫރް ނިއުސް އެޖެންސީން ބުންޏެވެ.

މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގައި އިރާނާއި ސައުދީ އަރަބިއްޔާގެ ވިސްނުން އަބަދުވެސް ތަފާތެވެ. އެންމެ ބޮޑަށް ހިޔާލު ތަފާތުވާ މައްސަލައަކީ ޔަމަނުގެ ދާހިލީ ހަނގުރާމަ އެވެ.

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަށް އެހީ ވަނީ އިރާނުން ކަމަށް ސައުދީ އަރަބިއްޔާއިން ތުހުމަތު ކުރެ އެވެ. ސައުދީ އަރަބިއްޔާއިން ހަނގުރާމައިގެ ތެރެއަށް ވަނީ ޔަމަން ސަރުކާރުން އެދުމުންނެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ޝިއައީ އިލްމުވެރިޔާ ނިމްރު އަލް ނިމްރު ސައުދީ އަރަބިއްޔާގައި ދަން ޖައްސައި މަރާލުމުން، ދެ ގައުމުން ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ.

އިރާނުގައި ހުންނަ ސައުދީ އަރަބިއްޔާގެ ޑިޕްލޮމެޓިކް މިޝަންތަކަށް އިރާނުގެ ރައްޔިތުން އޭރު ހަމަލާ ދިނެވެ. ރައްދުގައި ސައުދީ އަރަބިއްޔާއިން އިރާނާ ގުޅުން ކަނޑާލި އެވެ.

ދެ ގައުމުގެ މަޝްވަރާތައް ކުރިއަށް ގެންދާ އިރާގަކީ ސައުދީ އަރަބިއްޔާ އާއި އިރާނާ އެކު ބޯޑަރު ހިއްސާ ކުރާ ގައުމެކެވެ. މިއީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބާއްވާ މަޝްވަރާގެ ފަސް ވަނަ ބުރެވެ.

މަޝްވަރާތަކުގެ ބޭނުމަކީ އަލުން ދެ ގައުމުގެ މެދުގައި ގުޅުން ގާއިމް ކުރެވޭނެ ފަދަ މާހައުލެއް ގާއިމް ކުރުމެވެ. ރިޕޯޓުތައް ބުނާ ގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް ވަރަށް އަވަހަށް އޮންނާނެ އެވެ.

މިދިޔަ މާޗް މަހު އިރާނުން ބުނީ ސައުދީ އަރަބިއްޔާގައި އެއް ފަހަރާ 81 މީހުން ދަން ޖައްސައި މަރާފައި ވާތީ މަޝްވަރާތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ދަން ޖައްސަައި މެރި މީހުންގެ ތެރޭގައި ހިމެނޭ ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ފަރާތްތަކުގެ ތެރޭގައި ޔަމަނުގެ ހޫތީންނާ ގުޅުން އޮތް ގިނަ ބަޔަކު ހިމެނެ އެވެ.

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން މިދިޔަ މާޗް މަހު ވިދާޅުވީ ސައުދީ އަރަބިއްޔާ އާއި އިރާނަކީ "އުމުރަށް އަވައްޓެރިން" ކަމަށްވާ އިރު، މަޝްވަރާ ކުރުން މުހިއްމު ކަމަށެވެ.