Advertisement

ރިސޯޓު ތަރައްގީކުރަން ހަވާލުކުރި ފަރާތްތައް އިއުލާނު ކުރާނީ ފައިސާ ދެއްކީމަ: ޓޫރިޒަމް

24 އޭޕްރީލް 2022 - 10:23 0

އަމަން ހަލީމް

އަމަން ހަލީމް

އެންމެ ފަހުން ރިސޯޓު ހަދަން ދޫކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ މ. ސީދިހުރާ --- ފޮޓޯ: ގޫގުލް އާތު


ރިސޯޓު ތަރައްގީކުރަން ހަވާލުކުރި ފަރާތްތައް އިއުލާނު ކުރާނީ ފައިސާ ދެއްކީމަ: ޓޫރިޒަމް

24 އޭޕްރީލް 2022 - 10:23 0

އެންމެ ފަހުން ރިސޯޓު ތަރައްގީކުރަން ހުޅުވާލި ފުރުސަތުގެ ތެރެއިން ބީލަން ކާމިޔާބުކޮށް ރަށްތައް ހަވާލުކުރި ފަރާތްތަކުގެ ލިސްޓު އިއުލާނުކުރާނީ ފައިސާ ދެއްކީމަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ފަސް މަހަށް ވުރެ ގިނަ ދުވަހު ދިގުލައިގެން ދިޔަ ބީލަން މަރުހަލާއަކަށް ފަހު ރިސޯޓު ހަދަން ހުޅުވާލި 18 ރަށުގެ ތެރެއިން، ހަތް ރަށެއް ހަވާލުކުރަން ޓޫރިޒަމުން ވަނީ ނިންމާފަ އެވެ. އެކަމަކު މިހާތަނަށް ބީލަން ކާމިޔާބުކުރި މީހުން ނޫނީ ވިޔަފާރިތަކުގެ ނަމެއް އާންމު ނުކުރެ އެވެ.

މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރު އަލީ ޝިނާން "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި ބީލަން ކާމިޔާބުކުރި ލިސްޓު އާންމުކުރާނީ އެކުއިޒިޝަން ކޮސްޓާއި ޓްރެއިނިން ފަންޑަށް ހުށަހެޅި ފައިސާގެ ދެބައިކުޅަ އެއްބައި ދައްކާ ހަލާސްކުރުމުންނެވެ.

"ލީޒް އެކުއިޒިޝަން ކޮސްޓު ދައްކަން 60 ދުވަހުގެ މުއްދަތެއް ދެވިފައިވަނީ. އެ ފައިސާ ދެއްކުމުން ބިޑު ކާމިޔާބުކުރި ލިސްޓު އާންމުކުރާނަން" އޭނާ ވިދާޅުވި އެވެ.

މި 60 ދުވަހަކީ ލީސް އެކުއިޒިޝަން ކޮސްޓާއި ޓްރެއިނިން ފަންޑު ފައިސާ ދެއްކުމަށާއި އިނީޝިއަލް އެންވަޔަރަމަންޓު އެސެސްމަންޓު ހަދަން ލިބޭ މުއްދަތެކެވެ. އެއްބަސްވުންތަކުގައި ސޮއިކޮށް ދެން ހުރި މަރުހަލާތަކަށް ދާނީ މިކަންކަން ފުރިހަމަވީމަ އެވެ.

މި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެވަރެޖުކޮށް 1.6 މިލިއަން ޑޮލަރު މަގުން ޖުމްލަ 11.8 މިލިއަން ޑޮލަރު (182.4 މިލިއަން ރުފިޔާ) ހުށަހަޅާފައިވެ އެވެ. އަދި، ޓްރެއިނިން ފަންޑަށް 637،121 ޑޮލަރު (9.8 މިލިއަން ރުފިޔާ) ހުށަހަޅާފައިވެ އެވެ.