Advertisement

ނަތީޖާ ނެރެން، އޭސީސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ

24 އޭޕްރީލް 2022 - 10:27 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އޭސީސީގެ ރައީސް ޝާމިލް އާދަމް "އަދަދު" އަށް އިންޓަވިއު ދެއްވަނީ. އޭނާ ވިދާޅުވީ ނަތީޖާ ނެރޭ މުއައްސަސާއަކަށް ހެދުމަށް ޓަކައި އޭސީސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ނަތީޖާ ނެރެން، އޭސީސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ

24 އޭޕްރީލް 2022 - 10:27 2

ކޮރަޕްޝަނުގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ފައިސާގެ އަދަތު އެތައް ބިލިޔަނަކަށް އަރައިފި އެވެ. އޭގެ ތެރެއިން އެންމެ ފައިސާފޮއްޗެއް ވެސް ނުހޯދި ހޭދަވާ ކޮންމެ ދުވަހަކީ ކޮރަޕްޝަން ހިންގަން ދަހިލަވައިގެން ތިބި އެތައް ބަޔަކަށް އިތުރު ހިތްވަރެއް ލިބޭނެ ދުވަހެކެވެ. މިކަމުގައި އެންމެން އިނގިލިދިއްކުރަނީ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން މަތިކޮށްފައިވާ ތަހުގީގީ އިދާރާ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ. އެކަމުގައި ރައްޔިތުންގެ މަޖިލިސް "ރުޅިގަދަވުމުގެ" ނަތީޖާއަކަށް ވީ އޭސީސީ މުޅިން އާކޮށްލުމެވެ.

އޭސީސީގެ އާ ރައީސް ޝާމިލް އާދަމް "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއު އިން އެނގުނު ގޮތުގައި އެކިމިޝަނަށް އަލަށް މެމްބަރުން ލުމަކުން އަދި ރާސްލާފައި މައްސަލަތައް ނިމޭކަށް ނެތެވެ. އެ ކޮމިޝަނަކީ ދަތްހުރި ކޮމިޝަނަކަށް ހެދުމަށް ޓަކައި ވަރަށް ގިނަ ކަންތައްތައް ކުރަން ޖެހެ އެވެ. އޭގެ ތެރޭގައި ކޮމިޝަނަށް ގެންނަން ޖެހޭ ބަދަލުތަކާއި ރާއްޖޭގެ މުޅި ނިޒާމަށް އަންނަން ޖެހޭ ބަދަލުތައް ހިމެނެ އެވެ.

ތަޖުރިިބާކާރުންގެ ތަޖުރިބާ ދެމެހެއްޓުން

ޝާމިލް ވިދާޅުވި ގޮތުގައި އެތައް އަހަރެއް ވަންދެން މަސައްކަތްކުރައްވާފައި އެހެން އިދާރާއަކަށް ބަދަލުވާ ނުވަތަ ރިޓަޔާކުރައްވާ އިންވެސްޓިގޭޓަރުންގެ ތަޖުރިބާ، ފަހުން ވަޑައިގަންނަވާ އިންވެސްޓިގޭޓަރުންނަކަށް މިހާރު ވާސިލެއް ނުވެ އެވެ. ކޮމިޝަނުގައި މިހާރު އެ ފަދަ ނިޒާމެއް ނެތީމަ އެވެ.

"އިންސްޓްޓިއުޝަނެއް ހިންގާއިރު، އެތައް ދުވަހަކަށް މީހަކު އެތަނުގައި މަސައްކަތްކޮށްފައި ބޮޑު ތަޖުރިބާކާރަކަށް ވެގެން ނިކުމެގެން މިދަނީ. ދާއިރުގައި އޭނާގެ ފަރާތުން ތަނަށް ދިޔައީ ކޯއްޗެއްތޯ، ތަނުގައި ތިބި މީހުންނަށް ޓްރެއިނިންއެއް ލިބުނުތޯ އޭނައަށް އެ ދަސްވި އެއްޗަކުން، [މިއީ ބަލަން ޖެހޭ] އެއްކަމަކީ އިނގޭތޯ،" ޝާމިލް ވިދާޅުވި އެވެ.

އޭސީސީގެ ރައީސް ޝާމިލް އާދަމް އަދަދުއަށް އިންޓަވިއުދެއްވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އޭނާ ވިދާޅުވީ ވަރަށް ދުވަސްވީ ތަޖުރިބާކާރު އިންވެސްޓިގޭޓަރުން އޭސީސީން ވަކިވެ ވަޑައިގެންނެވި އިރު އެ ބޭފުޅުންގެ ތަޖުރިބާއިން އެއްޗެއް ދަސްވެފައި ނެތްކަން މިހާރު ތިބި ހުރިހާ އިންވެސްޓިގޭޓަރުން ވެސް ގަބޫލުކުރައްވާ ކަމަށެވެ.

އެކަން އެހެން ވިޔަނުދޭން އެ ކޮމިޝަނުން މިހާރު ވަނީ މަސައްކަތްތަކެއް ވެސް ފަށައިފަ އެވެ. ޝާމިލް ވިދާޅުވީ މިހާރު ތިއްބެވި އެންމެ ތަޖުރިބާކާރު އިންވެސްޓިގޭޓަރުންގެ ފަރާތުން ދެން ތިބި އިންވެސްޓިގޭޓަރުންނަށް ތަޖުރިބާއާއި އިލްމު ފޯރުކޮށްދޭނެ ފްރޭމްވޯކެއް ކޮމިޝަނުން ހަދާނެ ކަމަށެވެ.

"މިސާލަކަށް ކަނޑައެޅޭ މުއްދަތުތަކަކުުން، އިންވެސްޓިގޭޝަން އޮފިސަރުންނަށް ތަމްރީނު އެތެރޭގެ ހިންގޭނެ ގޮތެއް، އިން ހައުސްކޮށް. އެބައި އަޅުގަނޑުމެން މިރާވަނީ،" އޭނާ ވިދާޅުވި އެވެ.

މަސައްކަތް ކުރާނެ އުސޫލުތަކުގެ އޮނިގަނޑެއް ހެދުން

މަސައްކަތްތައް ކުރަން ޖެހޭނެ އުސޫލުތަކެއް ލިޔެ ކަނޑައަޅާފައި ނެތުމަކީ އޭސީސީގެ އިތުރުން ރާއްޖޭގެ ގިނަ މުއައްސަސާތަކުގައި ވެސް އޮތް މައްސަލަ އެކެވެ، އާއްމު އުސޫލަކީ އޭރެއްގައި ވެރިންގެ ގޮތުގައި ތިބޭ ބަޔަކު ދޭ އިރުޝާދަކާ އެއްގޮތަށް މަސައްކަތްކުރަމުން ގޮސް، ވެރިން ބަދަލުވާ ހިސާބުން މުޅި އެ އުސޫލު ގެއްލި، އަނެއްކާވެސް އާ އުސޫލުތަކެއް ކަނޑައަޅަން ޖެހުމެވެ. މިއީ އެކަމަކު ނިޒާމީ ގޮތެއްގައި ރަނގަޅަށް މަސައްކަތް ކުރެވޭނެ ގޮތެއް ނޫނެވެ.

ޝާމިލް ވިދާޅުވި ގޮތުގައި އޭސީސީގައި ވެސް ކަންތައް އޮތީ ހަމަ މިހެންނެވެ. އެކަމަކު އެކަން ބަދަލުކުރުުގެ މަސައްކަތް ކޮމިޝަނުން ކުރާނެ އެެވެ.

"އަޅުގަނޑުމެން މިހާރު އަމާޒުމިކުރަނީ އޭސީސީ ތެރޭގައި ހުރި ހުރިހާ އެއްޗެއް ވެސް ލިޔެވިފައި އެސްއޯޕީގެ ގޮތުގައި ހުންނަން ޖެހޭނޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަހަރު އެސްއޯޕީތައް އެކުލަވައިލާނީ ވަކި މަސައްކަތެއް ކުރަން ތިބޭ ހުރިހާ މުވައްޒަފުން ބަދަލުވާ ހާލަތެއްގައި ވެސް ފަހުން އަންނަ މުވައްޒަފުންނަށް، ކުރިން މަަސައްކަތްކުރި ގޮތް އެނގޭނެ މިންވަރަށެވެ.

"ހުރިހާ ސެކްޝަންތަކާއި ޑިޕާޓްމަންޓްތައް [މިގޮތަށް] ބައްޓަންކުރަން އަޅުގަނޑުމެން މިހާރު ބޭނުންވަނީ،" ޝާމިލް ވިދާޅުވި އެވެ.

އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދާނެ

ކޮރަޕްޝަނުގެ ތެރެއިން ގެއްލޭ ފައިސާ ހޯދުމަކީ އެއްވެސް ގައުމަކަށް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ކޮރަޕްޝަނަކީ ބޯޑަރުތައް ހުރަސްކޮށް، ޓްރާންސްނެޝަނަލްކޮށް ހިންގާ ކުށަކަށް ވާތީ އެވެ. ކޮރަޕްޝަނާ ދެކޮޅަށް ގައުމުތައް ގުޅިގެން މަސައްކަތްކުރަން ގިނަ ގައުމުތަކަކުން ސޮއިކޮށްފައިވާ މުއާހަދާއެެއް ވެސް އޮވެ އެވެ. ޔޫއެންއޯޑީސީ އަކީ އެ މުއާހަދާއާ ގުޅޭ ކަންތައްތައް ބަލަހައްޓާ މައިގަނޑު އެޖެންސީ އެވެ.

"އެ އެޖެންސީން އަސްލުގައި ވަރަށް ގިނަ ކޮޅުކޮޅަށް މަގުފަހިކޮށްދޭނެ އަސްލު އެ މަސައްކަތް [އެސެޓް ރިކަވާކުރުމުގެ މަސައްކަތް]ކުރަން ދައުލަތުން މަސައްކަތް ކޮށްފިއްޔާ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް އަދި ރަނގަޅަށް މަސައްކަތް ނުކުރެވި އޮތް އެއް ދިމާ މިއީ،" ޝާމިލް ވިދާޅުވި އެވެ.

ދައުލަތަށް ދެ ބިލިޔަނަށް ވުރެެ ގިނަ ރުފިޔާ ގެއްލުނު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ފަދަ މައްސަލަތައް ބަލައި މުދަލާއި ފައިސާ އަނބުރާ ހޯދަން ބައިނަލްއަގުވާމީ އެ ނިޒާމު ވަރަށް މުހިއްމެވެ.

ޝާމިލް ވިދާޅުވި ގޮތުގައި އޭސީސީން މިހާރު ވަނީ ޔޫއެންއޯޑީސީއާ އެކު ނުރައްމީ ވާހަކަތައް ފަށައިފަ އެވެ. މިއުޗުއަލް ލީގަލް އެސިސްޓެންސް ހޯދުމުގެ ގާނޫނެއް ވެސް ރާއްޖޭގައި އެބަ އޮތެވެ. އެ ގާނޫނުގެ ދަށުން އެހީތެރިކަން ހޯދުމުގައި ފޯކަލް ޕޮއިންޓަކީ ޕްރޮސެކިއުޓާ ޖެނެރަލް އެވެ.

"މިނޫނަސް ހަމަ ސީދާ އަޅުގަނޑުމެންނަށް [އޭސީސީއަށް] ބޭރުގެ އެޖެންސީތަކާ އެއްކޮށް މަސައްކަތްކުރުމުގެ ފުރުސަތު ވެސް އަސްލުގައި އޮންނާނެ،" ބޭރުގެ އެހީތެރިކަން ހޯދުމަށް އޮތް ފުރުސަތު ތަފްސީލުކޮށްދެއްވަމުން އޭނާ ވިދާޅުވި އެވެ.

ތަހުގީގުގެ ފެންވަރު ރަނގަޅުކުރަން ޖެހޭ

އޭސީސީން ތަހުގީގުކުރި ބައެއް މައްސަލަތަކުގައި ތުހުމަތު ކުރެވުނު ބައެއް ފަރާތްތަކާ ދެކޮޅަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް ދައުވާ ކުރެވެން ނެތް ކަމަށް އެ އޮފީހުން ނިންމާ ފަހަރު އާދެ އެވެ. ކޮވިޑް-19ގެ ބަލިމަޑުކަަމާ ހެދި ރާއްޖެއަށް އެވަގުތަށް ބޭނުންވި ވެންޓިލޭޓަރުތަކެއް ގަންނަން ހަވާލުކުރި ކުންފުންޏަކަށް ފައިސާ ދީފަައި ތަކެތި ނުލިބުނު މައްސަލައަކީ އާއްމުންގެ ސަމާލުކަމަށް އެންމެ ބޮޑަށް އައި މިފަދަ އެއް މައްސަލަ އެވެ. އެ މައްސަލައިގައި ދައުވާކޮށްދޭން އެދި އޭސީސީން ފޮނުވުމުން ޕީޖީން އެ މައްސަލަ އަނބުރާ ފޮނުވައިލީ ދައުވާކުރުމަށް އުންސުރު ހަމަނުވާކަމަށް ވިދާޅުވެފަ އެވެ.

ޝާމިލު ވިދާޅުވި ގޮތުގައި އެގޮތަށް ދިމާވަނީ އޭސީސީގެ ތަހުގީގުގައި ވެސް މައްސަލަ ހުރުމުންނެވެ.

"ކުށެއްގައި ވިއްޔާ މިހުންނަނީ އުންސުރުތަކެއް. އެހެންވީމާ ތަހުގީގުން ވެސް މަސައްކަތް ކުރަން ޖެހޭނީ އެ އޮންނަ މިންގަނޑަށް އުންސުރުތަކާ ގުޅޭ ގޮތުން [ކުށް]ސާބިތުކުރުމަށް ޓަކައި. އެނޫން ކަންކަމުގެ ތެރޭގައި އަޅުގަނޑުމެން އުޅެން ވެއްޖެއްޔާ ހަމަ ވަރަށް ގިނަ ވަގުތު ހިނގައިދާނެ އެހެން ބޭކާރު ކަންތަކަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމުގައި އޭސީސީގެ މައްސަލަތަކެއް ހުރިކަން ގަބޫލުކޮށް އެކަން ރަނގަޅުކުރުމުގެ ޕްލޭނެއް ވެސް މިހާރު ހަދާފައިވާ ކަމަށެވެ.

އޭސީސީއަކީ ނަތީޖާ ނެރެވޭ، މުުއައްސަސާއަކަށް ހެދުމަށް ޓަކައި މި ބަދަލުތައް ގެންނަން ޖެހެ އެވެ. އެކޮމިޝަނުގެ އާ މެމްބަރުން ތިއްބެވީ އެމަސައްކަތުގަ އެވެ.