Advertisement

އިންޑޮނީޝިއާ އާއި އިންޑިއާއިން ސްރީލަންކާއަށް ސިއްހީ ސާމާނު ފޮނުވަނީ

24 އޭޕްރީލް 2022 - 09:41 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސްރީލަންކާގައި ސިއްހީ ދާއިރާގެ މުވައްޒަފުން މުޒާހަރާ ކުރަނީ. -- ފޮޓޯ: އީއެފްއީ


އިންޑޮނީޝިއާ އާއި އިންޑިއާއިން ސްރީލަންކާއަށް ސިއްހީ ސާމާނު ފޮނުވަނީ

24 އޭޕްރީލް 2022 - 09:41 0

އިންޑިއާ އާއި އިންޑޮނީޝިއާއިން ސްރީ ލަންކާއަށް ބޭނުންވާ ސިއްހީ ސާމާނުގެ ޝިޕްމަންޓެއް ތައްޔާރުކޮށްފައިވާ ކަމަށް ލަންކާގެ ހެލްތު މިނިސްޓަރު ޗަންނަ ޖަޔަސުމަނަ ވިދާޅުވެއްޖެ އެވެ.

ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ، ބޭހާއި އެހެނިހެން ޒަރޫރީ ތަކެތީ ލަންކާއަށް އިމްޕޯޓެއް ނުކުރެވެ އެވެ. އެހެންވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފަ އެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ އިންޑިއާއިން ތައްޔާރު ކުރި ޝިޕްމަންޓުގައި ހިމެނެނީ 101 ބާވަތުގެ ބޭހާއި އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ ސާމާނު ކަމަށެވެ.

އެ ޝިޕްމަންޓް ލަންކާއަށް ފޯރާނެ ކަމަށް ބެލެވެނީ ބުދަ ދުވަހު އެވެ. އިންޑިއާގެ ހިލޭ އެހީގެ ގޮތުގައި ފޮނުވާ ސާމާނު ޝިޕްކުރަނީ އިންޑިއާ ސިފައިންގެ މަނަވަރެއްގަ އެވެ.

އޭގެ އިތުރުން އިންޑޮނީޝިއާގެ ސަރުކާރުން ވެސް އެއްމިލިއަން ޑޮލަރުގެ ބޭސް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށާއި އެ ތަކެތި ހަފްތާއެއްގެ ތެރޭގައި ލިބޭނެ ކަމަށް ލަންކާ ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

މި ހަފްތާގައި ޗައިނާއިން ވެސް ބުނީ ލަންކާއަށް ބޭނުންވާ އަވަސް އިންސާނީ އެހީ ފޯރުކޮށްދޭނެ ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާގެ ސާމާނު ހިމެނޭނެ ކަމަށް ބެލެވެ އެވެ.

ލަންކާ ހެލްތު މިނިސްޓްރީގެ އެދުމަކަށް، އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތީގެ ލިސްޓެއް އާއްމުކޮށް، ބޭރުގެ ޖަމިއްޔާތަކާއި ޑިޕްލޮމެޓިކް މިޝަންތަކުން އެހީއަށް އެދިފަ އެވެ.

ފޮރިން މިނިސްޓްރީން ހިއްސާކުރި ލިސްޓުގައި ހިމެނެނީ ބޭހާއި، ކެންސަރުގެ ފަރުވާއަށް ކުރިއަށް އޮތް ހަ މަހަށް ބޭނުންވާ ތަކެއްޗާއި، މާބަނޑު އަންހެނުންގެ ފަރުވާއަށް ކުރިއަށް އޮތް ތިން މަހަށް ބޭނުންވާ ތަކެއްޗެވެ.