Advertisement

ޓީސީ ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ ތިން ވަނަ އަށް

21 އޭޕްރީލް 2022 - 23:54 0

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑް ވިކްޓްރީގެ ބައްކު (ވ) އާއި އެ ޓީމުގެ އަޒީމް އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް


ޓީސީ ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ ތިން ވަނަ އަށް

21 އޭޕްރީލް 2022 - 23:54 0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް 3-2 އިން ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ ދެ ވަނަ ބުރުގައި ޔުނައިޓެޑް ވިކްޓްރީ ފުރަތަމަ ކުޅުނު ދެ މެޗުން ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް ގްރީން ސްޓްރީޓްސްއާ އެއްވަރުވެފައި، މިރޭ ޓީސީ އަތުން މޮޅުވެ، ޔުނައިޓެޑް ވިކްޓްރީ ތިން ވަނަ އަށް އެރީ، ވެލެންސިއާ ފަހަތަށް ޖައްސާލައިފަ އެވެ. ޓީސީ އަށް ދެ ވަނަ ބުރުގެ ތިން މެޗު ކުޅެގެން އަދި މޮޅެއް ނުލިބެ އެވެ.

ލީގުގެ އެއް ވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ ނުވަ މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ކްލަބް އީގަލްސް އޮތީ ނުވަ މެޗުން 22 ޕޮއިންޓާ އެކު އެވެ. މިރޭގެ ނަތީޖާ އަށް ފަހު ތިން ވަަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ އަށް ވަނީ 10 މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ވެލެންސިއާ އަށް ނުވަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި ސަސް އާއި ހަ ވަނައިގައި އޮތް ޓީސީ އަށް ވަނީ 11 ޕޮއިންޓް ލިބިފަ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީން ވަނީ ލީޑުނަގައިފަ އެވެ. އޭރިއާބޭރުން ކިރްގިސްތާން މިޑްފީލްޑަރު، އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ) ހުސްކޮށްލާފައި ދިނީ އެ ޓީމުގެ އަލީ ހައިޝަމް (ޗުމްޕު) އަށެވެ. ޗުމްޕު ޖެހި ބޯޅަ ގޯލަށް ވަނީ ޓީސީގެ ކީޕަރު ލަންކާގެ ސުޖަން ޕެރޭރާ އަތުގައި ޖެހިފަ އެވެ.

ޓީސީގެ ފުރަތަމަ ހަމަލާ ފެނުނީ މެޗުގެ ހަތް ވަނަ މިނިޓްގަ އެވެ. ކޯނަރެއްގައި އެ ޓީމުގެ މިސްރު ޑިފެންޑަރު، އަލާ ނާސިރު ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް ވަނީ މެޗުގެ 21 ވަނަ މިނިޓްގައި ލީޑުފުޅާކުރަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ކުރިއަށް ކުޅުނު ބޯޅައެއްގައި ޓީސީގެ އޭރިއާތެރެއިން ޗުމްޕު ޖެހި ބޯޅަ ކީޕަރު ސުޖަން ވަނީ ހުއްޓުވައިފަ އެވެ. ޓީސީން ވަނީ އޭގެ ހަ މިނިޓް ފަހުން އެއްވަރުކޮށްފަ އެވެ. މިއީ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ވާތު ބެކް، ހަމްދޫން އަބްދުލް ލަތީފް ޖެހި ގޯލެކެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު، އަހުމަދު އަނަފް ޒަރިޔަންދު އަތް މަތިން އޮއްސިގެންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓްރީ އަށް އަލުން ލީޑުނަަގައިދޭން ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އެވެ. ހިލޭ ޖެހުމަކުން ޗުމްޕު ޖެހި ބޯޅަ ކީޕަރު ސުޖަން މަތަކުރިއިރު، ޓީސީގެ އޮފްސައިޑް މަޅިން ސަލާމްވެގެން، ޔުނައިޓެޑް ވިކްޓްރީގެ ބެލަރޫސް ފޯވާޑް، އިވާން ވެރާސް ބޯޅަ ހިފައިގެން ވަދެ، ޖެހި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ.

ޔުނައިޓެޑް ވިކްޓްރީން ވަނީ މެޗުގެ 57 ވަނަ މިނިޓްގައި ދެ ވަނަ ފަހަރަށް ލީޑުނަަގައިފަ އެވެ. މިއީ އޭރިއާތެރެއިން ތަނަވަސްވި ފުރުސަތެއްގައި ޔުނައިޓެޑް ވިކްޓްރީގެ ޖަޕާން މިޑްފީލްޑަރު، އެއިސޫކޭ މޯރީ ޖެހި ގޯލެކެވެ.

މެޗުގެ 63 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީން ވަނީ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ކުޅެން އަރުވައިފަ އެވެ. މިއީ ލީގުގެ ފުރަތަމަ ބުރުގައި ކޮނޑުހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުުރގައި ހުރުމަށް ފަހު އެނބުރި އައިސް ބައްކު ކުޅުނު ފުރަތަމަ މެޗެވެ.

ދެ ވަނަ ހާފްގައި ޓީސީ އަށް ގޯލެއް ޖަހައިދޭން ފުރަތަމަ ފުރުސަތު ލިބުނީ މުހައްމަދު މުސްލިހު (މުއްޓި) އަށެވެ. މެޗުގެ 68 ވަނަ މިނިޓްގައި ޓީސީގެ ފުލްބެކް، އަހުމަދު މާއިޝް ރަޝީދު (މާއި) ނަގައިދިން ހުރަހަކުން އޭރިއާތެެރެއިން ހުސްކޮށް އަރައި، މުއްޓި ބޮލުން ފޮނުވާލިއިރު، ދިޔައީ އަރިމަތިން ބޭރުންނެވެ.

މެޗުގެ 72 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ތިން ވަނަ ގޯލު ޖެހީ ބައްކު އެވެ. މިއީ، އޭރިއާތެެރެއަށް ބޯޅަ ހިފައިގެންވަދެ، ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ބައްކު ޖެހި ގޯލެކެވެ. އޭގެ ތިން މިނިޓް ފަހުން ޓީސީން ވަނީ ގޯލެއް ޖަހައި، އުންމީދެއް ހޯދައިފަ އެވެ. މިއީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެންއެރި، ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ޒައުލް ނާއިމް އާއި ހައިސަމް ރަޝީދުގެ ކޮމްބިނޭޝަނުން ޖެހި ގޯލެކެވެ. އޭރިއާތެރެއަށް ހުސްކޮށްލާފައި ޒައުލް ދިން ބޯޅައަކުން ހައިސަމް ވަނީ ކީޕަރު އަނަފް ފައި މަތިން ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޓީސީން ކުރިއަށް ޖެހިގެން އިތުރު ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ޔުނައިޓެޑް ވިކްޓްރީ އަށް ހަތަރު ވަނަ ގޯލެއް ޖަހަން ކުރި މަސައްކަތުގައި ބައްކު ފޮނުވާލި ބޯޅައެއް ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ.

ލީގުގައި މާދަމާރޭ އޮތީ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އެންމެ ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. މެޗު ފަށާނީ ގަނޑިން 22:00 ގަ އެވެ.