Advertisement

ދަށް އަގަށް އަމަލުކުރުން ފަސްކޮށް، އަނެއްކާވެސް ސަފާރީތަކުން 500 ޑޮލަރު ނަގަން ފުވައްމުލައް ކައުންސިލުން ނިންމައިފި

21 އޭޕްރީލް 2022 - 20:58 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ފުވައްމުލައް ކައިރިން ސަފާރީ ސުޕަޔޮޓެއް ދަތުރުކުރަނީ. ފުވައްމުލަކަށް ވަންނަ ސަފާރީތަކުން 500 ޑޮލަރު ނަގަން އެ ރަށު ކައުންސިލުން މިހާރު ވަނީ ނިންމައިފަ. ފޮޓޯ: ވިޒިޓް ފުވައްމުލައް


ދަށް އަގަށް އަމަލުކުރުން ފަސްކޮށް، އަނެއްކާވެސް ސަފާރީތަކުން 500 ޑޮލަރު ނަގަން ފުވައްމުލައް ކައުންސިލުން ނިންމައިފި

21 އޭޕްރީލް 2022 - 20:58 1

ފުވައްމުލައް ސިޓީގައި ބަނދަރު ކުރާ ސަފާރީތަކުން 500 ޑޮލަރުގެ ފީއެއް ދުވާލެއްގެ މައްޗަށް ނަގަން ނިންމުމަށްފަހު، އެ ނިންމުން އެއަށްވުރެ ދަށް އަގަކަށް ބަދަލުކުރުމަސްފަހު، އަނެއްކާ ވެސް އެ ނިންމުމަށް އަމަލުކުރަން ފަސްކޮށް، 500 ޑޮލަރު ދުވާލެއްގެ މައްޗަށް ނަގަން އެސިޓީ ކައުންސިލުން ނިންމައިފި އެވެ.

ފުވައްމުލަކު ސިޓި ކައުންސިލުން ފުރަތަމަ ނިންމީ، ބަނދަރުކުރާ ކޮންމެ ސަފާރީއަކުން ދުވާލަކަށް 500 އެމެރިކާ ޑޮލަރުގެ (7725.00ރ.) އަގެއް ނެގުމަށެވެ. އެގޮތަށް ނިންމީ ފުވައްމުލަކު ބަނދަރަކީ ޖާގަ ކުޑަ ބަނދަރެއް ކަމަށް ވާތީ ކަމަށް ކައުންސިލުން އޭރު ބުންޏެވެ.

ނަމަވެސް މިމަހުގެ 11 ވަނަ ދުވަހު ސިޓީ ކައުންސިލުން ވަނީ ސަފާރީ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކާއެކު ކަންބޮޑުވުންތަކާއެކު ބަނދަރުކުރާ 100 ފޫޓަށް ވުރެ ކުޑަ ސަފާރީތަކުން ދުވާލަކަށް 150 ޑޮލަރުގެ (2317.50ރ.) އަދި 100 ފޫޓަށްވުރެ ބޮޑުނަމަ 200 ޑޮލަރުގެ (3090.00ރ.) ނެގުމަށް ނިންމައިފަ އެވެ. އެކަން ތަންފީޒުކުރަން ފަށަން އޮތީ މިއަދުން ފެށިގެންނެވެ.

ނަމަވެސް، މިއަދު އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިއަދު އޮތް ކައުންސިލްގެ ބައްދަލުވުމެއްގައި އެ ނިންމުމަށް އަމަލުކުރުން ފަސްކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އެގޮތަށް އަމަލުކުރަން ނިންމި ސަބަބެއް އެ ކައުންސިލުން ހާމައެއް ނުކުރެ އެވެ. އަދި އެ އިއުލާނުގައި ބުނީ އަމަލުކުރުން ފަސްކުރުމާއެކު އަދިވެސް ސަފާރީތަކުން ނަގަމުންދާނީ ދުވާލެއްގެ މައްޗަށް 500 ޑޮލަރު ކަމަށެވެ.

ސަފާރީތައް ބަނދަރުކުރުމަށް އަގެއް ނަގަން ސިޓީ ކައުންސިލުން ނިންމީ ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުގެ އަދަދު ގިނަވެ، ބަނދަރުގައި އެހެން އުޅަނދުފަހަރަށް ޖާގައިގެ ދަތިކަމުގެ މައްސަލަ އިންތިހާއަށް ބޮޑުވުމުންނެވެ.

"އަޅުގަނޑުމެން އަސްލު މަޝްވަރާކުރި، ސަފާރީ ވަނުން މަނާކުރުމަށް ފުރަތަމަ، އެކަމަކު އެގޮތަށް ނިންމުމުން ދަތިވާނެތީ، އެހެން ނުހަދައި 500 ޑޮލަރު ނަގަން ނިންމީ، ވަންނަ މިންވަރު މަދުވާނެކަމަށް ބަލާފަ. ދެން މިހާރު މި އެ ނިންމުން ބަދަލުކުރީ، ކަންބޮޑުވުންތަކާއެކު މަޝްވަރާކޮށްފަ،" އެ ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އަހުމަދު މި ނޫހަށް މީގެ ކުރިން ވިދާޅުވި އެވެ.

ފުވައްމުލަކަކީ ގުދުރަތީ ރީތިކަމުގެ ގޮތުން މަޝްހޫރު ރަށެކެވެ. ރާއްޖޭގެ އެންމެ ނަން މަޝްހޫރު އެއް ޑައިވް ސްޕޮޓް ވެސް އޮންނަނީ ފުވައްމުލަކުގެ ކައިރީގަ އެވެ. މި ސަބަބުތަކަށްޓަކައި ގިނަ އަދަދެއްގެ ސަފާރީ ކޮންމެ ދުވަހަކު ވެސް ފުވައްލުމަކަށް ދަތުރުކުރެ އެވެ.

އެކަމަކު ފުވައްމުލައް އުފެދިފައި އޮތް ގޮތުން އެ ރަށާއި ކައިރިން ކަނޑުގައި ނަގިލި ސަފާރީތައް އަޅައިގެން ތިބުމަކީ އުނދަގޫކަމެކެވެ. އަދި ފަރުމައްޗަށް ނަގިލި ލައިގެން ތިބުމަކީ ވެސް މަނާކަމެއް ކަމަށްވާތީ ގިނަ ސަފާރީތަކަށް މަޖުބޫރު ވަނީ ބަނދަރަށް ވަނުމަށެވެ.