Advertisement

އިންޑިއާ އައުޓް ކެމްޕެއިނުން ކުރަން އުޅޭ ކަންކަން އެނގޭ، މީގެ ފަހުން ހަރަކާތް ނުހިންގޭނެ: ރައީސް އޮފީސް

21 އޭޕްރީލް 2022 - 14:39 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި އިން އިންޑިއާ އައުޓް ބެނާ ފުލުހުން ނަގަނީ: އަލީ ޒާހިރު ވިދާޅުވީ އެ ބެނާ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އިންޑިއާ އައުޓް ކެމްޕެއިނުން ކުރަން އުޅޭ ކަންކަން އެނގޭ، މީގެ ފަހުން ހަރަކާތް ނުހިންގޭނެ: ރައީސް އޮފީސް

21 އޭޕްރީލް 2022 - 14:39 2

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނެރުއްވި ރިޔާސީ ގަރާރެއްގެ ދަށުން "އިންޑިއާ އައުޓް ކެމްޕެއިން" މަނާކުރުމުން މީގެ ފަހުން މޫވްމަންޓެއްގެ ގޮތުގައި އެ ހަރަކާތް ކުރިއަށް ގެންދިޔުން ކަމާ ބެހޭ ފަރާތްތަކުން ހުއްޓުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު "އަދަދަ"ށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިއަދު 11:21 ނެެރުއްވި ރިޔާސީ ގަރާރަށް ފަހު "އިންޑިއާ އައުޓް" ކެމްޕެއިން ގާނޫނީ ގޮތުން މަނާވެފައިވާ ކަމަށެވެ. އަދި އެ އިންޑިއާ އައުޓް ކެމްޕެއިން "މޫވްމަންޓެއްގެ ގޮތުގައި ހިންގާ ނަމަ ކަމާ ބެހޭ ފަރާތްތަކުން އެކަން ހުއްޓުވާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

[މީހުން ހައްޔަރުކޮށް، ދައުވާ ކުރާ] އެ ހިސާބަށް ވެސް ދާންޖެހުނީމަ ދާނެ އިނގޭތޯ. މިސާލަކަށް މިއަދު އެ ނެގުނު ތަކެއްޗަކީ ވެސް ހެކީގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ އެއްޗެހީގެ ގޮތުގައި އެ ހުރީ،" ރައީސް ޔާމީންގެ ގެކޮޅުން ފުލުހުން ނެގި ބޮޑު ބެނާއަށް އިޝާރާތް ކުރައްވާ އަލީ ޒާހިރު ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވެފައި އޮތީ އިންޑިއާ އައުޓް ކެމްޕެއިނަކީ ދިވެހިރާއްޖޭގެ "ސުލުހަ މަސްލަސްކަން ނަގައިލުމުގެ ނިޔަތުގައި" ހިންގާ ކެމްޕެއިނެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ތަރައްގީ އާއި މި ސަރަހައްދުގެ ހަމަޖެހުމަށް ހުރަސް އެޅުމަށް ކުރާ ކެމްޕެއިނެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވީ ރައީސް ސޯލިހުގެ ގަރާރުގައި ފާހަގަ ކުރެއްވި ގައުމީ ސަލާމަތަށް ނުރައްކާ އޮތް އަމަލުތައް ހިންގަން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް ލިބިފައިވާ ކަމަށެވެ.

"ސަރުކާރަށް އެއީ ހަމަ ކްރެޑިބަލް މައުލޫމާތު. ކަމާ ގުޅުންހުރި ފަރާތްތަކުން ލިބެމުން އައި މައުލޫމާތުތަކާއި ބްރީފިންތަކަށް ބޭސްކޮށްފަ [ގަރާރު ނެރުއްވީ]،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ހުރި ކަންކަމަށް އިންކާރު ކުރެ އެވެ. އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ޕާޓީން ކުރާ ހަމައެކަނި މަސައްކަތަކީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އަޑުއުފުލުން ކަމަށާއި ސަލާމަތަށް ނުރައްކާވާ އެއްވެސް ހަރަކާތެއް ނުހިންގާ ކަމަށެވެ.

"ގަރާރުން އެނގިގެންދަނީ މި ސަރުކާރު އިންޑިއާއަށް ވިކިފައި އޮތް މިންވަރު. އަޅުވެތިފައި އޮތް ދަރަޖަ. އަޅުގަނޑުމެން މި އުފުލަނީ އަޑު، ފާޅު މި ކުރަނީ ހިޔާލު. އެއްވެސް ގަރާރަކުން މިކަން މަނައެއް ނުކުރެވޭނެ،" ހީނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި ގޭގައި "އިންޑިއާ އައުޓް" ލިޔެ ނަގާފައިވާ ބޮޑު ފޮތިގަނޑު ފުލުހުން ގެންދަނީ. -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އިދިކޮޅު ޕާޓީގެ ތަރުޖަމާނު ވިދާޅުވީ ސަރުކާރުން އެ ޕާޓީއާ ދެކޮޅަށް ކުރާ ޖިނާއީ ކުށުގެ ތުހުމަތުތަކަކީ "އުފައްދާފައިވާ، ހިޔާލީ" ތުހުމަތުތަކެއް ކަމަށާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ހިޔާލުފާޅުކޮށް، ސަރުކާރު ޒިންމާދާރު ކުރަން މަސައްކަތް ކުރުން ހުއްޓާނުލެވޭނެ ކަމަށެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެއްވެސް ގާނޫނަކުން ހުއްޓުވޭނެ ކަމެއް ނޫން. އަޅުގަނޑުމެން އިންޑިއާ އައުޓް ކުރިއަށް އޮތް ތަނުގައި ވެސް ގޮވާނެ، ބެނާ ވެސް ދަމާނެ. އެކަމަކު އެ ހަރަކާތްތައް ކުރިއަށް ގެންދާނީ ކޮންތަނަކު ކިހާ މިންވަރަކަށްތޯ ނިންމާނީ އަޅުގަނޑުމެން ލީޑަރުން މަޝްވަރާ ކުރެއްވުމަށްފަހު،" ހީނާ ވިދާޅުވި އެވެ.