Advertisement

އުރީދޫން ސްނެޕްޗެޓާ ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރަން ފިލްޓާތަކެއް ލޯންޗުކޮށްފި

20 އޭޕްރީލް 2022 - 13:54 0

އަމަން ހަލީމް

އަމަން ހަލީމް

ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ އުރީދޫން ލޯންޗުކުރި ދިވެހި ސަގާފަތް ދައްކުވައިދޭ އޭއާރް ލެންސް ބޭނުންކުރައްވަނީ: މި ލެންސުގެ އިތުރުން ލޯންޗުކުރީ ރާއްޖޭގެ ޓޫރިޒަމް ސްލޯގަންއާ ގުޅޭ "ހެލޯ ފްރޮމް ދަ ސަނީ ސައިޑް" ޖިއޯ-ފިލްޓާއެއް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އުރީދޫން ސްނެޕްޗެޓާ ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރަން ފިލްޓާތަކެއް ލޯންޗުކޮށްފި

20 އޭޕްރީލް 2022 - 13:54 0

ދިވެހިންގެ މެދުގައި މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމުގައިވާ "ސްނެޕްޗެޓް" ބޭނުންކޮށްގެން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން އުރީދޫ މޯލްޑިވްސް އިން ހާއްސަ ފިލްޓާތަކާއެކު "ސްނެޕް، ސްނެޕް އެންޑް ސްޓްރީކް" ޕްރޮމޯޝަން މިއަދު ފައްޓައިފި އެވެ.

ޓޫރިޒަމް ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރާ ޓޫރިޒަމުގެ ރަން އަހަރާ ދިމާކޮށް، ސްނެޕްޗެޓާ ގުޅީގެން އުރީދޫން ފެށި މި ޕްރޮމޯޝަނުގެ ތެރެއިން ލޯންޗުކުރި ފިލްޓާތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޓޫރިޒަމް ސްލޯގަންއާ ގުޅޭ "ހެލޯ ފްރޮމް ދަ ސަނީ ސައިޑް" ޖިއޯ-ފިލްޓާއަކާއި ރާއްޖޭގެ ސަގާފީ ހެދުންތަކާއި ގަލުވަޑާން ދައްކުވައިދޭ އޭއާރު ލެންސެކެވެ.

އުރީދޫ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭއާރް ލެންސާއި ޖިއޯ-ފިލްޓާއް ލޯންޗުކޮށްދެއްވީ އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ އެވެ.

ސްނެޕްޗެޓާ ގުޅިގެން މި ޕްރޮމޯޝަން ފެށުމާ ގުޅިގެން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން ހަމަދީ ވިދާޅުވީ ބޭނުމަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ތަޖުރިބާތައް ހިއްސާކުރަން ފަސޭހަކޮށްދިނުން ކަމަށެވެ. އަދި ސްނެޕްޗެޓްގެ "އެޑްވާންސްޑް ޓޫލްސް" ބޭނުންކޮށްގެން އެކަން ކުރަން "ތަފާތު، މަޖާ" ގޮތަކަށް އެ ތަޖުރިބާތައް ކިޔައިދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓޫރިސްޓުން ރާއްޖެ އަންނަނީ އެ މީހުންގެ ތަޖުރިބާތައް. މި ފިލްޓާތައް ބޭނުންކޮށްގެން އާއިލާތަކާއި ރައްޓެހިންނަށް އެ ތަޖުރިބާތައް ކިޔައިދެވޭނޭ" ހަމަދީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވި ސްނެޕްޗެޓްގެ ކެރިއާ ޕާޓްނާޝިޕްސް މެނޭޖާ ބަޝީރް ބުމެޑީން ވިދާޅުވީ، މި ޕާޓްނާޝިފާ މެދު އުފާކުރާ ކަމަށާއި ސްނެޕްޗެޓުން ދަނީ އޭއާރުގެ ބޭނުންތައް ފަސޭހަކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި މީގެ ސަބަބުން ޓޫރިޒަމަށް ފައިދާތަކެއް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫ އާއި ސްނެޕްޗެޓްގެ ޕާޓްނާޝިޕަށް ތައުރީފުކުރައްވަމުން ޓެކްނޮލޮޖީ މިނިސްޓަރު ޝައުނާ ވިދާޅުވީ، ކޮވިޑް ބަލިމަޑުކަމުން އަރައިގަންނަން އެންމެ ބޮޑު އެހީތެރިއަކަށް ވެދިނީ ޓެކްނޮލޮޖީ ކަމަށެވެ. އަދި މިފަދަ ޕްރޮމޯޝަންތަކަކީ އެ ބަލިމަޑުކަމުން އަރައިގަނެ އިގުތިސޯދު ފުޅާކުރަން ކުރާ މަސައްކަތަށް އެހީ ލިބޭނެ ކަމެއް ކަމަށް ވިދާޅުވެ އުރީދޫއަށް ޝުކުރުއަދާކުރެއްވި އެވެ.

"ބަދަލުވަމުންދާ ބަލިމަޑުކަމުގެ ހާލަތާއި، މޫސުމަށް އަންނަ ބަދަލުތަކާއި އިގުތިސޯދީ ފިއްތުންތަކުގެ ތެރޭގައި ވިލުންވެރިވާން، ސްނެޕްޗެޓް ފަދަ ގާބިލު ބަޔަކާ ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރުމަކީ މުހިންމު ކަމެއް" ޝައުނާ ވިދާޅުވި އެވެ.

މި ފިލްޓާތަކާއެކީ އުރީދޫން ވަނީ ސްނެޕްޗެޓަށް ހާއްސަ ޑޭޓާ އެލަވަންސްތަކެއް ލިބޭ ޕެކޭޖުތަކެއް ވެސް ތައާރަފުކޮށްފަ އެވެ.

މީގެ ކުރިން އުރީދޫން ވަނީ ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ޓޫރިޒަމް ޕްރޮމޯޓުކުރަން އެހެން ކެމްޕެއިނެއް ވެސް ހިންގާފަ އެވެ. އެ ކުންފުނިން ބުނަނީ މުސްތަގުބަލުގައި ވެސް ޓޫރިޒަމް ޕްރޮމޯޓުކުރަން އެ ކުންފުނީގެ އެހީ ލިބޭނެ ކަމަށެވެ.