Advertisement

އެމްޑީޕީ އެތެރޭގެ ކޯޅުން ހޫނުވެ ފައްޔާޒްގެ އިލްތިމާސެއް

19 އޭޕްރީލް 2022 - 19:47 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


އެމްޑީޕީ އެތެރޭގެ ކޯޅުން ހޫނުވެ ފައްޔާޒްގެ އިލްތިމާސެއް

19 އޭޕްރީލް 2022 - 19:47 0

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޗެއާޕަސަން އިންތިހާބުގެ ވަރުގަދަ ވާދަވެރިކަމުގެ ތެރެއިން ޕާޓީގެ ތެރޭގައި ދެ ފެކްޝަން އުފެދި މެމްބަރުން ޒާތީވެ، ޒުވާބު ނުކުރުމަށް އެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިލްތިމާސް ކުރައްވައިފި އެވެ.

ޗެއާޕާސަންގެ މަގާމަށް ފައްޔާޒް ކުރިމަތިލައްވާއިރު އޭނާގެ ފަހަތުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ފައްޔާޒާ ވާދަކުރައްވަން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ނުކުންނެވީ ޕާޓީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު އެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ކެމްޕޭން ދެ ބޭފުޅުން ވެސް ވަރުގަދައަށް ކުރައްވަމުން ގެންދަވާއިރު، ދެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ މެމްބަރުންގެ މެދުގައި އަރައިރުން ބޮޑުވެ، އެއް ފެކްޝަނުން އަނެއް ފެކްޝަނުން ދަނީ ބޮޑެތި ތުހުމަތުތަކާއެކު ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.

އެ އަރައިރުން މަޖިލީހުގެ ތަޅުމަށް ވެސް މިހާރު ފެތުރިފައިވާއިރު، އިއްޔެ އިން ފެށިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ހާއްސަ ވަޓްސްއެޕް ގުރޫޕުގައި ވެސް ދަނީ ބަހުގެ ހަމަލާތައް ދެމުންނެވެ.

މިގޮތުން، ހަށި ވިއްކުމާއި ރާ ބުއިމާއި އަދި ޒިނޭ ކުރާކަމުގެ ތުހުމަތުތައް ވެސް އެ ގުރޫޕުގައި ވަނީ ކޮށްފަ އެވެ.

އެ އަރައިރުމާ ގުޅިގެން ފައްޔާޒް ވަނީ ދިގު މެސެޖެއް ކުރައްވައި، އެއްވެސް މެމްބަރަކު ޒާތީ ނުވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގުރޫޕުގައި އެ އަރައިރުން އެ މިންވަރަށް ހޫނު ވެގެން ދިޔައިރު، ޕާޓީގެ ލީޑަޝިޕުން އެއްޗެއް ވިދާޅުވާނެ ކަމަށް އުންމީދު ކުރެވުނެވެ. ނަމަވެސް، މަސްރަހު ފިނިކުރަން ލީޑާޝިޕުން އެއްވެސް އެއްޗެއް ނުބުނާތީ ފައްޔާޒް ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

ފައްޔާޒް ވިދާޅުވީ މެމްބަރުންގެ މެދުގައި ޒާތީނުވެ، އިންތިހާބުގެ ކެމްޕޭނު ކުރިއަށް ގެންދަން އެދިވަޑައިގަންނަވާ ކަމަށެވެ.

"މި ގުރޫޕުގަ ތިބި ބޭފުޅުން ތިއްބެވީ ގޮތް ނިންމާފައި. އެހެންވީމާ ކީއްކުރަންތޯ މި ތަނުގަ މި ފެންވަރުގެ ޒުވާބު ކުރުމުގެ ބޭނުމަކީ؟ ވޯޓު އިތުރުވެ ނުވަތަ ގެއްލެނީކީ ނޫން،" ފައްޔާޒް ވިދާޅުވި އެވެ.

އަދި މި ކެމްޕޭނާ ހެދި ގައުމީ މަޖިލިސް މެމްބަރުންގެ މެދުގައި އޮންނަ ގުޅުން ކެނޑިގެންދާ ގޮތަށް އަމަލު ކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.