Advertisement

މާނަވީ ތަރިކައަށް އޮތް ނުރައްކަލަށް ފަސްއަޅާނޭ ފަހެއް މިއަދު މި ދިވެހި ބިމުގައި ނެތް

19 އޭޕްރީލް 2022 - 17:22 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


މާނަވީ ތަރިކައަށް އޮތް ނުރައްކަލަށް ފަސްއަޅާނޭ ފަހެއް މިއަދު މި ދިވެހި ބިމުގައި ނެތް

19 އޭޕްރީލް 2022 - 17:22 0

އިއްޔެ އަހަރެމެން ފާހަގަކުރީ ދުނިޔޭގެ ތަރިކައިގެ ދުވަހެވެ. ތަރިކަ އޭ ބުނުމުން ފުރަތަމަ ސިފަ ވަނީ ކޮން އެއްޗެއް ހެއްޔެވެ؟ ދާގަބާތަކެވެ. ދުވަސްވީ މިސްކިތްތަކެވެ. ހުކުރު މިސްކިތާއި ކަޅުވަކަރު މިސްކިތާއި، ދިޔަމިގިލީ ގަނޑުވަރާއި އުތީމު ގަނޑުވަރެވެ. އެ ނޫންވެސް އެ ފަދަ ދުވަސްވީ ތަންތަނާއި ތަކެއްޗެވެ. ތަރިކައިގެ ވާހަކަ ދައްކާއިރު ފެންނަން ނުހުންނަ ތަރިކަ ނުވަތަ "އިންޓެންޖިބަލް ހެރިޓޭޖް"ގެ މަތިން ހަނދާންވަނީ ވަރަށް މަދު ފަހަރެއްގަ އެވެ. ތަރިކައިގެ މާނައަށް އަލުން ޒިޔާރަތްކޮށްލަމާތޯ އެވެ. ބަސްފޮތް ދެ މާނައެއް ކިޔައިދެ އެވެ.

"1. މަރުވެފައިވާ މީހާގެ މުދާ. 2. ކާބަފައިންނައި ތާރީޚީ ގޮތުންނާއި ޘަޤާފީ ގޮތުންނާއި އަދަބީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ރައްކާތެރިކޮށް ބަލަހައްޓަން ޖެހޭ ކަންތައްތަކާއި އެއްޗިއްސާއި ގޮތްތައް"

އަހަރެންގެ ސަމާލުކަން އަތުލައިގަންނަނީ މީގެ ދެވަނަ މާނައިގައި އެ ވާ ފަހު ތިން ލަފުޒެވެ. "ކަންތައްތަކާއި، އެއްޗިއްސާއި، ގޮތްތަކެވެ."؛ މި ތިން ލަފުޒެވެ. އެހެން ކަމަށްވާނަމަ، މިމަހުގެ 18 ވަނަ ދުވަހު އަހަރެމެން މި ފާހަގަކުރި ތަރިކައިގެ ދުވަހުގެ ޝިޢާރުގައި އެ ބުނާ ކަންކަމާ ގުޅުވައިގެން ދިވެހިންގެ ތަރިކަ ކަމުގައިވާ ބައެއް ކަންތައްތަކާއި އެއްޗިއްސާއި ގޮތްތައް ހިމާޔަތްކުރާނީ ކިހިނެތް ހެއްޔެވެ؟ މިހާހިސާބުން ބުރެކި ޖައްސާލާނަމެވެ. ޔުނެސްކޯއިން ފާހަގަ ކުރާ ތަރިކައިގެ ދުވަހުގެ ޝިޢާރު ނިންމަނީ މޮނިއުމެންޓްތަކާއި ސައިޓްތަކާއި ގުޅޭ ބައިނަލްއަޤުވާމީ މަޖިލީހުން ކަމަށްވާ ހިނދު، މި ޝިޢާރު ޚާއްޞަ ވާނީ، ތަރިކައިގެ މާނައިގައި މި ހިމެނޭ "އެއްޗިއްސަށް" ކަން ހަނދާނުގައި ބަހައްޓަން ވާނެ އެވެ. އަހަރެން މި ކުރަން އުޅޭ މަސައްކަތަކީ، އެ ޝިޢާރު، މާނަވީ ތަރިކަ އާ ގުޅޭތޯ ކުޑަކޮށް ވިސްނާލުމެވެ.

ޝިޢާރަކީތޯ އެވެ؟ "ހެރިޓޭޖް އެންޑް ކްލައިމެޓް" ނުވަތަ "ތަރިކަ އާއި މޫސުން" މި އެވެ. ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު، ޔުމްނާ މައުމޫން އިއްޔެ ދެއްވި މެސެޖުގައި ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުމެންގެ މުއްސަދި މާޒީތަކުން އައިސްފައިވާ ސަގާފީ ތަރިކަތައް ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. މި ފަދަ ބިނާތަކާއި ސަރަޙައްދުތަކާއި ތަންތަނާއި ތަކެއްޗަކީ އެ ރަށެއްގެ އަމިއްލަވަންތަކަމާއި ސަގާފަތް ދައްކައިދޭ ތަންތަނާއި ތަކެއްޗެވެ. އަދި މި ތަންތަނާއި ތަކެތިން ރާއްޖޭގެ ތާރީޚާއި އެކި ޒަމާންތަކުގައި ދިރިއުޅުނު މީހުންގެ އެތައް ވާހަކަތައް ކިޔައިދެ އެވެ. އެހެންކަމުން، މިއީ ރަށުގެ ނުވަތަ އަތޮޅުގެ ކުރިމަގު ބިނާކުރާއިރުވެސް މުހިއްމު ތަންތަނާއި ތަކެއްޗެވެ. ފަތުރުވެރިންގެ ޝަޢުޤުވެރިކަން ލިބޭނީ ރަށްރަށަށް ޚާއްޞަ މާއްދީ އަދި މާނަވީ ތަރިކަ ރައްކާތެރިކޮށް ކުރިއަރުވައިގެންނެވެ. އެގޮތުން ރަށަކަށް ޚާއްޞަ ބިނާތަކާއި ސަރަޙައްދުތަކާއި ކުޅިވަރުތަކާއި ރަހަތައް ފަދަ ކަންކަން އެއީ ފަތުރުވެރިން ބަލާލައި ތަޖުރިބާކުރަން ބޭނުންވާނެ ކަންކަމެވެ."

މި ވާހަކައަށް ތާއީދު ކުރަމެވެ. އެހެން ނަމަވެސް ކުޑަ ހިފެހެއްޓުމަކާ އެކުގަ އެވެ. މާއްދީ އަދި މާނަވީ ތަރިކަ (ޓެންޖިބަލް އަދި އިންޓެންޖިބަލް ހެރިޓޭޖް) ރައްކާތެރިކޮށް، ދިރުވާ އާލާކޮށް، ހިމާޔާތްކުރުމުގެ އެންމެ މުހިއްމު މަޤްޞަދަކަށް ވާންޖެހޭނީ އެއިން މާލީ މަންފާއެއް ހޯދުން ކަމުގައި މާނަވާ ފަދަ ބަހުރުވައަކަށް އަހަރެން ތާއީދުކުރާހިތް އޮތީ ވަރަށް ފަރުވާތެރިކަމާއެކުގަ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

އިހަށް ދުވަހަކު ރިސޯޓު ދަތުރެއް ކޮށްލީމެވެ. ރިޒޯޓުގައި ހުކުރު ދުވަހަކީ "މޯލްޑިވިއަން ނައިޓް" ޔޯލަ އެވެ. ސުފުރާ ފަޅުފިލުވާނީ ދިވެހި ކޭމަކުން ކަމުގައްޔާއި، އެރޭ މުނިފޫހިފިލުވުމަށް ޖަހާނީ ބޮޑުބެރުކަމުގައި ބުނެ އިޝްތިހާރުކޮށްފައި އޮތެވެ. އަހަރެންނަކީ މި ފާޑު ކަންކަމާ މާ ގަޔާވާ މީހެއް ކަމުން ދަތްޕިލާ ސޭލު އަޅުވައިގެން އެރޭ ކާން ދިޔައިރު "ގަރުދިޔަ ސޫޕާއި"، ބިރިޔާނީ ފެނުމުން ލަދުން އިސްޖަހާލެވުނީ އެ ނޫނީ ދެން ދިވެއްސޭ ހީވާ ފަދަ އެއްޗަކަށްވެސް ފެންނާން އޮތީ ހަމައެކަނި ފިހުނުމަސް ކަމަށްވީމާ އެވެ. ފޮނި ކާތަކެތި ހުރި މޭޒުގައިވެސް ކިރުބޯކިބާ ފޮއްޗެއް ހާ ހިސާބުވެސް ފެންނާން ނެތެވެ. ނޫންކަމަށް ހަދާފައި ގޮސް "ދިވެހިކޭން" ކާލައިގެން ދެން އިންތިޒާރުކުރީ ބޮޑުބެރު ގުރޫޕަށެވެ. ވޭޓަރު ކިޔައިދިނީ އެއީ "އިންހައުސް" ނުވަތަ މުވައްޒަފުންގެ ގުރޫޕެއް ކަމަށެވެ. ލަދުން ލޯހުޅުވާލަން ނުކެރުނީ، ފަރަންޖީ ގިނަ ފަތުރުވެރިން ފޯނުތަކުން ވީޑިއޯކުރަމުން ދިޔަ ބޮޑުބެރުގައި، ދިވެހި ބޮޑުބެރުގެ ހަމައެއް، ފުނައެއް، ކުލައެއް ނެތުމުންނެވެ. ހިންދީ ލަވަތަކާއި އިނގިރޭސި ލަވަތައް ކޮށިކޮށް ކިޔަމުންދިޔައިރު ދިވެހި ބޮޑުބެރުގެ އުސޫލުތައްވެސް ކޮއްޅަށް ތިބި "ޑްރަމް ލައިނަށް" އެނގޭހެން ހީނުވާތީ އެވެ. ބުނަން މި އުޅޭ ވާހަކަ އަކީ އަހަރެމެންގެ މާއްދީ އަދި މާނަވީ ތަރިކަ އާއި ޘަޤާފަތުން ކެޕިޓަލައިޒް ކުރުމުގެ ކުރިން އޭގެ އަޞްލު ގޮތްތައް ދަސްކޮށް، އެއަށް "ކުރަފި ނާރުވާ" އެކަން ކުރަން ވާނޭ ވާހަކަ އެވެ.

ބުރެކިން ދޫކޮށްލާ އަނެއްކާވެސް ފުރޮޅު އަނބުރާލަމާ ހިނގާށެވެ. މޫސުމީ ބަދަލާ ދިމާލަށެވެ. ޢިމާރާތްތަކާއި އެ ނޫންވެސް މާއްދީ ތަރިކައަށް މޫސުމީ ބަދަލުން ކުރާ ނޭދެވޭ އަސަރުތަކާއި އެ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކުގެ ވާހަކަ ދައްކާކަށް ނެތީމެވެ. އެއީ ދައްކާ ވާހަކައެކެވެ. އެހެން ވާހަކަތައް ދައްކަން ހިނގާށެވެ. ދިވެހިންގެ މަސައްކަތްތެރިކަމުގެ ތަރިކައަށް ބަލާއިރު، ދިވެހިންގެ ގިނަ މަސައްކަތްތަކަކީ ވަރަށް ތިމާވެއްޓާ ރަޙުމަތްތެރި ވައްޓަފާޅިއަކަށް ކުރެވޭ މަސައްކްތަތަކެކޭ ދެންނެވިދާނެ އެވެ. މިސާލަކަށް، ފަންގިވިނުން، ރޯނުވެށުން، ނާށީގެ މަސައްކަތް ފަދަ މަސައްކަތްތަކަކީ "ރިސައިކަލް" ކޮށްދެން އިޤްތިޞާދުކުރެވުނު ތަކެތި އުފައްދާ މަސައްކަތްތަކެއް ކަމަށް ބުނެވިދާނެ އެވެ. ދޮށީގެ މަސްވެރިކަމަކީ ކަނޑުގެ ދިރުންތައް ދަމަހައްޓަން ދުނިޔެއިންވެސް ނަމޫނާ އެއްކަމަށް ދެކޭ މަސައްކަތަކެވެ.

އަހަރެން ހުޅުވާލަން ބޭނުންވާ އެއް ބާބަކީ، ތަރިކައިގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމުގެ ތެރެއިން، މޫސުމީ ނޭދެވޭ ބަދަލުތަކަށް މަގު ފަހިވާ ބައެއް ކަންކަން ހުއްޓާލުމާއި، ނުވަތަ އެއަށް ވުރެ ފައްސި ގޮތަކަށް ބަދަލުކުރުމާ ބެހޭ ބާބެވެ.

ކުޑަ މިސާލެކެވެ. ޢީދު ކުޅިވަރެވެ. މާލި ޕެރޭޑާއި، އޭގައި ބޭނުންކުރާ ތަކެއްޗެވެ. ރޯފަން މިލުވައިގެން ވިޔެ އުޅޭ އެއްޗެހީގެ ވާހަކަ އެވެ. އެތަކެތި ވިޔަނީ ވަތް ދިގުކޮށް ހުންނަ ރީތި ފަން ރުކުން ކަނޑައިގެންނެވެ. މިއީ އަދިވެސް ކުރާ މަސައްކަތެކެވެ. އެއްކަލަ ފަތުރުވެރިންނަށް މަންޒަރު ދެއްކުމަށެވެ. އަދި ޚުދު ދިވެހިންގެ އަމިއްލަ ހިތްހަމަޖެހުމަށެވެ. މިކަމަށް ކޮންމެވެސް އެދެވޭ ބަދަލެއް އަންނާން ޖެހެ އެވެ. މިއަށްވުރެވެސް ގެއްލުން ބޮޑު ބައެއް މަސައްކަތްތައް ދުރާލާ ހުއްޓާލާފައިވާ ފަދައިންނެވެ. ކަހަނބުފަތުގެ މަސައްކަތްތަކާއި ބޮލީގެ މަސައްކަތްތައް ފަދައިންނެވެ. އެންދެރީގެ މަސައްކަތްތަކާއި މަސްދަތާއި މަހު ކަށީގެ މަސައްކަތް ފަދައިންނެވެ. އިރެއްގައި އެންދެރި ގަސްތަކާއި، ކަހަނބުތަފުގެ ގަހަނާތައްވެސް ފަތުރުވެރިންނަށް ވިއްކުމަށް ފިހާރަތަކުގައި ހުރީ، ދިވެހިންގެ ތަރިކައިގެ ގޮތުގަ އެވެ. އެކަންތައްތައް ހުއްޓާލުމުން، އަހަރެމެންގެ ދިވެހިވަންތަކަމަށް އުނިކަމެއް އައިކަމަކަށް ނުދެންނެވޭނެކަން ގައިމެވެ.

ދެން މި ބަލާލަނީ ބޮޑު މަންޒަރަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ އާއި ދިވެހިންނާއި އެންމެ ބޮޑަށް ގުޅުވައިދެނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ވާހަކަތަކެވެ. ރަށް ގިރުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، އެންމެ ބޮޑު ނޭދެވޭ އަސަރުތައް ކޮށްފާނޭ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ރާއްޖޭގެ ނަން އޮންނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ހަނދާނުގެ ފަތްފުށްތަކުން ހިރަފުސް ފޮޅާލަން ހިނގާށެވެ. މާ ދުރަކަށް ނޫނެވެ. ނުވަދިހައިގެ އަހަރުތަކަށެވެ. ރ. އަތޮޅު ކަނދޮޅުދޫ އެވެ. އަހަރެންނަށް އެންމެ ފުރަތަމަ އެ ރަށުގެ ޙާލަތު ފެނުނީ ކުޑައިރު ޓީވީއެމް އިން ދެއްކި "ފެހިވިނަ" ޕްރޮގްރާމުންނެވެ. ތޮއްޖެހި، ގިރާފައިވާ ކުޑަ ރަށެކެވެ. ތަރައްޤީގެ އަސަރުތައް ފެންނާން ހުއްޓެވެ. އެހެންނަމަވެސް ސުނާމީގައި އެރަށް އެކަށްހެން ސުންނާފަތިވެ، ދިރިއުޅެން ހެޔޮނުވާވަރު ވުމުން، އެ ރަށުގެ ރައްޔިތް ވަޒަންވެރިވާން ތަރައްޤީ ކުރެވުނު ރަށަކީ އެ އަތޮޅު ދުވާފަރެވެ. ބުނަން މި އުޅޭ ވާހަކައަކީ، އެރަށުގެ ރައްޔިތުންވެސް، އެ ރަށުގެ ފަސްގަނޑާ ގުޅުވައިގެން ގެންގުޅުނު އާދަކާދަތަކެއް ހުންނާނޭކަން ގައިމު ވާހަކަ އެވެ. ބަހަވީ އަދި ޘަޤާފީ "ރަށުވަންތަ" ކަންތައްތަކެއް ހުންނާނޭކަން ގައިމު ވާހަކަ އެވެ. ޤުދުރަތީ ކާރިސާއަކުން މި ހުރިހާ ކަމެއް ބަދަލުވެގެން ދިޔައިރު، އަގުނުކުރެވޭ، މާއްދީ އަދި މާނަވީ ތަރިކަތައް ގެއްލިގެން ގޮސްފައިވާނެކަން ގައިމެވެ. މިއީ ޤުދުރަތީ ކާރިސާއެއްގެ ނަތީޖާ އެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނދޮޅުދޫ ނުވަތަ އެންމެ ރަށަކަށްވުރެ ބޮޑެތި އާބާދީތައް ހިޖުރަކުރަން މަޖުބޫރުވާނޭކަމަށް މާހިރުން ލަފާކުރާއިރު، އެ ފަދަ މުޖުތަމަޢުތަކުގެ ކާކުވަންތަކަން ޤާއމުކޮށްދޭ މާނަވީ ތަރިކައަށް ވެގެންދާނޭ ގޮތް ސިޔާސަތު އުފެއްދުމުގައްޔާއި ހިމާޔަތުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި ހަވާސާކުރެވިގެން ނުވާނެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެންމެ އަޑުހަރުކޮށް ދެކެވޭ އެއް ވާހަކައަކީ ސިޑްސް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސްގެ ވާހަކަ އެވެ. 2003 ވަނަ އަހަރުގެ އިންޓެންޖިބަލް ކަލްޗަރަލް ހެރިޓޭޖް ކޮންވެންޝަންގައި އެކުލަވާލި އިންސާނިއްޔަތުގެ މާނަވީ ސަގާފީ ތަރިކައިގެ ރެޕްރެޒެންޓިޓިވް ލިސްޓުގައި ހިމެނޭ 232 އައިޓަމްގެ ތެރެއިން ސިޑްސްގެ ގޮތުގައި ކަނޑައެޅިފައިވާ ޤައުމުތަކުގެ ނަންގަނެވިފައިވަނީ އެންމެ ހަ ފަހަރު އެވެ. މީގައިވެސް ރާއްޖޭގެ ވާހަކައެއް ނެތެވެ. ދުނިޔޭގެ ނިސްބަތުން މާ ޚާއްޞަ ކަމަށް ދުނިޔެ ބަލައިގަންނަ ބަހަވީ ނުވަތަ ފަންނީ މާނަވީ ތަރިކަތަކެއް ރާއްޖޭގައި ނެތިދާނެއެވެ. އެހެންނަމަވެސް އީދާއި، ރޯދަ އާއި، ކައިވެނިމައްޗާއި، ޚިތާނުކުރުމާއި، އޮޑިއެހެލުމާއި ބޭލުމާއި މި ނޫންވެސް އިހުތިފާލުތަކާ ގުޅުންހުރި ކަންތައްތައް ދިވެހި ފަސްގަނޑާ ގުޅި ލާމެހިފައިވާހިނދު، އެކަންކަން ހިމާޔަތްކުރުމުގެ ޤައުމީ މަސްއޫލިއްޔަތެއް އޮތްކަން ސިޔާސަތާއި ޤާނޫނު ހެދުމުގެ ފެންވަރުގައްޔާއި ފަރުދީ ފެންވަރުގައިވެސް އަހަރެމެން ދައްކައިދޭން ޖެހެ އެވެ.

ސިޑްސްއަށް ޙާއްޞަ އަނެއް ސިފައަކީ ސިޑްސްގައި ހިމެނޭ ޤައުމުތަކުގެ ބަހަވީ ސިންދަފާތެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން ހިޖުރަކުރަން މަޖުބޫރުވެއްޖެނަމަ، އެ ހިޖުރަ ކުރާ ޤައުމެއްގެ ނުވަތަ ރަށެއްގައި ތިމާމެންގެ ދިރިއުޅުން ބިނާކުރާއިރު، އަމިއްލަވަންތަކަމުގެ ބައެއް ކަންކަން ޤުރުބާންކުރަން ޖެހެ އެވެ. ބަހާއި ބަހުރުވައަށް އެއިން ކުރާ ނޭދެވޭ އަސަރު އެންމެ ބޮޑަށް މިހާރުވެސް ފެންނަނީ ހިޖުރަވެރި އާއިލާތަކުގެ ކުޑަކުދިންނާއި އަލަށް އުފަންވާ ކުދިންގެ ދިރިއުޅުމުންނެވެ. އަހަރެމެން ދިވެހިންނަށް މޫސުމީ ބަދަލުގެ ސަބަބުން ރާއްޖޭގެ ވެށި ނޫން އާ މާހައުލަކަށް މުޅި އާބާދީ ބަދަލުވެއްޖެނަމަ ރަދީފުން އުނިވާނެ ލަފުޒުތައް ހިތަށް ގެނުވޭނެހެއްޔެވެ؟ ހޮޅުއަށިތަކާއި ކަނޑުފަޅުގެ އެކި ހިސާބަށް ކިޔާ ނަންތަކާއި، ރަށް ރަށުގެ ރުށްގަހާއި މާމެލާމެތީގެ ނަންތަކާއި އަދި ކިއެއްތަ، ރަށް އަދި އަތޮޅު ފަދަ ލަފުޒުތަކަށްވެސް އެހިސާބުން "އެކްސްޕަޔަރީ ޑޭޓެއް" ކަނޑައެޅޭނެ ނޫންހެއްޔެވެ؟

މިހާރުވެސް މާ ވާހަކަ ދިގުވެއްޖެ އެވެ. އެކަމަކު ފައިފުހި ދަށަށް ލާ ފޮރުވާފައިހުރި ގިނަ ވާހަކަތަކެއް ނެރެ ހާމަކުރެވިއްޖެކަމަށް ދެކެމެވެ. ދިވެހިންގެ މާއްދީ އަދި މާނަވީ ތަރިކައަށްވެސް މޫސުމަށް އަންނަ ބަދަލުތައް ނޫން އެހެން ހިރާސްތައްވެސް ކުރިމަތިވަމުންދެ އެވެ. އެހެންނަމަވެސް މިއީ އަހަރެމެން އަބަދުވެސް ދައްކާ ވާހަކަ އެވެ. މިހާރު ދެން، ނުދައްކާ ހުރި ވާހަކަތައްވެސް ދައްކާންވީ އެވެ. ހަމައެކަނި ހެރިޓޭޖްސައިޓްތައް އެސިޑް ވާރެއިން ހިމާޔަތްކޮށްގެން ދިވެހިންގެ ތަރިކަ ދެމެހެއްޓޭކަށް ނެތެވެ.