Advertisement

ކަށް ނާޅަ މަހާނަ އެޅި ތަން ދަންނަމު ހެއްޔެވެ؟

19 އޭޕްރީލް 2022 - 10:46 2

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ


ކަށް ނާޅަ މަހާނަ އެޅި ތަން ދަންނަމު ހެއްޔެވެ؟

19 އޭޕްރީލް 2022 - 10:46 2

މިލަދުން މަޑުލު ލަންދޫއަކީ ދިވެހިރާއްޖޭގެ އެވޭލާ ތާރީހުގެ ތެރެއިން ފާހަގަ ކުރެވޭ ރަށެކެވެ. މިހާރުވެސް އުސް ފަސް ފުންޏެއްގެ ގޮތުގައި އެރަށުން ފެންނަން އެހުރި "ހަތްކާ" އަކީ މި ދެންނެވި ބަހުގެ މައްޗަށް ހުރި ތާރީހީ އަލިގަދަ ހެއްކެކެވެ. ރާއްޖެއިން ފެނިފައިވާ އެންމެ މުސްކުޅި އެއް ލިޔުން ފެނިފައިވަނީވެސް އެ ރަށުންނެވެ. އޭގެ އެހެން ގަލެއް މިހާރު ވެސް ލަންދޫ ކައުންސިލް އިދާރާގައި ރައްކާކުރެވިފައި އެބަވެ އެވެ. ހަމަ މީގެ އިތުރަށް ދިވެހީންގެ އެންމެ މުސްކުޅި އެއް ފޯކުލޯރު ވާހަކަ ކަމުގައިވާ، މަޝްހޫރު "ރެދިންގެ" ވާހަކަތަކުގެ ތެރޭގައިވެސް ލަންދޫ ހިމެނިފައިވާކަމީ މީގެ އަނެއް ހެއްކެވެ. ރެދިންގެ ވާހަކައިގައި ކިޔާ ގޮތުންނަމަ މިލަދުން މަޑުލު ލަންދޫ މާބަދިގޭގައި ކައްކައިގެން، މާޅޮސް މަޑުލު ލުނބޯ ކަންދޫއިން ލުނބޯ ބިނދެގެން، އެމީހުން ކާން ދަނީ ހައްދުއްމަތީ ގަމު ހަތްތެއްޔަށެވެ. މީގެ އެހެން ސީޣާތަކުގައި ކާން ދަނީ ހުވަދޫ ވާދޫއަށް ކަމުގައި ވެސް ކިޔާ އުޅެއެވެ.

މާޅޮސް މަޑުލު ހުޅުދުއްފާރަށް އެނަން ކިޔުނު ގޮތާއި ބެހޭ ގޮތުން މާޅޮސް މަޑުލު ރަށްރަށުގައި ކިޔާ އުޅޭ ވާހަކަވެސް ގުޅިފައިވަނީ ލަންދޫ މާބަދިގެ އާއިއެވެ. އެމީހުން ކިޔާ އުޅޭ ގޮތުންނަމަ މިގޮތަށް ރެދީން ލަންދޫ މާބަދިގޭގައި ކައްކައިގެން ލުނބޯ ކަންދޫއަށް ގޮސް ލުނބޯ ބިނދެގެން ގަމު ހަތްތެއްޔަށް ކާން ދިޔުމުގެ ކުރީން ރަށަކަށް އަރާ ކޮންމެވެސް ކަމެއް ކަމެއްގައި މަޝްޣޫލުވެގެން އުޅެނިކޮށް ލަންދޫ މާބަދިގޭގައި ރޯވެފައި ހުއްޓާ އެމީހުންނަށް ފެނުނެވެ. އެއީ ހުޅުދުއް ފަހަރެވެ. އެމީހުންގެ އެ ދަތުރުތަކުގައި "ހުޅުދުއް ފަހަރު" ތިބި ރަށަށް ހުޅުދުއްފާރޭ ކިޔުނީކަމުގައި ފޯކުލޯރު ބުނަމުން އާދެ އެވެ.

ލަންދޫ ހަތްކަ ނުވަތަ މާބަދިގެ


މިފަދަ ވާހަކަތަކަކީ ޒަމާން ދިގުވެ އޭގައި އެތައް ކުލަޔެއް ޖެހިފައިވާ ވާހަކަތަކެކެވެ. ފޯކުލޯރު ވާހަކައިގެ ތޮބީއަތަކީވެސް އެއީ އެވެ. އެހެން ނަމަވެސް ގިނަ ފަހަރު މިފަދަ ވާހަކަތައް ބިނާވެފައި ހުންނަނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށެވެ. މާޅޮސް މަޑުލާ ގުޅިފައިވާ މަޝްހޫރު ކޮއިމަލާކަލޯ ވާހަކަ އާއި ތިލަދުންމައްޗާއި ގުޅިފައިވާ ބޮޑުތަކުރުފާނު ވާހަކަ އާއި އަދި ކޮޅުމަޑުލާއި ގުޅިފައިވާ ތޮށަލިކަލޯގެ ދެދަރީންގެ ވާހަކަތައް ފަދަ ބޮޑެތި ފޯކުލޯރު ވާހަކަތަކަކީ ހަގީގީ އެތައް ކަމެއް އެކުލެވިފައިވާ ވާހަކަތަކެވެ. މުޅި ގައުމުގެ ތާރީހާއި ސަގާފަތާއި އައިޑެންޓިޓީ ހިމަނައިގެން އުފައްދާފައިވާ ތަކެއްޗެވެ. ޒަމާން ދިގުވެ އެފަދަ ހާދިސާތަކުގެ ތެރެޔަށް އެހެނިހެން ބައިބައިވެސް އިތުރުވެ ވާހަކައެއްގެ ސީޣާ ޖެހިގެން އަންނަނީ އެވެ. ގައުމެއްގެ ތާރީހު ހޯދުމުގައި މުއައްރިހުން މިފަދަ ވާހަކަތަކުން އެހީތެރިކަން ހޯދަމުން އަންނަނީ ވެސް މިހެންވެ އެވެ.

ކޮންމެ ރަށެއްގައި ވެސް އެބަޔެއްގެ ރަށުގެ ހަބަރުތަކާ ނޫނީ ގައުމުގެ ހަބަރުތަކާއި ގުޅުވައިގެން ކިޔަމުން އަންނަ ވާހަކަތައް ހުރެއެވެ. "ކަށް ނާޅަ މަހާނައެޅި" ވާހަކައަކީ ވެސް މިފަދައިން ލަންދޫގައި ކިޔަމުން އަންނަ ފޯކުލޯރު ވާހަކައެކެވެ. ބުނެވޭ ބަހުގެ ހަބަރުގައި ވަނީ؛

"ކަނޑު ފޭރޭ މީހުން ބާރުގަދަ ބޮޑެތި މީހުން ހޯދާން ރަށަށް އަންނަ ވާހަކަ ލަންދޫގެ ރައްޔިތުންނަށް އިވިއްޖައޫ އެވެ. ދެން މިކަމާ ރަށުގެ މީހުން ސައްލާ ކުޅައުމަށްފަހު ނިންމީ ބިންގަރާހެއް ފަދަ ތަނެއް ހަދާ ރަށުގައި ތިބި ހުރިހާ ބާރުގަދަ ބޮޑެތީން އެތަނަށްލާ ފޮރުވާށެވެ. މި ސައްލާގެ މަތީން ރަށުގެ އެންމެންހެން ނިކުމެ އިސާހިތަކު ބޮޑު ވަޅުގަނޑެއް އެންމެނަށް ތިބެވޭނޭހެން ކޮނެ ނިންމައިފި އެވެ. އަދި ރަށުގައި ތިބި ނަމަ ތިބިހާ ބާރުގަދަ ބޮޑެތީން ގެނެސް އަވަހަށް އެތަނަށްލާ، މަތީން ފިލާ އަޅާ އޭގެ މައްޗަށް ފަސްއަޅާ ފޮރުވާފައި، ދެން ތިބި މަދު މީހުން ކޮޅު އެތަނުގެ ފަސް މަތީގައި ތިބެއްޖެ އެވެ.

ބާރުގަދަ މީހުން ހޯދާން އައި ފޭރޭ މީހުން، ރަށަށް އަރައިގެން ހޯދަމުން އައިސް އެއްކަލަ ތަނުގެ މަތީގައި ތިބި މީހުންކޮޅު ދެކެފައި ރަށުގެ ވީރުން ކޮބައިތޯ ސުވާލު ކުޅައުމުން އެމީހުން ބުނެފޫ އެވެ. މިތަނުގައި ނެތް ރޯޙެއް ނެތެވެ. ދެން އެއައި މީހުން ރަށުން ފައިބައިގެން ހިނގައްޖައޫ އެވެ.

ފޭރޭ މީހުން ރަށުން ފައިބައިގެން ދިޔުމުން އެއްކަލަ ފަސްތައް ކޮނެ އެޅި ފިލާތައް ނަގާ ބެލިއިރު ވަޅުގަނޑުގެ ތެރޭގައި އެކެއް އަނެކެއްގެ ގައިގާ ބައްދައިގަނެގެން އަނެއް ބަޔަކު އަނެކެއްގެ ގައިގާ ދަތްއަޅައިގެން ތިބީ މަރުވެފަ އެވެ. ދެން އެމީހުން އެތިބި ތަނުގައި ވަޅުލީ އެވެ. އަދި އެއިން ކޮންމެ މީހެއްގެ މަހާނަ އާއި ދިމާވާނޭ ގޮތަށް އާދައިގެ މީހެއްގެ އިސްކޮޅުހާ ދިގު މަހާނަ ގައުވެސް ޖެހީ އެވެ. ކަށް ނާޅަ މަހާނަ އެޅުނު ގޮތަކީ މިއީ އެވެ"

ރަށުގެ ހަރުދަނާ ހަތަރު ފަރާތެއްގެ ފުށުން މި ވާހަކަ އަހާ ހޯދީމެވެ. މިއިން ކޮންމެ ބޭކަލެއްވެސް މި ވާހަކަ ކިޔައިދޭ ދިނުމުގައި ވާހަކައިގެ ފެށުމުގައި އަންނަ ކުޑަ ހިލާފެއް ނޫނީ އެހެން އެއްވެސް ތަނެއްގައި ހިލާފެއް ނުވެ އެވެ. މުޅި ވާހަކަ ކޮންމެ ބޭކަލަކުވެސް ކިޔައިދެއްވަނީ ހަމަ އެއްގޮތަކަށެވެ. ހިލާފެއް އަންނަ ތަންކޮޅަކީ ރަށަށް ބާރުގަދަ މީހުން ހޯދާން އެރީ ކޮން ބަޔެއްކަމާއި މެދުގަ އެވެ. އެއްބައި ބޭކަލުން ކިޔައިދެއްވާ ގޮތުގައި ރަށަށް އެރީ މަލާބާރީންގެ ކަނޑުފޭރޭ މީހުންނެވެ. އަނެއް ބޭކަލަކު ބުނުއްވި ގޮތުގައި އެއީ ބާރުގަދަ މީހުން ހޯދާން މާލެއިން ފޮނުއްވި ބަޔެކެވެ. އަދި އެހެން ބޭކަލަކު ބުނުއްވި ގޮތުގައި އެއީ "ރެދީން" ކަށް ނާޅަ މަހާނަ އެޅި ތަނެވެ. މިތަން ކޮޅުގައި ފިޔަވާ އެހެން އެއްވެސް ތަނެއްގައި ފަރަގެއް ނެތެވެ.

ލަންދޫގައި ތިބި ބާރުގަދަ ބަޔަކު ހޯދާން ރަށަށް އެރީ އެއިން ކޮންމެ ބަޔަކު ކަމުގައި ބެއްޔަސް ތާރީހީ ގޮތުން އޭގައި ގިނަ ވާހަކަ އެކުލެވެ އެވެ. މީލާދުން 1500 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ކަންނަންނޫރު އަލީ ރާޖާގެ ފަރާތުން ދިވެހީންނަށް އިންތިހާ ދަރަޖައިގެ ނުކުސާންތައް ޖެހެމުންދިޔަކަމީ ތާރީހުން އެނގޭ ހަގީގަތެކެވެ. ކަންނަންނޫރު އަލީރާޖާގެ ލަޝްކަރީން އުތުރުގެ ރަށްރަށަށް އަރާ ފޭރި އެތައް ބަޔަކު މަރާ ގެތަކުގައި ހުޅުޖަހާ އުޅުނުކަމީ ތާރީހު ބުނެދޭ ވާހަކަތަކެވެ. ހަމަމިހެންމެ ދިވެހިރާއްޖޭގެ ރަސްރަސްކަލުން ކަންނަންނޫރު އަލީ ރާޖާއާ ދެކޮޅަށް އުތުރުގެ އަތޮޅުތަކަށް ވަޑައިގެން ކުރައްވާފައިވާ ހަނގުރާމަތައް ވެސް އެހާމެ ގިނަގުނަ އެވެ. މިހެން ކަމުން ކަށް ނާޅަ މަހާނަ އެޅި ފޯކުލޯރު ގުޅިފައި އެވަނީ މިފަދަ ހާދިސާއަކަށް ކަމަށް ވުމީވެސް ދުރުގައިވާ ކަމެއް ނޫނެވެ.

ދެން އެވަނީ ރެދީންގެ ވާހަކައެވެ. ލަންދޫއަކީ ރެދީންގެ ރަށެކެވެ. އެމީހުންގެ "ބޮޑު ބަދިގެ" ހުރި ރަށެވެ. މި ރެދީންނަކީ ސީދާ ކޮން ބަޔެއްކަން އަދި ތާރީހީ ގޮތުން ހޯދިފައި ނުވިޔަސް މި ބަޔަކީ ދިވެހީންގެ އެންމެ ގަދީމީ ތާރީހާ ގުޅުން ހުރި ބަޔެކެވެ. ފޯކުލޯރު ބުނާ ގޮތުންނަމަ އެއީ "ވަރަށް ބިޔަ ބޮޑެތި ބަޔެއްވެސްމެ އެވެ." "ވަރަށް ބާރަށް ފަލިޖަހާފައި ދަތުރުކުރުމުގެ ގާބިލްކަން" ލިބިފައިވާ ބަޔެއްކަމުގައިވެސް ބުނެ އެވެ. ކަށް ނާޅަ މަހާނަ އެޅި ވާހަކައިގައި ބުނަމުން އަންނަނީ ލަންދޫ އަށް އައި ބަޔަކު އައީ ބޮޑެތި ބާރުގަދަ މީހުން ހޯދާށެވެ. ވީމާ އެ ވާހަކަ ގުޅިފައިވަނީ ރެދިންނާއި ކަމަށް ބެއްޔަސް ތާރީހީ ގޮތުން ވިސްނާލަން ޖެހޭ މުހިންމު ކަންތައްތަކެއް އޭގައި އެބަވެ އެވެ.

ރަށުގެ ކޮންމެ މީހަކު ވެސް ބުނަނީ ކަށް ނާޅަ މަހާނަ އެޅި ތަނުގައި ހުރީ "ހާދަހާ ބޮޑެތި މަހާނަ ގައު" ކަމުގަ އެވެ. ބައެއް ގައުގަލުގައި ފަސް ވަރަކަށް ފޫޓު ވެސް ހުރެދާނެކަމުގައި ބުނެއެވެ. އެއީ ރީތި ގައުތަކެއް ހުރި ސަރަހައްދެކެވެ. އެތަނަކީ ނާމާން ބިރުވެރި ތަނެއް ކަމަށްވެ އާއްމުކޮށް ރަށުގެ މީހުން ގޮސް އުޅޭ ތަނެއްވެސް ނޫނެވެ. މިހެންކަމުން ތަނުގައި ހުރި ރީތި ގައުތައް ދާދި އިހަށް ދުވަހާއި ހަމަޔަށްވެސް ހަމަ ހުރީ އެގޮތަށް އެތަނުގައި ފެންނާށެވެ. ތަން ހަލާކުކޮށްލާ ގައުތައް ފުނޑުކޮށްލެވުނީ އެ ސަރަހައްދުން ގޯތި ދޫކުރުމަށް ކަމުގައި ހަބަރު ލިބިފައިވެ އެވެ.

ލަންދޫގެ އިހުގެ ވަލު ތެރޭގައިވާ ބޮޑެތި މަހާނަގައުތަކުން ހަލާކުވެފައިވާ ގަލެއް. --ފޮޓޯ: ޢަލާ)


ނަމަނަމައެއްގައި ކެކޭނެ ރިހައެއް ނޯވެޔޭ ބުނެ އެވެ. އެތަނުގައި އެބުނާފަދަ ބޮޑެތި މަހާނަ ގައުތައް ހުރެމެ، އޭގައި އެބުނާ ފަދައިން ކަނޑާނަގާ ކުރެހުން އަޅާފައި ހުރިނަމަ އެއީ ދެއްކެން އޮތް ރީތި އާޓުވޯކުތަކެވެ. އައްޑޫ ކޯގަންނާއި މާލޭ ހުކުރު މިސްކިތު ގަބުރުސްތާނުން އެ ޑިޒައިންތަކާއި ފަރުމާތައް ބަލަން މީހުން ޒިޔާރަތް ކުރާ ފަދައިން ޒިޔާރަތް ކުރާ ތަނަކަށްވެސް ހެދުނީ އެވެ. އާދޭހެވެ! ނަމަނަމަ އެވެ. އެއްގޮތަކުންނަމަ އެ ސަރަޙައްދަކީ ދިވެހީންގެ ގައުމު މިނިވަންކަން މަތީ އޮތުމަށްޓަކައި އޮހޮރުނު ލޭތަކުގެ ހަނދާނީ ސަރަހައްދެކެވެ. އަނެއް ގޮތަކުން ނަމަ އެއީ އެންމެ ބޯދާ ޒަމާނުގައި އުޅުނު އަދި ހޯދިފައި ނުވާ މާ ބާރަށް ދަތުރު ކުރާ އަޖައިބުވާ ފަދަ ބިނާތައް ހެދި ބަޔެއްގެ ހަނދާނެކެވެ. ކޮންމެ ގޮތަކުން ބެލި ކަމުގައި ވިޔަސް ލަންދޫ ކަށް ނާޅަ މަހާނަ އެޅި ތަނަކީ އެރަށުގައި މިހާރު އެހުރި ހަތްކާއަށް ވުރެ ވަކި ތާރީހީ ގޮތުން ކުޑަ ތަނެއް ނޫނެވެ. ޒަމާނުގެ މޮޅު އަތްތަކުން އަދު ފޮހެލެވިފައި ވަނީ އެވެ.

ރަށާ ގުޅުން ހުރި ވާހަކަތައް ކިޔައިދެއްވީ:

ހުސައިންފުޅު، ސައީދު އަބްދުލް ހަކީމް، އަބްދުއްރަޝީދު މޫސާގެ ދެމަފިރިން އަދި ޙަސަން ނަސީރު