Advertisement

ރަށު ނޯޓު: އއ. ތޮއްޑޫ

15 އޭޕްރީލް 2022 - 13:13 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ތޮއްޑޫ ދަނޑުތައް: ދަނޑުވެރި މި ރަށް މިހާރު ވަނީ ގެސްޓް ހައުސް ޓޫރިޒަމްގެ ވެސް މަގުބޫލް ރަށަކަށް ވެފައި. -- ފޮޓޯ: ތޮއްޑޫ ކައުންސިލް


ރަށު ނޯޓު: އއ. ތޮއްޑޫ

15 އޭޕްރީލް 2022 - 13:13 0

'އޭ ރާއްޖޭގެ ރަށްތައް ފެހިކޮށްލަމާތޯ، ދޮންވެލި މިތުނޑިތައް ހުދުކޮށްލަމާތޯ' ލަވަ މިހާރުގެ ޒުވާނުންނަށް ނޭނގިދާނެ އެވެ. ނުވައިދިހައި ކުރީކޮޅު އެ ލަވަ އަކީ އަބަދު ރޭޑިއޯއިން އިވޭ ލަވައެކެވެ. އެލަވައިގެ ރާގަށް ދެއަތަށް ހެލިލަމުން ނޫނީ ގޭތެރޭގެ މަސައްކަތް ވެސް ފުރިހަމަކުރެވޭކަމަކަށް އޭރު ނުވެ އެވެ. މަޝްހޫރުވެގެން ދިޔަ މި ލަވަ އަކީ ތޮއްޑޫ ސޯސަން ކްލަބް، ނުވަތަ މަޝްހޫރު ގޮތަށް ނަމަ ތޮއްޑޫ ބަނޑިޔާ ގުރޫޕްގެ އުފެއްދުމެކެވެ. މިއީ ޓީވީ މޯލްޑިވްސްއިން 1989 ވަނަ އަހަރު ބޭއްވި ބަނޑިޔާޖެހުމުގެ މުބާރާތަށް އެ ކްލަބުން ހުށަހެޅި ލަވަ އެވެ. ލަވައިގެ ޅެމާއި މިއުޒިކުގެ އިތުރުން ހުށަހަޅައި ދިނުންވެސް ފަރި އެވެ.

ވައިލެޓާއި ރީނދުލުގެ ދެ ގުރޫޕަށް ވަކިވެގެން ތިބެ ބަނޑިޔާ ކިހިލިލައި އެ ދައްކާލި ފަރި ހަރަކާތްތަކުން މަޝްހޫރުވި ލަވައިގެ ރިމޭކްއާއެކު އެ ލަވަ ދެވަނަ ފަހަރަށް ވައިގައި ހިފީ ކުރީގެ އެތައް ހަނދާނެއް އާކޮށްދެމުންނެވެ. ޓޫރިޒަމް މިނިސްޓްރީން 2019 ވަނަ އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ތީމް ލަވައަކަށް ބޭނުންކުރީ މި ލަވަ އެވެ. ޒާރާ އާއި އައްފާންގެ އަޑުން ކިޔައިދިން މި ރިމޭކްއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. ތޮއްޑޫ ބަނޑިޔާ ގުރޫޕުގެ މި އުފެއްދުން އަނެއްކާވެސް ވައިގައި ހިފީ އެވެ.

މި ލަވައިގެ މާ ކުރިން ވެސް އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ އަކީ މަޝްހޫރު ރަށެވެ. ދިވެހިންގެ ދޫ މައްޗަށް ފަރިތަ ނަމެވެ. ކޮންމެ ރޯދަ މަހެއްގައި އެ ރަށުގެ ނަމާ ނުލައި ރޯދަ މަސް އައިސް ގޮސްފައެއް ނެތެވެ. އެއީ، ބިންގަނޑު ރަނގަޅު، ދަނޑުވެރި އެ ރަށުގެ ކަރާގެ މަޝްހޫރު ކަމުންނެވެ. ތޮއްޑޫ އަކީ ބޮޑުމިނުގައި 172.6 ހެކްޓަރު ހުރި ބިޔަ ރަށެކެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ޔޫ-1 އެވެ.

ތޮއްޑޫގެ އާބާދީއަށް ބަލާއިރު 1985 ވަނަ އަހަރު އެރަށުގެ އާބާދީއަކީ ޖުމުލަ 665 އެވެ. އެއީ 319 އަންހެނުންނާއި 346 ފިރިހެނުންނެވެ. ދެހާސް ސަތާރައިގެ ބޯހިމެނުމުގެ ހިސާބުތަކަށް ބަލާއިރު އެރަށުގެ އާބާދީގައި އުޅެނީ 1،979 މީހުންނެވެ. އެއީ 954 އަންހެނުންނާއި 1،025 ފިރިހެނުންނެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް އެރަށުގެ އާބާދީ ވަނީ 2،154 އަށް އިތުރުވެފަ އެވެ. އެއީ 1،057 އަންހެނުންނާއި 1،097 ފިރިހެނުންނެވެ.

ތޮއްޑޫގެ އާންމު އިގްތިސާދީ މަސައްކަތަކީ ދަނޑުވެރިކަމެވެ. ތޮއްޑޫއޭ ބުނީމާ އެއީ ކަރާ ހައްދާ ރަށުގެ ގޮތުގައި ސިފަ ވިޔަސް ތޮއްޑޫގެ ދަނޑުވެރިކަމުގައި އޮތީ ހަމައެކަނި ކަރާ ހެއްދުމެއް ނޫނެވެ. ރާއްޖޭގެ ބާޒާރަށް ބޭނުންވާ ހުރިހާ ބާވަތުގެ ތަކެތި ތޮއްޑޫގައި އުފައްދަ އެވެ. ފަޅޯ، ކިޔުކަންބާ، މިރުސް ފަދަ ހުރިހާ ބާވަތެއްވެސް މިރަށުގެ ދަނޑުތަކުގައި ހައްދަ އެވެ. ފުޅާ ދާއިރާއެއް މި މަސައްކަތް ކުރާއިރު ރަށުގެ ގިނަ ބަޔަކު ދަނޑުވެރިކަމުގެ މަސައްކަތުގައި ޝާމިލުވެ އެވެ.

މިރަށުގެ މައިގަނޑު އިގްތިސާދީ މަސައްކަތަކީ ދަނޑުވެރިކަން ކަމުގައި ވީ ނަމަވެސް، މިހާރު ފަތުރުވެރިކަމުގެ ސިނާއަތު ދަނީ ކުރިއަރަމުންނެވެ. ގެސްޓްހައުސް ވިޔަފާރީގައި ތޮއްޑޫ އަކީ މިވަގުތު ރާއްޖޭގެ ދެވަނަ އެވެ. މި ރަށުގައި މިވަގުތު ވެސް 51 ގެސްޓްހައުސް އެބަހުއްޓެވެ. އަދިވެސް އިތުރު ގެސްޓްހައުސްތައް އެ ދަނީ ތައްޔާރުކުރެވެމުންނެވެ.

އާންމު ވިޔަފާރިކުރާ 12 ފިހާރައެއް، ކެފޭ ރެސްޓޯރަންޓްގެ ގޮތުގައި 15 ތަނެއް ހިންގަ އެވެ. ސުވެނިއަރ ޝޮޕްތައް އެބަހުއްޓެވެ. ރަށުގައި ހިންގާ ޕެޓްރޯލް ޝެޑާއި ކޮންސްޓްރަކްޝަންސް މަސައްކަތްކުރާ ކުންފުނިތަކާއި ދަތުރުފަތުރުގެ ހިދުމަތުން އުފެދޭ ވަޒީފާތަކަކީ ރަށަށް އާމްދަނީ ވަންނަ މަގެކެވެ.

ތޮއްޑޫއަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ޖޫން ޖުލައިގެ ގަދައިގައި އެރަށުގެ ބަނދަރު ބޭނުން ނުކުރެވޭ ހާލަތަށް ދިއުމެވެ. މިގޮތަށް ދިމާވަނީ ބައެއް ފަހަރު އެވެ. ދެ މޫސުމަށް ބޭނުންކުރެވޭ ބަނދަރެއް ނެތުމަކީ ކުރިއަރަމުންދާ ތޮއްޑޫގެ ވިޔަފާރިތަކަށް އޮތް ގޮންޖެހުމެކެވެ. އެއާއެކު ރަށް ގިރުމުގެ ނުރައްކަލާވެސް މިރަށަށް އޮތީ ކުރިމަތިލާން ޖެހިފަ އެވެ.

މިއަހަރުގެ ބަޖެޓުގައި ތޮއްޑޫއަށް ހާއްސަ 22 މަޝްރޫއުއެއް އެބައޮތެވެ. ރަށުގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް މިހާރު އޮތީ ކޮންޓްރެކްޓް ކުރެވިފަ އެވެ. އެ މަސައްކަތް ނިމޭނޭ ކަމަށް ލަފާކޮށްފައި އޮތް ތާރީހަކީ މެއި 6، 2023 އެވެ. ރަށުގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް އޮތީ ކޮންޓްރެކްޓް ކޮށްފަ އެވެ. ބަނދަރު ހެދުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. މި މަސައްކަތް ނިންމާލެވުމުން ދެ މޫސުމަށް ބޭނުންކުރެވޭ، ތޮއްޑޫއާ އެކަށީގެންވާ ބަނދަރެއްގެ ހިދުމަތް ލިބެން ފަށާނެ އެވެ. މިއީ ތޮއްޑޫގެ ވިޔަފާރިތަކަށް ލިބިގެންދާނޭ ކުރިއެރުމެކެވެ.

ތޮއްޑޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ޕްލޭންކުރެވިފައި އެބަ އޮތެވެ. ސްޓެލްކޯގެ އައު އިމާރާތް ތަރައްގީކުރުމާއި، ފުޓުބޯޅަ ދަނޑުގެ މަސައްކަތް ވެސް ދަނީ ހިނގަމުންނެވެ.

ތޮއްޑޫއަކީ އާސާރީ ތަންތަން ހުރި ރަށެވެ. ތޮއްޑޫ މީހުން އިހުގައި "ބޮޑު ގާފުނި'' އޭ ކިޔައި އުޅުނު ތޮއްޑޫ ދާގަބާ ރާއްޖޭގެ ތާރީހާ ގުޅުވައިލެވުނީ 1958 ގަ އެވެ. ތާރީހު ކޮމިޓީ އިން ޓީމެއް ފޮނުއްވައިގެން ތޮއްޑޫ ދާގަބާ ކޮނެގެން ދިރާސާކުރެއްވުމުގެ މަސައްކަތް ފެއްޓެވި އެވެ. މިޓީމުން މިތަން ކޮންނެވުމަށްފަހު ނެގި ފޮޓޯތައް ޔުނިވަރސިޓީ އޮފް ސިލޯން ޕޭރަދަނިޔާގެ ޑޮކްޓަރު އެސް ޕަރަނަވިތާރާނަށް ފޮނުއްވައިގެން ދިރާސާކޮށްފައި ވެއެވެ.

މިތަނުން ބުއްދާގެ ބުދަކާއި ދެ ކުރަނޑިއާއި ފީވެފައިވާ ދެ ފަތްކޮޅާއި މައުދަނުން ހަދާފައިވާ ކުޑަ ދަޅަކާއި ދެ ފައިސާ ފޮތީގެ އިތުރުން ރަން ބަޑިއެއްވެސް ފެނިފައިވާކަމަށް އެޗް. ސީ. ޕީ ބެލްގެ މޮނޮގްރާފް (1940) ގައި ހާމަކުރައްވާފައިވެ އެވެ. މިއީ ތޮއްޑޫގައި ބުދު ދީނަށް އަޅުކަން ކޮށްއުޅުނުކަން ދަލާލަތުކޮށްދޭ ހެކިތަކެވެ.

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއޭ ބުނީމާ އެއީ ކަރާ ހައްދާ ރަށުގެ ގޮތުގައި އަޅުގަނޑުމެން ސިކުނޑިއަށް އަންނަނީ މައުލޫމާތުގެ މަދުކަމުން ކަމަށް ވެދާނެ އެވެ. މިރަށަކީ ދަނޑުވެރިކަމުގެ މާހިރުން ތިބި ރަށެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރީ ސަފުގައި އޮތް ފަތުރުވެރިކަމުގެ ހަބެކެވެ. ވިޔަފާރީގެ މަރުކަޒަށް ބަދަލުވަމުންދާ ރަށެކެވެ.

ޗާލު ތޮއްޑޫގައި އޮތީ އަމާން ޖައްވެކެވެ. ރަށުގެ ރައްޔިތުންނާއި ރަށަށް ޗުއްޓީއެއް ހޭދަކޮށްލަން އަރާ މެހެމާނުންނަށް ވެސް 'ބިރަކާނުލައި މަޖާކޮށްލެވޭނޭ' އެކުވެރި ޖައްވެކެވެ. ބިޔަ ބޮޑު ދަނޑުތަކާއި، ރަށުގެ އާސާރީ ތަންތަން ބަލައިލަން މި އީދު ޗުއްޓީ ތޮއްޑޫއަށް ހާއްސަކުރުން ކިހިނެއް ހެއްޔެވެ؟