Advertisement

މުހިންމު ތިން ބިލެއް ހުށަހަޅަން އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި

15 އޭޕްރީލް 2022 - 12:15 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް: އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އިއުތިރާފް އެއްބަސްވުން ހެދުމާ ގުޅޭގޮތުން މުހިންމު އިސްލާހެއް ރައީސް އޮފީހަށް މިއަދު ފޮނުވާފަ. ފޮޓޯ: ހުސެއިން ވަހީދު/އަދަދު


މުހިންމު ތިން ބިލެއް ހުށަހަޅަން އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި

15 އޭޕްރީލް 2022 - 12:15 1

ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގާނޫނު އަދި ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ތިން ބިލެއް ތައްޔާރުކޮށް ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އެ ތިން ބިލުގެ ތެރެއިން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހަކީ ހެކިބަސްދޭ މީހުން ހިމާޔަތްކުރަން ތަފްސީލީ އުސޫލެއް ހަދައި، ކުށަށް އިއުތިރާފުވާ މީހުންނާއެކު އިއުތިރާފް އެއްބަސްވުން ހެދޭނެ ހާލަތްތައް އަދި އެކަމުގެ ތަފްސީލީ އިޖުރާއަތްތައް ހިމެނުމަށް ހުށަހަޅާ އިސްލާހެކެވެ.

އަދި އޭގެ އިތުރުން ވެސް އެ އިސްލާހަކީ ޖިނާއީ އަދުލުގެ ނިޒާމުގެ އެކިއެކި އިޖުރާއަތްތައް ހިންގުމާއި ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ހުށަހަޅާ އިސްލާހެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.

މާލިއްޔަތު ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހަކީ ދައުލަތުގެ ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާއިން ހާއްސަ އެހީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާ ހިސާބުކުރުމާއި އަހަރީ ބަޖެޓު އެކުލަވާލުމާ ގުޅޭ އުސޫލުތައް ހަރުދަނާކުރުމަށް ހުށަހަޅާ އިސްލާހެކެވެ.

އޭގެ އިތުރުން ވެސް ދައުލަތުގެ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު ހިންގުމާގުޅޭ އުސޫލުތައް ގާނޫނުގައި ބަޔާން ކުރުމަށާއި ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމު ހިންގާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާން ކުރުމުގެ އިތުރުން ގާނޫނާ ހިލާފުވާ ހާލަތްތަކުގައި ފިޔަވަޅުއެޅުމާ ގުޅޭ ގޮތުން ހުރި އުސޫލުތައް އެ ބިލުން އިސްލާހުކުރާނޭ ކަމަށް އެ އޮފީހުން ބުނެ އެވެ.

އަދި އެ އިސްލާހުން ވެސް ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރަން ފަސޭހަ ކޮށްދޭނޭކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.

އެންމެ ފަހު ބިލް ކަމުގައިވާ ކުނި މެނޭޖުކުރުމުގެ ބިލަކީ ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުމަށް ހުށަހަޅާ ބިލެކެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެކަންކަން ބެލެހެއްޓުމަށްޓަކައި ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތުގެ މައްޗަށް އެކުލެވޭ ގާނޫނީ އޮނިގަނޑެއް އެ ބިލުގައި ކަނޑައެޅިގެން ދާނެ ކަމަށެވެ.

އޭގެ ތެރޭގައި ކުނީގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ހުއްޓުވުން އަދި ކުނި މެނޭޖުކުރުމުގެ އާންމު ބޭނުންތަކުގެ ހިދުމަތް އެކުލަވާލުން ހިމެނޭނެކަމަށް އެ އޮފީހުން ބުނެ އެވެ. ހަމައެއާއެކު ކުނި މެނޭޖުކުރުމުގެ އާންމު ބޭނުންތަކުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތައް ވެސް އެ ބިލުގައި ހިމެނޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.