Advertisement

ފުވައްމުލަކުގައި ބަނދަރުކުރާ ސަފާރީތަކުން ނަގާ އަގުތަކަށް ބަދަލުގެނެސްފި

11 އޭޕްރީލް 2022 - 15:01 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ފުވައްމުލައް ސިޓީ ކައިރިން ސަފާރީތަކެއް ދަތުރުކުރަނީ: ފުވައްމުލަކަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޑައިވްސްޕޮޓް އޮންނަ ރަށް. ފޮޓޯ: ނަވާސް އާދަމް/ވިޒިޓް ފުވައްމުލައް


ފުވައްމުލަކުގައި ބަނދަރުކުރާ ސަފާރީތަކުން ނަގާ އަގުތަކަށް ބަދަލުގެނެސްފި

11 އޭޕްރީލް 2022 - 15:01 0

ފުވައްމުލަކުގައި ބަނދަރުކުރާ ސަފާރީ ތަކުން ނަގަން ސިޓީ ކައުންސިލުން ކަނޑައެެޅި އަގުތަކަށް ބަދަލުގެނެސް، އެކި ސައިޒްތަކަށް ތަފާތުވާ ގޮތުން އަގު ނަގަން އެ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ފުވައްމުލަކު ސިޓި ކައުންސިލުން ފުރަތަމަ ނިންމީ، ބަނދަރުކުރާ ކޮންމެ ސަފާރީއަކުން ދުވާލަކަށް 500 އެމެރިކާ ޑޮލަރުގެ (7725.00ރ.) އަގެއް ނެގުމަށެވެ. އެގޮތަށް ނިންމީ ބަނދަރުގައި ފުވައްމުލަކު ބަނދަރަކީ ޖާގަ ކުޑަ ބަނދަރެއް ކަމަށް ވާތީ ކަމަށް ކައުންސިލުން އޭރު ބުންޏެވެ.

ކައުންސިލުން ކަނޑައެޅި އެ އުސޫލާމެދު ސަފާރީ އޮޕަޜޭޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސިޓީ ކައުންސިލުގެ މެމްބަރު އަބްދުﷲ ނާސިރު އަހުމަދު "އަދަދު"އަށް މިއަދު ވިދާޅުވީ އެ ނިންމުން މިހާރު ބަދަލުކޮށްފައިވާކަމަށެވެ. ކަައުންސިލުގެ މިހާރުގެ ނިންމުމަކީ ، 100 ފޫޓަށް ވުރެ ކުޑަ ސަފާރީތަކަށް ، ދުވާލަކަށް 150 ޑޮލަރުގެ (2317.50ރ.) އަދި 100 ފޫޓަށްވުރެ ބޮޑުނަމަ 200 ޑޮލަރުގެ (3090.00ރ.) ނެގުމެވެ. އެކަން ތަންފީޒުކުރަން ފަށާނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.

ސަފާރީތައް ބަނދަރުކުރުމަށް އަގެއް ނަގަން ސިޓީ ކައުންސިލުން ނިންމީ ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުގެ އަދަދު ގިނަވެ، ބަނދަރުގައި އެހެން އުޅަނދުފަހަރަށް ޖާގައިގެ ދަތިކަމުގެ މައްސަލަ އިންތިހާއަށް ބޮޑުވުމުން ކަމަށް ނާސިރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަސްލު މަޝްވަރާކުރި، ސަފާރީ ވަނުން މަނާކުރުމަށް ފުރަތަމަ، އެކަމަކު އެގޮތަށް ނިންމުމުން ދަތިވާނެތީ، އެހެން ނުހަދައި 500 ޑޮލަރު ނަގަން ނިންމީ، ވަންނަ މިންވަރު މަދުވާނެކަމަށް ބަލާފަ. ދެން މިހާރު މި އެ ނިންމުން ބަދަލުކުރީ، ކަންބޮޑުވުންތަކާއެކު މަޝްވަރާކޮށްފަ،" ނާސިރު ވިދާޅުވި އެވެ.

ފުވައްމުލަކަކީ ގުދުރަތީ ރީތިކަމުގެ ގޮތުން މަޝްހޫރު ރަށެކެވެ. ރާއްޖޭގެ އެންމެ ނަން މަޝްހޫރު އެއް ޑައިވް ސްޕޮޓް ވެސް އޮންނަނީ ފުވައްމުލަކުގެ ކައިރީގަ އެވެ. މި ސަބަބުތަކަށްޓަކައި ގިނަ އަދަދެއްގެ ސަފާރީ ކޮންމެ ދުވަހަކު ވެސް ފުވައްލުމަކަށް ދަތުރުކުރެ އެވެ.

އެކަމަކު ފުވައްމުލައް އުފެދިފައި އޮތް ގޮތުން އެ ރަށާއި ކައިރިން ކަނޑުގައި ނަގިލި ސަފާރީތައް އަޅައިގެން ތިބުމަކީ އުނދަގޫކަމެކެވެ. އަދި ފަރުމައްޗަށް ނަގިލި ލައިގެން ތިބުމަކީ ވެސް މަނާކަމެއް ކަމަށްވާތީ ގިނަ ސަފާރީތަކަށް މަޖުބޫރު ވަނީ ބަނދަރަށް ވަނުމަށެވެ.

ނާސިރު ވިދާޅުވި ގޮތުގައި ފުވައްމުލަކުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އަދި 2003 ވަނަ އަހަރުން ފެށިގެން އެތައް އަހަރަކު އެކަމަށް ބަޖެޓު ކުރެވިފައިވީނަމަވެސް މިއަދާހަމަޔަށް ވެސް އެކަން ނުކުރެވޭތީ ކަންބޮޑުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު މިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށުގެ ބަނދަރު ބޮޑުކުރަން ސާވޭގެ މަސައްކަތް މި އަހަރު ފެށޭނެކަމަށް ވިދާޅުވިކަމަށް ވެސް ނާސިރު ވިދާޅުވި އެވެ. އަދި އެއީ ސަފާރީކަހަލަ ކަންކަަމުގައި އެރަށަށް ކުރިމަތިވާ ދަތިތަކަށް ލިބޭނެ ހައްލެއް ކަމަށް އޭނާ ވިދާޅުވި އެވެ.